8 މޭ 2025 - 09:02 4
ހަސަން މުހައްމަދު
8 މޭ 2025 - 09:02 4
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ރައްޔިތުންގެ ނޯކަރެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. އެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުން ހިދުމަތް ކުރުމެއް ނޯވެ އެވެ.
ރައްޔިތުންނަށް ހިދުމަތް ކުރަން ވަޑައިގަންނަވާ ބޭފުޅަކު ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުންނެވެ. އޮޅުވާލުމާއި މަކަރު ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ އެންމެ ނުބައިކަން ބޮޑު އެއް އަމަލެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަށް ވަޑައިގަތުމުގެ ކުރިން އެ މީހަކު ކުރައްވާ ހުވާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރައްވާނީ "ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު" ކަމަށެވެ. އެހެންކަމުން އެ މަގާމުގައި ހުންނަވައި ދޮގު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ވެސް ހިލާފު ކަމެކެވެ.
އެކަމަކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި 12 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދޮގުތަކެއް ހައްދަވައި، އެތައް ކަމެއްގައި އޮޅުވާލައްވައިފަ އެވެ.
އެ ދުވަހު، ނޫސްވެރިން އަދި ގައުމަށް ފެނިގެންދިޔައީ ދޮގުހެދުމަށާއި އޮޅުވާލުމަށް ޖެހިލުންކުޑަ ރައީސްއެކެވެ. އާންމުންނަށް ފެނުނީ ނިހާޔަތަށް ބިރުވެރި ރައީސްއެކެވެ. މި ލިޔުމުގައި މި ގެނެސްދެނީ ރައީސް ހެއްދެވި ކަމަށް ފާހަގަ ކުރެވުނު ބައެއް ދޮގުތަކާއި އޮޅުވާލެއްވި ކަމަށް ޔަގީންވާ ބައެއް ކަންކަމެވެ.
ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާ އެންމެ ގިނައިން އަމާޒުވި އެއް ސުވާލަކީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދި ނޫސްވެރިން ކުރި ސުވާލުތަކެވެ.
އެއިން ކޮންމެ ސުވާލެއްގެ ޖަވާބުގައި ވެސް އެމަނިކުފާނު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ތި މަޢުލޫމާތު ލިބުނާ ވާހަކަ ހިއްސާކޮށްދޭނަން އިނގޭތޯ،" އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
އެކަމަކު އެހެން ވިދާޅުވުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު "ފާޑަކަށް ހާމަ ކުރައްވައިފަ" އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށެވެ. އޭގެ ތެރެއިން ސިޔާސީ މީހުންގެ އަދަދަކީ ތިން ޕަސެންޓު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެ ހިސާބަށް ބަލާ ނަމަ މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1470 މީހުންނެވެ. އެކަމަކު، ރައީސް ވާހަކަ ދެއްކެވި މޭރުމުން އެއީ ސީދާ އަދަދު ކަމެއް ސާފެއް ނުވެ އެވެ.
ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. އެ މުވައްޒަފުން އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ރައީސް މުއިއްޒު ހެއްދެވި ދޮގެކެވެ.
ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް އަމާޒުވި ސުވާލުތަކުގެ ތެރެއިން އަނެއް ސުވާލަކީ، އެމަނިކުފާނު ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައިވާ، ކަންކަން ހާމަ ކުރެއްވުމާ ގުޅޭ ސުވާލެކެވެ.
ނޫސްވެރިއަކު ސުވާލު ކުރީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން އޭނާގެ އޮފީހުން ހުށަހެޅުމުން، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރަން ދެކޮޅު ހަދައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓަށް ވަޑައިގެންނެވީ ކީއްވެތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓަށް ދިޔަކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ ތި ކޭސް ތިގޮތަށް. ތި ސްޓޭޓަސްގައި އޮތް ކަމެއް. އަޅުގަނޑު ބަލައިލާނަން، މި މައުލޫމާތު ހިއްސާނުކޮށް، ކޯޓަށް ނުދީ އޮވެގެންނުވާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް ބޭފުޅަކީ ރައީސް މުއިއްޒެވެ. އެ އޮފީހުގެ ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެމަނިކުފާނަށް އެނގިވަޑައިނުގެން އެ އޮފީހުން އެފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ އެވެ.
