FOLLOW ADHADHU

ސާފްގައި ރާއްޖެ: ފިލާވަޅު ނެގުމާއި ނާކާމިޔާބީ އަށް ކަޅިއެއް

އިންޑިއާ މެޗަށް ފަހު ގައުމީ ޓީމުގެ ފުލްބެކް ހައިޝަމް ބެންޗުގައި އިށީނދެގެން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ސާފްގައި ރާއްޖެ: ފިލާވަޅު ނެގުމާއި ނާކާމިޔާބީ އަށް ކަޅިއެއް

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ތަށި ދިފާއުކުރުމުގެ ޓާގެޓާ އެކު އެވެ. އެކަމަކު، އެ ޓާގެޓާ ހަމައަށް ވާސިލްވާން ފައިނަލަށް ދިއުމުުގެ އަޒުމުގައި ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރާއްޖެ މުބާރާތުން ކެޓީ އެވެ. އެތައް ޒަމާނަކަށް ފަހު ގައުމީ ޓީމަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، ގިނަ ބައެއް ގައުމީ ޓީމުގެ ކާމިޔާބަކަށް އެދިއެދި ތިއްބައި އެކަން ހާސިލްނުުވެ ދިއުމުގެ "މާޔޫސްކަން" ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ހުންނާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ.

އަމިއްލަ ފަސްގަނޑުގައި ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް ނުކުތީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ރާއްޖެ އަށް ގޯލެއް ނުޖެހި އެންމެ ފަހުން ކުރަން ޖެހުނީ ހިތި ތަޖުރިބާ އެކެވެ. ނޭޕާލުން ކައުންޓަ އެޓޭކުގައި ގޯލެއް ޖަހައި 1-0 އިން ރާއްޖެ ބަލިކުރި އެވެ. މިއީ ސާފްގެ ތާރީހުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭން މުބާރާތް ފަށަން ޖެހުނީ 2014 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ އޭއެފްސީ ޗެލެންޖް ކަޕެކޭ އެއްގޮތަށް ބައްޔަކުންނެވެ. ހަމަ އެ މުބާރާތުގެ މަންޒަރުތައް ސިފަވި ގޮތަށް، ހުރިހާ ކުޅުންތެރިން އެއް އަޒުމެއްގައި "އެނބުރިއައުން ވަރުގަދަ ވާނެ" ކަމަށް ބުނެ، ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 2-0 އިން އަދި ދެން ޖެހިގެން އައި މެޗުން ސްރީ ލަންކާ އަތުން 1-0 އިން ވަނީ މޮޅުވެފަ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ސަރަހައްދުގެ ގަދަބާރު އިންޑިއާއާ ދެކޮޅަށް ރާއްޖެ އަށް ޕޮއިންޓަކުން ފުއްދާލައިގެން ވެސް ފައިނަލަށް ދިއުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ.

ރާއްޖޭގެ ހަމްޒާ (ކ) އަަށް އިންޑިއާގެ ޕްރިތަމް ފައުލުކުރަނީ.-- ފޮޓޯ: އަދަދު


އެކަމަކު، ރާއްޖެއާ ދެކޮޅަށް ފައްކާކޮށްފައި އޮތް ޕްލޭނެއް ހިފައިގެން ނުކުމެ، އިންޑިއާ އިން ވަނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ 3-1 އިން ބަލިކޮށް ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. ތަށި ދިފާއުކުރުމުގެ އުއްމީދުތައް ފުނޑުފުނޑުވެ، އެ މެޗަށް ފަހު ގައުމީ ސްޓޭޑިއަމްގައި ތިބި ދިވެހި ކޮންމެ ސަޕޯޓަރެއް، ކޮންމެ ކުޅުންތެރިއެއްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.

އިންޑިއާ އަތުން ބަލިވުމާއި ހަގީގަތާ ކުރިމަތިލުން

އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސީނިއާ ޓީމެއް ފޮނުވަން ނިންމި އެންމެ ބޮޑު ބޭނުމަކީ އެ ޓީމަށް ކުރިމަތިވެފައި އޮތް ޕްރެޝަރުން އަރައިގަނެ، އަންނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން ވާދަވެރި މާހައުލެއްގައި މެޗުތައް ކުޅުމެވެ.

އިންޑިއާ ސާފަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިން ވެސް ކުޅެނީ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މިދިޔަ އޮގަސްޓް މަހު އޭއެފްސީ ކަޕްގައި މާލޭގައި ކުޅުނު މެޗުތަކުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީ އަށް ކުޅުނު ކުޅުންތެރިންނެވެ.

ރާއްޖެއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން އިންޑިއާ އިން ވަނީ ހަތް ދުވަސް ތެރޭގައި ތިން މެޗު ކުޅެން ޖެހިފައި އޮތުމުން ހާއްސަ މަގާމުތަކުގައި ކުޅުނު ގިނަ ކުޅުންތެރިން ރޮޓޭޓް ކޮށްފަ އެވެ. ހާއްސަކޮށް މެދުތެރޭގައި ކުޅޭ ކުޅުންތެރިން ވަރަށް ރަނގަޅަށް މެޗުތަކުގައި ބަދަލުކޮށްފައިވެ އެވެ. ލީގު ބުރުގައި ސްކޮޑުގައި ހިމެނޭ އެންމެ ގިނަ ކުޅުންތެރިންނަށް ގިނަ ފުރުސަތު ދިން ޓިމަކީ އިންޑިއާ އެވެ. އޭގެ ފައިދާ ފަހު ދެ މެޗުގައި ނޭޕާލާއި ރާއްޖެއާ ދެކޮޅަށް ކުރި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ ދެ މެޗުގައި މެދުތެރެއަށް ކުޅުނު ގްލެން މާޓިންސްގެ ބަދަލުގައި ފަހު ދެ މެޗު ފުރަތަމަ އެގާރައިގައި ކުޅުނީ ލަލެންމަވިއާ ރާލްތޭ (އަޕޫއީއާ) އެވެ. ޕަޕުއާގެ ކުޅުން ފަހުން ވަރަށް މޮޅަށް ފެނުނެވެ.

އަނެއްކޮޅުން އިންޑިއާ އިން ވަނީ ދެ ފަޅިން ކުޅޭ ކުޅުންތެރިން ވެސް ރަނގަޅަށް ބަދަލުކޮށްފަ އެވެ. އޭގެ ނަތީޖާ ވެސް ރާއްޖެ މެޗުގައި ފެނުނެވެ. ރާއްޖެއާ ދެކޮޅަށް މެޗު ފެށިއިރު އިންޑިއާ އިން ރާވާފައި އޮތް ޕްރެސިން ގޭމް މެޗު ނިންމާލިއިރު ވެސް އޮތީ ރަނގަޅަށެވެ.

އިންޑިއާ މެޗުގެ ކުރިން ފައިސަލް (ވ) އާއި ދަގަނޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިންޑިއާ އިން ރާއްޖެ ކޮޅަށް ޖެހި ބައެއް ގޯލުތަކަކީ "ސޮފްޓް" ގޯލުތަކެއް ކަމަށް ގައުމީ ކޯޗު ސުޒޭން ވެސް ވަނީ ބުނެފަ އެވެ. އަދި އެ މެޗުގައި ރާއްޖޭގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ފަރާތުން ފެނުނީ "އެންމެ ޕީކް" ކުޅުމެއް ނޫންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިސަލް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުތާ ތިން ވަރަކަށް ދުވަސް ފަހުން ސަރަހައްދުގެ ގަދަބާރު އިންޑިއާއާ ދެކޮޅަށް ފައިސަލް ކުޅެން ނުކުމެ، ކުއްލިއަކަށް އެކި ޗެލެންޖްތަކާ ކުރިމަތިލާން ޖެހުމުގެ އުނދަގޫތައް އޭނާގެ ހަރަކާތްތަކުން ވެސް ފެނުނެވެ. ފެނުނު އެ މަންޒަރުތަކަށް ބަލާއިރު އެ މެޗުގައި ފެނުނީ އެންމެ ފިޓް ފައިސަލް އެއް ނޫނެވެ.

ސާފްގެ ތާރީހަށް ބަލާއިރު، އިންޑިއާ ވަނީ މީގެ ކުރިން ވެސް ފައިނަލުގެ ޖާގަ ހޯދަން ނަތީޖާ ނެރެން ޖެހޭ މެޗުތަކުގައި ރާއްޖެ ބަލިކޮށްފަ އެވެ. މި ފަހަރު ވެސް އެ ތަފާތު ދައްކައި އިންޑިއާ މޮޅެއް ހޯދީ އެ ގައުމުން ފުޓްބޯޅައިގައި މިހާރު ހޯދާފައި ކުރިއެރުމުގެ ހަގީގީ މަންޒަރު ދައްކައިފަ އެވެ. އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އިންޑިއަން ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތަފާތު ވެސް ދައްކައިފަ އެވެ. އިންޑިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އަގާއި މި ފަހަރުގެ ސާފްގައި އިންޑިއާ ނޫން ދެން އޮތް ހަތަރު ގައުމުގެ ކުޅުންތެރިންގެ އާމްދަނީ ނުބައްދަލެވެ.

