Advertisement

ނަޝީދާއެކު ވަގުތުކޮޅެއް؛ މާޒީގެ ފިލާވަޅުތަކާއި، ބަރުލަމާނީ މަގު ޗާޓު!

25 ޖަނަވަރީ 2023 - 08:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގއ. ކޫއްޑޫ އެއާޕޯޓް

އެމްޑީޕީގެ ސަޕޯޓަރުންނާއެކު ރައީސް މުހައްމަދު ނަޝީދު


ނަޝީދާއެކު ވަގުތުކޮޅެއް؛ މާޒީގެ ފިލާވަޅުތަކާއި، ބަރުލަމާނީ މަގު ޗާޓު!

25 ޖަނަވަރީ 2023 - 08:51 0

ގއ. ކޫއްޑޫ އެއާޕޯޓް

މި ވަގުތު އެއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީ ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރެވި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ ހުރިހާ ލަގަބަކާ ހަމައަށް އައީ ފަސޭހަ ދަތުރެއް ކުރައްވައިގެނެއް ނޫނެވެ. އެތައް ފަހަރަކު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެ އުނދަގޫ ދަތުރަށް ފަހު، ވެރިކަމަށް އިންތިހާބުވި ނަމަވެސް، ދައުރު ފުރިހަމަނުވެ އެތައް ހަމަނުޖެހުމަކާއެކު ވެރިކަން ނިމުމަކަށް އައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުއްޓައި މަރުގެ ހަމަލާއެއް ވެސް ނަޝީދަށް އަމާޒުވެ، އެ ވޭން ވެސް ތަހައްމަލްކުރެއްވި އެވެ.

އެންމެ ފަހުން އެ ހުންނެވީ މީގެ ހަތަރު އަހަރު ކުރިން ނަޝީދު ގެންނަވަން މަސައްކަތް ކުރެއްވި ވެރިކަމާ ދެކޮޅަށް ނުކުމެ އެވެ. ޅަ ދުވަހުގެ އެންމެ ގާތް އެކުވެރިޔާއާ ދެކޮޅަށެވެ. ސިޔާސީ މަސައްކަތުގައި އަބަދުވެސް އެންމެ އަރިހުގައި ހުންނެވި ޅ. ހިންނަވަރު، ނޫރާނީއާގެ، އިބްރާހީމް މުހައްމަދު ސޯލިހުއާ ދެކޮޅަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު އެތައް ހިތްހަމަނުޖެހުމެއް އޮވެގެންނެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންގެ ތެރެއަށް މައުމޫނީ ސިފަތަކެއް ވަންނަމުން އެބަދޭ،"

ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ކޮންމެ ރަށަކަށް ވަޑައިގެން ވެސް ވެރިކަމަށް އަނެއްކާ ވެސް ވާދަކުރައްވަން ޖެހުނު ސަބަބުގެ ވާހަކަ ފައްޓަވަނީ މި މޭރުމުންނެވެ.

އެކަމަކު މިއަދު ނަޝީދަށް އަމާޒުވާ ސުވާލުތައް ވަކި މަދެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ނިންމަވާފައި ކޮންމެ ނިންމެވުމަކާއި، އެޅުއްވި ކޮންމެ ފިޔަވަޅަކާ މެދު އެތައް ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ބުރަކޮށް އުޅުއްވަމުން، ގއ. ކޫއްޑޫ އެއާޕޯޓްގައި "އަދަދު"އަށް ދެއްވި އިންޓަވިއުގައި އެ ސުވާލުތަކަށް ޖަވާބުތަކެއް ދެއްވި އެވެ. އެމަނިކުފާނުގެ ވެސް ހާއްސަ ލޯތްބެއް އޮތް "އެމްޑީޕީގެ ފިކުރު" ދިރުވައި އާލާކުރުން ނޫން ވިސްނުމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ފެބްރުއަރީ ހަތެއްގެ ވާހަކަ؛ "އެ ހާލަތެއް ދެން ނާންނާނެ"

އެމްޑީޕީގެ ދެ ސަރުކާރުގައި ވެރިކަންކުރެއްވި ދެ ބޭފުޅުން އެ ޕާޓީގެ ރިޔާސީ ޓިކެޓުގެ ރޭހަށް ނުކުމެ ތިއްބެވިއިރު، އެމްޑީޕީގެ ސަޕޯޓަރުންނަށް އެއިން އެކަކު އިހުތިޔާރު ކުރުމުގައި އަޅައިކިޔަން އޮތް އެއް ކަމަކީ ދެ ސަރުކާރު ހިނގައިދިޔަ ގޮތެވެ.

