Header
Logo
team logo

ޑެންމާކް

ޑެންމާކުން މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. އެ ގޮތުން އެ ޓީމުން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެކަަމަކު، 1996 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތާއި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި މުބާރާތާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުން ކެޓީ ގަދަ 16 ޓީމުގެ ބުރުގަ އެވެ. ޑެންމާކުން ވޯލްޑް ކަޕްގައި އެންމެ ދަށްކޮށް ދިޔައީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ނެދަލެންޑްސް އާއި ޖަޕާން ފަހަތުން ޑެންމާކަށް ލިބުނީ ގްރޫޕްގެ ތިން ވަނަ އެވެ. އެ ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ކެމަރޫން އެވެ. ޔޫރަޕްގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކުން ވަނީ 1995 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ ޑެންމާކުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ދުވަސްވަރުގެ ކާމިޔާބީ އެވެ. މި ވަގުތު އޮތް ޑެންމާކްގެ ޓީމަކީ ވެސް ނުވަދިހައިގެ އަހަރުތަކުގައި އެ ހޯދި ފަދަ ކާމިޔާބީ ތަކުރާރުކުރެވޭނެ ފަދަ ހުނަރުގެ ގޮތުން މުއްސަނދި ޓީމެއްގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ގަބޫލުކުރެ އެވެ މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކް ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ޑެންމާކުން މިދިޔަ އަހަރުގެ ޔޫރޯގައި އެ ހޯދި ކާމިޔާބީތައް އެއް ފިޔަވަޅު ކުރިއަށް ޖައްސާަލަން ބަލާއިރު، ހިތްވަރަކަށް ވާނީ އެ ޓީމުގެ ކޯޗު، ކެޝްޕާ ޖޮލްމަންޑް އެވެ. މީގެ ދެ އަހަރު ކުރިން ޑެންމާކް ގައުމީ ޓީމާ ހަވާލުވެ، އޭނާ އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޖަރުމަނުގެ މައިންޒާއި ޑެންމާކްގެ ނޯޑްސްޖައެލަން އަށް ކުރިން ކޯޗުކޮށްދިން ޖޮލްމަންޑް ހަވާލުވި ފަހުން ޑެންމާކް މިހާތަނަށް ކުޅުނު 34 މެޗުގެ ތެރެއިން ވަނީ 23 މެޗުން މޮޅުވެފަ އެވެ. ބަލިވީ އެންމެ ނުވަ މެޗުންނެވެ. ޖޮލްމަންޑަށް ޑެންމާކް ގޮވައިގެން މަސައްކަތް ކުރަން އެންމެ ފަސޭހަވި ސަބަބަކީ އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވުމެވެ. އެ ގޮތުން، ބަލާއިރު ޑެންމާކްގެ ސްކޮޑުގައި ތިބި 85 ޕަސެންޓް ކުޅުންތެރިންނަކީ ގަވާއިދުން ކްލަބް ލެވަލްގައި ކުޅޭ ކުޅުންތެރިންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކް ހިމެނޭ ގްރޫޕަކީ ފަސޭހަ ގްރޫޕެއް ނޫންކަމަށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޖޮލްމަންޑް ވެސް ވަނީ ބުނެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން ޑެންމާކް ވަނީ ދާދި ފަހުން ނޭޝަންސް ލީގުގައި މޮޅުވެފަ އެވެ. އެކަމަކު، ވޯލްޑް ކަޕްގައި ފްރާންސްގެ މައްޗަށް ކުރިހޯދުން ޑެންމާކަށް ވާނީ ބޮޑު ޗެލެންޖަކަށެވެ.