Header
Logo
team logo

އީރާން

މިއީ އީރާނުން ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. އޭޝިއާގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ އީރާނަކީ އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ވޯލްޑް ކަޕުން އެންމެ ގިނައިން ފެންނަ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. އީރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަން ތައްޔާރުވަމުންދިޔައިރު، ޓީމުގެ ކޯޗިން ޓީމަށް ބޮޑު ބަދަލެއް ގެނަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ ރަނގަޅަށް ދަންނަ ކޯޗަކާ ޓީމު ހަވާލުކުރުމުގެ ކަންކަމެވެ. މިދިޔަ މަހު އީރާންގެ ކޯޗުކަމާ ޕޯޗުގީސް ކޯޗު ކާލޯސް ކުއެރޯޒް ހަވާލުވީ، މީގެ ކުރިން ވެސް ދެ ވޯލްޑް ކަޕެއްގައި އެ ޓީމު ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާތީ އެވެ. ކުއެރޯޒް، އީރާންގެ ކޯޗެއްގެ ގޮތުގައި ހުރެ، ހޭދަކުރި ނުވަ ވަރަކަށް އަހަރު ތެރޭގައި އީރާނުން ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓިއިރު، އީރާނަށް އަދި މިހާތަނަށް ވޯލްޑް ކަޕެއްގެ ފުރަތަމަ ބުރު ފަހަނައަޅައި ދެވިފައިނުވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ކުއެރޯޒް އީރާންގެ ކޯޗުކަމާ ހަވާލުވިއިރު، އޭނާ އަށް ވަނީ އެކި ގައުމުތަކުގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު އީރާން ކޯޗުކަން ދޫކޮށްލުމަށް ފަހު، އެންމެ ފުރަތަމަ ހަވާލުވީ ކޮލަމްބިއާގެ ކޯޗުކަމާ އެވެ. އޭގެ ފަހުން މިސްރަށް ވެސް ކޯޗުކަން ކޮށްދިން ކުއެރޯޒް އެ ޓީމު ދޫކޮށްލީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި މިސްރު ބަލިވުމުންނެވެ ދެ ވަނަ ފަހަރަށް އީރާންގެ ކޯޗުކަމާ ހަވާލުވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުއެރޯޒަށް ކުރަން ޖެހިފައިވަނީ ޗެލެންޖިން މަސައްކަތެކެވެ. އީރާން ހިމެނޭ ގްރޫޕްގައި އޮތީ އިންގްލެންޑާއި އެމެރިކާ އަދި ވޭލްސް އެވެ. އީރާނުން ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ހުވަފެނުގައި ތިބިއިރު، މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން އެ ޓީމަށް ކުރިމަތީގައި އޮތީ ތިން ފައިނަލެވެެ. އީރާނުގައި މި ވަގުތު އޮތް ޓީމަކީ ޖުމްލަކޮށް ބަލާއިރު، ބައިނަލްއަގުވާމީ ތަޖުރިބާ ވެސް ބޮޑު ޓީމެކެވެ. ވޯލްޑް ކަޕާ ދިމާކޮށް ކުއެރޯޒް، އީރާނާ ހަވާލުވި ކަމުގައި ވިޔަސް،މި ޓީމު ދަސްކުރަން އޭނާ އަށް އުނދަގުލެއް ނުވާނެ އެވެ. އެއީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ކުއެރޯޒާ އެކު މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކުޅުންތެރިން ކަމަށްވާތީ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ކުއެރޯޒް ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، އީރާންގެ އެކި ކުޅުންތެރިންނަށް ޔޫރަޕްގެ ކްލަބްތަކުން ފުރުސަތު ހޯދައިދޭން މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ނެދަލެންޑްސް އާއި ޕޯޗުގީސް އަދި ރަޝިއާ ލީގުގައި އީރާންގެ ކުޅުންތެރިންނަށް ފުރުސަތުތަކެއް ހޯދައިދިނެވެ.