ރާއްޖޭން ކުޅެން ބޭނުންވާ ފުޓްބޯޅައިގެ މަންޒަރު ފެނުނު

މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނުއިރު، އޭރު ގައުމީ ޓީމާ ހަވާލުވެ ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން، ގައުމީ ޓީމު ލައްވައި ތިރިން ޕާސްކޮށްގެން ކުޅެން ބޭނުންވި ފުޓްބޯޅައިގެ އެކި މަންޒަރުތައް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނުނު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ރާއްޖޭން ގެންގުޅޭ ކުޅުމުގެ ވައްޓަފާޅި ނޫނީ ސްޓައިލަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަށް ކޯޗުކޮށްދިން އާމިރް އަލަގިޗް، ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން އަދި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ ތައުރީފުކޮށްފަ އެވެ. އެއީ ރާއްޖޭން ފުޓްބޯޅަ ކުޅެގެން ކުރިއަށްދާން މަސައްކަތް ކުރާކަން ފާހަގަކޮށެވެ.

ޑެޒްން ސްޕޯޓްސް އާއި އާރްޓީއެސް އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްކޮށްފައިވާ ސްޓެޓިސްޓިކްސް އަށް ބަލާއިރު ރާއްޖޭން ވަނީ މުބާރާތުގެ ހަތަރު މެޗުގައި 1625 ޕާސް ޖަހައިފަ އެވެ. އެއީ ނޭޕާލް މެޗުގައި 410 ޕާސް، ބަންގްލަދޭޝް މެޗުގައި 483 ޕާސް، ލަންކާ މެޗުގައި 397 ޕާސް އަދި އިންޑިއާ މެޗުގައި 335 ޕާހެވެ. މި ހުރިހާ މެޗެއްގެ އެވްރެޖް ބޯލް ޕޮޒެޝަން އަށް ބަލާއިރު އުޅެނީ އެވްރެޖްކޮށް 55-70 ޕަސެންޓް ދެމެދުގަ އެވެ.

"ގެންނަން މި އުޅޭ ފުޓްބޯޅައިގެ ކުލަ ކޮންމެ ވެސް ވަރަކަށް އެބަޖެހޭ ކަމަށް ގަބޫލުކުރަނީ،" ސުޒޭން ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، އޭނާ އަށް ޓީމާ ގުޅެވުނީ 10 ވަރަކަށް ދުވަސް ފަހުންނެވެ. އެ 10 ދުވަހު ޓީމުގެ ކޯޗެއްގެ ޒިންމާ ނެގީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ގަތަރުގައި ހުރެ އިންމަ ބުނީ ގައުމީ ޓީމުން ކުރިއަށް އޮތްތަނުގައި ފުޓްބޯޅަ ކުޅޭނަމަ ކުޅެން ޖެހޭނީ ޕާސްކޮށްގެން އިދިކޮޅު ހާފުގައި ބޯޅަ ހޯދަން ޕްރެސް ވެސް ކޮށްގެން ކަމަށެވެ.

"ރަނގަޅު ޓެކްޓިކަލް ޑިސިޕްލިން އެއްގެ ތެރެއިން ރާވައިގެން ޕްރެސް ކޮށްގެން ބޯޅަ ހޯދައިގެން ކުޅެން ޖެހޭނީ. ދުނިޔޭގެ ފުޓްބޯޅަ އަށް ބެލިޔަސް މުސްތަގުބަލެއް ފެންނަން އޮތީ ރަނގަޅު ޕްރެސިން ގޭމެއްގެ ތެރެއިން ބޯޅަ ހޯދައި ރަނގަޅަށް ޕާސްކޮށްގެން ކުޅެގެން،" އިންމަ ބުންޏެެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމްލަކޮށް މުޅި ގައުމީ ޓީމުން ވެސް ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. މިދިޔަ ދޮޅު އަހަރަށް ބަލާއިރު ކޮވިޑް-19ގެ ހާލަތާ ހުރެ ހުއްޓަ ހުއްޓާފައި ލޯކަލް ފުޓްބޯޅަ ސީޒަން ފެށުމާއި އެހެނިހެން އުނދަގޫތަކާ ހުރެ، ރަނގަޅު ސީޒަނެއް ފުރިހަަމަ ނުކުރެވި އައިސް މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ޖުމްލަކޮށް މި ކުރީ ރަނގަޅު މަަސައްކަތެކެވެ.

