Advertisement

ސިޔާސީ ޕާޓީތަކުގެ ކުރިމަގު އެމްޑީޕީގެ ޕްރައިމަރީއާ ގުޅިފައި

11 ޖަނަވަރީ 2023 - 08:26 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސިޔާސީ ޕާޓީތަކުގެ ކުރިމަގު އެމްޑީޕީގެ ޕްރައިމަރީއާ ގުޅިފައި

11 ޖަނަވަރީ 2023 - 08:26 0

މިނިވަން ޑިމޮކްރަޓިކް އިންތިހާބުތަކަށް ރާއްޖޭގައި ޖާގަ ދެވުނު ފަހުން ބާއްވާ އެންމެ ފޯރިގަދަ އިންތިހާބަށް މިއަހަރުގެ ރިޔާސީ އިންތިހާބު ނުވުމުގެ ފުރުސަތު އެބައޮތެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހުންނެވީ ޖަލުގަ އެވެ. ހަރުދަނާ ރޭވުންތެރިކަމާއި އިންތިޒާމުތަކާ އެކު ހަރަކާތްތެރިވާ އިދިކޮޅު ޕާޓީއެއް ނެތެވެ. ދެން ތިބީ ހުސް ކުދި ޕާޓީތަކެވެ. ވޯޓުލާ އާބާދީގެ 15 ޕަސެންޓު ވޯޓު ވެސް އޭގެ ތެރެއިން ޕާޓީއަކުން ކޮންޓްރޯލެއް ނުކުރެ އެވެ.

ދެން އޮތީ ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެ ޕާޓީ ތެރޭގައި ބޮޑެވެ. އެއްކޮޅުން ހުންނެވީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެން ހުންނެވީ އެމަނިކުފާނުގެ އެކުވެރިޔާ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު އެއް ޕްރައިމަރީއެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

މި ރިޔާސީ ޕްރައިމަރީގެ މުހިންމުކަން ހަމައެކަނި ބޮޑުވަނީ އެމްޑީޕީއަކަށް ނޫނެވެ. މި ޕްރައިމަރީއަކީ ޕީޕީއެމްގެ ކުރިމަގަށް ވެސް އަސަރުތަކެއް ކުރާނެ ޕްރައިމަރީއެކެވެ. ކުދި ޕާޓީތަކާ މެދު ގޮތްތަކެއް ކަނޑައެޅިގެން ދާނެ ޕްރައިމަރީއެކެވެ. ކޯލިޝަން އެކުލަވާލައި، ސަރުކާރު ހިންގުމުގައި ކުދި ޕާޓީތައް ބައިވެރިކުރުމާމެދު ގޮތްތަކެއް ކަނޑައެޅިގެންދާނެ އެވެ.

ނަޝީދުގެ ފޯމިއުލާއިން ކޯލިޝަން ބައެއް ޕާޓީތައް ފަނޑުވެދާނެ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ހުރިހާ ޕާޓީތަކުން ވެސް ކުރިމަތިލާއިރު، އިދިކޮޅު ޕީޕީއެމް ފިޔަވައި ކޮންމެ ޕާޓީއެއްގެ ލީޑަރު ވެސް ހުންނެވީ މިނިވަންކޮށެވެ. އިންތިހާބަށް ކުރިމަތި ނުލޭވޭނެ ހާލަތެއް ނެތެވެ. ސިޔާސީ މައިދާން މިއޮތީ ފުޅާކޮށް ހުޅުވިފަ އެވެ.

ކޯލިޝަނަކުން ވެރިކަން ކުރުމާ ދެކޮޅަށް އަބަދުވެސް ވާހަކަ ދައްކަވަމުން ގެންދެވިނަމަވެސް އެންމެ ފަހުން ހަތިޔާރު ބަހައްޓަވައި ރައީސް ނަޝީދުވެސް ވަނީ ކޯލިޝަން ހައްދަވަންޖެހޭކަން ގަބޫލުފުޅު ކުރައްވާފަ އެވެ. އެހެންނަމަވެސް އެމަނިކުފާނު ޝަރުތުކުރައްވާ ކަމެއް އެބައޮތެވެ. އެއީ އެ ޕާޓީއަކަށް އޮތް ތާއީދުގެ ނިސްބަތުން އެ ޕާޓީއަކަށް ފުރުސަތު ދިނުމެވެ.

