FOLLOW ADHADHU

އިންޑިއާ ޓީމުން އެދޭހާ ދުވަަހަކު ޓީމުގައި ހުންނާނަން: ޗެތުރީ

ފައިނަލަށް ފަހު ޗެތުރީ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިންޑިއާ ޓީމުން އެދޭހާ ދުވަަހަކު ޓީމުގައި ހުންނާނަން: ޗެތުރީ

އިންޑިއާގެ ގައުމީ ޓީމާ އެކު އަދިވެސް އޭނާގެ އުއްމީދުތަކެއް އެބަހުރި ކަމަށާއި ޓީމުން ބޭނުންވާ ނަމަ އަބަދު ވެސް ޓީމާ އެކު ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ ވަނީ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މިއީ އޭނާ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ. އަދި ގައުމުން ބޭރު މުބާރާތެއްގައި ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރާއި 2015 ވަަނަ އަހަރު ސާފްގެ މޮޅު ކުޅުންތެރިއަކަށް ޗެތުރީ ހޮވުނުއިރު މުބާރާތް ހޯސްޓްކުރީ އިންޑިއާ އިންނެވެ.

ޗެތުރީ ވަނީ މި ފަހަރުގެ މުބާރާތުގައި ފަސް ގޯލު ޖަހައިފަ އެވެ. އަދި ލީގު ބުރުގައި ނޭޕާލާއި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗާއި ފައިނަލުގައި ރޭ 3-0 އިން ނޭޕާލް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޗެތުރީ އެވެ.

މުބާރާތަށް ފަހު ދިން އިންޓަވިއުއެއްގައި ޗެތުރީ ބުނީ އިންޑިއާ ޓީމަށް ވަރަށް ގިނަ ކަންކަން އަދި މި އަށް ވުރެ ރަނގަޅަށް ވެސް ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގައި މި އޮތް ޒުވާން ޓީމާ އެކު މުބާރާތެއް ކާމިޔާބު ކޮށްގެން ނިމުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެން އަމާޒަކީ އޭޝިއަން ކަޕް ކޮލިފައިން އަށް ފޯކަސްކޮށް މަސައްކަތް ކުރުން ކަމަށް ޗެތުރީ ބުނެފައިވެ އެވެ.

"އަހަރެންގެ މުސްތަގުބަލު ގައުމީ ޓީމުގައި މި ދަނީ ކުރިއަށް. އަހަރެން މި ފުރުސަތުތަކުގައި އުފާކުރަމުން މިދަނީ. އަހަރެން މަސައްކަތް ކުރަމުން މި ދަނީ ގައުމީ ޓީމުން އަހަރެން ހުންނަން އެދޭހާ ހިނދަކު މި ޓީމަށް ހިދުމަތް ކޮށްދޭން. އެއަށް ވުރެ އިތުރަށް އަހަރެން އެހެން ކަމަކަށް ނުވިސްނަން،" ގައުމީ ޓީމާ އެކު އޭނާގެ ކުރިމަގާ ބެހޭގޮތުން ޗެތުރީ ބުންޏެވެ.

ޗެމްޕިއަންކަން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ޗެތުރީ (މ) ޓީމާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


"ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެންގެ ކުޅުން ވެސް ދަމަހައްޓަން ޖެހޭ. އަހަރެން މި ގޮތަށް ކުރިއަށްދާން ލިބޭ ހިތްވަރަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިން އެ ކުރާ މަސައްކަތް. މިހާރު މި އޮތީ ރަނގަޅު ޓީމެއް،"

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖެހި ގޯލުތަކާ އެކު ޗެތުރީ ވަނީ ގައުމީ ޓީމަށް 125 މެޗުން 80 ގޯލު ޖަހައިފަ އެވެ. ޗެތުރީ ވަނީ ލިއޮނަލް މެސީ އާޖެންޓީނާ އަށް ޖެހި ވަރަށް އިންޑިއާ ގައުމީ ޓީމަށް ގޯލު ޖަަހައިދީފަ އެވެ.

އިންޑިއާ ކޯޗު އީގޯ ސްޓިމަކް ދެކޭ ގޮތުގައި ޗެތުރީ އަށް ގައުމީ ޓީމުގައި ކުރިއަށްދެވޭ އެންމެ ބޮޑު ސަަބަބަކީ އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަން އޭނާ ކުރާ މަސައްކަތާއި ލީޑަޝިޕް ކޮލިޓީ އެވެ.

ޗެތުރީ ބުނީ އޭނާ އަކީ މިހާރު އޮތް އިންޑިއާ ޓީމުގެ ގިނަ ކުޅުންތެރިންނާ އަޅާކިޔާއިރު ވަރަށް ދުވަސްވެފައި ހުރި ކުޅުންތެރިއެއް ނަމަވެސް އޭނާ ކިޔައިދޭ އެއްޗެހި އެހެން ކުޅުންތެރިން ކަނުލައި އަޑުއަހާ ކަމަށެވެ.

"ބައެއް ކުޅުންތެރިން އެބަތިބި 2002 ގައި އުފަންވެފައި ވެސް. އެއީ އަަހަރެން ފުޓްބޯޅަ ކުޅެމުން ދަނިކޮށް. އެ މީހުންނަށް ނެތް އިތުރު ގޮތެއް އަހަރެން ބުނާ އަޑުއެހުން ނޫނީ. ބައެއް ފަހަރު އަހަރެންގެ ތަޖުރިބާއާ އެކު ބުނެވޭ ގޮތުން އަހަންނަށް އޯވަ އިމޯޝަނަލް ވެވޭ. އަހަރެން މިހެން ޕޮޒިޓިވްކޮށް ހުރުމަކީ ޓީމަށް ލިބޭ ހިތްވަރެއް،" ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މި ދިޔައީ ވަރަށް އުނދަގޫކޮށް ނަމަވެސް މެޗަކަށް ފަހު މެޗެއް އިންޑިއާ އިން ހޯދަމުން ދިޔަ ކުރިއެރުން ފާހަގަކުރެވޭ ކަމަށެވެ.

އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ސްރީ ލަންކާއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ތިން ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް 1-0 އިން ކުރިހޯދިއިރު، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އަތުން މޮޅުވީ 3-1 އިންނެވެ. އަދި ރޭ ކުޅުނު ފައިނަލުން އިންޑިއާ މޮޅުވީ 3-0 އިންނެވެ.