ރައީސް މުއިއްޒަށް އެނގިވަޑައިނުގެން، ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކައަކީ ދޮގެކެވެ. އެ މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ އެވެ.
ކުރީ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް ހުރި ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އިންޑިއާއާއެކު ހަދާފައިވާ އެގްރިމެންޓުތަކާ ގުޅޭ މުހިންމު ސުވާލުތަކެއް ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނަށް އަމާޒުވި އެވެ.
އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅުން ހުރި، ކަންބޮޑުވާންޖެހޭ ކަމެއް މިހާރު އެ އެގްރިމެންޓުތަކުގައި ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެގްރިމެންޓުގައި ހުރި ކަންބޮޑުވާންޖެހޭ ކަންކަން މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.
"މިހާރަކު ނެތޭ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އިސްލާހު ގެނެވިފަ އޮތް އެއްބަސްވުން ވިޔަސް ހާމަކުރުމުގަ މި ކޮންފިޑެންޝިއަލިޓީ ކްލޯސް އިންނާތީ ބައިލެޓްރަލް ޑިސްކަޝަންސްތަކެއް އެބަ ކުރިއަށް ދެޔޭ. އެކަންކަން ހިއްސާކުރުމުގަ،" ރައީސް ވިދާޅުވި އެވެ.
އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް އިސްލާހު ކުރި ކަމަށް ރައީސް ވިދާޅުވި ވާހަކައާމެދު ސުވާލު އުފެދޭ ސަބަބަކީ، އެ އެއްބަސްވުންތައް އިސްލާހު ކުރުމުގެ މަސައްކަތް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވުމުންނެވެ.
"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވި އެވެ.
ރައީސްގެ ވާހަކައާމެދު ސުވާލު އުފެދޭ އަނެއް ސަބަބަކީ ބައިލެޓްރަލް އެއްބަސްވުންތަކަކަށް ބަދަލު ގެނައުން ފަދަ ބޮޑު ކަމެއް ކުރުމަށްފަހު އިންޑިއާ އަދި ރާއްޖެއިން ވެސް އެކަން މީގެ ކުރިން އިއުލާނުކޮށްފައެއްނުވުމެވެ. ރައީސްގެ އެހާ ބޮޑު ވައުދެއް ފުއްދުމަށްފަހު ރައްޔިތުންނަށް އެކަން ހާމަ ނުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެންމެ ގިނައިން ކުރިމަތިވި އަނެއް ސުވާލަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ކުރާ މަސައްކަތުގައި ރައީސް މުއިއްޒުގެ ބައިވެރިވުން އޮތް ވާހަކަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރުމުގެ މަސައްކަތް ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ އެ ކޯޓުން ވަކި ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މިހާތަނަށް އައި އިރު ވަރަށް ބައިވަރު މަސައްކަތްތަކެއްކޮށްފި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ފާސް ކުރުމެވެ. އެ ބިލަކީ ގައިރު ގާނޫނީ ބިލެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވަން ދެކޮޅު ހަދައިފަ އެވެ.
އެ ބިލު މަޖިލީހުގައި އޮތް އިރު، އެ ބިލަށް ތާއީދު ހޯދުމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބައްދަލުވުމެއް ބާއްވައި، ރައީސް މުއިއްޒު އެދިވަޑައިގެންފި ނަމަ އެ ބިލަށް ތާއީދު ކުރަން ވޯޓު ދޭނަންތޯ އެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މެންބަރުން ކައިރީ އައްސަވައިފަ އެވެ.
ޕީއެންސީގެ މެންބަރު އަހުމަދު އަޒާން އެ ބިލަށް ވޯޓު ނުދެއްވުމުން އެކަމާ ކޯފާ އިސް ކުރައްވައި ރައީސް މުއިއްޒު ވަނީ މެންބަރުން ތިއްބަވާ ވަސްޓްއެޕް ގްރޫޕަކަށް މެސެޖު ވެސް ކުރައްވައިފަ އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެ މެސެޖުގައި ރައީސް ވިދާޅުވި އެވެ.
އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު އަމާޒުވުމުން ރައީސް ވިދާޅުވީ، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަޅުގަނޑަށް އެނގިގެން ހިނގި ކަމެއް ނޫން [ބިލު ހުށަހެޅުމަކީ]. ދެން ހަމަ ތި ތަރުތީބުން ތި ކަންކަން ހިނގާފައި އޮވެދާނެ. އާދެ! ބިލު ވެސް ހުށަހެޅި، އާދެ އަޅުގަނޑަށް ފެނުނީ މީޑިއާއިން،" ރައީސް ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކި ކުރަން ކުރި އަނެއް ބޮޑު މަސައްކަތަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން "ފޭކު ތަހުގީގެއް" ހިންގުމެވެ. އެ ތަހުގީގު ހިންގަން އެކުލަވައިލި ކޮމިޓީގެ ކޮންޓްރޯލް އޮތީ ރައީސް މުއިއްޒުގެ އަތްމަތީގަ އެވެ. އެ ކޮމިޓީގައި އެންމެ ހިމެނެނީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވާ ބަންޑާރަނައިބާއި ރައީސްގެ މެންބަރާއި ރައީސް އައްޔަން ކުރައްވާ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން ގާނޫނީ ވަކީލުން އިންތިހާބު ކުރި މެންބަރެވެ.
އެ ކޮމިޓީއިން ބަންޑާރަނައިބު ފަހުން ވަކިވި ނަމަވެސް ތަހުގީގު ރިޕޯޓަށް ބަލާއިރު، ތަހުގީގު ހިންގުމުގައި ބަންޑާރަނައިބު އިސް ރޯލެއް އަދާ ކުރެއްވިކަން ހާމަވެ އެވެ.
އެކަމަކު ރައީސް ވިދާޅުވީ ޖުޑިޝަރީއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ.
"އަޅުގަނޑު ޖުޑިޝަރީއަށް ނުފޫޒު ފޯރުވެއޭ، އެކަމެއް ތެދަކާ ވާކަށް ނުޖެހޭނެ. އަޅުގަނޑު ނުފޯރުވަމޭ ޖުޑިޝަރީއަކަށް އެ ނުފޫޒެއް. ދުވަހަކު ވެސް އިނގޭތޯ. ދުވަހަކު ވެސް ނުފޯރުވާނެ. ނުވެސް ފޯރުވާނެ. އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އައްޔަންކޮށްފައި ތިބި ބޭފުޅުންތަކެއް ތަނެއްގައި ތިބުމަކީ، އަޅުގަނޑު އެ ބޭފުޅުން ލައްވާ ކަމެއް ކުރުވާނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި އަނެއް ވާހަކައަކީ، ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށިކަން އެމަނިކުފާނަށް އެނގިވަޑައިނުގަތުމެވެ. އެ ވާހަކަ އެންމެ ފުރަތަމައިނުން ވެސް އެނގިވަޑައިގަތީ ނޫސްތަކުގައި އެ ވާހަކަ ޖެހުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ އަމިއްލަ ޖަޖްމަންޓަކަށް ވެދާނެ، ތި ވިދާޅުވި ގޮތަށް އަޅުގަނޑު ހުރިހާ ތަނެއް، ކޮންޓްރޯލް ކުރަނީއޭ. އަޅުގަނޑަކަށް މިއަދާ ހަމައަށް އައިއިރު، ހަމަ ޔަގީނުން ވެސް އެއްވެސް ތާކުން މައުލޫމާތެއް ވެސް ނުދޭ. އަދި އަޅުގަނޑު ހޯދައިފިސްނުވާނެ، ކޯޓުތަކުގައި ހިނގާ ކަންކަމެއް. ނޫސްތަކުން ހަމަ އެހެން މީހުންނަށް ވެސް ފެންނަގޮތަށް އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
އެކަމަކު، ސަބަބުވެރި ވިސްނުމަކުން ބަލާއިރު، ޖޭއެސްސީގައި އޮތީ ރައީސް ކޮންޓްރޯލް ކަމާއި ރައީސްގެ ނުފޫޒުކަން އެންމެނަށް ވެސް އެނގެ އެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކަން ރައީސްއަށް އެނގިވަޑައިނުގަންނަ ކަމަށް ވިދާޅުވާ ވިދާޅުވުމާއި ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލެއް ނުކުރެވެ އެވެ.
ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ގައުމުގެ އިސްތިގްލާލު ރައްކާތެރިކޮށްދިނުމެވެ. އެކަމަކު، އެ ވައުދާ ހިލާފަށް، ރާއްޖޭގެ ކަނޑުގައި ޗައިނާއަށް ޖާސޫސް ކުރެވޭނެ ގޮތަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޖާސޫސް ކުރުމުގެ މަގު ފަހިވާ ގޮތަށް ރާއްޖެއިން އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިޔާ އިޝާރާތް ކުރާ އެގްރިމެންޓަކީ ރަސްފަރި ފަރުގައި މުރަކަ އާލާ ކުރުމަށް ޗައިނާއާއެކު ހެދި އެއްބަސްވުމެއް ކަމަށެވެ.
"17 ފެބްރުއަރީ 2025 ގައި ސޮއިކޮށްފައި އޮންނަ އެއްބަސްވުމެއް މި އޮންނަނީ. މީގެ ދަށުން ރަސްފަރީ ފަރުގައި މުރަކަ އާލާކޮށް ދިރުވުމާ ގުޅޭ ދިރާސާތަކެއް ކުރުމަށް ދިރާސާ ކުރެވެނީ އީޕީއޭއިން ހުއްދަދޭ ތަނެއްގައި،" ރައީސް ވިދާޅުވި އެވެ.
"ދެން އޭގެތެރެއިން މި އޮންނަނީ، އެ މުރަކަ އާލާކުރުމާ ބެހޭގޮތުން ކުރާ ދިރާސާތައް ކުރުން. އެކަމާ ގުޅޭ ރިސަރޗްތައް ކުރުމުގެ ވާހަކަ. ދެން އެކަމަށް ބޭނުންވާ އިކްއިޕްމަންޓްސްތައް ފޯރުކޮށްދިނުމާއި، މިކަހަލަ ވާހަކަތަކެއް މީގައި އޮންނަނީ."
ރައީސް އެހެން ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. އެ އެއްބަސްވުން އަދަދު އަށް ވެސް ވަނީ ފެނިފަ އެވެ. ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވެ އެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ކަންކަން ކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ ޑިވައިސްތައް ހަރު ކުރަނީ ކަނޑު އަޑީގައި އަދި ކަނޑުގެ މަތީ ފަށަލައިގަ އެވެ.
އެކަންކަމުގެ ތެރެއިން އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ. އެއްބަސްވުމުގެ ދަށުން، ދިރޭތަކެތީގެ އަޑާއި ދިރުމެއް ނެތް އަޑު ބަލައި މޮނީޓާކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެ އެވެ. އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.
ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ހޯދާ މައުލޫމާތު ޗައިނާއާ ހިއްސާ ކުރަން އެ އެގްރިމެންޓުގެ ދަށުން މަޖުބޫރުވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް ހިންގަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ނޫން ކަމަށެވެ.
"ނޯ. ޕީއެންސީ އެކަނި އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް، 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ވަނީ ރައީސް މުއިއްޒާއެކު ކޯލިޝަން އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. އެމްޑީއޭގެ އިސް ބޭފުޅުން އެކަން މި ނޫހަށް ކަށަވަރުކޮށްދެ އެވެ.
އެ އެގްރިމެންޓުގެ ދަށުން އެމްޑީއޭގެ މެންބަރުން ވަނީ، ކުރިން އެއްބަސްވެފައިވާ އަދަދުތަކަކަށް ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކަށް ވެސް އައްޔަންކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ އަމާޒުވި މުހިންމު އެއް ސުވާލަކީ ސިޔާސީ ކަންކަމަށް އެމަނިކުފާނަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން ފައިސާ ލިބިވަޑައިގަންނަވާތޯ ނޫސްވެރިއަކު ކުރި ސުވާލެވެ.
އެ ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެއްވެސް މީހެއްގެ އަތުން ސިޔާސީ ކަމަކަށް ހަރަދުކުރައްވާނެ ފައިސާ ލިބިފައިނުވާ ކަމަށެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް ސީދާ ރައީސްގެ ފަރާތުން ސިޔާސީ ކަންކަމަށް ފައިސާ ހަރަދު ކުރާކަން ވަނީ ހާމަވެފަ އެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ރައީސް މުއިއްޒުގެ ފަރާތުން ދަނީ ފައިސާ ދެމުންނެވެ. ކޮންމެ މެންބަރަކަށް މަހަކު ބައިލައްކަ ރުފިޔާ ރައީސް ދެއްވަ އެވެ.
ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ފައިސާ ދެއްވަން ބޭނުންވެވަޑައިގެން އެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ މެންބަރުންނާއެކު މެއި 22، 2024، ގައި މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެގޮތަށް ފައިސާ ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް މެންބަރުން ފާހަގަ ކުރުމުން ވެސް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ފައިސާ ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން ރައީސް މުއިއްޒަށް ފައިސާ ލިބިގެން ނޫނީ މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ނުދެވޭނެ އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ވެރިކަމަށް ވަޑައިގެން ފަހުން ވެސް ރައީސް މުއިއްޒު އެންމެ ބޮޑަށް ދައްކަވާ އެއް ވާހަކައަކީ ފައިސާ ޗާޕުނުކުރާނެ ވާހަކަ އެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ ފައިސާ ޗާޕު ކުރުމުން ދިވެހި އިގްތިސާދު ހަލާކުވެގެންދާނެ ކަމަށެވެ. ގައުމު ތަރައްގީކޮށް، ދައްކަންޖެހޭ ލޯނުތައް ވެސް ދައްކާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހަމަ އެ ވާހަކަ އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
"ދެން އަޅުގަނޑު ތި ތަފުސީލު ބަލަންޖެހެނީ މި ދެންނެވި ވާހަކައަކީ މިއަދާ ހަމައަށް ވެސް އަދި ކުރިއަށް އޮތް ތާނގައި ވެސް ސަރުކާރުގެ މި ދައުރު ތެރެޔަކު ފައިސާ ޗާޕެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް ފައިސާ ޗާޕު ކުރަން މަގުފަހިވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަނީ ނިންމުމެއް ނިންމައިފަ އެވެ. އެ ނިންމުން އެމްއެމްއޭއިން ނިންމީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ފައިސާ ޗާޕު ކުރެވޭނެ މަގު ފަހިކޮށް ނިންމުމެއް ނިންމިކަން އެތަނުގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ ޔަގީންކޮށްދީފަ އެވެ.
ފައިސާ ޗާޕު ކުރަން އުޅެނީ ނިވައިފަތްގަނޑެއްގެ ގޮތުގައި ހުޅުމާލެއިން ބިން ގަނެގެންނެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭއިން މަސައްކަތް ކުރަނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ ޗާޕު ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވައުދުވެޑައިގެންފައި ވަނީ، އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް އަލުން ދިނުމަށެވެ.
ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު، ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާފައިވާ ކަމަށެވެ.
"[އެއްވުންތައް] ނުހުއްޓުވައެއް ނޫންތޯ؟ ހަމަ މަޖީދީ މަގުގައި ވެސް ސުލްހަވެރިކަމާއެކީގައި އެބަ އެއްވެވޭ. އަޅުގަނޑުމެން ރޫޅައެއް ނުލަން. ކުރީ ރޭ މުޅިން އެހެން ގޮތަކަށް ކަންތައްތައް ދިޔައީ ދެއްތޯ؟ ހަމަ މިރޭ ވެސް ހަމަ ރީތިކޮށް ހިނގާލާފަ ދެވޭނެ، ކޮންމެ ދުވަހަކު ވެސް ހަވީރު ވެސް، މެންދުރު ވެސް ހިނގަންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ދުވަހު ވެސް މާލެއަށް އެއްވުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ހުއްޓުވީ އެވެ. އޭގެ ކުރިން ދުވަހު ފުލުހުން ނެރުނު އިއުލާނެއްގައި އިންޒާރު ދީފައި އޮތީ، ސަރުކާރުން ހުއްދަ ދީފައިވާ ތަނެއްގައި މެނުވީ އެއްނުވެވޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައިވާ، ކުރިން އެންގުމަކާ ނުލައި އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުން ހަނި ކުރުމަށްފަހު ގާނޫނުގައި ބުނެފައި ވަނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި ވެރި ރަށް މާލޭގައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަނަކަށް އެކަނި ކަމަށެވެ. އެއްވެވޭނެ ތަނެއްގެ ގޮތުގައި ހޯމް މިނިސްޓްރީއިން ކަނޑައެޅީ ކާނިވާ ސަރަހައްދެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ އެއްވެ އުޅުމުގެ ހައްގު ދިނުމުގައި ގާނޫނުއަސާސީއިން ކަނޑައަޅާފައިވާ ގޮތަށް ރުޖޫއުވުމަށެވެ. އެ މިންވަރަށް ރާއްޖޭގައި އެއްނުވެވޭ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ބަހުސެއް ނެތެވެ.
ކުރީ ސަރުކާރުގެ ގޯސް ވާހަކަ އާއި މުޒާހަރާ ކުރި މީހުންގެ މައްޗަށް ކުރީ ސަރުކާރުން ދައުވާތަކެއް ކުރި ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވުމަށްފަހު ރައީސް ވިދާޅުވީ، ރާއްޖޭގައި މުޒާހަރާއެއްކޮށްގެން އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ދައުވާއެއް ކޮށްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަން އައި ފަހުން 73 މުޒާހަރާކުރި އެނގޭތޯ. 73 މުޒާހަރާކުރިއިރުގައި 12 މީހުން އެއްވެސް ކަމެއްގައި ވެސް ނަގާފައިވަނީ. އެކަމަކު އެ ދެން މައުލޫމާތު ނަގާފައި ނޫނިއްޔާ އެ ދޫވެސްކޮށްލާ. އެކަކު ވެސް ނެތް ގައިމުވެސް ދައުވާއެއްކޮށް، ނޫނިއްޔާ ބަންދުކޮށް ޖަލަށް ލާފައެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް އެ ވިދާޅުވި ވާހަކައިގެ ތެރެއިން، މުޒާހަރާކޮށްގެން ބަންދު ނުކުރާ ވާހަކަ އާއި މުޒާހަރާކޮށްގެން ދައުވާ ނުކުރާ ވާހަކައަކީ ވެސް ދޮގެވެ. ފަލަސްތީނުގައި ނަސްލުހޭދު ކުރުމަށް ހިންގަމުން އަންނަ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރި ދެ މީހަކު މި ސަރުކާރުން ހައްޔަރުކޮށް ޖަލަށްލި އެވެ. އެއީ ޝަޒްރާ އިބްރާހިމް އާއި އައިޝަތު ޝާދިޔާ އެވެ.
ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ޖަލު ބަންދުގައި ބައިތިއްބަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ދެ މީހުން ދޫކޮށްލަން އަމުރު ކުރީ މަތީ ކޯޓުންނެވެ. އޭގެ ފަހުން ޝަޒްރާ އާއި ޝާދިޔާއަށް ވަނީ ޖިނާއީ ދައުވާތަކެއް އުފުލައިފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާ އާދަޔާ ހިލާފު އަދަދަކަށް އާރަށް ބޭނުން ކުރައްވާ ކަމަށް އޮތީ އަޑު ފެތުރިފަ އެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާ އާ ރަށަށް ވަޑައިގަންނަވާ އަދަދާއި އެކަމަށް ދާ ހަރަދު ހޯދަން ބައެއް ނޫސްތަކާއި އަމިއްލަ ފަރާތްތަކުން އެ މައުލޫމާތު ދޭން ޑިފެންސް މިނިސްޓްރީ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެ މައުމޫލާތު ދޭން ދެކޮޅު ހެދުމުގެ އިތުރުން، މައުލޫމާތު ހޯދަން އެދުނު މީހުންގެ މައްޗަށް ބޮޑު ތަހުގީގެއް ފެށި ކަމަށް ސިފައިން ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އަދަދު ވެސް ހިމެނެ އެވެ.
އެކަމަކު އާ ރަށަށް ރައީސް މުއިއްޒު ވަޑައިގަންނަވާ އަދަދުގެ ބައެއް މައުލޫމާތުތައް އެމަނިކުފާނު ވަނީ ހާމަ ކުރައްވައިފަ އެވެ.
"އަޅުގަނޑު އެމްއެންޑީއެފް އިން މައުލޫމާތު ނަގައިގެން ބަލައިލިއިރުގައި، ޖުމްލަ މިއަދާ ހަމައަށް އަޅުގަނޑަށް ދެވިފަ ވަނީ 116 ފަހަރު. ދެން މީގެތެރެއިން 85 ފަހަރު ގޮސްފަ ވަނީ ހަމައެކަނި ފުޓްބޯޅަ ކުޅެން،" ރައީސް ވިދާޅުވި އެވެ.
އެކަމަކު، ނޫސްވެރިން ބޭނުންވީ އާ ރަށް ބޭނުން ކުރާ އަދަދުގެ މައުލޫމާތެވެ. ނޫސްވެރިން ބޭނުންވީ ހަމައެކަނި ރައީސް މުއިއްޒު އާ ރަށް ބޭނުން ކުރައްވާ ގޮތުގެ މައުލޫމާތެއް ނޫނެވެ. ރައީސް މުއިއްޒުއާ ނުލައި އެމަނިކުފާނުގެ އާއިލާ އާ ރަށަށް ވަޑައިގެންނެވި އަދަދުތައް ވެސް ހާމަވާންޖެހެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގައިދޭ މަތިން ބަދަލެއްގެ ގޮތުގައި ތަނެއް ދޭ ގޮތަށް ހަދާފައި ހުރި އެގްރިމެންޓުތައް ބާތިލުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
"އެ މީހުން ބޭރު ކުންފުންޏަކުން ހުޅުމާލެ އާއި އަދި ތިލަފުށްޓާއި ތަންތަން ހިއްކައިދިނީމާ އޭގެ ބަދަލެއްގެ ގޮތުގައި ދޭން ނިންމާފައި އޮތް 12 ވަރަކަށް ހެކްޓަރު މިއީ. އަޅުގަނޑު މިއަދު ހެނދުނުގެ ފެށިއިރުގައި ދެންނެވިން، މި ސަރުކާރުން މިހާރު ވާނީ، މިގޮތަށް ހުރި ހުރިހާ އެގްރީމަންޓެއް ބާތިލުކޮށްފައޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ވެސް އެގޮތަށް ހެދި އެގްރިމެންޓުތައް އަދިވެސް ބާތިލެއް ނުކުރެ އެވެ.
ރައީސްގެ ވާހަކައިގައި އިޝާރާތްކުރެއްވި ބޭރުގެ ކުންފުންޏަކީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އެވެ. މި ކުންފުންޏަށް ބިން ލިބޭ ގޮތަށް ހިއްކަން ހަވާލުކުރި ތަންތަނަކީ ތިލަފުއްޓާއި ދިޔަނަރު ފަޅާއި ހުޅުމާލެ ފޭސް 3 އެވެ.
ހިއްކާ ތަންތަނުގެ ތެރެއިން އެ ކުންފުންޏަށް ބިން ލިބެނީ ތިލަފުއްޓާއި ހުޅުމާލެ ފޭސް 3 އިންނެވެ. އެއީ 99 އަހަރުގެ މުއްދަތަކަށް އެ ތަނުން ބިން ކުއްޔަށް ދީގެން ނުވަތަ އެތަނުގައި އިމާރާތްތައް ތަރައްގީކޮށްގެން އެ ކުންފުންޏަށް އާމްދަނީ ލިބޭ ގޮތަށް ހަދާފައި އޮތް އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ އޮގަސްޓު 20، 2023 ގަ އެވެ.
މިހާތަނަށް ބާތިލުކުރި ހަމައެކަނި އެއްބަސްވުމަކީ މި ސަރުކާރުން ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކަން އެ ކުންފުންޏާ އެކީ ހެދި އެއްބަސްވުމެވެ. އެ އެއްބަސްވުން ބާތިލުކުރީ އެހާތަނަށް ހިއްކައި ނިމުނު ރަސްމާލޭގެ "ސައިޓް ޖޭ" ހިއްކަން ހަަރަދުވި 21 މިލިއަން ޑޮލަރު ސަރުކާރުން ދައްކާ ގޮތަށެވެ.
~~
ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނަށް އަމާޒުވި ގިނަ މުހިންމު ސުވާލުތަކަށް އެމަނިކުފާނު ޖަވާބެއް ނުދެއްވަ އެވެ. މުހިންމު ސުވާލުތަކަށް ވިދާޅުވަނީ ޖަވާބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖަވާބު ދެއްވި ސުވާލުތަކުގައި އޮޅުވާލުމާއި ދޮގު އެހާ ގިނަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވި އެންމެ ބޮޑު ކަމަކީ ދޮގު ހެދުމާއި އޮޅުވާލުމަށް އެމަނިކުފާނު ޖެހިލުންނުވާ ކަމެވެ. މުސްލިމު ގައުމެއްގެ ވެރިއެއްގައި ހުންނަން އެއީ ބިރުވެރި ސިފައެކެވެ.
Comment