Advertisement

އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންވެސް ބުނަނީ އެއްބުރުން ކަމަށް! ފުރުސަތު އޮތީ ކިހައި ވަރަކަށް؟

7 ސެޕްޓެންބަރު 2023 - 16:14 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންވެސް ބުނަނީ އެއްބުރުން ކަމަށް! ފުރުސަތު އޮތީ ކިހައި ވަރަކަށް؟

7 ސެޕްޓެންބަރު 2023 - 16:14 1

ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބުގެ ވޯޓުލުމަށް އެންމެ ދުވަހަކާއި ގަޑިއިރު ކޮޅަކަށްވެފައި ވާއިރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭބޭފުޅުން ގެންދަވަނީ ތަފާތު ހިސާބުތައް ޖައްސަވަމުންނެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމުލަ އަށް ކެންޑިޑޭޓުން ނުކުންނަވައި ތިއްބެވިއިރު، އޭގެތެރެއިން އެއްވެސް ބޭފުޅަކު އިންތިހާބު ކާމިޔާބު ނުކުރެވިދާނެ ކަމަށް ބަލައި ހިސާބެއް ނުޖައްސަވަ އެވެ.

ކެމްޕޭނު ކުރުމަށް ގާނޫނުން ލިބިދީފައިވާ ވަގުތު މާދަމާއަށް ހަމަވާއިރު، މިހައިތަނަށް ކުރެއްވި ކެމްޕޭނުތަކާއި އާންމުންގެ ޝުއޫރުތައް ހުރިނެތް ގޮތް ބަލައިލުމުން ފެންނާން އޮތް ހަގީގަތަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާތުން ވާދަކުރައްވާނެ ދެ ކެންޑިޑޭޓުންނަކީ އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަމެވެ.

އެ ވާދައިގައި އެ ދެ ބޭފުޅުންވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށްވުރެ މޮޅަށް، ތަފާތު ވާހަކަތައް ދައްކަވަމުން ގެންދެވި ނަމަވެސް، ދެބޭފުޅުން ވެސް އަކުރާއި ފިލި އެއްވަރު ކުރައްވައި އެއް ރާގެއްގައި ވިދާޅުވަމުން ގެންދަވާ އެއް ވާހަކައެއް އެބަ އޮތެވެ. އެއީ 'އެއްބުރުން މިކަން ނިމިއްޖެ' ކަމަށް ވިދާޅުވެ ދެ ޕާޓީން ޖަހާ ހިސާބުގެ ވާހަކަ އެވެ.

ރިޔާސީ އިންތިހާބެއް އެއްބުރުން ކާމިޔާބު ކުރެވޭނެ ހަމައެއް ކަމުގައި ގާނޫނު ބަޔާން ކުރަނީ ވޯޓުދޭ މީހުންގެ 50 އިންސައްތައަށްވުރެ އިތުރަށް މަދުވެގެން އެއް ވޯޓު ހޯދުމެވެ. މި އަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މީގެ ކުރީގެ އިންތިހާބުތަކަށް ބަލާއިރު، ވޯޓުލާން ނުކުތް މީހުންގެ އާންމު ނިސްބަތަކީ 85 އިންސައްތަ އެވެ. އެ އަދަދާއި މިފަހަރުގެ ކެމްޕޭނު ކުލަވަރު އަޅާކިޔާލުމުން، މި އިންތިހާބުގައި 87 އިންސައްތަ މީހުން ވޯޓު ލާން ނުކުންނާނެ ކަމަށް ބެއްޔަސް އެއީ، 245،683 މީހުންނެވެ. އެއްބުރުން މި އިންތިހާބު ކާމިިޔާބު ކުރާނަމަ، ކާމިޔާބު ކުރާ ކެންޑިޑޭޓަކު އޭގެ ދެބައިކުޅަ އެއްބަޔަށްވާ 122،841 އަށްވުރެ ގިނަ ވޯޓު ހޯދަންޖެހޭނެ އެވެ.