މީގެ ކުރިން ވާދަވެރި ޕާޓީތަކުން ވެސް ނަޝީދަށް ކުރިމަތިކޮށްފައި އޮތް އެންމެ ބޮޑު ފާޑުކިޔުމަކީ ދައުރު މެދު ތެރެއިން ވެރިކަން ދޫކޮށްލެއްވުމެވެ. ނަޝީދާއި އެމްޑީޕީން ދެކެނީ އެއީ "ބަޣާވާތެއް" ކަމުގަ އެވެ. އެކަމަކު ޕާޓީގެ ތެރެއިން ނުކުމެ އޮތް ވާދަވެރިން ވެސް މިއަދު ސިފަކުރާ ގޮތުގައި "ބަޣާވާތަކާ" ހަމައަށް އޭރު ކަންކަން ދީލާލައިގެން ދިޔުމުގައި ނަޝީދު ހެއްދެވި ބޮޑެތި ގޯސްތަކެއް އެބަހުއްޓެވެ. ކޯލިޝަން ރޫޅިގެން ދާން ފުރުސަތު ދިނުމާއި، ނަޝީދުގެ ވެރިކަމުގައި ކޯޓު އަމުރެއް ނެތި ކުރީގެ ރައީސް ޔާމީން ހައްޔަރުކުރެއްވުމާއި، ސިފައިން ބޭނުންކޮށްގެން، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވުމާއި، ސުޕްރީމް ކޯޓުން އަމުރު ކުރުމުންވެސް ބަންދުން ދޫކޮށްނުލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، މުޅި ކެބިނެޓު އެއްފަހަރާ އިސްތިއުފާ ދޭން ޖެއްސެވުމަކީ ސިޔާސީ ގޮތުން ހެއްދެވި ބޮޑެތި ގޯސްތަކެއް ކަމަށް ވާދަވެރިން ތުހުމަތު ކުރެ އެވެ.

އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ އެފަދަ ގޯސްތައް ހައްދަވައި، އުފެދޭ ހަލަބޮލިކަމުގައި އިސްތިއުފާ ދެއްވަފާނެތޯ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް އެ ސުވާލު އުފައްދަ އެވެ. ނަޝީދަށް އަލުން ވެރިކަން ދީފިނަމަ، އަނެއްކާ ވެސް އެމްޑީޕީއަށް ޖެހޭނީ އެ ދަތުރު ހެއްޔެވެ؟

"ފުރަތަމަ ވިސްނަވާ އަޅުގަނޑުމެން އެ ހާލަތު އެނަލައިޒް ކޮށްފިއްޔާ ކިހިނެއްވީ ކަމެއްތޯ،" އަލުން އެ ހާލަތު މެދުވެރިވާނެތޯ ސުވާލުކުރުމުން ނަޝީދުގެ ޖަވާބު ފެއްޓެވީ ވެސް އޭރު ހާލަތު އޮތް ގޮތާއި މިހާރު ހާލަތު އޮތް ގޮތާ އަޅައިކިޔުއްވަމުންނެވެ.

ނަޝީދު ވިދާޅުވާ ގޮތުން ރައްޔިތުންގެ މެދުގައި އެމްޑީޕީގެ މަގުބޫލުކަން އޭރު އެހާ ބޮޑެއް ނޫނެވެ. ސަރުކާރަށް އައީ ވެސް މާ ގިނަ ބަޔަކު ސީދާ އެމްޑީޕީއަށް ތާއީދުކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކާ ގުޅި، އެ ޕާޓީތަކުގެ ސަޕޯޓަރުންގެ ވޯޓާ އެކުގަ އެވެ. މަޖިލީހުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ނުލިބެ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ތެރޭ އަށަގަނެފައި އޮތް ހުދުމުހުތާރު ސިފަތައް ބަދަލުނުކުރެނެވެ.