ޕްރައިމަރީގެ ކެމްޕޭން ފެށުމަށް ނަޝީދު ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މި ދަނޑިވަޅުގައި، އިންތިހާބުގެ ފުރަތަމަ ބުރަށް ކޯލިޝަނަކާ އެކު ކުރިމަތިލުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކާއި ހަމަތަކާއި ހިލާފު ކަމެއް ކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ވޯޓުން ނުމިނާ އިިއްތިހާދު ވުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެއީ، ތާއީދު ބޮޑު ޕާޓީގެ އަޑު ފަނޑުވެގެންދާ ކަމެކެވެ. އެ ޕާޓީގެ ނުފޫޒު ދަށްވާ ކަމެކެވެ. އެކަމަށް އޮތީ އެންމެ ހައްލެކެވެ. އިންތިހާބުގެ ފުރަތަމަ ބުރަށް އެމްޑީޕީ ވަކިން ނުކުތުމެވެ.

"... އެހެން ބަޔަކާ އެކު އިއްތިހާދު ވާން ޖެހޭ ނަމަ، ދެން އަޅުގަނޑުމެން ބަލާނީ ފުރަތަމަ ބުރުގައި ވޯޓު ލިބިފައި ހުރި ޕާޓީތަކަށް،" އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފިނަމަ އަމަލުކުރައްވާނެ ގޮތް ތަފްސީލު ކޮށްދެއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކުން ދޭހަވަނީ ހަގީގަތުގައި އެމަނިކުފާނުގެ މައްސަލައަކީ ކޯލިޝަން ބައެއް ބައިވެރިންނަށް ތާއީދު އޮތް މިންވަރު ޔަގީން ނުވުން ކަމެވެ. ފަހަރުގައި އެމަނިކުފާނު ޖައްސަވާ ހިސާބުތަކުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ބައެއް ޕާޓީތައް ސިޔާސީ މައިދާނުން ފަނޑުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މިސާލު ނަންގަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބުންނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ފަހު ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބަށް ހުރިހާ ޕާޓީއެއް ވެސް ނުކުތީ ވަކިންނެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 85 ގޮނޑިއަށް އެމްޑީޕީން ކުރިމަތިލިއިރު ޖުމްހޫރީ ޕާޓީން 41 ގޮނޑިއަށް، އަދި އަދާލަތު ޕާޓީއިން ނުވަ ގޮނޑިއަށް ކުރިމަތިލި އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން 76 އިންސައްތަ ގޮނޑިއާ އެކު ސުޕަމެޖޯރިޓީ ހޯދިއިރު، ޖޭޕީއަށް ލިބުނީ 12 އިންސައްތަ އެވެ. އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުނެގެ އެވެ.

އެއަށްފަހު އޮތީ ލޯކަލް ކައުންސިލްގެ އިންތިހާބެވެ. އެ އިންތިހާބުން ކައުންސިލްތަކުގެ 43 އިންސައްތަ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި އެވެ. ޖޭޕީ އަދި އަދާލަތަށް އެކު ޖުމުލަ ކަށަވަރު ކުރެވުނީ ދެ އިންސައްތައަށް ވުރެ މަދު އަދަދެކެވެ.

އެމްޑީޕީ އެތެރޭގެ ޕްރައިމަރީގެ ވާދަވެރިކަން އިންތިހާއަށް އޮތް އިރު، ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ގާސިމް އިބްރާހިމްގެ ޖޭޕީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމް ފެންނަނީ ހިމޭންކޮށެވެ. ވާގޮތް ދުރުން ބަލަން ތިބީ އެވެ.

އިންތިހާބުގ އެއްވެސް ކަމަކަށް ޕާޓީގެ ލައިނުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ރަސްމީ ސިފައެއްގައި ޕާޓީން ވަކި މީހަކަށް ތާއީދު އޮތް ކަމެއް ވެސް ހާމަ ނުކުރެ އެވެ.

އެހެން ނަމަވެސް، އަދާލަތު ޕާޓީ ފެންނަނީ އެކްޓިވްކޮށެވެ. ވަކިން ހާއްސަކޮށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަވާ މޭރުމަކުން ތަކުރާރުކޮށް ވާހަކަ ދައްކަވާފަ އެވެ.

ފަހަރުގައި ނަޝީދު ޖައްސަވާ ހިސާބު އިމްރާނަށް ވެސް ފަހުމްވަނީ ކަމަށް ވެދާނެ އެވެ. ފާއިތުވި ދެ އިންތިހާބުގައި އަދާލަތު ޕާޓީއަށް ލިބިފައިވާ ނާކާމިޔާބީއާ އެކު، ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީއަށް މާ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ނުބެލެވެ އެވެ. ގިނަ އަދަދެއްގެ ވޯޓު ކާމިޔާބު ނުކުރެވޭނަމަ، ސިޔާސީ މައިދާނުގައި ޕާޓީގެ އަގު ވެއްޓުނީ އެވެ. ކޯލިޝަނުގެ ތެރެއިން ލިބެން އޮތް ބައި ގެއްލި ފަނޑުވެގެން ދިޔުމުގެ ބިރު ބޮޑެވެ. ދެން މަސައްކަތް ކުރަން ޖެހޭނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ.