މިދިޔަ މެއި ދެ ވަނަ ދުވަހު ލޯކަލް ފުޓްބޯޅަ ސީޒަން ހުއްޓާލުމަށް ފަހު ދެން ފުޓްބޯޅަ ކުޅުންތެރިން ތަހައްމަލުކުރަން ޖެހުނީ ދަތި އުނދަގޫތަކެކެވެ. އެ ކަންކަމުގެ ތެރެއިން ވޯލްޑް ކަޕް ކަޕް ކޮލިފައިން އަށް ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބިއިރު މާލޭގައި ޕްރެކްޓިސް ކޮށްލަން ދަނޑެއް ވެސް ނުލިބެ އެވެ.

އެ ދުވަސްތަކުގައި ޖެންގެ ބޯލް ރޫމުގައި ލައިޓް ޕްރެކްޓިސް ކޮށްފައި ޓްރެއިނިން ކޭމްޕަށް ދުބާއީ އަށް ދާން ޖެހުމަށް ބަލާއިރު، އޭރު ފެށި މަސައްކަތުން ކުރިއެރުން ހޯދައިގެން އައިސް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރި މަސައްކަތް މުޅިން ގޯސްކަމަށް ދެކެެެވެން ނެތެެވެ.

ކޫޕްމަންގެ ކޮންޓްރެކްޓް އުވާލައި އޭނާ ވަކިކުރުމުން ސުޒޭން ގައުމީ ޓީމާ ހަވާލުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކަންޏެވެ. އެފްއޭއެމުން ވަނީ ގައުމީ ޓީމާ ދެން ހަވާލުވާނެ ކޯޗެއް ކަނޑައަޅައިފަ އެވެ. އަންނަ މަހު ލަންކާގައި ކުޅޭ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ބެންޗުން އާ ކޯޗު ފެނުމުގެ ފުރުސަތު އެބައޮތެވެ.

ސްކޮޑާ މެދު ފުޓްބޯޅަ ކޮމިއުނިޓީގެ ޝުއޫރުތައް

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑު އެންމެ ފުރަތަަމަ ނެގިއިރާއި މުބާރާތަށް ސްކޮޑް ފައިނަލް ކުރިއިރު ވެސް ފުޓްބޯޅަ ކޮމިއުނިޓީ އާއި އާންމުންގެ ތެރޭގައި އެކި ޝުއޫރުތައް ހުރީ އެކި ގޮތަށެވެ. އަސްހަދު އަލީ (އަޑުބަރޭ) އަށް ފުރުސަތު ދިނުމުގެ ވާހަކަ މުބާރާތުގެ ތެރޭގައި ވެސް ޓީމަށް ޕްރެޝަރު ބޮޑުވާ ވަރަށް ދެކެވެނުނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށިއިރު ގެންގުޅުނީ 34 ކުޅުންތެރިންގެ ސްކޮޑެކެވެ. އެކި ސަބަބުތަކާ ހުރެ ބައެއް ކުޅުންތެރިން ޓީމުން ވަކިވެސްވި އެވެ.

ސްކޮޑު އެވަލުއޭޝަނާއި އަނިޔާގެ މައްސަަލަ އާއި އެ ނޫން ވެސް ސަބަބުތަކާ ހުރެ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ޓީމުން ބާކީކުރިއިރު، އާއިލާ ޒިންމާ އަދާކުރުމުގެ ގޮތުން އިމްރާން ނަޝީދު (އިންމަ) ވަނީ ޓީމާ ވަކިވެފަ އެވެ. ސްކޮޑު ނެގުމުގައި އެންމެ ތަފާތު ޝުއޫރުތައް އެކި ފަރާތްތަކުން ބަންޑުންކޮށްލީ ބަކާ ނެތުމުގެ މައްޗަށެވެ.

ލަންކާގައި އޮންނަ މުބާރާތަށް ގައުމީ ޓީމުގެ ޕްރެކްޓިސްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެ އެވެ.

އަންނަ މަހު 8-17 އަށް ކޮލަމްބޯގައި ބާއްވާ ފޯ ނޭޝަންސް މުބާރާތުގައި ގައުމީ ޓީމަށް ކާމިޔާބަށް އެދޭ މީހުން މިހާރު އެތައް ގުނައެއް އިތުރެވެ. މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެންދިޔަ ސަޕޯޓަރުންގެ އުފާވެރި މަންޒަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުން ބިނާވެފައި އޮތީ ގައުމީ ޓީމާ އެކު ޖުމްލަކޮށް ދިވެހި ފުޓްބޯޅަ ހޯދާ ކާމިޔާބެއްގެ މައްޗަށެވެ.