ކުރީގެ އިންތިހާބުތަކުގައި ވޯޓުލާން ނުކުތް އިންސައްތަ


2008 ގެ ފުރަތަމަ ބުރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 2،07961 ވޯޓުލާން ނުކުތް އިންސައްތަ؛ 85.38 2008 ގެ ދެވަނަ ބުރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 2،09294 ވޯޓުލާން ނުކުތް އިންސައްތަ؛ 86.58 2013 ގެ ފުރަތަމަ ބުރު (ބާތިލުކުރެވުނު) ވޯޓުލާން ނުކުތް އިންސައްތަ 88.44 2013 ގެ ފުރަތަމަ ބުރު ވޯޓުލާން ނުކުތް އިންސައްތަ 87.2 ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 2،39105 2013 ގެ ދެވަނަ ބުރު ވޯޓުލާން ނުކުތް އިންސައްތަ 91.4 ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 2,39165 2018 ގެ ފުރަތަމަ ބުރު ވޯޓުލާން ނުކުތް އިންސައްތަ 89.22 ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 2,62135

އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ވެސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ އެ ބޭފުޅުން ނިސްބަތްވެލައްވާ ސިޔާސީ ފިކުރުތަކުން މީގެ ކުރިން ނެރެފައިވާ ނަތީޖާތަކަށް ބުރަވެ ތިއްބަވަ އެވެ. ދެ ކެންޑިޑޭޓުންގެ ޕާޓީގެ ދަފުތަރަށް ނަޒަރު ހިންގާލުމުން ބައެއް ބޭފުޅުން ހިތްފުރިގެންދިޔަ ނަމަވެސް އެއީ މިހާރުގެ ހަލަތާ ނުބައްދަލު އަދަދުތަކެއް ކަމުގައި ބުނެވިދާނެ އެވެ. އިލެކްޝަންސްގެ ދަފުތަރުން ފެންނާން އޮތް ގޮތުގައި އެމްޑީޕީގެ ދަފުތަރުގައި މިވަގުތާ ހަމައަށް 57،660 މެންބަރުން ތިބިއިރު، ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އެއްކޮށްލުމުން ފެންނަ އަދަދަކީ 41،718 އެވެ.

ނަމަވެސް އިންތިހާބާ ކުރިމަތިލާއިރު، ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީގައި ވެސް މީގެ ކުރިން ހުރި ފަންވަރެއް މިހާރަކު ނެތެވެ. އެކި ފަހަރުމަތިން ޖެހުނު މައްސަލަތަކާއި ހިޔާލުތަފާތުވުންތަކުގައި އެ ދެ ފިކުރުގައި ވެސް އޮތީ ކޫޑި އަޅައި ބައިބައިވެފަ އެވެ. ހަމަޔަގީނުން ވެސް އެއީ މިފަހަރުގެ އިންތިހާބުގެ ނަތީޖާއަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން ފާއިތުވި އިންތިހާބުތަކުގައި އެ ޕާޓީތަކުން ހޯދި ކާމިޔާބީއާއި ޕާޓީގެ ދަފުތަރަކީ މި އިންތިހާބުގެ ނަތީޖާ ވަޒަން ކުރުމަށް ބޭނުން ކުރެވޭނެ މީޒާނެއް ނޫނެވެ.

ބައިބައިވި ފިކުރާއި އެހެނިހެން ކެންޑިޑޭޓުންގެ ވޯޓުން ކުރާނެ އަސަރު

އިންތިހާބުގެ ނަތީޖާ ނެރުމުގައި ބައިބައިވެގެންދިޔަ ފިކުރުތަކާއި އެހެނިހެން ކެންޑިޑޭޓުންނަށް އޮންނަ ތާއީދަކީ މައި ދެ ކެންޑިޑޭޓުންނަށް އޭގެ އަސަރު ސީދާކޮށް ކުރާނެ ކަމެކެވެ. އެންމެ މަގުބޫލު ދެ ކެންޑިޑޭޓުން ނަގާފައި ދެން އެންމެ ތާއީދު ބޮޑުކޮށް އުޅުއްވަނީ މީގެ ކުރީގެ އިންތިހާބުތަކުގައި "ކިންގު މޭކަރު" ގެ މަގާމު ފުރުއްވަމުން ގެންދެވި ޖުމްހޫރީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އެމްޑީޕީން ވަކިވެގެން ގޮސް އުފަންކުރުވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން ވާދަކުރެއްވި ހުރިހާ އިންތިހާބުތަކެއްގައި ވެސް ތިންވަނަ ޔަގީން ކުރައްވައިފަ އެވެ. އެހެންނަމަވެސް އެބޭފުޅާއަށް މީގެ ކުރިން ލިބިވަޑައިގެންނެވި ވޯޓު ބޮޑަށް ފާހަގަކުރެވެނީ ޕާޓީގެ ސިޔާސަތުތައް ކަމުގޮސްގެން ލިބުނު ވޯޓަށްވުރެ ބޮޑަށް ކޮށްދެއްވި ކަމަކަށް ނުވަތަ ވެދެއްވި އެހީއަކަށް ޝުކުރުގެ ގޮތުގައި އަޅާ ވޯޓުގެ ގޮތުގަ އެވެ. އެ ވޯޓުތަކަކީ ގާސިމްގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތްހައި ހިނދަކު އެހެން ބޭފުޅަކަށް ލިބޭނޭ ވޯޓެއް ނޫނެވެ. އެހެންކަމުން އެ ވޯޓުތަކުގެ ސަބަބުން މައި ދެ ކެންޑިޑޭޓުންނަށް ކުރާނެ އަސަރެއް ނެތެވެ.