"ފުލުހުން އަދި ސިފައިންގެ ތެރެ ވެސް އިސްލާހެއް ނުކުރެވުނު. ޖުޑިޝަރީ ވެސް، ގާނޫނު އަސާސީގައި އޮތް ގޮތަށް އެކުލަވައެއް ނުލެވުނު،" ވެރިކަމުގައި ކުރެއްވި ތަޖުރިބާ ވިދާޅުވި އެވެ. "ޒަމާނުއްސުރެން ހުދުމުހުތާރު ނިޒާމެއް އޮތީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރިން ވެސް އޮތް ކަހަލަ" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ އިސްތިއުފާއަށް ފަހު އެމްޑީޕީގެ މަގުބޫލުކަން އިތުރުވަމުން އައި ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ. މިހާރު އެމްޑީޕީ ސަރުކާރުގައި އޮވެ، މަޖިލީހުގެ މެޖޯރިޓީ ލިބި، ފުލުހުންނާއި ސިފައިންގެ ތެރެ ގިނަ ކަންކަން އިސްލާހު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

"ދެން އެ ހާލަތު އައުމަކީ ވަރަށް ނާދިރު ކަމެއް، ވެރިކަން އަބަދުވެސް ހިފަހައްޓާފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުން، ދެން އެ ބަޣާވާތަކީ ސިފައިންނާއި ފުލުހުންގެ ބަޣާވާތެއް، މިހާރު ސިފައިންނާއި ފުލުހުންގެ ތެރެ އެ ވަނީ ވަރަށް ބޮޑަށް އިސްލާހު ވެފަ،" ނަޝީދު ވިދާޅުވި އެވެ.

އަބަދުވެސް ވިސްނީ ދިގު މުއްދަތަކުން ޕާޓީ ދިރުވަން

ވެރިކަމުން ނަޝީދު އިސްތިއުފާ ދެއްވި ނަމަވެސް، އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިން އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން އެމްޑީޕީގެ ސަޕޯޓަރުން ތިބީ މަގުމަތީގަ އެވެ. އެ މުއްދަތުގައި އެމްޑީޕީ އޮތީ އަބަދުވެސް އަޑު އުފުލައި، އަޑު އިއްވުމުގަ އެވެ. ތިބީ އިހުތިޖާޖުގަ އެވެ. އެ ހާލަތުގައި ހަތް އަހަރު ދިޔަ އެވެ. ޕާޓީ "މަގުމަތިވެގެން" ދިޔައީ ނަޝީދުގެ ނިންމެވުންތަކުގެ ސަބަބުން ކަމަށް އެއް ބަޔަކު މިހާރު ދަނީ ސިފަކުރަމުންނެވެ. ހާއްސަކޮށް ރައީސް ސޯލިހުގެ އަރިހުގައި ތިއްބެވި ބޭފުޅުންނެވެ.

"އަޅުގަނޑުމެން މިން އަޅައިގެން ތިބީ ދިގު މުއްދަތަކަށް ޕާޓީއެއް ދިރުވައިގެން އެ ޕާޓީއެއް ހިންގައިގެން އެ ޕާޓީއަށް ތާއީދު ހޯދައިގެން އެ ޕާޓީން ރާއްޖޭގެ ކަންތައްތައް ބަދަލުކުރަން،" ނަޝީދުގެ ސިޔާސީ ހަޔާތުގައި، ނިންމެވި ކޮންމެ ނިންމެވުމެއްގެ ފަހަތުގައި އޮތް ވިސްނުން ހާމަކުރެއްވި އެވެ.

ގައުމުތަކުގެ ތަޖުރިބާތައް ވެސް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ވިސްނުންތަކާއި ރޭވުންތެރިކަމާއެކު އެމްޑީޕީގެ ފަލްސަފާ ދިޔައީ މުޅި ރާއްޖެއަށް ފެތުރެމުން ކަމަށެވެ. ކޮންމެ އިންތިހާބަކަށް ފަހު އަނެއް އިންތިހާބަކަށް އެމްޑީޕީން ހޯދި ވޯޓު އިތުރުވިކަން ފާހަގަ ކުރެއްވި އެވެ.

