about 1 hour 0
ލީވާން އަލީ ނާސިރު
ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިންޑިގޯ އެއާލައިންސްގެ ކިއޮސްކްގެ ބޭރުގައި ފަސިންޖަރުން މާޔޫސްވެފައި. -- ފޮޓޯ: އޭއެފްޕީ
about 1 hour 0
އިންޑިއާގެ އެންމެ ބޮޑު އަދި ދިވެހިންގެ މެދުގައި ވެސް މަގުބޫލު އެއާލައިން، އިންޑިގޯ އިން ކުއްލިއަކަށް އެތައް ހާސް ފްލައިޓެއް ކެންސަލް ކުރަން ޖެހުމުން އޭވިއޭޝަން ދާއިރާއަށް ބޮޑު ލޮޅުމެއް ވަނީ އަރައިފަ އެވެ. މިކަމުގެ ސަބަބުން ދަތުރުވެރިން ހާލުގައި ޖެހި، މީހުންގެ ޕްލޭންތައް ހަރާބުވެ، ދަތިތަކާއި ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.
އިންޑިގޯއިން ދުވާލަކު 2200 ފްލައިޓު އޮޕަރޭޓު ކުރާއިރު، މިދިޔަ ހުކުރު ދުވަހު އެކަނި ވެސް 1600 ފްލައިޓު ކެންސަލް ކުރި އެވެ. ހޮނިހިރު ދުވަހު 750 ފްލައިޓު، އަދި އާދީއްތަ ދުވަހު 600 ފްލައިޓު ކެންސަލް ކުރި އެވެ. ހޯމަ ދުވަހު 300 އަށް އަށް ވުރެ ގިނަ ފްލައިޓު ކެންސަލް ކުރި އެވެ.
ޑިސެމްބަރު 2 އިން ފެށިގެން އިންޑިގޯގެ ގާތްގަނޑަކަށް 4000 ފްލައިޓް ކެންސަލް ކުރަން ޖެހި، ދިއްލީ، މުމްބާއީ އަދި ބެންގަލޫރު ފަދަ ބޮޑެތި ސިޓީތަކުގެ އެއާޕޯޓްތަކުގައި އެތައް ހާސް ދަތުރުވެރިން ތާށިވެ، ގޮތް ހުސްވެ، ހަމައިން ނެއްޓޭ ހިސާބަށް ދިޔަ އެވެ.
މި ހާލަތަށް ދިޔައީ އިންޑިގޯގެ އިހުމާލުންނެވެ. މައިގަނޑު ސަބަބު ގުޅިފައި އޮތީ އިންޑިއާ ސަރުކާރުން ހެދި އާ ގަވާއިދުގެ ދަށުން ޕައިލެޓުންނަށް ހަފުތާއަކު ލިބޭ ޗުއްޓީގެ ވަގުތު، 36 ގަޑިއިރުން 48 ގަޑިއިރަށް ބަދަލު ކުރުމާ އެވެ. އަދި ރޭގަނޑު އުދުހެވޭނެ ވަގުތު ވެސް ވަނީ މަދުކޮށްފަ އެވެ. އެހެންވެ، ޕައިލެޓުންގެ ދަތިކަން ކުރިމަތިވި އެވެ.
މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އާ ގަވާއިދަށް އަމަލުކުރަން ކަނޑައަޅާފައި އޮތްކަން، މީގެ ދެ އަހަރު ކުރިން ވެސް އެނގެ އެވެ. ނަމަވެސް އިންޑިގޯއިން ތައްޔާރު ނުވެ ތިއްބައި، ގަވާއިދު ތަންފީޒު ކުރަން ފެށުމާއެކު، ބޭނުންވާ މިންވަރަށް ޕައިލެޓުންނެއް ނެތެވެ.
އެހެންވެ، މިއީ އަމިއްލަ ފެއިލިއާއެއްކަން ގަބޫލުކޮށް އިންޑިގޯއިން ވަނީ މައާފަށް އެދިފަ އެވެ.
އެ އެއާލައިންގެ ސީއީއޯ ޕިޓާ އެލްބަރސް ނެރުނު ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ އޮޕަރޭޝަން އާންމު ހާލަތަށް އައުމަށް "ވަގުތުކޮޅެއް ނަގާނެ" ކަމަށެވެ.
"އަޅުގަނޑުމެންގެ އޮޕަރޭޝަންތަކުގެ ސައިޒާއި ސްކޭލް އަދި ކޮމްޕްލެކްސިޓީއަށް ބަލާއިރު، ޑިސެމްބަރު 10 އާއި 15 އާ ދެމެދު ކަމަށް އަޅުގަނޑުމެން ލަފާކުރެވެނީ އާންމު ހާލަތަށް އަންނަނީ،" އޭނާ ވިދާޅުވި އެވެ.
އިންޑިގޯގެ ކާރިސާ ހަމައަކަށް އެޅުވުމަށްޓަކައި އިންޑިއާގެ ސިވިލް އޭވިއޭޝަނުން އެ އެއާލައިންނަށް ވަގުތީ ލުއިތަކެއް ވަނީ ދީފަ އެވެ. އެ އެއާލައިންނުން އާ ގަވާއިދަށް އަމަލުކުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ވަނީ ފަސްކޮށްދީފަ އެވެ.
އިންޑިގޯގެ ފްލައިޓް ކެންސަލް ކުރުމުން ޑިސެމްބަރު 5، 2025 ގައި ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކައުންޓަރެއް ކައިރީގައި ތާށިވެފައި ތިބި މީހުން ފޮށިތައް ހޯސަނީ -- ފޮޓޯ: ޕީޓީއައި
ދަތުރުތަކަށް ބުރޫއެރި މީހުންނަށް އިންޑިގޯއިން ދަނީ ފައިސާ އަނބުރާ ފޮނުވަމުންނެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއްޔެ އެ ގައުމުގެ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި މިލިއަނެއްހާ ޓިކެޓު ރިފަންޑުކޮށްފައިވާ ކަމަށެވެ.
މިލޮޅުމުގެ އަސަރު ދިވެހިރާއްޖެ އަށް ވެސް ކުރުން އެކަށީގެންވެ އެވެ. އިންޑިގޯގެ ދަތުރުތައް ރާއްޖެ އާއި ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، އަދި މުމްބާއީ އަށް ކުރެ އެވެ.
ބައެއް ފްލައިޓުތަކަކީ ކަނެކްޓިން ފްލައިޓެވެ. އިންޑިއާގެ ބައެއް ފަތުރުވެރިންގެ ދަތުރުތައް ރާވާފައިވާ ރޫޓުގެ ގޮތުން، ލޮޅުމުގެ އަސަރު ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް ކޮށްފައިވުން އެކަށީގެންވެ އެވެ.
Comment