FOLLOW ADHADHU

ކޮންމެ އަހަރަކު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރާނަން: މަހުލޫފް

ޔޫތު މިނިސްޓަރު މަހުލޫފް މީޑިއާ އަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކޮންމެ އަހަރަކު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރާނަން: މަހުލޫފް

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ހީނުކުރާ ވަރަށް ފުޓްބޯޅަ ފޯރި އަރާފައިވާ ކަމަށާއި ކޮންމެ އަހަރަކު ފުޓްބޯޅައިގެ އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަފާދެއްވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ ރޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އިން 3-0 އިން ނޭޕާލް ބަލިކޮށް އަށް ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލި ރަސްމިއްޔާތަށް ފަހު ދެއްވި އިންޓަވިއުއެއްގަ އެވެ.

"ރައީސް ވަނީ އަޅުގަނޑާ ބައްސާމާ ދެ މީހުންނަށް ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ކޮންމެ އަހަރަކު ބޭއްވުމަށް އިންސްޓްރަކްޝަން (ލަފާ) ދެއްވާފައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އަޅުގަނޑާއި ބައްސާމް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނަން،" މަހުލޫފް ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ގިނައިން އެކި ކުޅިވަރުތަކުން އިންޓަނޭޝަނަލް މުބާރާތް ބޭއްވުންކަން މިނިސްޓަރު ފާާހަގަކުރެއްވި އެވެ.

"މި އަންނަ އަހަރަށް ބެލިޔަސް އެބަ ބާއްވަން އޭޝިއަން ބޮޑީބިލްޑިން އޭޝިއަން ސާފިން ބެޑްމިންޓަން ޖޫނިއާ ކޮމަންވެލްތު ސައުތުއޭޝިއަން ޓީޓީ މުބާރާތް. އެކަހަލަ ބައިވަރު މުބާރާތްތައް އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.

މި ފަހަރުގެ ސާފް ޗެމްްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.


މަހުލޫފް ވިދާޅުވީ އަންނަ މަހު އަށް ވަނަ ދުވަހު ލަންކާގައި ފަށާ ފޯ ނޭޝަންސް މުބާރާތަށް ދާއިރު، ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ މި ފޯރި ނުކެނޑި ގައުމީ ޓީމާ އެކު ވަރަށް ބާރަށް ކަންކަން ކުރިއަށް ގެންދަން އެބަޖެހޭ ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ އަށް ނުދެވުމުން ވަރަށް ދެރަވާ ކަމަށާއި ހަގީގަތަކީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރުގަދަ ހިތްވަރެއް ދެއްކި ނަމަވެސް ފައިނަލަށް ދިއުމަށް ބޭނުންވާ އެ ނަސީބު ވެސް ނެތީ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ގަބޫލުކުރާ ގޮތުގައި މިރޭ (ރޭ) ފައިނަލް މެޗުން ވެސް އިންޑިއާ ޕްރޫވްކޮށްދީފި އެ މީހުންނަކީ ވަރަށް ވަރުގަދަ ބާރެއް ކަން،" މަހުލޫފް ވިދާޅުވި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ކެންސަލްވާން ދިޔަ މުބާރާތެއް ކަމަށާއި އެކަމަކު، ރާއްޖޭން މި މުބާރާތް ބާއްވަން ބިޑްކޮށް ސަރުކާރާއި އެފްއޭއެމުން ގުޅިގެން ކުރި މަސައްކަތުން މި ނިންމައިލެވުނީ ވަރަށް ރަނގަޅު މުބާރާތެއްކަން މިނިސްޓަރު މަހުލޫފްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.