ނަމަވެސް 2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގައި ގާސިމްގެ ރިސޯޓުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުމުން މުވައްޒަފުންނަށް މުސާރަ ނުދެވި ދިިޔަ ދިޔުމަކީ ގިނަ ބައެއްގެ ހިތުގައި ގާސިމާ މެދު ނުރުހުމާއި ނަފުރަތުގެ އިހުސާސްތައް އުފެދުނު ސަބަބަކަށެވެ. އޭގެ އަސަރު ގާސިމްގެ ވޯޓު ބޭންކަށް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެ ސަބަބާ ހުރެ ގާސިމްއާ ފެޔަށްދިޔަ މީހުންގެ ވޯޓުތައް ބެހިގެންދާނޭކަމަށް ގަބޫލު ކުރެވެނީ މައި ދެ ކެންޑިޑޭޓުންނަށެވެެ. އެހެންކަމުން އެއީ ވެސް މައި ދެ ކެންޑިޑޭޓުން ޖައްސަވާ ހިސާބަށް ބާރު ލިބޭ ކަމެއް ކަމުގައި ވާނެ އެވެ.

އެމްޑީޕީގެ ތެރޭގައި ހެދި ޖަގަޑާއަށްފަހު ޕާޓީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދައިގެން އުޅޭ ޑިމޮކްރެޓްސްއަށް ލިބޭ ގިނަ ވޯޓަކީ ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް އޮންނަ ލޯތްބެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި، އިލްޔާސް ލަބީބަކީ ނަޝީދުގެ ހިޔަނީގައި ނުކުންނަވައި ހުންނެވި ނަޝީދުގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި ތިން ބައްޔަށްފަހު ވެސް ނަޝީދަކީ އަދިވެސް މީހުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ނަމަވެސް ހަމައެކަނި އެ މަގުބޫލުކަމަކީ ރިޔާސީ އިންތިހާބެއްގައި ބޮޑު އަގުލަބިއްޔަތެއް ހޯދުމަށް އޮތް މަގެއް ނޫނެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ޕާޓީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުން އެކަނި ވެސް ސާފުވި އެވެ.

އެހެންނަމަވެސް ޑިމޮކްރެޓްސްއަށް ތާއީދުކޮށް ހޮނިހިރު ދުވަހު ޖަހާ ކޮންމެ ފާހަގައަކީ އެމްޑީޕީއަށް ގެއްލިގެންދާ ވޯޓެކެވެ. މި އިންތިހާބުގައި އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ވެސް އެމްޑީޕީ ތެރެއިން ނުކުމެގެންދިޔަ މީހުންނެވެ.

ރިޔާސީ ރޭހުގައި ދެން ބައިވެރިވެލައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ކެންޑިޑޭޓު، ކާނަލް ނާޒިމްއާއި އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާ، އުމަރު ނަސީރު އަދި ފާރިސް މައުމޫނަށް ލިބޭނެ ވޯޓުތަކަކީ އެ ބޭފުޅުން ކުރިމަތިނުލެއްވިނަމަ، އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ލިބޭނެ ވޯޓު ކަމަށް ބެލެވެ އެވެ. ސަބަބަކީ އެ ބޭފުޅުންނަކީ އަބަދުވެސް އެމްޑީޕީއާ އިދިކީލަ ފިކުރުގެ ބޭފުޅުން ކަމަށްވެފައި މީގެ ކުރީގެ އިންތިހާބުތަކުގައި ނަތީޖާ އަބަދުވެސް ނެރެފައި ހުރި އެމްޑީޕީއާ އެއްކޮޅު ފިކުރާއި ދެކޮޅު ފިކުރުގެ މެދުގައި އޮތް ވާދަވެރިކަމުން ކުރި ހޯދާ ބައެއް ކަމަށް ވާތީ އެވެ.

