Header
Logo

ނޭމާ

mesh

5 ފެބުރުވަރީ 1992 (32 އަހަރު)

ފޯވާޑް

ބްރެޒިލް

ޕީއެސްޖީ

ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ފަހަތުން، ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ނޭމާ އެވެ. އުމުރުން އެންމެ 18 އަހަރުގައި ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދައި، މިހާތަނަށް 121 މެޗުން ނޭމާ ވަނީ ގައުމީ ޓީމަށް 75 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އަށް ކުޅެމުންދާ ހުނަރުވެރި ފޯވަޑް، މިހާތަނަށް ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް ކުރެވުނީ ހިތި ތަޖުރިބާތަކެކެވެ. އެކަމަކު، މި ފަހަރު ބްރެޒިލްގެ ސްކޮޑުގައި ހިމެނޭ މޮޅެތި ފޯވަޑުންތައް ލީޑުކޮށް، ނޭމާގެ އުންމީދަކަށްވާނީ ހަ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ބްރެޒިލް އަށް ކާމިޔާބުކޮށްދިނުމެވެ. ޓީޓޭގެ ކޯޗުކަމުގައި ކުޅޭ ބްރެޒިލުން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ފެނުނު އެންމެ ރެކޯޑް ރަނގަޅު ނަތީޖާއަށް ފަހު އެވެ. ކޮލިފައިންގައި ނޭމާގެ ގިނަ ގޯލުތަކެއް ފެނުނުއިރު، ގިނަ މެޗުތައް ބްރެޒިލް ކޮޅަށް އަނބުރާލުމުގައި ނޭމާގެ ދައުރު ބޮޑެވެ. ބްރެޒިލްގައި 2013 ވަނަ އަހަރު ބޭއްވި ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން، އެ ޓީމުން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ނޭމާ އެވެ. ކޮންފެޑެރޭޝަން ކަޕްގެ ރަނގަޅު ކުޅުމާ އެކު، ނޭމާ ވަނީ 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕަށް ވެސް ބޮޑު އުންމީދުތަކެއް ކޮށްފަ އެވެ. އެކަމަކު، އެ ފަހަރުގެ ވޯލްޑް ކަޕްގައި ނޭމާ އަށް ދިމާވީ ހިތްދަތި ގޮތެކެވެ. ރަނގަޅު ފޯމެއްގައި ހުއްޓައި، އެ ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާގެ ޒުނީގާ ކުރި ފައުލެއްގެ ސަބަބުން ބުރަކަށްޓަށް އަނިޔާވެ، ނޭމާ އަށް ވޯލްޑް ކަޕް ނިމުނީ އެވެ. އަމިއްލަ ފަސްގަނޑުގައި ކުޅުނު ވޯލްޑް ކަޕްގެ ހިތި ތަޖުރިބާ އިން އަރައިގަންނަން ނޭމާ އަށް ލިބުނު ހިތްހަމަޖެހުމަކީ 2016 ވަނަ އަހަރު ބްރެޒިލުން އެ ގައުމުގައި ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ޓީމުގެ ކެޕްޓަންކަން ކުރުމެވެ. ބްރެޒިލަށް ނޭމާ ހުރެގެން މިހާތަނަށް ލިބިފައިވާ އެހެން ކާމިޔާބީތަކަށް ބަލާއިރު، ދެކުނު އެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ހިމެނެ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ފުންނާބު އުސް ކުޅުންތެރިންގެ ލިސްޓުން ޖާގަ ލިބޭ ކޮންމެ ކުޅުންތެރިއަކީ ވެސް ވޯލްޑް ކަޕެއް ކާމިޔާބުކުރާ ކުޅުންތެރިއަކަށް ވާން ޖެހޭނެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، ނޭމާ ހުރި ފޯމާއި ބްރެޒިލް ޓީމުގައި މިހާރު ތިބި ކުޅުުުންތެރިންނަށް ބަލާއިރު، އެ ޓީމަކީ ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ.