Advertisement

ޗައިނާގެ ކޮވިޑް ހާލަތާ މެދު ކަންބޮޑުވާން ޖެހޭތަ؟

14 ޖަނަވަރީ 2023 - 07:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޝަންހާއީ ހޮސްޕިޓަލެއްގެ އެތެރޭގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ވަގުތީ ގޮތުން އެނދާއި ގޮނޑި ބަހައްޓާފައި. -- ފޮޓޯ: ސްކައި ނިއުސް


ޗައިނާގެ ކޮވިޑް ހާލަތާ މެދު ކަންބޮޑުވާން ޖެހޭތަ؟

14 ޖަނަވަރީ 2023 - 07:44 0

ކޮވިޑް ފަތުރާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ބޯޑަރުތައް ދުނިޔެއަށް ބަންދުކުރިތާ ތިން އަހަރު ފަހުން އަލުން ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ. ކުއްލިއަކަށް ބޮޑެތި ލުއިތަކެއް ދީގެން އުޅޭ ޗައިނާގައި ބަލީގެ ހާލަތު ވަރަށް ގޯސް ކަމަށް ހުޅަނގުގެ ނޫސްތަކުން ބުނެ އެވެ. އެހެންވެ، ބައެއް ގައުމުތަކުން ނިންމީ ޗައިނާގެ ދަތުރުވެރިންނާ މެދު ވަކި ފިޔަވަޅުތަކެއް އެޅުމަށެވެ.

އެހެން ނަމަވެސް، ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި އެއީ "ސިޔާސީ" ފިޔަވަޅުތަކެކެވެ. ޗައިނާގެ ރައްޔިތުންނާ މެދު "ތަފާތުކުރުން" ގެންގުޅޭ ކަމަށް ބުނެ، ރައްދުގައި ބައެއް ގައުމުތަކާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ހުޅަނގުން ހަގީގަތް އޮޅުވާލައިގެން އުޅޭ ކަމަށް ޗައިނާއިން ތުހުމަތުކުރެ އެވެ. އެހެންކަމުން، ޗައިނާގެ "ހަގީގީ" ކޮވިޑްގެ ހާލަތަކީ ކޮބައި ހެއްޔެވެ؟

ޗައިނާގެ ޖުމްލަ އާބާދީއަކީ 1.412 ބިލިއަން ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެ އެވެ. ޗައިނާ ސަރުކާރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ބަލިމަޑުކަމުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ގައުމުން ޖުމްލަ ރިޕޯޓުކުރީ 2.02 މިލިއަން ކޭހެވެ. އޭގެ ތެރެއިން މަރުވީ 5،273 މީހުންނެވެ. ހުޅަނގުން ބުނާ ގޮތުގައި އެއީ އާބާދީގެ ނިސްބަތަށް ބަލާއިރު ހަގީގަތާ ނުބައްދަލު އަދަދެކެވެ.

ހުޅަނގުގެ އެ ވާހަކައަށް ބާރު ލިއްބައިދޭ ހޯދުމެއް އާއްމުކުރީ ބެއިޖިންގެ ޕީކިންގް ޔުނިވާސިޓީންނެވެ. އެ ޔުނިވާސިޓީން ހެދި ދިރާސާއަކަށް ފަހު ބުނީ ޗައިނާގެ ޖުމްލަ ކޮވިޑް ކޭސްތަކުގެ އަދަދު 900 މިލިއަނަށް އަރާފައިވުން އެކަށީގެންވާ ކަމަށެވެ. އެއީ އާބާދީގެ 64 ޕަސެންޓެވެ. އެހެންކަމުން، އެ ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވެސް އެތައް ގުނައެއް މަތިވާނެ ކަމަށް ބެލެވެ އެވެ.

ޕީކިންގް ޔުނިވާސިޓީގެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީ ގަންސޫ ޕްރޮވިންސުންނެވެ. އެއީ އެ ތަނުގެ އާބާދީގެ 91 ޕަސެންޓެވެ. ޔުނާން ޕްރޮވިންސްގައި 84 ޕަސެންޓް އަދި ގިންގްހައި ޕްރޮވިންސްގައި 80 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި ލަފާކުރަނީ ކުރިއަށް އޮތް ތަނުގައި ކޭސްތައް އިތުރުވާނެ ކަމަށެވެ.

ކޭސްތައް ރިޕޯޓުކުރުމާއި އާއްމުކުރާ އުސޫލަށް ބޮޑު ބަދަލެއް

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން ފާއިތުވި ތިން އަހަރު އެންމެ ހަރުކަށި ސިޔާސަތެއް ގެންގުޅުނު އެއް ގައުމަކީ ޗައިނާ އެވެ. "ޒީރޯ ކޮވިޑް" ގެ ނަމުގައި ހިންގި ސިޔާސަތުގެ އަމާޒަކަށްވީ ކޮވިޑް އެއްކޮށް ނައްތާލުމެވެ. އެއީ ނުވާނެ ކަމެއް ކަމަށް ބަލައި، ދުނިޔޭގެ އެހެން ގައުމުތަކުން "ނިއު ނޯމަލް" ދިރިއުޅުމެއް ކުރިއަށް ގެންދިޔަ އިރު ވެސް ޗައިނާގެ ސިޔާސަތު ބަދަލެއް ނުކުރެ އެވެ.

"ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ކޮވިޑްގެ އެންމެ ކޭހެއް ފެނުނު ނަމަވެސް ސިޓީތަކުގައި އެތައް މިލިއަން މީހުން ލޮކްޑައުންކުރެ އެވެ. އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމުގެ ކަންކަން ވެސް ވަރަށް ފަހަކާ ޖެހެންދެން ކުރިއަށް ދިޔައީ ވަކި ފެސިލިޓީތަކަށް ގެންގޮސްގެންނެވެ. އޭގެ އިތުރުން ކޮވިޑަށް ޓެސްޓު ކުރުމަކީ ގަވާއިދުން ކުރަން މަޖުބޫރުވި ކަމެކެވެ.

އެ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒު ކުރި ނަމަވެސް، ބަަލި އެއްކޮށް ނައްތާލެވޭ ގޮތެއް ނުވެ އެވެ. ދޭތެރެ ދޭތެރެއިން ކޭސްތައް ފެންނަމުން ދިޔަ އެވެ. އެކަމަކު، ކޮންމެ ފަހަރަކު ލޮކްޑައުން ކުރުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސް އެޅި، އިގުތިސާދީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތައް ދިމާވި އެވެ. އާއްމުންގެ ކެތްތެރިކަން ކޮޅުންލީ ލޮކްޑައުންއާ ހެދި މީހުން މަރުވާ ހިސާބަށް ދިޔުމުންނެވެ.

ޒީރޯ ކޮވިޑް ސިޔާސަތާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އެގޮތުން އައިސޮލޭޓް ކުރާ މީހުން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓުވެ އެތައް ބަޔަކު މަރުވި އެވެ. އޭގެ އިތުރުން ލޮކްޑައުންކޮށްފައި އޮތް އިމާރާތެއްގައި އަލިފާން ރޯވެ، އެތައް ބަޔަކަށް ސަލާމަތް ވާން ނުނިކުމެވި، އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބީ، ބޭރުން ދޮރުތައް ތަޅުލައި ބަންދުކޮށްފައި ހުރުމުންނެވެ. އެ މައްސަލަ ހޫނުވެ، އެކި ހިސާބުތަކުގައި "ޒީރޯ ކޮވިޑާ" ދެކޮޅަށް މުޒާހަރާ ފެށި އެވެ.

ޗައިނާގެ އެކި ސިޓީތަކަށް މުޒާހަރާ ފެތުރި، ޕްރެޝަރު ބޮޑުވުމުން، ސަރުކާރުން އެންމެ ފަހުން ނިންމީ އެ ސިޔާސަތު އުވާލުމަށެވެ. ކުއްލިއަކަށް އެ ނިންމުން ނިންމީ، މާ ބޮޑު ތައްޔާރީތަކެއް ނުވެ އެވެ. އެއާއެކު ފިޔަވަޅުތައް އުވާލައި، ލުއިދޭން ފެށި އެވެ. އެ ސިޔާސަތު އުވާލި ފަހުން ޗައިނާގައި ކޮންމެ ދުވަހަކު ރިޕޯޓް ކުރާ ކޭސްތަކުގެ ތަފާސްހިސާބު އާއްމެއް ނުކުރެ އެވެ.

