Header
Logo
team logo

ކެނެޑާ

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ކުރިން މީގެ ކުރިން އެންމެ މަދު ފަހަރަކު ވޯލްޑް ކަޕުން ފެނިފައިވާ ގައުމަކީ ކެނަޑާ އެވެ. މީގެ ކުރިން ކެނަޑާ ވޯލްޑް ކަޕްގައި ކުޅެފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ.އެ މުބާާރާތުގެ ގްރޫޕް ސްޓޭޖުން ކެނަޑާ ކެޓިއިރު، ކުުުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ ކެނަޑާ އިން ވޯލްޑް ކަޕެއްގައި ކުޅުނުތާ 36 އަހަރު ފަހުން އަލުން ވޯލްޑް ކަޕެއްގައި ކުޅެން ތައްޔާރުވަމުން އަންނައިރު، ދެން އޮންނަ ވޯލްޑް ކަޕެއްގެ ޖާގަ މިހާރު އެ ޓީމަށް އޮތީ ޔަގީންވެފަ އެވެ. އެއީ 2026 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާނީ ކެނަޑާގެ އިތުރުން އެމެރިކާ އާއި މެކްސިކޯގައި ކަން އިއުލާނުކޮށްފައި އޮތުމުންނެވެ. ގަތަރުގައި މި މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ކެނަޑާ ކޮލިފައިވީ ކޮލިފައިންގައި ބާކީ އެއް މެޗު އޮއްވަ އެވެ. އުތުރު އެމެރިކާގެ ކޮލިފައިންގައި އަށް ޓީމު ވާދަކުރާއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ އެންމެ މަތިން ނިންމާ ތިން ޓީމަކަށެވެ. ހަތަރު ވަނަ ޖެހޭނީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ވާދަކުރާށެވެ. ކެނަޑާ ވޯލްޑް ކަޕްގެ ޖާގަ ހޯދީ އެ ބައްރުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެންނެވެ ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ކެނަޑާގެ ފުޓްބޯޅަ ފަހަކަށް އައިސް ކުރިއަރަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ޔޫރަޕްގެ ކްލަބްތަކަށް ބަދަލުވާ ކެނަޑާގެ ކުޅުންތެރިން ގިނަވަމުން އައުމެވެ. އަދި އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ކެނަޑާގެ ކްލަބްތަކާއި ކުޅުންެތެރިންނަށް ވެސް ފުރުސަތު ފަހިވެފައި އޮތުމަކީ ކެނަޑާ ފުޓްބޯޅަ ތަރައްގީ ކުރަން ހުޅުވިފައިވާ ދޮރުތަކެކެވެ އެހެން ގައުމުތަކުގެ ކޯޗުންގެ މަސައްކަތް ކޮށްފައިވާ ވައްޓަފާޅިއާ ކެނަޑާގެ ކޯޗު ޖޯން ހާޑްމަން ކަންކަން ކޮށްފައިވާ ގޮތާއި އޭނާގެ ދަތުރު މުޅިން ތަފާތެވެ. ކެނަޑާ ފުޓްބޯޅައިގެ ސަގާފަތް، ހާޑްމަން އަށް ދަސްވީ އެންމެ ފުރަތަމަ އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމާ ހަވާލުވެ ހުރެ އެވެ. ހަތް އަހަރު ކެނަޑާގެ އަންހެން ޓީމަށް ކޯޗުކޮށްދިނުމަށް ފަހު، ހާޑްމަން އެ ގައުމުގެ ފިރިހެން ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ..އެ މަގާމާ އެކު ހާޑްމަން ދެން ހަވާލުވީ ޑިރެކްޓަރެއްގެ ރޯލާ އެކު 14 އަހަރުން މަތީގެ ހުރިހާ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް ޕްރޮގްރާމަކާ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކުޅުންތެރިން ޑިވެލޮޕްކޮށް، ހާޑްމަން ވަނީ ބައެއް ކުޅުންތެރިން ސީނިއާ ޓީމާ ހަމައަށް ޕްރޮމޯޓްކޮށްފަ އެވެ. ހާޑްމަންގެ މަސައްކަތުން ދުނިޔޭގެ ރޭންކިން 70 ވަނައިގައި އޮތް ކެނަޑާ 40 ވަަނައާ ހަމައަށް ގެނެސްދިނެވެ. ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުގައި ވެސް ކެނަޑާ އަށް އުފަން ކުޅުންތެރިން އެބަތިބި އެވެ. އޭގެ ތެރޭަގައި ލިލްގެ ފޯވާޑް ޖޮނަތަން ޑޭވިޑް އާއި ބަޔާންގެ ފުލްބެކް، އަލްފަންސޯ ޑޭވިސް އަދި ރެޑިންގެ ޖޫނިއާ ހޮއިލެޓް ހިމެނެ އެވެ. ކެނަޑާ އަކީ ވޯލްޑް ކަޕަށް އާ ގައުމެއް ގޮތަށް ފެންނަން އޮތަސް ތަޖުރިބާ އާއި ހުނަރަށް ބަލާއިރު ތިބި ކުޅުންތެރިން މަތީ ލެވަލްގެ ފުޓްބޯޅަ އަށް އަލެއް ނުވާނެ އެވެ.