Advertisement

ސަރުކާރުން ބޭނުންވަނީ އަބްދުއްރަހީމުގެ ފިޔަ ކޮށާލައި ކިޔަމަން ކުރުވަން

5 ފެބުރުވަރީ 2025 - 11:42 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އަބްދުއްރަހީމްގެ "ފިޔަތަކެއް ކޮށާލާފައިވާ" މަންޒަރު. ވެރިކަން ފެށުނުއިރު އެންމެ ބާރުގަދަ ބޭފުޅަކަށް ހުންނެވި އަބްދުއްރަހީމްގެ ބާރެއް މިއަދު ސަރުކާރުގައި ނެތް. އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


ސަރުކާރުން ބޭނުންވަނީ އަބްދުއްރަހީމުގެ ފިޔަ ކޮށާލައި ކިޔަމަން ކުރުވަން

5 ފެބުރުވަރީ 2025 - 11:42 3

ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު، ވެރިކަމުން ވެއްޓި، ޖަލުގެ ގޮޅިއެއްގެ ތެރޭގައި އޮތް އިރު، އެބޭފުޅެއްގެ ވަކީލުންނާ ކުރެއްވި ބައްދަލުވުމެއްގައި މި ދެކެވެނީ އެއިރު ވެރިއަކަށް ހުންނެވި ރައީސް ކަންތައް ކުރައްވާފާނެ ގޮތާމެދު އެވެ.

އެ ވާހަކައިގެ ތެރެއިން ޖަލުގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވި އެވެ؛

"ވެރިކަމުގަ ހުންނައިރު ދެން ތިބި މީހުން ފެންނާނީ މެހި، މަދިރި ހެން. މާ ބަލބޮޑުވަންޏާ ފޮޅާލާނީ."

ތަޖުރިބާއާއެކު ކުރީގެ ރައީސް އެ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުން ލިބޭ އާރާއި ބާރުގެ ތެރެއިން އިންސާނާ ބަަދަލުވާ ގޮތާއި ބޭނުންވާ ކަންކަން ހާސިލު ކުރުމުގައި އަމަލު ކުރާ ގޮތެވެ.

މ. ދިމްޔާތު، ޑރ. މުހައްމަދު މުއިއްޒަކީ މިހާރު ހައުސިން މިނިސްޓަރެއް ނޫނެވެ. އެމަނިކުފާނަކީ މިހާރު މާލޭގެ މޭޔަރެއް ވެސް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތެވެ. ގައުމީ ދިފާއީ ބާރު، ސިފައިންގެ އެންމެ މަތީ ވެރިޔާ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޭކާރު ގޮތުގައި ދުވަސްތަކެއް ހޭދަކޮށްލާކަށް ނޫނެވެ. ވެރިކަމަށް ވަޑައިގަތީ ހަމަ ރަނގަޅަށް ވެރިކަން ކޮށްލުމަށެވެ. އާރާއި ބާރު ހޯދައި، ދެމެހެއްޓުމަށެވެ. ވެރިކަމުގައި، ގައުމު ބައްޓަން ކުރައްވަން ބޭނުންވެވަޑައިގަންނަވާ ގޮތެއް ވެސް އެބަ އޮތެވެ. އެ މިސްރާބަށް ގައުމު ގެންދަން ވެސް ބޭނުންވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި "މެހިމަދިރި" ވެސް ކައިރީގައި އުޅޭނެ އެވެ. އުނދަގޫވަންޏާ ފޮޅައި ވެސް ލާނެ އެވެ. ސިޔާސީ މަސްރަހުގައި މިހާރު ދެކެވޭ ވާހަކަތަކަށް ބަލާއިރު ރައީސް މުއިއްޒަށް އުނދަގޫވެގެން އެންމެ ފަހުން ފޮޅައިލި "މެހިމަދިރި" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ. ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲ އެވެ.

އާ ސަރުކާރުގައި އަބްދުއްރަހީމުގެ ނުފޫޒާއި ބާރުގަދަވި

މީގެ އެއް އަހަރާއި ދެ މަސް ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒާއެކު އަބްދުއްރަހީމަށް ވެސް ބޮޑެތި ބާރުތަކެއް ލިބިވަޑައިގެންނެވި އެވެ.

އެ އަހަރު ރައީސް މުއިއްޒު ހިންގެވި މުރާލި ރިޔާސީ ކެމްޕެއިނުގެ ލީޑަރަކީ އަބްދުއްރަހީމެވެ. ރައީސް މުއިއްޒުގެ ދަތުރުތައް ރާވައި، ކެމްޕެއިނު ހަރަކާތްތައް ބޭއްވީ އަބްދުއްރަހީމު ޖެއްސެވި ހިސާބުގެ މައްޗަށް ބުރަވެގެންނެވެ.

ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އަބްދުއްރަހީމް އައްޔަން ކުރެއްވީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަންގެ މަގާމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ވެރިކަން، ރައީސް މުއިއްޒަށް އަމާންކަމާއެކު ބަދަލު ކުރުމުގެ ޒިންމާ ނެންގެވީ އަބްދުއްރަހީމެވެ.

އާ ސަރުކާރު ހިންގަން ބޭނުންވާ މުވައްޒަފުން ނެގުމުގައި އަބްދުއްރަހީމް އަދާ ކުރެއްވި ރޯލު ބޮޑެވެ. އެ މަސައްކަތުގައި އަބްދުއްރަހީމްގެ މަސްލަހަތު އޮންނަ ކިތަންމެ މީހަކު މަގާމުތަކަށް އައްޔަން ކުރި އެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި އަބްދުއްރަހީމުގެ ބާރުގަދަވި އެންމެ މުހިންމު އެއް ސަބަބަކީ އެއީ އެވެ.

ނޮވެމްބަރު 1، 2023، ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ ވަޒީރެއްގެ މަގާމަށެވެ. އަބްދުއްރަހީމް އައްޔަން ކުރެއްވީ އެހެން ހުރިހާ އެންމެނަށް ވުރެ މަތިން "އިސް ވަޒީރު" ގެ މަގާމަށެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުން ވެސް އަބްދުއްރަހީމް ޖާގައެއް ހޯއްދެވި އެވެ. ކެބިނެޓުގެ އެންމެ މުހިންމު އެއް މަގާމު ރައީސް މުއިއްޒު ދެއްވީ އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލްއަށެވެ. އޭނާއަށް ދެއްވީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމެވެ. އޭގެ އިތުރުން ވެސް، އަބްދުއްރަހީމުގެ މަސްލަހަތު ހިމެނޭ ބައެއް މީހުން ސަރުކާރުގެ އިސް މަގާމުތަކަށް ހަމަޖެއްސި އެވެ.

އިސް މަގާމުތަކަށް އައްޔަން ކުރި "އަރާއިރު" އާއިލާގެ މަސްލަހަތު އޮތް ބައެއް ބޭފުޅުން

  1. އިސް ވަޒީރުގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ
  2. ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް އިބްރާހިމް ފައިސަލް (އަބްދުއްރަހީމުގެ ދަރިކަލުން)
  3. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯގެ މަގާމަށް މުހައްމަދު ވަޖީހު އިބްރާހިމް (އަބްދުއްރަހީމްގެ ދަރިކަނބަލުންގެ ފިރިމީހާގެ ބައްޕަ)
  4. ޕްރެޒިޑެންޓްސް އޮފީސް ފޯ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމަށް އަހުމަދު ހިޝާމް ވަޖީހު (ވަޖީހުގެ ދަރިކަލުން)
  5. މިނިސްޓާ އޮފް ސިޓީސްގެ ޑެޕިއުޓީގެ މަގާމަށް ހަސަން އިރުފާން (ފައިސަލްގެ އަނބިކަނބަލުންގެ ބޭބެ)
  6. ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު (ފައިސަލްގެ ގާތް އެކުވެރިއެއް)
  7. ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހިމް (އަބްދުރައްހީމުގެ ވަފާތެރި މީހެއް)
  8. ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުންއިމް އަނީސް (ފައިސަލްގެ ގާތް އެކުވެރިއެއް)

ދަރިކަލުން ފައިސަލް މަގާމުން ވަކި ކުރުން

އަބްދުއްރަހީމުގެ ދަރިކަލުން ފައިސަލް ޖެނުއަރީ 28، ގައި މަގާމުން ވަކި ކުރުމުގެ ކުރިން ވެސް، ސިޔާސީ މައިދާނުގައި ކަމެއްވާން އުޅޭކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. ފައިސަލް ވަކި ކުރުން އޮތީ އަދު ނުވަތަ މާދަމާގެ ކަމަކަށްވެފަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމުގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް އެއިރު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ގަދައަށް ދައްކަ އެވެ. ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ބުނާ ގޮތުން އަބްދުއްރަހީމުގެ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ކަންކަމުން އޭނާ އެކަހެރި ކުރުމެވެ.