އެހެނިހެން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް އިންތިހާބެއްގައި ވާދަކުރި ކުޑަ ޕާޓީއަކަށް އޮތީ އެމްއެންޕީ އެކަންޏެވެ. އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް ވޯޓުލީ 2932 މީހުންގެ ތެރެއިން 323 ވޯޓު ހޯދައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލީ 2755 މީހުންގެ ތެރެއިން އެމްއެންޕީއަށް ހޯދުނީ 122 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 4.5 އިންސައްތަ އެވެ. އެ ނަތީޖާއަށް ބަލާއިރު، މި ރިޔާސީ އިންތިހާބުގައި ވެސް އެމްއެންޕީއަށް އެކަށީގެންވާ އަދަދެއްގެ ވޯޓު ލިބިދާނޭކަމަކަށް ނުފެނެ އެވެ.

ދިވެހީން އަބަދުވެސް ނަގާ "ބޮޑު ފަޅި"

ފާއިތުވި 15 އަހަރަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ މެދުގައި އެހައި މަގުބޫލު ނޫން ކެންޑިޑޭޓުންތަކެއް މިފަހަރު ނޫނީ ދެން ވާދަކުރެއްވީ 2008 ވަނަ އަހަރު އެވެ. އެ އިންތިހާބުގައި ޖުމުލަ ފަސް ބޭފުޅަކު ވާދަކުރެއްވިއިރު، "އެހެނިހެން" ކެންޑިޑޭޓުންގެ ތެރޭގައި އޭރު ހިމެނި ކެންޑިޑޭޓުންނަށް އެކު ޖުމުލަ ވޯޓުލީ މީހުންގެ 1 އިންސައްތަ ވެސް ހޯދިފައެއް ނުވެ އެވެ. އެގޮތަށް މެދުވެރިވީ ސަބަބަކީ ކެންޑިޑޭޓުންގެ އިލްމީ ގާބިލިއްޔަތުކަމާއި އަހުލާގު ނެތުމެއް ނޫނެވެ. އަދި ސިޔާސަތުތައް ދޯހަޅިވެ ކުރިމަގު އުޖާލާ ކުރާނޭ މަގުޗާޓެއް ނުދެއްކެވީތީއެއް ވެސް ނޫނެވެ. އެ ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކާއި ފާޅު ކުރެއްވި ސިޔާސަތުތައް އާންމުންގެ ތެރެއިން ބަޔަކަށް ގަބޫލު ކުރެވުނު ނަމަވެސް ރިޔާސީ ތަހުތުގައި އެ ބޭފުޅުން ވެޑުވޭނޭކަމުގެ އުއްމީދެއް ގިނަ މީހުންގެ ނެތުނީ އެވެ. ކެންޕޭނުގައި ދެއްކެވި ކުލަވަރާއި ފެނުނު ފޯރީގައި އެ ބޭފުޅުންނަށް އެ ރޭހުގެ ކުރި ނުލިބޭނޭކަން ގިނަ ބަޔަކަށް ފަހުމުވީ އެވެ.

މިފަހަރުގެ އިންތިހާބުގައި ވެސް މިހައިތަނަށް ފެނުނު ޖޯޝާއި ކެމްޕޭނު ފޯރިއަށް ބަލާނަމަ، "އެހެނިހެން" ކެޓެގަރީގައި މި ގުނި ކެންޑިޑޭޓުންނަށް އެކު ޖުމުލަ 20 ނުވަތަ 25 އިންސައްތަ ވެސް ހޯދުން އެއީ ނާދިރު ކަމެއް ކަމަށް ނޫނީ ނުފެނެ އެވެ. އެ ބޭބޭފުޅުންގެ ކެމްޕޭނު ދުވެއްޔާއި ދައްކާ މަންޒަރުން ވެސް ބުނެދެނީ މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ހަމަ ބުނެދިން ވާހަކަ އެވެ. 2008 ވަނަ އަހަރުގެ އިންތިހާބެކޭ އެއްގޮތަށް މިފަހަރުގެ އިންތިހާބަކީ ވެސް ބޮޑު ދެ ފިކުރުގެ މެދުގައި ހިނގާ ކުރިމަތިލުމެއް ކަމެވެ. ނަތީޖާ ނެރުމުގައި ކުދި ޕާޓީ ނުވަތަ އެހެނިހެން ކެންޑިޑޭޓުންނަކީ މާބޮޑު ދައުރެއް އަދާ ކުރެވޭނޭ ބައެއް ނޫން ކަމެވެ.

