Advertisement

ރައީސުލްޖުމްހޫރިއްޔާގެ 16 ދަތުރު، ފަސް ޗުއްޓީ: ޖުމުލަ 86 ދުވަސް ގައުމުން ބޭރުގައި

27 ޖަނަވަރީ 2025 - 10:22 10

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގްރެފިކްސް: އިސްމާއިލް އިމްދާދް


ރައީސުލްޖުމްހޫރިއްޔާގެ 16 ދަތުރު، ފަސް ޗުއްޓީ: ޖުމުލަ 86 ދުވަސް ގައުމުން ބޭރުގައި

27 ޖަނަވަރީ 2025 - 10:22 10

ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަކީ، ގައުމެއް ހިންގުމަށް، ގައުމެއް ތަރައްގީ ކުރުމަށް އެންމެ އިސް ރޯލު އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅާ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ އެ ގައުމަކުން އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރުމެވެ. ބައިނަލްއަގުވާމީ މުޖްތަމައުގައި އެ ގައުމެއް އަދާ ކުރާ ރޯލު ސާފުވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުންނެވެ.

އެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ގައުމުން ބޭރަށް ވެސް ވަޑައިގަންނަވަން ޖެހެ އެވެ. ނަމަވެސް ހަމަ އެއާއެކު، ގައުމުގައި ހުންނަވައި، ގައުމު ހިންގުމުގެ މަސައްކަތް ވެސް ކުރައްވަންޖެހެ އެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023، ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކުރެއްވި ފަހުން، 16 ފަހަރު ގައުމުން ބޭރަށް ދަތުރު ކުރައްވައިފި އެވެ. އޭގެ ތެރޭގައި ޗުއްޓީ ދަތުރުތައް ވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކުގައި، އެމަނިކުފާނު ފުރާވަޑައިގެންނެވި ދުވަހާއި އަނބުރާ ގައުމަށް ވަޑައިގެންނެވި ދުވަސް ހިމަނައިގެން، ޖުމުލަ 86 ދުވަސް ގައުމުން ބޭރުގައި ހޭދަ ކުރައްވައިފި އެވެ. ގައުމުގެ އެންމެ މަތީ އޮފީހާ ހަވާލުވެވަޑައިގެންނެވި ފަހުން ހޭދަވި 436 ދުވަހުގެ 19 ޕަސެންޓު ދުވަސް އެމަނިކުފާނު އުޅުއްވީ ގައުމުން ބޭރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމަށް ބޭރަށް ދަތުރު ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ކޮންމެ މަހަކު، އެއް ފަހަރު ނުވަތަ ދެ ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ އެވެ؟ ރައީސުލްޖުމްހޫރިއްޔާ އެހާ ގިނައިން ރާއްޖެ ދޫކުރައްވައި ވަޑައިގަތުން ނޫން ގޮތެއް ހަމަ ނެތީތޯ އެވެ؟

ރައީސް މުއިއްޒު: 19 ޕަސެންޓު ދުވަސް ގައުމުން ބޭރުގައި

ވެރިކަމާ ހަވާލުވެވަޑައިގެންނެވި މަހު ވެސް ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވި އެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަކަށެވެ. އެ ދަތުރަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ ޑުބާއީއަށް ދަތުރު ކުރެއްވުމަށްފަހެވެ.

ވެރިކަމުގައި ރައީސް މުއިއްޒު މިހާތަނަށް ހޭދަ ކުރެއްވި 15 މަސްދުވަހުގެ ތެރެއިން ކޮންމެ މަހަކު ކަހަލަ ގޮތަކަށް ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވައިފި އެވެ. އެމަނިކުފާނު ރާއްޖޭގައި ހަމައެކަނި މަޑު ކުރެއްވީ ޖުލައި، 2024، އަދި ޑިސެމްބަރު، 2024، ގަ އެވެ.

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވި ގިނަ މަސްތަކުގައި ކުރެއްވީ މަހަކު ދަތުރެކެވެ. އެއް މަހު ދެ ފަހަރު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ ދެ މަހެވެ. އެއީ މެއި، 2024، އަދި ނޮވެމްބަރު، 2024، ގަ އެވެ.

ރައީސް މުއިއްޒު މިހާތަނަށް 11 ގައުމަކަށް ވަޑައިގެންފި އެވެ. ތުރުކީ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ޗައިނާ އާއި ސިންގަޕޫރާއި ސައުދީ އަރަބިއްޔާ އާއި އެންޓީގާ އެންޑް ބާބިއުޑާ އާއި އިންޑިއާ އާއި އެމެރިކާ އާއި އަޒަރުބައިޖާނާއި އިނގިރޭސިވިލާތާއި އެސްޓޯނިއާ އެވެ.

ރައީސް ކުރެއްވި ދަތުރުތަކުގެ ބައެއް ތަފުސީލު


އޭގެ ތެރެއިން ހަތަރު ގައުމަކަށް އެއް ފަހަރަށްވުރެ ގިނައިން ރައީސް މުއިއްޒު ވަޑައިގަތެވެ. އެންމެ ގިނައިން ވަޑައިގަތީ ސިންގަޕޫރަށެވެ. ސިންގަޕޫރަށް ޖުމުލަ ތިން ފަހަރަކު އެމަނިކުފާނު ވަޑައިގަތެވެ. ސިންގަޕޫރަށް ވަޑައިގެންނެވި ތިން ދަތުރަކީ ވެސް ޗުއްޓީ ދަތުރުތަކެވެ.

އެއް ފަހަރަށް ވުރެ ގިނައިން ރައީސް މުއިއްޒު ދެން ދަތުރު ކުރެއްވީ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާ އާއި އިންޑިއާއަށެވެ. އެންމެ ގިނަ ދުވަސްވީ ދަތުރުތަކަކީ އެމެރިކާ އަދި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދަތުރުތަކެވެ. އެއިން ކޮންމެ ދަތުރެއްގައި 10 ދުވަސް އެމަނިކުފާނު ހޭދަ ކުރެއްވި އެވެ.

ސިންގަޕޫރާއި އިނގިރޭސިވިލާތުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވެސް ޗުއްޓީ ދަތުރެއްގައި ރައީސް ވަޑައިގަތެވެ. އެ ދަތުރު ކުރެއްވީ އުމްރާއެއް ކުރެއްވުމަށެވެ. ޖުމުލަ ފަސް ފަހަރު އެމަނިކުފާނު ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރުތަކުގައި ވަޑައިގެންނެވި އެވެ. ޗުއްޓީ ދަތުރުތަކުގައި ޖުމުލަ 25 ދުވަސް ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހޭދަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ގިނަ ދަތުރުތަކުގައި ވަޑައިގަންނަވަނީ ބޮޑު ވަފުދެއް ވެސް ގޮވައިގެންނެވެ. ރައީސް މުއިއްޒު ހިމެނޭ ގޮތަށް އެއިން ކޮންމެ ބޭފުޅަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. ރައީސް އޮފީހުން މިހާތަނަށް އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ރައީސް ކުރެއްވި ދަތުރުތަކަށް މަދުވެގެން 13.6 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އެކަމަކު އެއީ، އެންމެ ފަސް ދަތުރުގެ ހަރަދެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ހުރިހާ ދަތުރަކަށް ކުރެއްވި ހަރަދު އެއަށްވުރެ މާ ބޮޑުވާނެ އެވެ. ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ހަރަދު އާންމު ކުރުމުގެ އުސޫލެއް ރައީސް އޮފީހުން ގެންގުޅެ އެވެ. އެކަމަކު، ރައީސް ކުރައްވާ ހުރިހާ ދަތުރެއްގެ ހަރަދު ރައީސް އޮފީހުން އާންމެއް ނުކުރެ އެވެ. އާންމު ނުކުރާ ހަރަދުތަކުގެ ތެރޭގައި ރައީސް ކުރެއްވި ޗުއްޓީ ދަތުރުތަކުގެ ހަރަދު ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތައް

ތުރުކީ: އަށް ދުވަސް (ރަސްމީ ދަތުރެއް)

3،489،165.12ރ.

  • ފުރާވަޑައިގެންނެވީ - ނޮވެމްބަރު 26، 2023
  • އެނބުރި ގައުމަށް ވަޑައިގެންނެވީ - ޑިސެމްބަރު 3، 2023

ޑުބާއީ (ކޮޕް ސަމިޓް)

  • ފުރާވަޑައިގެންނެވީ - ނޮވެމްބަރު 30، 2023
  • އެނބުރި ވަޑައިގެންނެވީ - ޑިސެމްބަރު 3، 2023

ޗައިނާ: ހަތް ދުވަސް (ފުރަމާނަ ދަތުރެއް)

2،423،482ރ.

  • ފުރާވަޑައިގެންނެވީ - ޖެނުއަރީ 7، 2024
  • އެނބުރި ވަޑައިގެންނެވީ - ޖެނުއަރީ 13، 2024

ޔޫއޭއީ: ފަސް ދުވަސް (ވޯލްޑް ގަވަމަންޓްސް ސަމިޓް 2024)

  • ފުރާވަޑައިގެންނެވީ - ފެބްރުއަރީ 11، 2024
  • އެނބުރި ވަޑައިގެންނެވީ - ފެބްރުއަރީ 15، 2024

ސިންގަޕޫރު: ތިން ދުވަސް (ނުރަސްމީ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - މާޗް 21، 2024
  • އެނބުރި ވަޑައިގެންނެވީ - މާޗް 23، 2024
  • ސިންގަޕޫރު: ހަ ދުވަސް (ނުރަސްމީ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - އޭޕްރީލް 30، 2024
  • އެނބުރި ވަޑައިގެންނެވީ - މެއި 5، 2024

ސައުދީ އަރަބިއްޔާ: ހަ ދުވަސް (އުމްރާ ކުރެއްވުމަށް)

  • ފުރާވަޑައިގެންނެވީ - މެއި 10، 2024
  • އެނބުރި ވަޑައިގެންނެވީ - މެއި 15، 2024

އެންޓީގާ އެންޑް ބާބިއުޑާ: އަށް ދުވަސް (ސިޑްސް ސަމިޓް)

3,864,414.94ރ.

  • ފުރާވަޑައިގެންނެވީ - މެއި 24، 2024
  • އެނބުރި ވަޑައިގެންނެވީ - މެއި 31، 2024

އިންޑިއާ: ހަތަރު ދުވަސް (މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް)

1،440،170.33ރ.

  • ފުރާވަޑައިގެންނެވީ - ޖޫން 8، 2024
  • އެނބުރި ވަޑައިގެންނެވީ - ޖޫން 11، 2024

ސިންގަޕޫރު: ތިން ދުވަސް (ނުރަސްމީ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - އޯގަސްޓު 26، 2024
  • އެނބުރި ވަޑައިގެންނެވީ - އޯގަސްޓު 28، 2024

އެމެރިކާ: 10 ދުވަސް (އދ. 79 ވަނަ މަޖިލިސް)

2,455,583.01ރ.

  • ފުރާވަޑައިގެންނެވީ - ސެޕްޓެމްބަރު 20، 2024
  • އެނބުރި ވަޑައިގެންނެވީ - ސެޕްޓެމްބަރު 29، 2024

އިންޑިއާ: ފަސް ދުވަސް (ފުރަމާނަ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - އޮކްޓޯބަރު 6، 2024
  • އެނބުރި ވަޑައިގެންނެވީ - އޮކްޓޯބަރު 10، 2024

ސައުދީ އަރަބިއްޔާ: ފަސް ދުވަސް (ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް)

  • ފުރާވަޑައިގެންނެވީ - ނޮވެމްބަރު 11، 2024
  • އެނބުރި ވަޑައިގެންނެވީ - ނޮވެމްބަރު 15، 2024

އަޒަރްބައިޖާން (ކޮޕް ސަމިޓް)

  • ފުރާވަޑައިގެންނެވީ - ނޮވެމްބަރު 12، 2024
  • އެނބުރި ވަޑައިގެންނެވީ - ނޮވެމްބަރު 15، 2024

އިނގިރޭސިވިލާތް: 10 ދުވަސް (ނުރަސްމީ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - ނޮވެމްބަރު 20، 2024
  • އެނބުރި ވަޑައިގެންނެވީ - ނޮވެމްބަރު 29، 2024

އެސްޓޯނިއާ: ހަ ދުވަސް (ރަސްމީ ދަތުރެއް)

  • ފުރާވަޑައިގެންނެވީ - ޖެނުއަރީ 12، 2025
  • އެނބުރި ވަޑައިގެންނެވީ - ޖެނުއަރީ 17، 2025

ކުރީގެ ރައީސް ސޯލިހު އަދި އެހެން ގައުމުތަކުގެ ވެރިންގެ ދަތުރުފަތުރު

ގައުމުތަކުގެ ރައީސުން ނުވަތަ ބޮޑުވަޒީރުން ގައުމުން ބޭރަށް ކުރައްވާ ދަތުރުތަކަކީ އެ ގައުމެއްގެ މީޑިއާ އަދި އާންމުން އެންމެ ބޮޑަށް ފާރަލާ އެއް ކަންތަކެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހޭދަ ކުރެއްވި ފަސް އަހަރު 43 ފަހަރު ގައުމުން ބޭރަށް ދަތުރު ކުރެއްވި އެވެ. އެ ދަތުރުތަކުގައި 14 ގައުމަކަށް އެމަނިކުފާނު ވަޑައިގަތެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ސޯލިހު 15 ދަތުރު ކުރެއްވި އެވެ. އެއީ 2019 ވަނަ އަހަރުގެ އިތުރުން 2018 ވަނަ އަހަރު ކުރެއްވި ދަތުރެއް ވެސް ހިމަނައިގެންނެވެ.

ވެރިކަމުގެ ދެ ވަނަ އަހަރު 2020 ގައި ސޯލިހު ރާއްޖެއިން ބޭރަކަށް އެއްވެސް ދަތުރެއް ނުކުރައްވަ އެވެ. އެއިރު މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމެވެ. އަހަރުގެ ބޮޑު ބައި ރާއްޖޭގެ ބޯޑަރު ވެސް އޮތީ ބަންދުކޮށްފަ އެވެ. ޖެހިގެން އައި 2021 ވަނަ އަހަރު ސޯލިހު 11 ދަތުރު ކުރެއްވި އެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ސޯލިހު ކުރެއްވީ 12 ދަތުރެވެ. ވެރިކަމުގެ ފަހު އަހަރު 2023 ގައި އެމަނިކުފާނު ކުރެއްވީ ފަސް ދަތުރެވެ.

އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް 2024 ވަނަ އަހަރު ކުރެއްވީ 10 ދަތުރެވެ. އޭގެ ތެރެއިން ފަސް ދަތުރެއްގައި އެއް ގައުމަށް ވުރެ ގިނަ ގައުމަށް ވަޑައިގަތެވެ. އާންމުކޮށް ކުރެއްވީ އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ދަތުރުތަކެވެ.

މިދިޔަ އަހަރު މޯދީ އެންމެ ދިގު ދަތުރެއް ކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ހަ ދުވަހުގެ ދަތުރެކެވެ. އެކަމަކު އެ ދަތުރުގައި ބޮޑުވަޒީރު ވަނީ ގައިއާނާ، ބްރެޒިލް ނައިޖީރިއާއަށް ވަޑައިގެންފަ އެވެ.

ރާއްޖެއާ ކައިރީގައި އޮތް ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެ އަހަރާއި ބައި ވެރިކަމުގައި ހުންނެވިއިރު މުޅި ޖުމުލަ ކުރެއްވީ ވެސް ހަ ދަތުރެވެ. އޭގެ ތެރޭގައި ވެރިކަން ވެއްޓެން ދަނިކޮށް ފިއްލެވުމަށް ދިވެހިރާއްޖެ އަދި ސިންގަޕޫރަށް ކުރެއްވި ދަތުރު ވެސް ހިމެނެ އެވެ.

ގޮތަބަޔާއަށް ފަހު ލަންކާގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ދެ އަހަރާއި ކުޑަ ދުވަސްކޮޅަކު މަގާމުގައި ހުންނެވިއިރު ގައުމުން ބޭރަށް 16 ފަހަރު ވަޑައިގަތެވެ. އެ ދަތުރުތަކުގައި 17 ގައުމަކަށް ރަނިލް ވަޑައިގަތެވެ. އެންމެ ގިނައިން ރަނިލް ދަތުރު ކުރެއްވީ 2023 ވަނަ އަހަރެވެ. އެ އަހަރު 10 ދަތުރެއްގައި، 13 ގައުމަކަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު މަގާމުގެ ހުވައި ކުރެއްވުމުގެ ހަފުލާއަށް ވަޑައިގަތުމަށް ކުރެއްވި ދަތުރު ހިމެނެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން މިދިޔަ އަހަރު ކުރެއްވީ އެންމެ އަށް ދަތުރެވެ. މިދިޔަ އަހަރު އެންމެ ދިގު ދަތުރެއް ބައިޑެން ކުރެއްވީ ފްރާންސަށެވެ. އެއީ ފަސް ދުވަހުގެ ދަތުރެކެވެ. ބައިޑެން މަގާމުގައި ހުންނެވި ހަތަރު އަހަރު ޖުމުލަ ކުރެއްވީ 21 ދަތުރެވެ. އެކަމަކު އެ ދަތުރުތަކުގައި 28 ގައުމަކަށް ވަޑައިގެންނެވި އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު (2020 ގައި) 12 ދަތުރެއް ކުރެއްވި އެވެ. ޓްރަމްޕު ގިނައިން ދަތުރު ކުރެއްވީ އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ދަތުރުތަކެވެ. އެންމެ ދިގު ދަތުރަކަށް ކުރެއްވީ ވިއެޓްނާމަށް އެ އަހަރުގެ ފެބްރުއަރީ މަހު ކުރެއްވި ތިން ދުވަހުގެ ދަތުރެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން 2024 ވަނަ އަހަރު ކުރެއްވީ އެންމެ ފަސް ދަތުރެކެވެ. ދަތުރު ކުރެއްވި ކޮންމެ ފަހަރަކު ވެސް ވަޑައިގެންނެވީ އެންމެ ގައުމަކަށެވެ. އެންމެ ދިގު ދަތުރެއް ކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގައި ބްރެޒިލްއަށެވެ. އެއީ ޖީ-20 ސަމިޓުގައި ވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. އެ ދަތުރުގައި ޝީ ފަސް ދުވަސް ހޭދަ ކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ދަތުރުތަކަށް ވާދަވެރިންގެ ފާޑުކިޔުން

ރައީސް މުއިއްޒުގެ ދަތުރުތަކަށް ސިޔާސީ ވާދަވެރިންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. ވާދަވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދެވެ. އަދި ދަތުރުތަކުން ނުކުންނަ ނަތީޖާ ސާފު ނުވުމެވެ.

"ސަރުކާރުން އެ ވިދާޅުވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅާ ވާހަކަ. އެއާއެކު ދަތުރުތައް މަދު ކުރައްވާނެ ވާހަކަ. އެހެންވީމަ އެ ވިދާޅުވާ ވާހަކައާ ދިމަލެއް ނުވޭ،" ދަ ޑިމޮކްރެޓްސް ރައީސް އިމްތިޔާޒް ފަހުމީ (އިންތި) މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިންތި ދެން ފާހަގަ ކުރެއްވި އަނެއް ކަމަކީ ދަތުރުތަކުގެ ސާފު މަގުސަދާއި ލިބުނު ފައިދާ ނޭނގުމެވެ.

"ހެޑް އޮފް ސްޓޭޓުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދަތުރު ވެސް ކުރައްވަންޖެހޭނެ. އެކަމަކު އަދި އަޅުގަނޑުމެންނަކަށް ނޭނގެ އެ ދަތުރުތަކުން ވަނީ ފައިދާތޯ ނޫނީ ގެއްލުންތޯ. އެކަމަކު ގައިމު ވެސް ހަރަދުތަކަށް ބަލާ ނަމަ، މާ ގިނައިން ދަތުރު ކުރައްވާ ކަމަށް ފާހަގަވޭ. ރައީސް ވަޑައިގަންނަވާ ނަމަ ކޮންމެ ގޮތެއްވިޔަސް ހަރަދު ވެސް ބޮޑުވާނެ،" އިންތި ވިދާޅުވި އެވެ.

ރައީސް ކުރައްވާ ދަތުރުތަކުން ލިބޭ ފައިދާއާމެދު ސުވާލު އުފެއްދި އަނެއް ބޭފުޅަކޫ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުސެއިން ޒިޔާދެވެ. ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޒިޔާދު ވިދާޅުވީ، ރައީސް މުއިއްޒު ބޭރަށް ކުރައްވާ ދަތުރުތަކުން ގައުމަށް ވުރެ ބޮޑަށް އެމަނިކުފާނަށް ޕާސަނަލީ ކުރާ ފައިދާ ބޮޑު ކަމަށެވެ.

"ދެ ބޭނުމެއް މީގަ އޮތީ. އެންމެ ގިނަ ދަތުރު ކުރެއްވި ރައީސްއަށްވުން. ދެން އެންމެ ގިނަ ގައުމުތަކަށް ދަތުރު ކުރެއްވި ރައީސްއަށްވުން. އެ ނޫން ބޭނުމެއް ދަތުރުތަކުން ހިފޭ ތަނެއް ނުފެނޭ،" ޒިޔާދު ވިދާޅުވި އެވެ.

~~

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ވަޑައިގަންނަވަން ޖެހޭނީ ކޮންމެހެން މުހިންމު ދަތުރުތަކުގަ އެވެ. ދަތުރު ކުރައްވާއިރު ހަރަދަށް ވެސް ބަލަންޖެހެ އެވެ. އަދި ކުރައްވާ ދަތުރުތަކުން ލިބޭ ފައިދާއެއް ވެސް ފެންނަން ޖެހެ އެވެ. އެހެން ނޫން ނަމަ އެ ކުރައްވަނީ ބޭކާރު ދަތުރެވެ. އިސްރާފުވަނީ ރައްޔިތުންގެ ފައިސާ އެވެ.