Header
Logo
team logo

ކޮސްޓަ ރިކާ

ކޮސްޓަ ރިކާ ވަނީ މީގެ ކުރިން ފަސް ފަަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. އެ ޓީމުން ތިން ފަހަރެއްގެ މަތިން ގްރޫޕް ސްޓޭޖުން ކެޓިއިރު، އެއް ފަހަރު ކުއާޓާ ފައިނަލުގައި އަދި އެއް ފަހަރު ގަދަ 16 ޓީމުގެ ބުރުގައި ވާދަކޮށްފައިވެ އެވެ. ވޯލްޑް ކަޕެއްގައި ކޮސްޓަ ރިކާގެ އެންމެ އާދަޔާހިލާފު މުބާރާތަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތެވެ. އެ ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ކޮސްޓަ ރީކާ ފުރުސަތު ހޯދީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ތިން ގައުމު ކަމަށްވާ އިންގްލެންޑާއި އިޓަލީ އަދި އުރުގުއޭ، ގްރޫޕް ސްޓޭޖުގައި ފަހަތަށް ޖައްސާލައި، ގަދަ 16 ބުރުގައި 2004 ވަނަ އަހަަރުގެ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ގްރީސް ބަލިކޮށްފަ އެވެ. އެކަމަކު، ކޮސްޓަ ރީކާގެ އެ ހުވަފެނީ ދަތުރު އެ ފަހަރު ނިމުނީ ކުއާާޓާ ފައިނަލުގައި ނެދަލެންޑްސް އަތުން ބަލިވުމުންނެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ކޮސްޓަ ރިކާ އިން ޖުމްލަ 18 މެޗެއް ކުޅެފައިވާއިރު، ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. މިއީ ކޮސްޓަ ރިކާ އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ގިނަ ފަހަރަށް ވެސް ކޮސްޓަ ރިކާ އަށް ޖެހިޖެހިގެން ވާދަކުރެވިފައިވަނީ ދެ ވޯލްޑް ކަޕްގަ އެވެ. ކޮސްޓަ ރިކާ އަށް މި ފަަހަރުގެ ވޯލްޑް ކަޕްގައި ވެސް އޮތީ ގާތްގަނޑަކަށް 2014 ވަނަ އަހަރެކޭ އެއް ކަހަލަ ޗެލެންޖެކެވެ. ކޮސްޓަ ރިކާ މި ފަހަރުގެ ވޯލްޑް ކަޕްގައި ހިމެނޭ ގްރޫޕްގައި އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ ވޯލްޑް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިނާއި ޖަރުމަނު ހިމެނެ އެވެ. ދެން އޮތީ އޭޝިއާ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ ގައުމު ކަމަށްވާ ޖަޕާން އެވެ. ނުވަދިހައިގެ އަހަރުތަކުގައި ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ކޮސްޓަ ރިކާއާ މި ވަގުތު ހަވާލުވެ ހުރި ކޯޗަކީ މީގެ ކުރިން ހޮންޑިއުރަސް އާއި އެކުއެޑޯ އަށް ވެސް ކޯޗުކޮށްދީފައިވާ ލުއިސް ފެނާންޑޭ ސުއާރޭޒް އެވެ. ވޯލްޑް ކަޕާ ކޮސްޓަ ރިކާ އިން ކުރިމަތިލާއިރު، އެ ޓީމުގައި ވެސް ދުނިޔޭގެ އެކި ލެވަލްގެ މުބާރާތްތަކުގެ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ކުޅުންތެރިން ހިމެނެ އެވެ. ކޮސްޓަ ރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ރެއާލް ސޯލްޓް ލޭކް ޓީމަށް ކުޅެމުން އަންނަ ބްރަޔާން އޮވިއޭޑޯ ހިމެނެ އެވެ. ކޮސްޓަ ރިކާ ސްކޮޑުގައި އެންމެ ގިނައީ އެ ގައުމުގެ ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ. މިއީ ކޮސްޓަ ރިކާ ފުޓްބޯޅަ އަށް ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.