މި ހުރިހާ ހިސާބެއް ޖަހައި ނިންމައިލުމުން ވެސް ރައީސް ސޯލިހުއާއި ޑރ. މުއިއްޒު ވެސް އެ ވިދާޅުވާ ގޮތަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެ ދެ ބޭފުޅުންނަށް އަދިވެސް އެބަ އޮތެވެ.

މި އިންތިހާބުގެ ދެ ބޮނދަށް ކަޅިއެއް

ކުރިއަށް އޮތް ފަސް އަހަރު ދިވެހި ދައުލަތް ހިންގުމާ ހަވާލުވުމަށްޓަކައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ފިކުރުން ވެސް އަތުކުރިއޮޅާލައި ކުޅިބައި އަތުރާލާފައިވާއިރު، ދެ ފަރާތުގައި ތިއްބެވި ދެ ކެންޑިޑޭޓުންނަކީ ވެސް ސިޔާސީ ތަޖުރިބާއަށް ބަލާއިރު ދޮށީ ދެ ބޭފުޅުންނެވެ.

ރައީސް ސޯލިހުގެ ވެރިކަން ބަދަލު ކުރުމުގެ އަޒުމުގައި ޕީޕީއެމްގެ ތާއީދާއެކު ޕީއެންސީން ނުކުންނަވައި ހުންނެވި ޑރ. މުއިއްޒުއަކީ ކުރީގެ ރައީސް ވަހީދުއާއި ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރެވެ. އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނުކުންނެވި މުއިއްޒު ޕީއެންސީއަށް ސޮއި ކުރެއްވުމުގެ ކުރީން ސަން ޓްރެވެލް ޝިޔާމުގެ އެމްޑީއޭއާއި ޕީޕީއެމްއަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ މަގުމަތީގެ ހަލަބޮލިކަމާއި، މަރުތަކާއި، ސިޔާސީ މީހުން ޖަލަށްލުންފަދަ ކަންކަމުން އުފެދުނު ނުތަނަވަސްކަން ދިފާއުކުރައްވައި މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ މި އިންތިހާބާ ގުޅިގެން އޭނާއަށް އަމާޒުވާ އެންމެ ބޮޑު ފާޑު ކިޔުމެވެ. މުއިއްޒުގެ ވިސްނުންފުޅަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް މީހަކާމެދު އަނިޔާވެރިވެފައި ނެތްކަމެވެ.

ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ސަންގު ޓީވީއާއި ޕީއެސްއެމުން ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން މުއިއްޒު އެހެން ވިދާޅުވިއިރު، ސްޓޭޖުގައި އެކަނި ވެސް ޔާމީންގެ އަނިޔާވެރިކަމާ ކުރިމަތިލާންޖެހުނު ފަސް ކެންޑިޑޭޓުން ތިއްބެވި އެވެ. މުއިއްޒު އެހެން ވިދާޅުވާއެކު އެ ހުރިހާ ބޭފުޅުންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އެ ވާހަކަތައް އެ ބޭފުޅުން ބަލައިގަތް ގޮސް ސާފުވި އެވެ.

މުއިއްޒުގެ ވަޒީރުކަމުގައި، އެ މިނިސްޓްރީން މަސައްކަތް ހަވާލުކޮށްފައިވާ ބައެއްގެ އަތުން ފައިސާ ހޯއްދެވިކަމުގެ ތުހުމަތާއި، އަމިއްލަފުޅު ގެކޮޅު އިމާރާތްކުރުމަށްޓަކައި ކުންފުންޏަކަށް ނަގުދު ފައިސާއިން 11 މިލިއަން ރުފިޔާ ދެއްކެވުމާއި އެ ފައިސާގެ އަސްލާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ދެކޮޅު ނުޖެހުމަކީ ވެސް މުއިއްޒުއަށް މި އިންތިހާބުގައި ކުރިމަތިވާނޭ ގޮންޖެހުމެކެވެ.

