23 ޖަނަވަރީ 2025 - 09:29 1
އަމަން ހަލީމް
އާޓްވޯކް: އިސްމާއިލް އިމްދާދް
23 ޖަނަވަރީ 2025 - 09:29 1
ދުންފަތުގެ އިސްތިއުމާލުކުރުން ސިއްހަތަށް ގެއްލުން ލިބޭ ކަމާ މެދު ބަހުސެއް ނެތެވެ. އެއީ ވަރަށް ގެއްލުންދެނިވި އެއްޗެކެވެ. މިއީ ހަގީގަތް ކަމާ މެދު ޝައްކު ނުއުފެއްދާ ވަރަށް ސައިންޓިފިކް ދިރާސާތަކާއި ހޯދުންތައް އެބަހުއްޓެވެ.
ރާއްޖޭގައި ވެސް ވޭޕު މަނާކޮށް, ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމީ, ސަރުކާރުން ބުނާ ގޮތުގައި, މި ގެއްލުންދެނިވި އަމަލުން މީހުން ދުރުކުރުމުގެ ބޭނުމުގަ އެވެ. އަގު ބޮޑު ކަމުން, ޖީބަށް ބަރުވެގެން އެ ހަރަދު ކުރަން ބޭނުން ނުވާ މީހުން ނުވަތަ ކުރެވެން ނެތް މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުކުރުމުގެ މަގުސަދުގަ އެވެ.
ސަރުކާރުގެ މި ނިންމުމުގައި އިސް ދައުރެއް އަދާކުރެއްވި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދައްކަވަނީ އެ ވާހަކަ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ގިނަ މި ގައުމުގައި މިކަމާ ނުރުހުން ވާނެ ބަޔަކު ތިބޭނެކަން އެނގިވަޑައިގެން ހުންނަވައި, މި ވަރުގެ ނިންމެވުމެއް ނިންމެވީ ވެސް ހެޔޮ ނިޔަތެއްގައި, ދުންފަތުގެ އަމަލުން ދުރުހެލިވާން ބާރު އެޅުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
"އެންމެ ބޮޑެތި މައްސަލަތައް މި ދިމާވަނީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން. އެހެންވީމާ އެ ބިހޭވިއާއިން ދުރަށް ދިޔުމަށް ބާރުއެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ," މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އުނގޫފާރުގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.
މަގުސަދު މާތް ވެފައި, ނިޔަތް ހެޔޮ ވިޔަސް, ދުންފަތުގެ އަގު ބޮޑުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަގު ދުންފަތުގެ ކަޅު ބާޒާރެއް އުފެދިއްޖެ އެވެ. ކުރިން ނުފެންނަ އެތައް ވައްތަރެއްގެ މަރުކާތަކާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުން ލާޒިމުކުރާ އިންޒާރާއި ފޮޓޯ ނުފެންނަ އެތައް ބާވަތެއްގެ ސިނގިރޭޓެއް މިހާރު އާންމުކޮށް ލިބެން އެބަހުއްޓެވެ.
"އަދަދު" ގެ ހޯދުންތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ނުވަ ވަރަކަށް މަރުކާއެއްގެ ވަގު ސިނގިރޭޓު މި ވަގުތު ފިހާރަތަކާއި ކެފޭތަކާއި ޓޭކްއަވޭ ކަޑަތަކުން ވިއްކަމުން އެބަ ދެ އެވެ. ފާޅުކަން ބޮޑުކޮށް, ސިއްރުވެރި ވާނަމޭ ހިތަށް ވެސް ނާރާ, ދިމާ ހާމައަށް މި ވިޔަފާރި ދަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން މި ނޫހުން ވަނީ އިމްޕޯޓާ ގުޅޭ ކަންކަން މަތިކުރެވިފައިވާ ތަންފީޒީ އިދާރާ ކަމުގައިވާ ކަސްޓަމްސްގައި, ދުންފަތުގެ ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓުތަކެއް ހިފަހައްޓާފައިވޭތޯ ސުވާލުކޮށްފަ އެވެ. މި ރިޕޯޓު ޝާއިއުކުރުމާ ހަމައަށް ވެސް އެކަމުގެ ޖަވާބެއް ނުލިބުނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ކަސްޓަމްސް ނަގާފައި, ދެން އެންމެ ބޮޑު ޒިންމާއެއް މަތިކޮށްފައި އޮތީ ހެލްތު މިނިސްޓްރީއާ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ދިނުން ހުއްޓާލާފައި ވާތީ, އަދި ރަސްމީ ވައިބާ ގްރޫޕުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ހުއްޓާލާފައި ވާތީ ވަގު ސިނގިރޭޓުތަކުގެ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ވެސް ކޮށް ނުލުވެނުވެ.
ކަސްޓަމާއި ހެލްތަށް ނޭނގުނަސް އަދި ޖަވާބެއް ނުދިނަސް ވަގު ސިނގިރޭޓުތައް އާންމުކޮށް ލިބެން ހުރި ކަން މި ނޫހުން ވާނީ ކަށަވަރުކޮށްފަ އެވެ. މި ގޮތަށް ސިނގިރޭޓު ވިއްކާ މީހުންނާ ވާހަކަ ދައްކާ އެ މީހުންނަށް ސިނގިރޭޓު ގަންނަން ލިބޭ އަގާއި ވިއްކާ އަގު ވެސް ވާނީ ސާފުކޮށްފަ އެވެ.
"ނަންބަރަކަަށް ގުޅާލީމައި ބޭނުން ވަރަކަށް ކާޓޫނު ޑެލިވަރީކޮށްދޭ. އަހަރެން ވަކިން މިއިން ސިނގިރޭޓެއް ވިއްކަނީ 10ރ. އަށް. ފޮއްޓެއް 180ރ. އަށް. ވަރަށް ޑިމާންޑު ބޮޑު. ދުވާލަކަށް ދެ ކާޓޫނު ހުސްވޭ ވަކިން ވިއްކައިގެން ވެސް," ހުޅުމާލޭގައި ޓޭކުއަވޭއެއް ހިންގާ މީހަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި އިމްޕޯޓަރަކު ވެސް ނަން ނުޖަހާ ގޮތަށް ބުނީ އެކި ބާވަތްތަކުގެ ސިނގިރޭޓުތައް ވިއްކާކަން އެ މީހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި މިކަން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ގެނައި ނަމަވެސް, އެ ފަހުން އެއްވެސް ހަބަރެއް ނުވާ ކަމަަަށް އޭނާ ބުންޏެވެ.
"ކޮލިޓީއެއް ވެސް ނޭނގޭ. ކޮން ތާނކުން ކިހިނެއް ގެނެސްފައި ހުރި އެއްޗެހިތަކެއް ކަން ވެސް ނޭނގޭ. ދުންފަތުން ގެއްލުންވާއިރު, މިހެން ގެނެސްފައި ހުރި ދުންފަތުގެ ގެއްލުން މާ ބޮޑު،" އޭނާ ބުންޏެވެ.
ދުންފަތުގެ އަގު ބޮޑުކޮށްގެން, މި އަމަލުން މީހުން ދުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު, އެ މަގުސަދު ހާސިލުވާނެ ކަހަލަ ގޮތަކަށް ފިޔަވަޅުތައް އަޅަން އެބަ ޖެހެ އެވެ. އެހެން ނޫނީ ދެން ފެންނާނީ މުޅި ދުނިޔޭގައި ވެސް ފުރަތަމަ ދުންފަތް މަނާކުރި ބޫޓާނުން ފެނުނު މައްސަލަތަކާއި އިންތިހާއަށް ދުންފަތުގެ އަގު ބޮޑު އޮސްޓްރޭލިއާގައި ފެންނަމުންދާ މަންޒަރުތަކެވެ.
ބޫޓާނުގައި ދުންފަތް މަނާކުރީ 2004 ގަ އެވެ. އޭރު ބޫޓާނުން ވަނީ ދުންފަތް އެތެރެކުރުމާއި ބޭނުންކުރުމާއި އުފެއްދުން ވެސް އެ ގައުމުގައި މަނާކޮށްފަ އެވެ. މިހެނަސް, އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދެއް ނުވި އެވެ. އެ ގައުމުގައި ހެދި ސާވޭތަކުން ދައްކާ ގޮތުގައި 2014 ގައި, އެ ގައުމުގެ އާބާދީގެ 24.8 ޕަސެންޓު ދުންފަތުގެ އިސްތިއުމާލުކުރިއިރު, އޭގެ ހަތަރު އަހަރު ފަހުން 2018 ގައި ހެދި ސާވޭގައި ޕަސެންޓޭޖު ހުރީ 23.9 ޕަސެންޓުގަ އެވެ.
މި ހުރިހާ އެންމެން ދުންފަތް ހޯދަމުން އައި ދުންފަތް މަނާކުރުމާއެކީ އެ ގައުމުގައި އުފެދިގެން އައި ކަޅު ބާޒާރުންނެވެ. އެންމެ ފަހުން ބޫޓާނުގެ ސަރުކާރަށް ޖެހުނީ ކޮވިޑު ދުވަސްވަރު މި ގާނުނުގެ ބަޔެއް އުވާލައި, މަނާ ކުރުން ދޫކޮށް ރެގިއުލޭޓު ކުރުމުގެ ސިޔާސަތައިގެން ކުރިއަށް ދާށެވެ. މައިގަނޑު ސަބަބަކަށްވީ މަނާ ކުރުން ތަންފީޒުކުރެވޭނެ ގޮތެއް ނެތުމުން އައި މަޖުބޫރުކަމެވެ.
އޮސްޓްރޭލިއާގެ ހާލަތު އެއަށް ވުރެ ވެސް ގޯހެވެ. ދުންފަތުގެ އަގު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގައި ދުންފަތުގެ އަގު ބޮޑު ވުމާއެކީ އުފެދިފައިވާ ކަޅު ބާޒާރުން މިހާރު ފެންނަނީ ޑްރަގު ކާޓެލްތަކުން މަސްތުވާތަކެތި ވިއްކުމުގައި ގެންގުޅޭ އަނިޔާވެރިކަމެވެ. މި ކަޅު ބާޒާރުގައި އިސްކޮށް އުޅެނީ އެ ގައުމުގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކެވެ.
"ޓޮބޭކޯ ވޯސް" ގެ ނަމުން ނަން ދެވިފައިވާ މި ހަނގުރާމައިގައި, ދެ ބިލިއަން ޑޮލަރުގައި އަގު ކުރެވިފައިވާ އެ ގައުމުގެ ދުންފަތުގެ ކަޅު ބާޒާރަށް ގަދަ ވެގަންނަން އުޅޭ ގްރޫޕުތަކުން އަންނަނީ އެކަކު އަނެކަކު މަރައިގެން ވިޔަސް އެ ގަދަކަން ހޯދަން މަސައްކަތް ކުރަމުންނެވެ. ގްރޫޕުތަކުގެ ތަޅާފޮޅުންގަނޑުގެ ތެރެއިން, ހުއްދަތައް ނަގައިގެން ދުންފަތް ވިއްކާ ފިހާރަތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވެ އެވެ.
ބޫޓާނާއި އޮސްޓްރޭލިއާގެ ހާލަތަކީ ދިވެހި ސަރުކާރުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަންކަމެވެ. ދުންފަތުގެ އަގު ބޮޑުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ކަޅު ބާޒާރު މިހާ ފުޅާވެފައިވާއިރު, އަވަސް ފިޔަވަޅުތަކެއް އަޅައި މިކަން މައިތިރި ނުކުރެވިއްޖެ ނަމަ ނެރެން ބޭނުންވި ނަތީޖާ ނުނެރެވުނު ތަނުގައި މިހާރަށް ވުރެ ވެސް ގޯސް ހާލަތެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
Comment