އެންމެ ފަހުން ހުޅުގަނޑު ފަޅައިގެން ގޮސް އަބްދުއްރަހީމަށް ކެތްނުކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ސައި ކޮޓަރީގައި ރައީސް މުއިއްޒަށް އެއްޗެހި ގޮވި އެވެ. ވެރިކަން ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީގެ މެންބަރުން ވެސް އެއިރު އެތަނުގައި ތިއްބެވެ.

"ވަރަށް ހަޑި ހުތުރުކޮށް އެއްޗެހި ގޮވީ. ރިޔާސީ ޓިކެޓު ލިބުން ގޮތް ވެސް މިހާރު ހަނދާން ނެތިއްޖެއޭ ބުނި. ތިމަންނައާ ރައީސް މަޝްވަރާ ކުރަންޖެހޭނެއޭ ވެސް ބުނި،" އެ ވަގުތު ސައި ކޮޓަރީގައި ހުންނެވި މެންބަރަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެގޮތަށް އަޑުތައް އަރަމުންދާތާ ދުވަސްތަކެއް ފަހުން، ފައިސަލް ރާއްޖެއިން ބޭރަށް ކުރަމުން ގެންދާ ދަތުރުތައް ވަގުތުން ހުއްޓާލުމަށް ޖެނުއަރީ 20، ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭނާއަށް އެންގި އެވެ. އަދި އޭގެ އަށް ދުވަސް ފަހުން ވަޒީރުކަމުގެ މަގާމުން އޭނާ ދުރުކުރި އެވެ.

ވަޒީރުންގެ މަޖިލީހުން ފައިސަލް ވަކި ކުރީ، އާދަޔާހިލާފު ގޮތަކަށެވެ. މަގާމުން ވަކި ކުރަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް އޭނާއަކަށް ރަސްމީކޮށް ނުދެ އެވެ. ވަޒީފާއިން އަމިއްލައަށް ވަކިވާން ފުރުސަތެއް ނުދެ އެވެ. އާދައިގެ މަތިން އެ ދުވަހު ވެސް ފައިސަލް އޮފީހަށް ނުކުތް ވަގުތު، އޭނާގެ ސެކްރެޓަރީ ދިއްކޮށްލީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއެކެވެ.

"މިއަދު ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" މަގާމުން ވަކި ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން ފައިސަލް "އަދަދު" އާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

ދަރިކަލުން މަގާމުން ވަކި ކުރިއިރު އަބްދުއްރަހީމް ހުންނެވީ މެލޭޝިޔާގެ ކުއާލާ ލަމްޕޫރުގަ އެވެ. ފައިސަލް ވަކި ކުރުމުން، އޭނާގެ ދަތުރު ކުރުކޮށްލެއްވުމަށްފަހު އެ ރޭ ފުރި ބަޓިކް އެއާގެ މަތިންދާބޯޓެއްގައި މާލެ ވަޑައިގަތެވެ. ބޯޓުން ފޭބި ގޮތަށް ކާރަށް އަރައިގެން އަބްދުއްރަހީމް ހުޅުލެއިން މާލެއަށް ވަޑައިގަތީ ނޫސްވެރިންނާ ވާހަކަ ނުދައްކަވަ އެވެ.

އެކަމަކު، މާލެއަށް ވަޑައިގަތުމުގެ ކުރިން ކުއާލާ ލަމްޕޫރުގައި ހުންނަވާ ރާއްޖޭގައި ހިންގާ ނޫހަކަށް އަބްދުއްރަހީމް ފޯނު އިންޓަވިއުއެއް ދެއްވި އެވެ. އެ އިންޓަވިއުގައި ވަރަށް ސާފުސީދާކޮށް އޭނާ ވިދާޅުވީ ވެރިކަން ފެށުނުއިރު އޮތް ގުޅުން ރައީސް މުއިއްޒުއާ މިހާރު ނެތް ކަމަށެވެ.

"މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒާ] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،" އަބްދުއްރަހީމުގެ ފޯނު އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

މެހިމަދިރީގެ އުސޫލުން އަބްދުއްރަހީމް "ފޮޅައިލުން"

ވަޒީރުންގެ މަޖިލީހުން ފައިސަލް ވަކި ކުރުމާއެކު ހާރެއް ކަނޑައިގެންދިޔުމުން އޭގެ ހުރިހާ ފުލެއް ވެއްޓޭ ގޮތަށް ފަހަރަކު ކަމެއްވާން ފެށި އެވެ. ފައިސަލް ވަކި ކުރުމަށްފަހު ސަރުކާރުން މަސައްކަތް ފެށީ އަބްދުއްރަހީމުގެ ބާރު ދުއްވާލުމަށެވެ.

އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރަން، އެކަންތައް ރޭވުމަށް، ޕީއެންސީގެ މަޖިލީސް މެންބަރުން އެކި ދުވަހު އެއްވެ މަޝްވަރާތަކެއް ކުރިއަށްގެންދިޔަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމުގެ ޖަލްސާ މާދަމާ ބާއްވާއިރު، ޕީއެންސީ އާއި އަބްދުއްރަހީމް ސުލްހަވުމުގެ ކޮޅުމައްޗެއް ނުފެނެ އެވެ. އަދަދު އާ ވާހަކަ ދެއްކި، އަބްދުއްރަހީމްގެ ވަރަށް އަރިސް ދެ ބޭފުޅަކު އެހެން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތާއެކު ސަރުކާރުން ދެން ފެށީ "އަރާއިރު" އާއިލާގެ ނުފޫޒުގައި ސަރުކާރަށް ވައްދާފައި ތިބި މީހުން އެއް ފަރާތް ކުރުމުގެ މަސައްކަތެވެ. ލިސްޓުގެ އެންމެ ފުރަތަމަ ހިމެނުނު އެކަކަކީ، އެމްޕީއެލްގެ ސީއީއޯ ވަޖީހެވެ.

އެމްޕީއެލްއިން ވަޖީހު ވަކި ކުރީ ފައިސަލް މަގާމުން ވަކި ކުރިތާ ފަސް ދުވަސް ފަހުންނެވެ. އިތުރު ދެ މީހަކު ވެސް މަގާމުން ވަކިކޮށްފި އެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި "އަރާއިރު" އާއިލާގެ ނުފޫޒުން މަގާމުން ވަކި ކުރުމުގެ އޮއިވަރެއް ކުރިއަށް އޮތީ އެވެ.

އަބްދުއްރަހީމް ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކޮށްފި ނަމަ އޭނާގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވާނެކަން ޔަގީނެވެ. އެއާއެކު ދެން އޭނާ ކުރިއަށްދާ ގޮތަކުން ޕާޓީއިން ވަކި ކުރުމަކީ ވެސް ސަރުކާރުން ނާޅާނެ ފިޔަވަޅެކޭ ނުބުނެވޭނެ އެވެ.

ޕާޓީއިން ވަކި ކުރުން

ޕީއެންސީއިން އަބްދުއްރަހީމް ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދަވާ ފޮނަދޫ ދާއިރާގެ ގޮނޑި ގެއްލޭނެ އެވެ. ފޮނަދޫއަކީ އަބްދުއްރަހީމަށް ވަރަށް ބޮޑު ތާއީދެއް އޮތް ދާއިރާއެއް ކަމުން، އެ ގޮނޑިއަށް އަލުން ވާދަކޮށްގެން ވެސް އަބްދުއްރަހީމަށް ކާމިޔާބީ ލިބުމަކީ ގާތް ކަމެކެވެ.

އެ ގޮނޑި ހޯދަން ސަރުކާރުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އެވެ. އާރާއި ބާރާއި ފައިސާ އޮތީ ސަރުކާރު ފަޅީގަ އެވެ. އެކަމަކު، އެ ގޮނޑި ކާމިޔާބު ކުރަން މާލީ ގޮތުން ދަތި ހާލަތެއްގައި ކުރަން ޖެހޭނީ ބޮޑު ހަރަދެކެވެ.

ޕީއެންސީގައި އަބްދުއްރަހީމް މަޑުކޮށް ރައީސްއާ ދެކޮޅުވުން

ޕީއެންސީގައި އަބްދުއްރަހީމް މަޑުކޮށް، އޭނާގެ ހައްގުތަކުގެ ދިފާއުގައި ތެދުވެ، ރައީސް މުއިއްޒުއާ ކުރިމަތިލުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެން ކަމަށް ވެއްޖެ ނަމަ އަބްދުއްރަހީމް ބަލާނީ އޭނާގެ "ފެކްޝަނަށް" ރައްޔިތުންގެ މަޖިލީހުގެ ވީހާ ވެސް ގިނަ މެންބަރުން ހޯދުމެވެ.

އެފަދަ ހާލަތެއްގައި، އަބްދުއްރަހީމުގެ ފަޅިއަށް އަރާ މެންބަރަކު ސަރުކާރުން ބްލެކްލިސްޓު ކުރާނެ އެވެ. މަޖިލީހުގެ ތެރޭގައި އޮންނާނީ ޒުވާބު ކުރުމެވެ. ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކޮންޓްރޯލް ހޯދަން ދެ ފެކްޝަނުން ވެސް މަސައްކަތް ކުރާނެ އެވެ.

ޕީއެންސީގައި މަޑުކޮށް ރައީސް މުއިއްޒުއާ ސުލްހަވުން

މިހެން ނުވެދާނެ ކަމަށް މުޅިން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. އެކަމަކު، ޕީއެންސީގައި މަޑުކޮށް ރައީސްއާ ސުލްހަވުމުގެ މާނައަކީ އަބްދުއްރަހީމުގެ މިނިވަންކަން ގެއްލުމެވެ. ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތެއް ހައްދަވައިގެން ހުންނެވުމެވެ.

ސުވާލަކީ އަބްދުއްރަހީމުގެ ސްޓައިލަކީ، ބޯ ގުދުކުރުންތޯ އެވެ؟ ނުވަތަ ބޯ ކަނޑައިލިޔަސް ބޯ ގުދުނުކުރުންތޯ އެވެ؟ ދާދި އަވަހަށް މި ސުވާލުގެ ޖަވާބު ލިބިދާނެ އެވެ.

އެހެން ސިޔާސީ ޕާޓީއަކަށް ގުޅެން ބަލާއިރު

ޕީއެންސީއިން އަބްދުއްރަހީމް ވަކިކޮށްފާނެ ހާލަތެއްގައި، އެހެން ސިޔާސީ ޕާޓީއަކާ އޭނާ ގުޅުމަކީ ނާދިރު ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ގައިމު ވެސް އަބްދުއްރަހީމަކަށް ޖާގައެއް ނުލިބޭނެ އެވެ.

ޕީއެންއެފް އިން އަބްދުއްރަހީމަށް ޖާގައެއް ނެތްކަން ޔާމީން ދައްކަވާ ވާހަކަތަކުން ޔަގީނެވެ. ޔާމީންއަކީ އެމަނިކުފާނު ނަންގަވާ ސްޓޭންޑެއްގައި ވަރުގަދައަށް ހުންނަވާ ބޭފުޅެކެވެ. އިދިކޮޅު އެމްޑީޕީއާއެކީ ވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ޔާމީން އޮތީ ވިދާޅުވެފަ އެވެ.

ޕީއެންއެފްގެ ކިތަންމެ ޖަލްސާއެއްގައި ޔާމީން ވަނީ "ހިސާބު ޓީޗަރަށް" ބަހުގެ ކިތަންމެ ހަމަލާއެއް ވެސް ދީފަ އެވެ.

އަބްދުއްރަހީމް އިދިކޮޅު އެމްޑީޕީއާ ގުޅުމަކީ އެންމެ ދުރު އެއް ސިނޭރިއޯ އެވެ. އެމްޑީޕީގެ އާންމު މެންބަރުން އަބްދުއްރަހީމް ބަލައެއްނުގަންނާނެ އެވެ. އެމްޑީޕީގެ އިސްކޮށް ތިބި ބޭފުޅުންނަށް ވެސް އަބްދުއްރަހީމާއެކު މަސައްކަތް ކުރަން ދަތިތަކެއް ހުންނާނެ އެވެ.

އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަ ދެއްކުން އަބްދުއްރަހީމަށް ވެސް ވާނީ އުނދަގޫ ކަމަކަށެވެ. އަބްދުއްރަހީމުގެ ފިކުރާއި އެމްޑީޕީގެ ފިކުރު ހާސްބައި ތަފާތެވެ.

~ ~

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން، ސިޔާސީ ގޮތުން އެމަނިކުފާނަށްވުރެ ބާރުގަދަ ކަމަށް އާންމުންނަށް، ފެނުނީ އަބްދުއްރަހީމެވެ. ކުރިން ބޭއްވި ބައެއް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒަށް މައިކުގަނޑު ލިބެނީ ވެސް އަބްދުއްރަހީމް ދެއްވީމަ އެވެ.

ދިވެހިރާއްޖެ މިހާރު މި އޮތީ އެ ދެ ބޭފުޅުންގެ ވަރުގަދަ ކުރިމަތިލުމެއްގެ މެދު ތެރޭގަ އެވެ. މި ކުރިމަތިލުމުން އަބްދުއްރަހީމް ގަދަވެއްޖެ ނަމަ އެއީ ރައީސް މުއިއްޒަށް ކުރިމަތިވާނޭ ބޮޑު ގެއްލުމެކެވެ. ރައީސް މުއިއްޒު ގަދަވެއްޖެ ނަމަ އަބްދުއްރަހީމަށް މިހާރު ހުޅުވިފައި އޮތް ސިޔާސީ އެތައް ދޮރެއް ބަންދުވާނެ އެވެ.