އެ ގޮންޖެހުންތައް އެހެން ހުރިއިރު، ކެމްޕޭނު ކުރައްވަން މުއިއްޒުއަށް ލިބިވަޑައިގެންނެވި ކުރު މުއްދަތަކީ ވެސް އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮން ޖެހުމެކެވެ. މި އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒު ފޯމު ހުށަހެޅުއްވިއިރު ވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ސޯލިހު ގެންދެވީ ކެމްޕޭނު ކުރައްވަމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށްފަހު ފެށި ކެމްޕޭނު ދަތުރުތައް އެމްޑީޕީން ހަވަނަ ގިޔަރަށް ރަސްމީކޮށް ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށްފަހު ނަމަވެސް ފާއިތުވެދިޔަ ދެ މަހެއްހައި ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ 163 ރަށަކަށް ވަޑައިގެންފަ އެވެ. ރިޔާސީ ޕްރައިމަރީން ފެށިގެން ބެލީމާ ދެފަހަރު ވެސް ބައެއް ރަށްރަށަށް ވަޑައިގެންނެވިއްޖެ އެވެ. ރައީސް ސޯލިހުއަށް ވަޑައިނުގެންނެވޭ ރަށްރަށަށް އެމަނިކުފާނުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް ދަނީ ވަޑައިގަންނަވަމުންނެވެ. އެހެންކަމުން އެ ދެ ބޭފުޅުން އެކުގައި މުޅި ރާއްޖެ ކަވަރުކޮށްފި އެވެ.

އެއާހިލާފަށް ކެންޑިޑެސީ ކަށަވަރުވުން ލަސްވުމުގެ ސަބަބުން ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒުއަށް ދަތުރުތައް ފެށުނީ މާ ލަހުންނެވެ. ނަމަވެސް އެ ލަސްކަމާ އެކު ވެސް މުއިއްޒު މިހާރު 85 ރަށަށް ދަތުރުކުރައްވައިފި އެވެ. އެ ބޭފުޅާގެ ރަނިންމޭޓު، ހުސެއިން މުހައްމަދު ލަތީފު 65 ރަށަށް ދަތުރުކުރައްވައިފި އެވެ. ލިބުނު ވަގުތުގެ މަދުކަމުން އެ ދެ ބޭފުޅުންވެސް އިސްކަން ދެއްވީ އާބާދީ ބޮޑު، ގިނަ ވޯޓު ލިބޭނޭ ރަށްރަށަށް ދަތުރުކުރެއްވުމަށެވެ.

ދަތުރު ކުރެވުނު ރަށްރަށުގެ އަދަދުގައި ތަފާތެއް އުޅުނެއް ކަމަކު ގިނަ ރަށްރަށުން އާންމު ގޮތެއްގައި ދެ ކެންޑިޑޭޓުންނަށް ވެސް ހޫނު މަރުހަބާއެއް ކިޔަ އެވެ. ނަމަވެސް އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި އެމްޑީޕީގެ ކެންޑިޑޭޓަށް މަރުހަބާ ދަންނަވަން ނުކުންނަ އަދަދު އިތުރުކަން ފާހަގަކުރެވެ އެވެ. ބައެއް ރަށްރަށުގައި ހަމައެކަނި ސަލާމްކުރުމަށް ވެސް ގަޑިއެއްހާއިއިރު ހޭދަކުރައްވަ އެވެ.

ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމުގެ ގަދަ އަޒުމުގައި ނުކުންނަވައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ސިޔާސީ ހަޔާތުގެ ހުރިހާ ދުވަހެއް ހޭދަކުރެއްވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓާ ހިލާފަށް ރައީސް ސޯލިހުއާ ފައިސާގައި ޖެހުމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެވެސް ސިފައެއްގައި އެފަދަ ވާހަކަތައް ދެއްކެވިނަމަވެސް، ސާބިތުހިފޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެ ބޭފުޅުން ވެސް އެ ވާހަކައެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި އިދިކޮޅުން ވެސް އެންމެ ބޮޑަށް ފާޑުކިޔަނީ ސަރުކާރު ހިންގުން ހަރުދަނާ ނޫންކަމަށް ވިދާޅުވެ އެވެ.

