FOLLOW ADHADHU

މޮޅު ކުޅުންތެރިޔާ އާއި ޓޮޕްސްކޯރާގެ މަގާމް ޗެތުރީ އަށް

over 2 years 0

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ސާފްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ޗެތުރީއާ ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މޮޅު ކުޅުންތެރިޔާ އާއި ޓޮޕްސްކޯރާގެ މަގާމް ޗެތުރީ އަށް

over 2 years 0

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދައިފި އެވެ.

މިއީ ޗެތުރީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ. އޭނާ ވަނީ 2011 އާއި 2015 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާ އިން ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ތިން ފަހަރު ވެސް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެތުރީ އެވެ.

ނޭޕާލް 3-0 އިން ބަލިކޮށް މިރޭ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޗެތުރީ ޓޮޕް ސްކޯރާގެ މަގާމް ހޯދީ ފަސް ގޯލް ޖަހައިގެންނެވެ. އޭނާ ވަނީ މިރޭގެ ފައިނަލުގައި އެއް ގޯލް ޖަހައިފަ އެވެ. އަނެއް ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ފައިނަލުން ޖާގަ ހޯދި މެޗުގައި ރާއްޖެ ކޮޅަށެވެ. އަދި ލީގު ބުރުގައި ނޭޕާލް އަދި ބަންގްލަދޭޝް ކޮޅަށް ވެސް ގޯލް ޖެހި އެވެ.

ޗެތުރީގެ ފަހަތުން ލަނޑު ލިސްޓުގެ ދެ ވަނަ ހޯދީ ތިން ގޯލް ޖެހި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ތިން ވަނަ ހޯދީ ދެ ގޯލް ޖެހި ނޭޕާލުގެ އަންޖަން ބިސްތާ އެވެ.

ޗެތުރީ އަކީ މުބާރާތުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާގެ ޖުމްލަ އަކީ 18 އެވެ. މި ލިސްޓުގެ އެއް ވަނަ އަކީ 23 ގޯލް ޖަހާގައިވާ ރާއްޖޭގެ ދަގަނޑޭ އެވެ.

ބެލެވޭ ގޮތުގައި މިއީ ޗެތުރީގެ ފަހު ސާފް ޗެމްޕިއަންޝިޕެވެ. އޭނާ ވަނީ މީގެ ކުރިން 2008، 2011، 2013، 2015 ގައި ކުޅެފަ އެވެ. މީގެ ތެރެއިން 2011 އާއި 2015 ގައި ތަށި ހޯދި އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ވަނީ 2005 އިން ފެށިގެން އިންޑިއާ އަށް 125 މެޗު ކުޅެދީ 80 ގޯލް ޖަހައިދީފަ އެވެ.