Header
Logo
team logo

ކްރޮއޭޝިއާ

ކްރޮއޭޝިއާގެ ފުޓްބޯޅަ ކުޅުންތެރިން މީގެ ކުރިން ފުޓްބޯޅައިގައި ނަމެއް ހޯދަމުން އައީ، ޔޫގޯސްލާވިއާ އަށް ކުޅެމުންނެވެ. އެކަމަކު، ކްރޮއޭޝިއާ އަށް ފީފާގެ މެމްބަރު ގައުމެއްގެ ހައިސިިއްޔަތު ލިބުނުތާ މަދު އަހަރުތަކެއް ތެރޭގައި ވޯލްޑް ކަޕްގައި އެ ގައުމުގެ ދިދަ ފުރަތަމަ ފަހަރަށް ފެނިގެންދިޔަ އެވެ. ފީފާ ވޯލްޑް ކަޕެއްގައި ޓީމަކުން ފުރަތަމަ ފަަހަރަށް ވާދަކޮށް މިހާތަނަށް އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ގައުމަކީ ކްރޮއޭޝިއާ އެވެ. އެ ޓީމުން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދުމަކީ،ފުޓްބޯޅައިގައި އަލަށް ފަށައިގަންނަ ގައުމުތަކުން އަދިވެސް އިބުރަތް ހޯދަން ޖެހޭހާ ފުރިހަމަ ކަންކަމެއް ދަސްވާނެ ވާހަކަތަކެކެެވެ. ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވާދަކުރަން ފެށި ފަހުން، އެ ގައުމު ނެތި މިހާތަނަށް ކުރިއަށްދިޔައީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ.އެ ނޫނީ ހަ ވޯލްޑް ކަޕްގެ ތެރެއިން ފަސް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވަނީ ވާދަކޮށްފަ އެވެ. ފުރަތަމަ ވޯލްޑް ކަޕްގައި، 1998 ވަނަ އަހަރު ކްރޮޝިއާގެ ވާހަކަތައް ވަރަށް ފުރިހަމަކޮށް ފެނުނު ނަމަވެސް، ވޯލްޑް ކަޕްގައި ދެން އެ ޓީމު ކުޅުނު ތިން ފަހަރު، 2002، 2006 އަދި 2014 ވަނަ އަހަރު އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ކްރޮއޭޝިއާގެ ފުޓްބޯޅަ އިތުރު ހަރުފަތެއް މައްޗަށް ޖެހިލީ މިހާރު މި އޮތް އެ ގައުމުގެ ފުޓްބޯޅައިގެ ވަރުގަދަ ޖީލުގެ ކުޅުންތެރިންނާ އެކު، އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ދިއުމުންނެވެ. ފްރާންސް އަތުން އެ ފަހަރު ފައިނަލުގައި ކްރޮއޭޝިއާ ބަލިވި ނަމަވެސް އެ ޓީމުން އެ މުބާރާތުގައި ކުޅުނު މޮޅު ކުޅުމަކީ، ފުޓްބޯޅަ ދުނިޔޭގައި ގިނަ ބަޔެއްގެ ތަރުހީބު ލިބިގެންދިޔަ ކަމެކެވެ. ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގެ މެޗެއް ކުޅެލަން ކްރޮއޭޝިއާ އަށް 2018 ވަނަ އަހަރު ލިބުނުއިރު، އެ ދެމެދުގައި 20 އަހަރުގެ މެދުކެނޑުމެއް އަ އެވެ. އެ 20 ވަރަަކަށް އަހަރު ތެރޭ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ އެކި ޖީލުތަކުގެ ކުޅުންތެރިން ކުޅުނެވެ. އެކަމަކު، 2008 ވަނަ އަހަރުން ފެށިގެން ޑިވެލޮޕްކުރި ކްރޮއޭޝިއާގެ “އެލީޓް ބެޗް”ގެ ތަފާތު ފެނިގެންދިޔައީ 10 އަހަރު ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ލޫކަ މޮޑްރިޗާއި ޑޭޖާން ލޮވްރެން އަދި ޑޮމަގޯއި ވީޑާ އަކީ އެ ބެޗަށް ނިސްބަތްވާ ކުޅުންތެރިންނެވެ ކްރޮއޭޝިއާ އަށް މި ފަހަރު އޮތް ޗެލެންޖަކީ، ޖެހިޖެހިގެން ދެ އަހަރު ވޯލްޑް ކަޕްގައި އެ ޓީމުގެ ހައިސިއްޔަތު ދެމެހެއްޓުމެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ ރަނަރަޕް، ހޯދައިދިންއިރު، އިރުޝާދުދޭން ހުރި ކޯޗު ޒްލަޓްކޯ ޑާލިޗް މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ބަރޯސާވާނީ ޓީމުގެ ތަޖުރިބާހުރި ކުޅުންތެރިންނަށެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާ ހުރި ކުޅުންތެރިން އެކުލެވޭ ގޮތަށް ކްރޮއޭޝިއާގައި މި ފަހަރު ވެސް އޮތީ ވޯލްޑް ކަޕްގެ “ސަޕްރައިޒިން” ނަތީޖާއެއް ނެރެވޭ ވަރުގެ ސްކޮޑެކެވެ. އެކަން، ނޭޝަންސް ލީގުގައި ފެނިގެންދިޔަ އެވެ.