FOLLOW ADHADHU

އިންޑިއާގެ ޓީމުގެ ތަފާތަކީ އެ ގައުމުގައި ވަރުގަދަ ލީގެއް އޮތުން: އަކޫ

over 2 years 4

ގައުމީ ޓީމުގެ ކެޕްޓަން އަކޫ ފެއާޕްލޭ ޓްރޮފީ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިންޑިއާގެ ޓީމުގެ ތަފާތަކީ އެ ގައުމުގައި ވަރުގަދަ ލީގެއް އޮތުން: އަކޫ

over 2 years 4

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ ޓީމުގެ ތަފާތަކީ އެ ގައުމުގައި ވަރުގަދަ ލީގެއް އޮތުން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

އިންޑިއާ އިން މެޗަކުން ބަލިނުވެ ރާއްޖޭގައި މި މަހު 1-16 އަށް ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނެނީ މުޅިން އިންޑިއަން ސުޕަ ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ. އޭގެއިން ބައެއް ކުޅުންތެރިން ވަނީ އައި ލީގުގައި ވެސް ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނޭޕާލް އަތުން އިންޑިއާ މޮޅުވީ 3-0 އިންނެވެ.

ފައިނަލަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިން އިންޓަވިއުއެއްގައި އަކޫ ބުނީ މުބާރާތުގައި މި ފެނިގެންދިޔައީ އިންޑިއާ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އައިތަން ކަމަށެވެ.

"އިންޑިއާގެ ލީގާ އެއްޗެހި ވަރުގަދަ ވީމަ އެ މީހުން އެ ކަމަށް ކުރާ ހަރަދާއި މަސައްކަތް ރަނގަޅީއޭ އަޅުގަނޑު ދަންނަވާނީ. ފަހު މެޗުގައި ފެނުނީ އިންޑިއާ ލީގުގެ ކޮލިޓީއާ ހުރިހާ ކަމެއް އެ މީހުން ދެ ދައްކާލައިދިނީ. އަޅުގަނޑުމެންގެ ލީގު ވެސް މި އަށް ވުރެ ފުރިހަމަ ވާން ޖެހޭ،" އަކޫ ބުންޏެވެ.

"އަޅުގަނޑުމެން ގައުމުގައި ޓެލެންޓް އެބަހުރި. ޒުވާން މޮޅެތި ކުޅުންތެރިން އެބަތިބި. އެހެން ގައުމުތަކާ އަޅާ ބަލާއިރު މާ ތަފާތު އަޅުގަނޑުމެންގެ އެ ކުޅުންތެރިންގެ ހުނަރު. ލީގަށް މަސައްކަތްކުރި ވަރަކަށް އަޅުގަނޑުމެން ޓީމު ރަނގަޅުވާނީ،"

ތަށި ދިފާއުކުރަން ނުކުތް ރާއްޖެ ފުރަތަމަ މެޗުން ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފަ އެވެ. ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އަތުން 2-0 އިން ލަންކާ އަތުން 1-0 އިން މޮޅުވިއިރު، ލީގު ބުުރުގެ ފަހު މެޗުން އިންޑިއާ އަތުން 3-1 އިން ބަލިވެ ކެޓީ އެވެ.

އިންޑިއާ މެޗަށް ފަހު އަކޫ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އަކޫ ބުނީ މުބާރާތަށް ތައްޔާރުވެގެން އައީ އިންޑިއާ މެޗަށް އަންނައިރު ފައިނަލުގެ ޖާގަ ހޯދައިގެން ތިބުމަށް ކަމަށެވެ. އެކަަމަކު، ނޭޕާލް މެޗުގައި ނަތީޖާ ނުކުތް ގޮތުން އެހާ ބޮޑަށް ޕްރެޝަަރަށް ގޮސް މުބާާރާތް އުނދަގޫވިކަން އަކޫ ފާހަގަކުރި އެވެ.

"ފަހު މެޗަށް އައިއިރު މި އޮތީ ބަލިނުވެ ސަލާމަތްވާން ޖެހިފައި އެކަމަކު، ކަންދިމާކުރި ގޮތުން އިންޑިއާ އަތުން ބަލިވެގެން މުބާރާތުން ކަޓައިގެން މިދިޔައީ،" އަކޫ ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެންދިޔަ އެންމެ ބޮޑު ތަފާތަކީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ތަރުހީބެވެ. ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އެތައް ސަޕޯޓަރުންނެއް ދަނޑަށް ވަނެވެ. ގިނަ ސަޕޯޓަރުން މެޗުތަކަށް ވަންނަން ޓިކެޓް ގަންނަން އެތައް ގަޑިިއިރެއް ވަންދެން ކިއޫ އަށް އަރައި ތިއްބެވެ. މުބާރާތުގެ ފެއާ ޕްލޭ ޓްރޮފީ ލިބުނީ ރާއްޖެ އަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމަށް ދިވެހި ސަޕޯޓަރުން އެ ދިން ސަޕޯޓް ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަކޫ ވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.

"ލީގަށް ސަޕޯޓަރުން ދަނޑަށް ވަންނާނެ ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހޭ. އެ ގޮތަށް މަސައްކަތް ނުކޮށެއް ދާން އުޅޭ މަގާމަށް ނުދެވޭނެ،" އަކޫ ބުންޏެވެ.

ގައުމީ ޓީމުން ދެން ވާދަކުރާނީ އަންނަ މަހު 8-17 އަށް ކޮލަމްބޯގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގަ އެވެ. އެ މުބާރާުތުގައި ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ދެން ކުޅެނީ ބަންގްލަދޭޝާއި ސީޝެލްސް އެވެ.