Header
Logo
team logo

ފްރާންސް

ފްރާންސަކީ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އަށް ގައުމުގެ ތެރެއިން އެއް ގައުމު، މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް ފްރާންސް އެެެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ވެސް ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ފްރާންސާ ވޯލްޑް ކަޕްގެ ހާއްސަ ރެކޯޑެއް ވެސް އޮތް ގައުމެކެވެ. ފްރާންސަކީ އަމިއްލަ ފަސް ގަނޑުގައި ކުޅުނު ވޯލްޑް ކަޕަކާއި ގައުމުން ބޭރުގެ ވޯލްޑް ކަޕެއް ކާމިޔާބު ކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ފްރާންސުން އެންމެ ފުރަތަމަ 1998ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ އަމިއްލަ ފަސްގަނޑުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލް ފައިނަލުގައި ބަލިކޮށްގެންނެވެ. އޭގެ 20 އަހަރު ފަހުން ދެ ވަނަ ފަހަރަށް ފްރާންސް އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2018 ވަނަ ފަހަރު އެވެ. މި ދެ ފަހަރު ތަށި ހޯދިއިރު،މި ކާމިޔާބީ އެންމެ ހާއްސަވާނެ ފަރާތަކީ 1998 ވަނަ އަހަރު ތަށި އުފުލާލިއިރު ހުރި ކެޕްޓަން، ޑިޑިއޭ ޑެޝޯމްޕްސް، 2018 ވަނަ އަހަރު ފްރާންސުން ޗެމްޕިއަންކަން ހޯދިއިރު، ކޯޗަކަށް ހުރުމެވެ. ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ހުރެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ފަރާތުގެ ތެރެއިން އެކަކެވެ. ޑެޝޯމްޕްސް ނުލައި، އެކަން ހާސިލްކޮށްފައިވަނީ ބްރެޒިލްގެ މާރިއޯ ޒަަގައްލޯ އާއި ޖަރުމަނުގެ ފްރާންޒް ބެކެންބައު އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ފްރާންސްގެ ކޯޗު ޑެޝޯމްޕްސްގެ ފަހު މުބާރާތް ކަމަށް ބެލެވޭއިރު، މުބާރާތުގެ ކުރިން އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެއީ މިދިޔަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެ ކާމިޔާބީގެ މަތީގައި ފިޔަވަޅު ސާބިތު ނުކުރެވި މި ފަހަރުގެ ނޭޝަންސް ލީގުގައި ނަތީޖާތަށް ވަރަށް ބޮޑުތަނުން ދަށްެވެފައިވާތީ އެވެ ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، އަނިޔާ އާއި ފޯމުގެ މައްސަލަތަކަށް ބަލާއިރު އެ ޓީމަށް އޮތީ ތަފާތު ހާލަތްތަކެކެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެެވެ. ފްރާންސަށް އޮތް އެންމެ ބޮޑު އުފަލަކީ ކަރީމް ބެންޒެމާ ރަނގަޅު ފޯމެއްގައި ހުރުމެވެ. ފަސް އަހަރެއްހާ ދުަވަހުގެ މެދުކެނޑުމަކަށް ފަހު ބެންޒެމާ ފްރާންސް ގައުމީ ޓީމަށް އަލުން ނެގީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އެ މުބާރާތުަގައި އެންމެ ރަނގަޅަށްނުދިޔަ ނަމަވެސް ބެންޒެމާގެ ފޯމުގެ ބޭނުންހިފައި، ފްރާންސުން ވަނީ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
 މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބުނު ބެންޒެމާ ވޯލްޑް ކަޕަށް ދާނީ ވަރުގަދަ ރޫހެއްގައި ފްރާންސަށް ތަށި ދިފާއުކޮށްދޭން އަޒުމު ކަނޑައަޅައިގެންނެވެ މިއީ ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ 15 ފަހަރެވެ. ދެ ފަހަރު ތަށި އުފުލާލިއިރު، އެ ޓީމުން ވަނީ 2006 ވަނަ އަހަރުގެ ފައިނަލްގައި ވާދަކޮށް، މުބާރާތުގެ ތިން ވަނަ ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.