"އެންމެ ވެރިކަމަކުން، އެންމެ އިންތިހާބަކުން އަންނަ ބަދަލެއް އަޅުގަނޑު އޭރަކު ނުވިސްނަން، ދުވަހަކު ވެސް، އަދި މިހާރު ވެސް ނުވިސްނަން،" އެމްޑީޕީގެ ފަލްސަފާ ފެތުރުއްވުމުގައި ކުރެއްވި މަސައްކަތްތަކަށާއި، ދިމާވި އެކި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީން ވަކާލާތުކުރާ ހެޔޮ ވެރިކަމުގެ ފަލްސަފާ ފެތުރިގަތީ އެމަނިކުފާނު "ހުދުމުހުތާރު" ވުމުގެ ބަދަލުގައި މަގާމު ދޫކޮށްލެއްވުމުންނެވެ. އެ ގަބޫލުކުރެއްވުން ބިނާކުރެއްވި އަސާސަކީ ދެން ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ އެވެ. ނަޝީދު އެކަނި ނުކުމެ ލައްކައެއްހައި ވޯޓު ހޯއްދެވި އެވެ.

"އަޅުގަނޑުމެން މަގުމައްޗަށް ނުކުތިން ހިނގާލަން، ފެބްރުއަރީ އަށްވަނަ ދުވަހު، މުޅި ރާއްޖެ އަޅުގަނޑުމެންނާ އެކު ނުކުތް، އެ ދިޔަ ބާރުމިނުގައި 2013 ކާމިޔާބުވެސްވި، ދެން ޝަރީއަތުންނާއި އެކި ގޮތް ގޮތުން އެ އިންތިހާބަށް ނުފޫޒުތަކެއް ވަދެ އަޅުގަނޑުމެންނަށް އެ އިންތިހާބު ގެއްލުނީ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިހުތިޖާޖުތަކާއި ވަކާލާތު ކުރުމަށް ބަދަލެއް ނުގެނެސް ދެމި އޮވެ، ހަރަކާތްތައް މަޑުނުޖެހި ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެހެން ޕާޓީތަކުގެ ތާއީދާއެކު އަނެއްކާ ވެސް އެމްޑީޕީ ސަރުކާރު ހިންގުމަށް އައީ އެވެ. އަދި އެމްޑީޕީ އެކަނި ނުކުމެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެވަނީ ހޯދައިފަ އެވެ.

"ޑިމޮކްރެޓިކް ވެއްޓެއް ގާއިމުވެ، ފުލުހުންނާއި ސިފައިންގެ ވެސް އިސްލާހު ކުރެވި، އަޅުގަނޑުމެންނަށް މި ހުރިހާ ކުރިއެރުމަކާއެކު، އެމްޑީޕީގެ ފިކުރު ފެތުރެން ފުރުސަތު ލިބިގެން އައީ އެ ދުވަހު އަޅުގަނޑުމެން ފަހަތަށް ޖެހުނީމަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު "އަދަދު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަންނި ކެމްޕޭން ޓީމު


ބަރުލަމާނީ ނިޒާމުގެ ވަކާލާތު ދޫކޮށް ނުލާނަން

ނަޝީދު ވިދާޅުވާ ގޮތުން އެމްޑީޕީގެ ފަލްސަފާއަކީ މިއީ އެވެ. ދިވެހިންނަށް ތަނަވަސް މިނިވަން ފިކުރެއްގެ ދިރިއުޅުމެއް ލިބޭނީ ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށްގެނެވެ. ވެރިން ރައްޔިތުންނަށް ހެޔޮވުން ނޫން ގޮތެއް ނޯންނާނެ ނިޒާމެއް ގެނެސްގެނެވެ. އެއީ ވަކި ހެޔޮ ވެރިޔަކު ހޯދައިގެން ވާން އޮތް ކަމެއް ނޫނެވެ.

ނަޝީދު ވެސްް ތަރައްގީގެ "ވައިރިންގެ" ގޮތުގައި ސިފަކުރައްވަނީ "ޑިމޮކްރަސީ" އެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީން އޭގެ ފުރިހަމަ ތަސްވީރެއް ނުލިބޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ނަޝީދުގެ އެ ހިޔާލުފުޅަކީ ވެރިކަމަށް ފަސޭހަ ގޮތަކަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ވާދަވެރިން ސިފަ ކުރައްވަ އެވެ.

"އަޅުގަނޑު އަބަދުވެސް މި ވަކާލަތު ކުރުން ހުއްޓައެއް ނުލާނަން، ރަނގަޅު ވެރިކަމުގެ ނިޒާމަކީ ޕާލިމެންޓަރީ ނިޒާމު، އެއީ ކޮންމެހެން އަޅުގަނޑު ހުންނަ މަގާމެއްގެ ގޮތުން ދައްކާ ވާހަކައެއް ނޫން،"

ނަޝީދު ކުރައްވަމުން ގެންދަވާ ވަކާލާތަށް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެެވެ.