ދުވަހުން ދުވަހަށް ތަފާސްހިސާބު އާއްމުނުކޮށް، ކޮންމެ މަހަކު އެއް ފަހަރު ތަފާސްހިސާބު އާއްމުކުރަން ޗައިނާއިން ނިންމީ ޑިސެމްބަރު މަހުގަ އެވެ. ޗައިނާއިން ތަފާސްހިސާބު ހިއްސާކުރާ ގޮތާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ހަގީގީ އަދަދުތައް ހާމަނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޗައިނާގައި ކޮވިޑް މަރެއްގެ ގޮތުގައި މިހާރު ބަލައިގަންނަ މިންގަނޑު މާ ހަނި،" ޑަބްލިއުއެޗްއޯގެ އެމެޖެންސީޒް ޑިރެކްޓަރު ޑރ. މައިކަލް ރަޔަން ވިދާޅުވި އެވެ.

ރަޔަން ވިދާޅުވީ ކޮވިޑް މަރެއް ކަމަށް ބަލާ މިންގަނޑު ހަނިކުރުމުން، ސައްހަ އަދަދުތައް ނުފެންނަ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމާއި، އައިސީޔޫ ފަރުވާ އާއި މަރާ ގުޅުން ހުރި އަދަދުތައް ޗައިނާއިން ރިޕޯޓުކުރަނީ މާ މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ޗައިނާއިން ގެނައި ބަދަލުގެ ދަށުން ކޮވިޑް މަރެއްގެ ގޮތުގައި ބަލަނީ ހަމައެކަނި ނޭވާލުމުގެ މައްސަލަ ދިމާވެ މަރުވާ މީހުންނެވެ. އެއީ ޑަބްލިއުއެޗްއޯގެ ލަފައާ ހިލާފު ބަދަލެކެވެ. ޑަބްލިއުއެޗްއޯގެ ލަފަޔަކީ "އެކްސެސް" މަރުތައް ވެސް ގުނުމެވެ. އެއީ ބަލިމަޑުކަމުގެ ކުރިން އެވްރެޖުކޮށް މީހުން މަރުވި މިންވަރަށް ވުރެ އިތުރުވާ ހުރިހާ މަރެއް ކޮވިޑް މަރެއްގެ ގޮތުގައި ބެލުމަށެވެ.

އެ ވާހަކަތަކަށް ރައްދުގައި ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާންގް ވެންބިން ވިދާޅުވީ ޗައިނާއިން ދަނީ "ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހާމަކަން ބޮޑު، ދެފުށްފެންނަ ގޮތެއްގައި ވަގުތުން ވަގުތަށް" ޑޭޓާ ހިއްސާ ކުރަމުން ކަމަށެވެ. ޑަބްލިއުއެޗްއޯއިން ކަންބޮޑުވުން ފާޅުކުރި ފަހުން ޗައިނާއިން އެ ޖަމިއްޔާއާ އެކު ޓެކްނިކަލް މަޝްވަރާތަކެއް ބޭއްވި އެވެ.

ކުރިއަށް އޮތީ ޗައިނާގެ ބޮޑު ޗުއްޓީ، ބަލި ފެތުރުމުގެ ބިރު ބޮޑު

ޗައިނާގެ އިސް އެޕިޑެމިއޮލޮޖިސްޓަކު އިންޒާރު ދޭ ގޮތުގައި އެ ގައުމުގައި ފާހަގަކުރާ "ލޫނާ" އާ އަހަރާ ދިމާކޮށް ރަށްފުށުގެ ހިސާބުތަކުގައި ކޭސްތައް ފުނިޖެހެން ފަށާނެ އެވެ. އޭނާގެ އިންޒާރަކީ ޗައިނާ މީހުން ގިނައިން ދަތުރުކުރާ ގައުމުތަކުން ވެސް ސަމާލުކަން ދިނުން މުހިއްމު އިންޒާރެކެވެ. އެއީ ބޯޑަރު އަލުން ހުޅުވާލުމުން، ރަށްފުށުގެ އިތުރުން، އެހެން ގައުމުތަކަށް ވެސް ޗުއްޓީގައި ދަތުރު ކުރާނެތީ އެވެ.

