FOLLOW ADHADHU

ނޭޕާލް ބަލިކޮށް އިންޑިއާ އިން 8 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

over 2 years 0


ނޭޕާލް ބަލިކޮށް އިންޑިއާ އިން 8 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

over 2 years 0

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު 3-0 އިން ނޭޕާލް ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ހޯދައިފި އެވެ.

މިރޭގެ ފައިނަލަކީ އިންޑިއާ އިން މި މުބާރާތުގައި ކުޅުނު 12 ވަނަ ފައިނަލެވެ. އަނެއްކޮޅުން ނޭޕާލް މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އިންޑިއާ އިން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރީ މެޗަކުން ބަލިނުވެ އެވެ. ފުރަތަމަ ދެ މެޗުން ބަންގްލަދޭޝް އާއި ލަންކާއާ އެއްވަރުވި ނަަމަވެސް ދެން ކުޅުނު ތިން މެޗުގެ ތެރެއިން ފައިނަލު ހިމެނޭ ގޮތަށް ނޭޕާލް އަތުން ދެ ފަހަރު މޮޅުވިއިރު، ރާއްޖޭގެ މައްޗަށް ވެސް ވަނީ ކާމިޔާބު ހޯދައިފަ އެވެ.

އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021ގަ އެވެ. އިންޑިއާ ފައިނަލުގައި ބަލިވީ 2008 އާއި 2018 ގައި ރާއްޖެ އަތުންނާއި 1995 ގައި ލަންކާ އަތުން އަދި 2013 ގައި އަފްގާނިސްތާން އަތުންނެވެ.

އިންޑިއާ އާއި ނޭޕާލް ވެސް މިރޭގެ މެޗަށް ނުކުތީ ބެންޗުގައި ދެ ޓީމުގެ ހެޑް ކޯޗުން ނެތި އެވެ. އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރާއްޖެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ފައިނަލް މެޗުގައި ސަސްޕެންޝަނުގައި ހުންނަން ޖެހުނުއިރު، ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލްމުތައިރީ ވަނީ ދެ ރީނދޫ ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޑްވެފަ އެވެ.

އަނެއްކޮޅުން އިންޑިއާގެ ޑިފެންޑަރު ސުބަޝިޝް ބޯސް އާއި މިޑްފީލްޑަރު ބްރެންޑަން ފެނާންޑޭސް ސަސްޕެންޝަންގައި ހުރިއިރު، އެ ޓީމުގެ ވިންގް ފާރޫކް ޗޯދުުރީ އަށް ވަނީ ސީރިއަސް އަނިޔާއެއްވެފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ އިންޑިއާ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އޭރިއާބޭރުން ޔާސިރު މުހައްމަދު ޖެހި ބޯޅަ ނޭޕާލްގެ ކީޕަރު ކިރަން ކުމާރް އަތުގައި ޖެހިފައި ނުކުތްއިރު، ރީބައުންސް އެންމެ ރަނގަޅަށް އިންޑިއާގެ އަނީރުދް ތާޕާ އަށް ފޮނުވައިނުލެވުނެވެ.

އިންޑިއާ ޓީމުގެ އަނީރުދް ނޭޕާލްގެ ކީޕަރު ކައިރިން ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރަނީ.---


މެޗު ފަށައިގެން 10 ވަރަކަށް މިނިޓުން ފެށިގެން ބޯވިއްސާރައިގެ ތެރޭގައި މެޗު ކުޅެމުންދިޔައިރު، ނޭޕާލުން ދިޔައީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ބޭނުން ހިފޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި އިންޑިއާ އިން ނެގި ހުރަހެއްގައި ކިޕަރު ކިރަން އަތުން ދޫވި ބޯޅަ އިންޑިއާ ކުޅުންތެރިން ހޯދައި ގޯލަށް ޖެހޭތޯ ބެލި ނަމަވެސް ނޭޕާލް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 26 ވަނަ މިނިޓްގަ އެވެ. އަނީރުދް ހުސްކޮށްލާފައި އޭރިއާތެރެއިން ޗެތުރީ އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ކިރަން ވަނީ އަރަށް ނަގައިފަ އެވެ.

ފުރަތަމަ ހާފުގައި އިންޑިއާގެ އެންމެ ހުސް ފުރުސަތު ލިބުނީ ވެސް ޗެތުރީ އަށެވެ. މެޗުގެ 43 ވަނަ މިނިޓްގައި ޕްރިތަމް ކޯޓާލް އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާތެރެއިން ހުސްކޮށް އަރައި ޗެތުރީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އިންޑިއާ އިން ވަނީ ދެ ވަަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވެ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ޕްރިތަމް ނެގި ހުރަހަކުން ޗެތުރީ ވަނީ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ވެސް ނުވަނިސް އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި ސުރޭޝް ސިންގް ވަނީ އިންޑިއާގެ ލީޑުފުޅާކޮށްދީފަ އެވެ.

ނޭޕާލުން ލަނޑެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 67 ވަނަ މިނިޓްގައި ޗެތުރީ އަށް ނޭޕާލް ހާފްގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކީޕަރު ކިރަން ވަނީ ހުއްޓުވައިފަ އެެވެ.

ލިބޭ ފުރުސަތުތަކުގައި ނޭޕާލުން ވެސް އެޓޭކް ކުރަމުންދިޔައިރު، މެޗުގެ 77 ވަނަ މިނިޓްގައި ނޭޕާލްގެ މަނީޝް ޑަންގީ ނެގި ހުރަހަކުން އެ ޓީމުގެ ރޯހިތު ޗާންދް ބޮލުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އިތުރު ވަގުތުގައި އިންޑިއާގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝަހާލް އަބްދުލް ސަމަދު އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ފަސް ގޯލު ޖެހި ޗެތުރީ އެވެ. އޭނާ ވަނީ މުބާރާތުގެ ތާރީހުގައި 18 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖެހީ 23 ގޯލު ކާމިޔާބުކޮށްފައިވާ ރާއްޖޭގެ އަލީ އަޝްފާގު ދަގަނޑޭ އެވެ.