Header
Logo
team logo

ކެމަރޫން

ފަސް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ކެމަރޫން، ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން ހަތް ފަހަރު ވާދަކުރި ނަމަވެސް އެ ޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައިދެވުނީ އެންމެ ފަހަރަކު އެވެ. އެ ޓީމުން ވަނީ 1990 ވަަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ކެމަރޫންއާ ފީފާގެ މުބާރާތްތަކާ ގުޅޭ ތަފާތު ދެ ކަމެއް އޮވެ އެވެ. އެއީ 2002 ވަނަ އަހަރު ކެމަރޫން އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ބޭނުންކުރި ކޮނޑުކެނޑި ޖޯޒީ، އެ އަހަރު ވޯލްޑް ކަޕްގައި ބޭނުން ނުކުރަން އެންގުމުން ޖެހުނު މައްސަލައިގެ އިތުރުން 2003 ވަނަ އަހަރު ބޭއްވި ކޮންފަޑެރޭޝަން ކަޕްގެ ސެމީ ފައިނަލުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެމަރޫންގެ މިޑްފީލްޑަރު، މާކް ވިވިއެން ފޮއެ ދަނޑު މައްޗަށް ވެއްޓި މަރުވުމުގެ ހާދިސާ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި، ކުއާޓާ ފައިނަލުގައި ކުޅުމުގެ ނަސީބު ވެސް ލިބިފައިވަނީ މަދު ގައުމުތަކަކަށެވެ. ކެމަރޫން އަކީ އޭގެ ތެރެއިން އެއް ޓީމެވެ. ކެމަރޫންގެ ކޯޗަކަށް މިހާރު ހުރީ އެ ގައުމަށް 137 މެޗު ކުޅެދިން ޑިފެންޑަރު، ރިގޯބާޓް ސޯންގް ބަހާނަގް އެވެ. އޭނާ މި އަހަރު ކެމަރޫންގެ ސީނިއާ ޓީމުގެ ކޯޗަކަށް ގެނައުމުގެ ކުރިން ވަނީ އެއް އަހަރު ކެމަރޫންގެ ހެޑް ކޯޗުކަން ވަގުތީ ގޮތުން ކޮށްފަ އެވެ. އެކަމަކު، އެންމެ ފަހުން ހުރީ ކެމަރޫންގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ. ފާއިތުވި އަހަރުތަކުގައި ކެމަރޫންގެ ފުޓްބޯޅައިގައި ތަފާތު އެކި މައްސަލަތައް ޖެހި، ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ނުކުޅެން ނިންމި އެވެ. ސިޔާސީ ގޮތުންނާއި އެކި އެކި މައްސަލަތަކުގެ ތެރޭގައި އޮތް ކެމަރޫންގެ ފުޓްބޯޅަ އަށް އަލިމަގެއް ފެނުނީ ދާދި ފަހުން އެ ގައުމުގެ ކުރީގެ ކެޕްޓަން، ސެމުއެލް އެޓޫ، ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސްގެ މަގާމާ ހަވާލުވުމުންނެެވެ. މިދިޔަ ޑިސެމްބަރު މަހު ކެމަރޫންގެ ފުޓްބޯޅަ އިންތިހާބު ކާމިޔާބުކުރި އެޓޫގެ ލީޑަޝިޕްގައި އެ ގައުމުގެ ފުޓްބޯޅައިން ރަނގަޅު ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް އެފްރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެފައިވެ އެވެ. އެޓޫ ދިން އިންޓަވިއުއެއްގައި ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ކެމަރޫނުން ހޯދާނީ ފައިނަލުގައި މޮރޮކޯ ބަލިކޮށްފައި ކަމަށް ބުނެފަ އެވެ. ކެމަރޫން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ޕްލޭއޮފްގައި ވަރުގަދަ އަލްޖީރިއާ ކަޓުވާލައިފަ އެވެ. އަލްޖީރިއާ ކައިރީގައި ކެމަރޫނުން ދެއްކި ތަފާތު، ވޯލްޑް ކަޕްގައި ބްރެޒިލާއި ސްވިޒަލެންޑް އަދި ސާބިއާާއާ ދެކޮޅަށް ދެއްކިދާނެ ކަމަށް ގަބޫލުކުރާ ފުޓްބޯޅަ ސަޕޯޓަރުން ކެމަރޫންގައި ގިނަ އެވެ.