FOLLOW ADHADHU

ޓީމު ވަރުގަދަކޮށް އެނބުރި އަންނާނެ: ބައްސާމް

over 2 years 0

ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ޓީމު ވަރުގަދަކޮށް އެނބުރި އަންނާނެ: ބައްސާމް

over 2 years 0

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ނުކުރެވި ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލުމަކީ މާޔޫސްކަމެއް ކަމަށާއި އެކަމުން އަރައިގަނެ ޓީމު އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އިންޑިއާ އަތުން 3-1 އިން ބަލިވެ، ރާއްޖެ ވަނީ މުބާރާތުން ކަޓައިފަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2-1 އިން އިންޑިއާ ބަލިކޮށްފަ އެވެ.

ބައްސާމް ވިދާޅުވީ ގައުމީ ޓީމު ކުޅުންތެރިން އެކުވެ، ރަނގަޅު ނަތީޖާއެއް ނެރެން ކުރި މަސައްކަތުގައި ސަޕޯޓަރުން ދިން ސަޕޯޓް ފާހަގަކުރާ ކަމަށާއި ފުޓްބޯޅައިގައި މޮޅުނުވާ ދުވަސް ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އެންމެ އުނދަގޫ އެއް ކަމަކީ ތަށި ދިފާއުކުރުން. އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފަރާތުން އެ ފެނުނު ކުޅުމާއި ކުރި މަސައްކަތަކީ ހަގީގަތަކީ ޗެމްޕިއަނުންގެ ފަރާތުން ފެންނަ ވަރަށް ވުރެ ކުޑަ ކަމެއް ނޫން. އެ ހިތްވަރާއި މަސައްކަތް ފާހަގަކުރަން،" ބައްސާމް ވިދާޅުވި އެވެ.

"ސަޕޯޓަރުންނަށް މި އަށް ވުރެ ބޮޑު ކާމިޔާބީއެއް ހައްގު. އިންޝާﷲ އެނބުރި އަންނާނީ ވަރުގަދަކޮށް،"

ސަޕޯޓަރުންގެ ގްރޫޕަކުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އުރާލައިގެން.-- ފޮޓޯ: ހޭވައްލާ ބޮޑުބެރު ގްރޫޕް


މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެންދިޔަ އެންމެ ހިތްހަމަ ޖެހޭ އެއް މަންޒަރުތަކަކީ ޒުވާން ގިނަ ކުދިންތަކެއް ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި އިސްނަގައިގެން އުޅުމެވެ. ގިނަ ޒުވާނުންތަކެއް ވަނީ މެޗުތައް ބަލަން ދަނޑަށް ވަދެ ގައުމީ ޓީމުގެ ފަހަތުގައި ތިބެ ޓީމަށް ހިތްވަރު ދިނުމުގައި ސާބިތުކަން ދައްކައިފަ އެވެ.

ބައްސާމް ވިދާޅުވީ މިކަމުން ވެސް އެނގެން އޮތީ ރާއްޖޭގައި ފުޓްބޯޅަ އަށް އޮތް މަގުބޫލުކަން ކަަމަށާއި ޒުވާން ސަޕޯޓަރުންގެ މި ރޫހާ އެކު މުސްތަގުބަލުގައި ރާއްޖެ އަށް ފުޓްބޯޅައިގައި އިތުރު ކަންކަން ހާސިލްކުރެވޭނެ ކަމަށެވެ.

"ޔަގީނުން ވެސް މިއީ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް. ގައުމީ ޓީމު ވެސް ވަރަށް ބޮޑަށް މޯޓިވޭޓްވާނެ ޒުވާނުން ފުޓްބޯޅައައިގެން ކުރިއަށް ދިއުމަށް އުޅޭނަމަ. ބޮޑެތި އުއްމީދުތަކާ އެކު ފުޓްބޯޅައިގެ މުސްތަގުބަލު އޮތީ އުޖާލާކޮށް،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމު ދެން ވާދަކުރާނީ އަންނަ މަހު 8-17 އަށް ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ ފޯ ނޭޝަންސް މުބާރާތުގަ އެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން އޮތީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.