FOLLOW ADHADHU

ފަހު މެޗުގައި ނޭޕާލް ކޯޗު މުތައިރީ އަށް ބެންޗުގައި ނީނދެވޭނެ

over 2 years 0

ޭނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ފަހު މެޗުގައި ނޭޕާލް ކޯޗު މުތައިރީ އަށް ބެންޗުގައި ނީނދެވޭނެ

over 2 years 0

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީގެ ފަހު މެޗު ނަމަވެސް އޭނާ އަށް ޓީމަށް އިރުޝާދުދޭން ބެންޗުގައި ހުރުމުގެ ނަސީބު ގެއްލިއްޖެ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ދެ ރީނދޫ ކާޑު ހަމަވެއްޖެނަމަ ދެން ކުރިއަށް އޮތް މެޗަށް ސަސްޕެންޑްވާނެ އެވެ. މުތައިރީ އަށް ވަނީ ލަންކާ މެޗާއި އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް މެޗުގައި ވެސް ރީނދޫ ކާޑު ދައްކައިފަ އެވެ. ދެ ރީނދޫ ކާޑު ހަމަވެގެން މުތައިރީ ވަނީ ފައިނަލަށް ސަސްޕެންޑްވެފަ އެވެ.

ނޭޕާލްގެ ތާރީހުގައި އެ ޓީމު ފުރަތަަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަަލަށް ގެންގޮސްދިނުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ވަނީ ފައިނަލް މެޗަށް ފަހު ނޭޕާލް ދޫކޮށްލާނެކަން ކަށަވަރުކޮށްދީފަ އެވެ.

ފައިނަލުގައި ނޭޕާލް ކުޅެން ޖެހިފައި އޮތް އިންޑިއާ ވެސް ފައިނަލުގައި ނުކުންނާނީ ބެންޗުގައި އެ ޓީމުގެ ހެޑް ކޯޗު ނެތި އެވެ. އެއީ އިންޑިއާ ޓީމުގެ ކޯޗު އީގޯ ސްޓިމަކަށް އެންމެ ފަހުން ކުޅުނު ރާއްޖެ މެޗުގައި ރަތް ކާޑު ދެއްކުމުންނެެވެ.

ފައިނަލް މެޗުގެ ކުރިން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. އެއީ އިންޑިއާ އާއި ނޭޕާލްގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ ބަނޑޮހާއި ޕެރަޑައިސްގައި ކަމަށް ވެފައި، މިއަދު މޫސުން ހުރި ގޮތުން އެ ދެ ޓީމަށް މާލެ ނާދެވުމުންނެވެ.

މުތައިރީ ސަސްޕެންޝަންގައި ހުރުމުން ނޭޕާލްގެ އިން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ އާއި ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން އެވެ.

ކިރަން ޝްރެސްތާ ބުނީ ފައިނަލް މެޗަށް ނުކުންނައިރު ކުރިން ނުކުމެފައި ހުރި އެއްވެސް ނަތީޖާއަކުން މި މެޗަށް އަސަރުކުރާނެ ކަމަށް ނުދެކޭ ކަމަށެވެ.

"ވަރަށް ބޮޑަށް ދެ ޓީމު ވެސް މޯޓިވޭޓްވެފައި މި ހުރީ. އެހެންވީމަ ކުރިން އަހަރެމެން މެޗުތަކެއް ކުޅެފައި ހުއްޓަސް އޭގެ އަސަރެއް ކުރާނެ ކަމަށް ނުދެކެން،" ކިރަން ޝްރެސްތާ ބުންޏެވެ.

"ތެެދެއް. އަހަރެމެން މިދިޔަ މަހު އަމިއްލަ ގައުމުގައި (ނޭޕާލް)ގައި ދެ މެޗު ކުޅުނިން އިންޑިއާއާ ދެކޮޅަށް. އެ ދެ މެޗުންނާއި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުން ދެ ޓީމަށް އެއް ޓީމު އަނެއް ޓީމުގެ ކަންކަން އެނގުނަސް ފައިނަލް މެޗު މުޅިން ތަފާތުވާނެ،"

ބަންގްލަދޭޝާ އެއްވަރުކޮށް ފައިނަލްގެ ޖާގަ ހޯދި މެޗަށް ފަހު ނޭޕާލްގެ ކީޕަރު ކިރަން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކީޕަރު ކިރަން ޝެމްޝޮން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އެއް ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނު ކިރަން ބުނީ ރާއްޖެ އަކީ އޭނާގެ ދެ ވަނަ ގަ ފަދަ ތަނެއް ކަމަށާއި އެދެނީ ދިވެހިންގެ ސަޕޯޓް ފައިނަލުގައި ނޭޕާލަށް ލިބުން ކަމަށެވެ.

ނޭޕާލުން އެންމެ ފަހުން އިންޑިއާ ބަލިކުރީ 2013 ވަނަ އަހަރު އެ ގައުމުގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕްގަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި އިންޑިއާ ވަނީ ފަހު ވަގުތު ގޯލު ޖަހައި ނޭޕާލް ބަލިކޮށްފަ އެވެ.

މިއީ ހަތް ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ. އަނެއް ކޮޅުން ފަސް ފަހަރު ސެމީ ފައިނަލުން ބަލިވި ނޭޕާލުން މަސައްކަތް ކުރާނީ ފުރަތަމަ ފަހަރަށް ފައިނަލަށް ނުކުމެ ތަށި ހޯދުމަށެވެ. މާދަމާރޭގެ ފައިނަލް މެޗު ފަށާނީ 8 ޖަހާއިރު އެވެ.