ރައީސް ސޯލިހުއަށް މި އިންތިހާބުގައި ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ހިންގާ ފަރާތުގެ ގޮތުގައި ހުންނެވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދިފާއުކުރުމަކީ އެމްޑީޕީއަށް މުޅީން އައު ތަޖުރިބާއަކަށް ވާއިރު، އެއީ މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ކާމިޔާބު ވެސް ކުރެވިފައި ނުވާ ކަމެކެވެ.

އެމްޑީޕީން މީގެ ކުރީގެ އިންތިހާބުތައް މުޅީން ވެސް ކާމިޔާބު ކުރީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެންނެވެ. އެ ކެމްޕޭނުތަކުގައި ގޮވަންޖެހުނީ ނުވެހުރި ކަންކަމާއި ވެރިކަން ލިބިއްޖެ ނަމަ ކޮށްދޭނެ ކަންކަމުގެ ވާހަކަ އެވެ. އަދާކުރީ އިދިކޮޅުގެ ދައުރެވެ. އުފުލީ ފާޑު ކިޔުމުގެ ޒިންމާ އެވެ. ނަމަވެސް މި އިންތިހާބުގައި އެމްޑީޕީއަށް ގޮން ޖެހުމެއްގެ ގޮތުގައި އޮތީ މި ދައުރުގައި ކޮށްދެވިފައި ހުރި ކަންކަން ފާހަގަ ކުރުމާއެކު ނުވެ ހުރި ކަންކަން ނުވެ ހުރި ސަބަބުތައް ރައްޔިތުންނަށް ގަބޫލު ކުރެވޭ މިންވަރަށް ބުނެދޭން ޖެހުމާއި އައު ވައުދުތައް ފުއްދާނޭކަމުގެ ޔަގީންކަން ދިނުމެވެ.

ހިނގަމުންދާ ކޮންމެ ސިކުންތަކާއެކު ރިޔާސީ އިންތިހާބުގެ ވޯޓު ލުމާ ގާތްވަމުންދާއިރު، މިހައިތަނަށް ފެންނާން ހުރި މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު، ޕީއެންސީއަށް ވެސް އަދި އެމްޑީޕީއަށް ވެސް އިންތިހާބު އެއްބުރުން ކާމިިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުން ފިލާވަޅެއް ހޯދާނަމަ، ދެ ކެންޑިޑޭޓުންނަށް ވުރެ ގިނައިން ވާދަކޮށްފި ނަމަ ދެވަނަ ބުރަކަށް ދާން ނުޖެހި އިންތިހާބެއް ނިމިފައެއް ނެތެވެ.

ނަމަވެސް މި އިންތިހާބާ ކުރިމަތިލާއިރު، ސިޔާސީ ފޯރި އާންމުންގެ ތެރޭގައި ކުޑަވެފައި އޮތް މިންވަރާއި "އެހެނިހެން" ކެންޑިޑޭޓުންނަށް އޮތް ތާއީދުގެ ނިސްބަތް ޖުމުލަކޮށް ދަށްވުމާއި ސިޔާސީ "ކުޅިވަރަށް" ދިވެހީން ހޭލުންތެރިވެފައި ތިބި މިންވަރަށް ބަލައި ތާއީދު ކިރައިލުމުން މި އިންތިހާބުގައި މާ އާދަޔާހިލާފު ނަތީޖާއެއް ނުކުމެދާނެ ކަމަކަށް ނުބެލެވެ އެވެ.

މިހައިތަނަށް ފެންނާން ހުރި ހަގީގަތަކީ މިއީ ކަމުގައިވިޔަސް މީގެ ކުރީގެ އިންތިހާބުތަކުގައި އިންތިހާބުގެ ކުރީން އޮންނަ 24 ގަޑިއިރުގެ ތެރޭގައި ވެސް އިންތިހާބުގެ ނަތީޖާއަށް ބޮޑު ބަދަލެއް ގެނުވާފައިވެ އެވެ. އެހެންކަމުން އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން އެ ޖައްސަވާ ހިސާބު ދިމާވުމާ ގުޅިފައި އޮތީ ކެންޑިޑޭޓުން ކުރެއްވި ކެމްޕޭނު ދަތުރުތަކުން މީހުންނަށް ކުރުވި އަސަރަކާއި ނިސްބަތްވެލައްވާ ޕާޓީއެއްގެ ހަރުދަނާ ކަމާއި ކެންޑިޑޭޓުންގެ ފަތިފުށާ އެވެ.