ޗަައިނީޒް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލްގެ ޗީފްކަން ކުރިން ކުރެއްވި ޒެންގް ގުއާންގް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް ރާޅުގެ ޕީކް މަދުވެގެން ދެ، ތިން މަސް ވަންދެން ދެމިއޮންނާނެ ކަމަށެވެ. ޗައިނާގެ ކައިޝިން ނޫހުން ރިޕޯޓުކުރި ގޮތުގައި މި މަހުގެ ކުރީކޮޅު އޮތް އިވެންޓެއްގައި ޒެންގް ވިދާޅުވީ "ރަށްފުށަށް ސަމާލުކަން ދޭންވީ ވަގުތު އައިސް ޖެހިއްޖެ" ކަމަށެވެ.

ބޯޑަަރު ހުޅުވާލުމުން ޗައިނާގެ އެއާޕޯޓެއްގައި މީހުން ޖަމާވެފައި. -- ފޮޓޯ: ޝިންހުއާ


"ލޫނާ" އާ އަހަރު ފަށަނީ ޖެނުއަރީ 23 ގަ އެވެ. އެހެން ނަމަވެސް، ރަސްމީކޮށް ޗުއްޓީ ފަށާނީ ޖެނުއަރީ 21 ގަ އެވެ. ޗުއްޓީއާ ދިމާކޮށް އެތައް މިލިއަން މީހުން ދަނީ ރަށްފުށުގައި އެ މީހުންގެ އާއިލީ ގެތަކަށް ދަތުރު ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ފާއިތުވި ތިން އަހަރު އެއްވެސް ތަނަކަށް ދަތުރު ނުކުރެ، އެ ތިބި ތަނެއްގައި ބަންދުވެފަ އެވެ.

ބަލިމަޑުކަމުގެ ކުރިން "ލޫނާ" އާ އަހަރުގެ ޗުއްޓީއަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ ޗުއްޓީ އެވެ. އެގޮތުން މި އަހަރު ޗައިނާ އަލުން ހުޅުވާލުމާ އެކު ޗުއްޓީއާ ދިމާކޮށް ދެ ބިލިއަން ދަަތުރު ކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް އެތައް މިލިއަން ބަޔަކު ވަނީ ތަންތަން ފުރައިގެން ގޮސްފަ އެވެ.

ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ އެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު ޗައިނާގެ 250،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރި އެވެ. ޓްރެވެލް އެޖެންސީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އިނާ މޯލްޑިވްސްއިން ލަފާކުރީ ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރަން ފެށުމުން، ޖުމްލަ ފަތުރުވެރިންގެ އަދަދު 2.4 ޕަސެންޓުން އިތުރުވާނެ ކަމަށެވެ.

ޗައިނާއިން އެތެރެވާ މީހުން ކޮވިޑަށް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށް ބައެއް ގައުމުތަކުން ބުނެފައިވާ އިރު، ރާއްޖެއިން ވަކި ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެ އެވެ. އެހެން ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޗައިނާއިން އެތެރެވާ މީހުން މޮނީޓާކުރަމުން ދާނެ ކަމަށެވެ. އެހެންކަމުން، ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.

ބައިނަލްއަގްވާމީ ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޗައިނާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވުން ގާތެވެ. އެކަމަކު ޗައިނާއިން ބުނީ ބަލިމަޑުކަން ފެށުނު ފަހުން ޖުމްލަ މަރުވީ 5000 މީހުން ކަމަށެވެ. އެއީ ހަގީގަތެއް ނަމަ، ޗައިނާއަކީ ދުނިޔޭގެ ނިސްބަަތުން ބަލާއިރު މަރުތައް އެންމެ ދަށް އެއް ގައުމެވެ. އެކަމަކު، ޗައިނާގެ ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކާއި ދިރާސާ ރިޕޯޓުތަކާއި ޑަބްލިއުއެޗްއޯގެ ބަހަށް ބަލާއިރު، އެ ތަފާސްހިސާބާ މެދު ޝައްކު އުފެދުމުގެ ޖާގަ އެބަ އޮތެވެ.