Header
Logo
team logo

ބްރެޒިލް

ވޯލްޑް ކަޕޭ ބުނުމާ އެކު އެންމެ ގިނަ ބަޔެއްގެ ހިތަށް އެންމެ ފުރަތަމަ އަންނަ ނަމަކީ ބްރެޒިލް އެވެ. އެއީ ބްރެޒިލް އަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށް ވުމެވެ. ބްރެޒިލުން ވަނީ ފަސް ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލައި، ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ބްރެޒިލުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އަހަރުތަކަކީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރު އެވެ. އެންމެ ފަހުން ބޭއްވި ހަަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީގައި ބްރެޒިލް ބަލިވީ މުބާާރާތުގެ ޗެމްޕިއަންކަން ހޯދި ޖަރުމަނު އަތުން 7-1 ގެ ލަދުވެތި ނަތީޖާ އިންނެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރި ބްރެޒިލް މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ ރަނގަޅު ރެކޯޑަކާ އެކު އެވެ. ކޯޗު، ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް މި ފަހަރު ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ނިންމާލީ މިހާތަނަށް އެ ބައްރުގެ ކޮލިފައިންއެއްގެ އެންމެ ރަނގަޅު ނަތީޖާތަކާ އެކު އެވެ. ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕް ތަށްޓެއްގައި އަތްލީ މީގެ 20 އަހަރު ކުރިންނެވެ. މި ފަހަރުގެ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ބަލިނުވެ ނިންމާލިއިރު، 14 މެޗުން ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުން ކުުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ބްރެޒިލުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ހުރިހާ ސަބަަބަކާ ހުރެ ދުނިޔޭގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އަނެއްކާ ވެސް ބްރެޒިލްގެ ފަހަރަށް ވުން ގާތެވެ. އަމިއްލަ ފަސްގަނޑުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލަށް އަރައިނުގަނެވުނު އަޑިގަނޑަކީ ނޭމާގެ އަނިޔާއާ ހެދި ދިމާވި މައްސަލަތަކެވެ. އެއް ކުޅުންތެރިއަކަށް ބަރޯސާވެގެން ބްރެޒިލުން ވޯލްޑް ކަޕް ހޯދި ދުވަސް މާޒީވެ ގޮސްފައިވާ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑުން ވެސް ވަނީ ބުނެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ހުނަރަށް ބަލާއިރު އެންމެ އާދަޔާހިލާފު ޓީމެއް ނެރޭނެ އެއް ގައުމަކީ ބްރެޒިލް އެވެ. އެ ޓީމުގެ ކޯޗު ޓީޓޭ ދާދި ފަހުން ބުނި ގޮތުގައި ބްރެޒިލް ޓީމަށް މި ފަހަރު ނާރާނެ ބައެއް ކުޅުންތެރިންނަކީ ވޯލްޑް ކަޕްގައި ކުޅޭ އެހެން ގައުމެއްގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދާނެ ފަދަ ކުޅުންތެރިއެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނޭ ގްރޫޕްގައި އޮތް ސާބިިއާ އާއި ސްވިޒަލެންޑަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕްތަކުގައި ބްރެޒިލާ ކުޅެފައިވާ ގައުމުތަކެކެވެ. އެފްރިކާގެ ވަރުގަދަ ނަމެއް ކަމަށްވާ ކެމަރޫން ވެސް މި ގްރޫޕްގައި އޮތުމަކީ ބްރެޒިލަށް ކުރިމަތިވާނެ އަނެއް އިމްތިހާނެވެ. ބްރެޒިލް ފުޓްބޯޅަ ކުރިން އޮތް ލެވަލަށް އަލުން ގެންދަން މިހާރު ބޭނުންވަނީ އަލުން ވޯލްޑް ކަޕެއް ގެންނަން ކަމަށާއި އެކަން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުރެވިދާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ގަބޫލުކުރެ އެވެ. ޕެލޭ އަކީ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރު ބްރެޒިލަށް ހޯދައިދޭން އިސް ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ.