Advertisement

އެންމެ މުހިންމު އިންތިހާބުގެ ވޯޓު "ހަވާސާ" އަށް؟

8 ސެޕްޓެންބަރު 2023 - 17:42 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެންމެ މުހިންމު އިންތިހާބުގެ ވޯޓު "ހަވާސާ" އަށް؟

8 ސެޕްޓެންބަރު 2023 - 17:42 0

ޖޯ ޖޯޖެންސެން އަކީ އެމެރިކާގެ ކްލެމްސެން ޔުނިވަރސިޓީގެ ޕްރޮފެސަރެކެވެ. އިންޑަސްޓްރިއަލް އަދި އޯގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލުކޮށްފައިވާ އިލްމީ ގާބިލު ބޭފުޅެކެވެ. އަމިއްލަ ޖަމްއިއްޔާތައް ހިންގެވުމާއެކު ސިޔާސީ މަސައްކަތުގައިވެސް ހަރަކާތްތެރި ބޭފުޅެކެވެ. ހަރަކާތްތެރިވެވަޑައިގަންނަވަނީ އެމެރިކާގެ ލިބަޓޭރިއަން ޕާޓީގަ އެވެ.

ލިބަޓޭރިއަން ޕާޓީން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓަކީ ވެސް ޖޯ ޖޯޖެންސެން އެވެ. އެ އިންތިހާބުގައި ޖޯ އަށް ލިބުނީ ވޯޓުދޭ މީހުންގެ 1.8 އިން ސައްތަ ވޯޓެވެ. އިންތިހާބުގައި ވާދަކުރިކަމަށް މީހުންނަށް އެނގެނީވެސް ހަމައެކަނި މިހާރުގެ ރައީސް ޖޯ ބައިޑެންއާއި، ޑޮނަލްޑް ޓްރަމްޕެވެ. އެހެންނަމަވެސް އެ ދެ ކެންޑިޑޭޓުންގެ އިތުރުން، އިތުރު ދެ ކެންޑިޑޭޓަކުވެސް އިންތިހާބުގައި ވާދަކުރި އެވެ. ރައްޔިތުންނާއި، މީޑިއާތަކުންވެސް ސަމާލުކަން ދިނީ މައި ދެ ކެންޑިޑޭޓުންނަށް އެކަންޏެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމު މި ހިނގަމުންދަނީވެސް އެމެރިކާގެ ނިޒާމާ ދާދި އެއްކަހަލަ ގޮތަކަށެވެ. ސިޔާސީ މަންޒަރު ކުރެހިފައި އޮތީވެސް އެހެނެވެ. ރާއްޖޭގައި ވެސް އޮތީ މައި ދެ ޕާޓީ އެކެވެ. އެމްޑީޕީއާއި ޕީޕީއެމް އެވެ. އެ ދެ ޕާޓީން ނެރޭ، ނުވަތަ އެ ޕާޓީތަކުގެ ތާއީދު އޮތް ކެންޑިޑޭޓުންނަކީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކެންޑިޑޭޓުންނެވެ. ދެން ތިބި ކެންޑިޑޭޓުންނަކީ 'ހަވާސާ' އެވެ. އެއީ އިންތިހާބުގެ ބޮޑު މަންޒަރުން ބޭރެވެ.

ރިޔާސީ އިންތިހާބު ފަދަ މުހިންމު އިންތިހާބުތަކުގައި ރައްޔިތުން ދޭ ވޯޓަކީ ނަތީޖާ ނެރުމަށްޓަކައި ދޭންޖެހޭނޭ ވޯޓެކެވެ. އަޅުގަނޑު އެންމެ ތާއީދުކުރާ އަދި އަޅުގަނޑަށް އެންމެ ކަމުދާ ކެންޑިޑޭޓަކީ ރައްޔިތުންގެ މެދުގައި އެހައި މަގުބޫލު މީހަކަށް ނުވެދާނެ އެވެ. އޭނާ ހޮވުމުގެ ފުރުސަތު، ނުވަތަ ދެވަނަ ބުރަކަށް ދިއުމުގެ ބުރުސަތުވެސް ނެތްކަން ސާފުކޮށް އެބަ އެނގެ އެވެ. އެ ހާލަތުގައިވެސް އޭނާއަށް ވޯޓު ދީފިނަމަ، އެ ވޯޓުން އެ ކެންޑިޑޭޓަކަށް މަންފާއެއް ނުކުރާ ހާލު، އަޅުގަނޑު އެންމެ ބޭނުންނުވާ ކެންޑިޑޭޓަށް އެ ވޯޓުގެ މަންފާކޮށްފާނެ އެވެ.

"ރާއްޖޭގައި މިއޮތީ ދެފިކުރެއް. ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ފުރޭނިގެން މަގާމަށް އަންނާނީ މި ދެ ކެންޑިޑޭޓުން (ރައީސް ސޯލިހު އާއި ޑރ.މުއިއްޒު) ގެ ތެރެއިން ކެންޑިޑޭޓެއްކަން ޔަގީން. މީހަކަށް ވޯޓު ދޭން ވާނީ އޭނާ މަގާމަށް ހޮވަން. އޭނާ ނުހޮވޭނޭކަން އެނގޭހާލު އޭނާއަށް ވޯޓު ދިނުމަކީ އެ ގޮނޑިއަށް ދެން އެންމެ ގާބިލު މީހާއަށް ފުރުސަތު ގެއްލި، އެ ގޮނޑި ލިބިގެން ނުވާނޭ މީހަކު އެ ގޮނޑިއަށް ގެނައުމަށް ދެވޭ ވޯޓަކަށް ވެދާނެ. މި ރިޔާސީ އިންތިހާބުގައި މިއޮތީ އެކަހަލަ ހާލަތެއް." މި ރިޕޯޓަށް ވާހަކަ ދައްކަމުން، ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވުނު ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުތަކުގައި ބޮޑު ދެ ޕާޓީ ނޫން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ގާސިމް އިބްރާހީމް އެވެ. އެހެން ނަމަވެސް މަގުބޫލުކަމާއި، ގާސިމްގެ ނުފޫޒަށް އައި ބަދަލާއެކު މި އިންތިހާބުގައި އެމަނިކުފާނު ވެސް ހިމެނެނީ 'އެހެނިހެން' ކެންޑިޑޭޓުންގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް 'އެހެނިހެން ކެންޑިޑޭޓުންނަށް' ލިބުނީ މުޅި އިންތިހާބުގައި ވޯޓުލީ މީހުންގެ ޖުމުލަ އެކެއް އިންސައްތައެއްހައި ވޯޓެވެ.

ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މައި ދެ ކެންޑިޑޭޓުން ފިޔަވައި ދެން ތިއްބެވީވެސް އިލްމީ ގާބިލު ބޭފުޅުންނެވެ. ހިންގުންތެރި މީހުންނެވެ. އެހެންނަމަވެސް ރައްޔިތުންގެ މެދުގައި ބޮޑު ތާއީދެއް ނެތްކަން ހާމަވާ ކެންޑިޑޭޓުންނަށްވީތީ ހަވާސާއަށް ވޯޓުދޭން އެފަހަރުވެސް ރައްޔިތުން ބޭނުން ނުވީ އެވެ.

މި ރިޔާސީ އިންތިހާބުގައި، ވޯޓުގެ ރަނގަޅު އިންސައްތައެއް ނުލިބޭނޭ ކެންޑިޑޭޓުން ތިބިއިރު، އެ ކެންޑިޑޭޓުގެ ސިފަ ނުވަތަ ވަކި ސިޔާސަތެއް ކަމުގޮސްގެން ދޭ ވޯޓުގެ ނަތީޖާއަކީ ފަހަރުގައި ތިމާ ހިތްނޭދޭ ކެންޑިޑޭޓަށް ފުރުސަތު ފަހިވުން ކަމުގައިވެސް ވެދާނެ އެވެ. ގޮތް ނިންމަން މިއުޅެނީ ރާއްޖޭގެ ރައީސްކަން ކުރާނޭ ބޭފުޅަކު ކަނޑައެޅުމާމެދު އެވެ. ހަމަ ޔަގީނުންވެސް އެ މަގާމަށް އައުމަށް ވޯޓުލާ މީހާ އެއްގޮތަކަށްވެސް ނޭދޭ ކެންޑިޑޭޓަކު ހުންނާނެ އެވެ. ތިމާއަށް ކަމުދާ މީހާ ނުހޮވުނަސް މިވެނި މީހަކު ހޮވިގެން ނުވާނޭކަމަށް ގަބޫލުކޮށްފާނެ އެވެ. އެހެންނަމަވެސް ހަވާސާއަށް ވޯޓު ދިނުމަކީ، އަމިއްލަ ވޯޓު ބޭކާރުވެ، ތިމާ ނުރުހޭ މީހާ އިންތިހާބުވުމަށް އެހީތެރިވެދޭ ވޯޓަކަށް ވެދާނެ އެވެ.

މީގެ އަނެއްކޮޅުވެސް އެބައޮތެވެ. ވޯޓަކީ ތިމާގެ ހައްގެކެވެ. އެ ވޯޓު ދޭނޭ މީހާ އެނގޭނީ ވެސް ތިމާއަށެވެ. އެހެންވީމާ ތިމާ ގަޔާވާ ކެންޑިޑޭޓު ހޮވުނަސް ނުހޮވުނަސް ވަރިހަމަކަމަށް އޭނާއަށް އެ ވޯޓު ދިނުމަކީ އޮންނާނޭ ހައްގެކެވެ. އެހެންނަމަވެސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ޒިންމާއެއްވެސް އޮވެ އެވެ. އެ ޒިންމާއަކީ ތިމާ ދޭ ވޯޓުގެ ސަބަބުން ގައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނޭ ނަތީޖާއެއް ނުކުމެދާނޭ ގޮތަކަށް ވޯޓު ނުދިނުމެވެ.