ރިޔާސީ އިންތިހާބުގެ އަހަރުގެ ކުރިން، ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފުރުސަތު ނުލިބި ދިއުމުން އަނެއްކާ ވެސް މި ވަގުތަށް އޮތް ގޮތަކީ އިންތިހާބުތައް ނިންމުން ކަމުގައި ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

"އިންތިހާބުތައް ނިންމާފައި އަޅުގަނޑުމެން އެންމެން އިށީންނަން ޖެހޭ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް، ހުރިހާ މުއައްސަސާތަކާއި، ޖަމިއްޔާތަކާ އެކު ވެސް، އަދި އެންމެ ފަހުން ރައްޔިތުންގެ ކައިރީގައި އަހަން ވެސް ޖެހޭނެ، އެއީ ނާހާ ދޫކޮށްލަން ވާނެ ކަމެއް ނޫން،" ނަޝީދުގެ މަގު ޗާޓު އޮތް ގޮތް ކިޔައިދެއްވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ތަަސައްވުރު ކުރާ ހެޔޮ ވެރިކަމުގެ ނިޒާމު ލިބެން އޮތީ އޭރަށް ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގައި، ވަޒީރުން މަޖިލީހުގައި ތިބޭއިރު، ކޮންމެ ވަޒީރަކަށް ޖަވާބުދާރީވާނެ ހިޔަނި ވަޒީރެއް ހުންނާނެކަމަށާއި އެއީ އެމްޑީޕީން އެ ދެކޭ ޖަވާބުދާރީކުރަނިވި ދައުލަތް ކަމުގައި ވިދާޅުވި އެވެ.

"ހަމައެކަނި ބިލަކަށް ކުރާ ބަހުސެއް ނޫން އޭރަށް މަޖިލީހުގެ ބޭނުމަކީ، ތަނަކަށް ހުއްދައެއް ދިނަސް، ޓެންޑަރެއް ކުރެވުނަސް، ދައުލަތަށް އެއްޗެއް ގަތަސް، އެ ބަހުސް ދެން މުޅި ރާއްޖެއަށް ފެންނާނެ، މި ހުރިހާ ކަމެއްގެ ޓްރާންސްޕޭރެންޓްކަން ބޮޑުވާނެ، މަޖިލީހުގެ ދައުރު ބޮޑު ކުރެވުނީމަ،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ދާން ޖެހޭ އިތުރު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ކޯލިޝަނެވެ. ކޯލިޝަނަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫންކަމަށާއި އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއްކަމަށާއި ކޯލިޝަން ވެރިކަމެއް ހިންގޭނީ ވެސް ބަރުލަމާނީ ނިޒާމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދުނު ގޮތަށް، ހެޔޮ ވެރިކަމުގެ ނިޒާމު އުފެއްދުން ކުރިއަށް ނުގޮސް ފަސް އަހަރު ގެއްލި ހިނގައްޖެ ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު، އެމްޑީޕީގެ އިޖުތިމާއީ އަދި އިގުތިސޯދީ ސިޔާސަތުތައް ތަންފީޒު ނުކުރެވުނު ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރެވި، ރައްޔިތުންގެ އާންމު ހާލަތު ތަަނަވަސް ކުރެވެން އޮތީ، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އަނެއްކާ ވެސް ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވައިގެެންނެވެ.

އެއީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެވެ. ނަމަވެސް، އެ މަނިކުފާނަށް މިފަހަރު ކުރިމަތިވެވަޑައިގަންނަވާނެ އެންމެ އެއް ބޮޑު ގޮންޖެހުމަކީ، ތާއިދު ކުރައްވާ މެމްބަރުން އެމަނިކުފާނާ "ހިތާއި ހިތުގެ ގުޅުމެއް" އޮތަސް، އަދި މާޒީ ފެނުނު ގޮތުން ވެރިކަން ދެމެހެއްޓިދާނެތޯ އުފައްދާ ސުވާލާއި، ކެމްޕެއިންގެ އެންމެ ފަހު ވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުދިޔަ ދިޔުމެވެ. ހޮނިހިރު ދުވަހު އޮތީ ޕްރައިމަރީގެ ވޯޓެވެ. އެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްކަމުގައި ވީނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަންޒަރު މިހާރު އެތުރިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.