ރިޔާސީ އިންތިހާބެއްގައި ވާދަކުރާނަމަ، އެމްއާރުއެމްގެ ސިޔާސީ މުސްތަގުބަލު ވެސް ފެންނަނީ އަދާލަތު ޕާޓީއާ އެއް ހަމައަކުން އެއްގޮތަކަށެވެ. ރައްޔިތުންގެ އާންމު ވޯޓަކުން ކާމިޔާބު ހޯދިފައި ނުވުމާއި، ސިޔާސީ ހަރަކާތް އަދި އެންމެ ރަނގަޅަށް ހިންގައި ނުގަނެވޭތީ އެ ޕާޓީއަށް ވެސް ރިޔާސީ އިންތިހާބުގައި އެއްވެސް ކާމިޔާބީއެއް ލިބޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އެމްޑީޕީ އަށްފަހު ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ. އެ ޕާޓީގެ ތިން މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. ރިޔާސީ ރޭހަށް ވަކިވަކިން ނުކުންނަ ކަމުގައި ވާނަމަ، އެމްޑީޕީން ކޯލިޝަން ހަދަން ކޮންމެހެން ޖެހިދާނެ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ ފެނެ އެވެ. ފަހަރުގައި އެއީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުވައި ޖުމްހޫރީ ޕާޓީން ބަހެއް ނުބުނާ މައިގަނޑު ސަބަބަށް ވެސް ވެދާނެ އެވެ. އިންތިހާބު ނިމުމުގެ ކުރިން ވަކި ބޭފުޅަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް ބުނަން ބޭނުން ނުވަނީ އެވެ.

ރައީސްގެ ފޯމިއުލާ؛ ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނީ ކޯލިޝަނަކުން

ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު އިންތިހާބުވީ ކޯލިޝަނަކުންނެވެ. އެމަނިކުފާނަކީ ކޯލިޝަން ސަރުކާރެއް މިހާ ގިނަ ދުވަހަށް ދެމެހެއްޓެވި ހަމައެކަނި ރައީސް އެވެ. ވިދާޅުވަނީ ދައުރު ނިމެންދެން ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

ޕްރައިމަރީ ކެމްޕޭނުގެ ހަރަކާތެއްގައި ރައީސް ސޯލިހު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިޔާސީ ގޮތުން އެމަނިކުފާނު ޖައްސަވާ ހިސާބު ވަރަށް ސާފެވެ. ތަފާތު ސިޔާސީ ފިކުރު މީހުންނާ އެކު ކޯލިޝަން ހަދައި، އިދިކޮޅު ބަލިކުރުމަކީ އެމަނިކުފާނަށް މިވަގުތަށް އެންމެ މުހިންމު ކަމެވެ.

އެކަން ކުރުމަށްޓަކައި، އެމްޑީޕީގެ ޓިކެޓް ކަށަވަރުވުމާ އެކު ކޯލިޝަން ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިހާރު ވަނީ އިއުލާން ކުރައްވާފަ އެވެ. 2018 ގެ ތަޖުރިބާއިން, 2023 އަށް ވެސް ކޯލިޝަނަކާ އެކު ނުކުމެ، އެއްބުރުން ކާމިޔާބު ކުރުމަށެވެ. އެކަމުގެ ނުރަސްމީ ވާހަކަތައް ކޯލިޝަން ޕާޓްނަރުންނާ އެކު މިހާރު ވެސް ދައްކަވައިފި އެވެ.

ރައީ ސޯލިހަކީ ކޯލިޝަން ހަދައި، އެ ދެމެހެއްޓުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެއީ، އެމަނިކުފާނު ތަކުރާރުކޮށް ކެމްޕޭން ތެރޭގައި ވެސް ފާހަގަކުރައްވާ ކަމެކެވެ. އެހެންވީމާ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް އެމަނިކުފާނާ އެކު ކޯލިޝަން ބައިވެރިން ނުނިކުންނަންވީ ސަބަބެއް ވެސް ނުފެނެ އެވެ. އެއީ، އެ ޕާޓީތަކަށް ވެސް އެންމެ ފައިދާ ބޮޑު ގޮތެވެ.

އެއާއެކު، ރައީސް ޔާމީން ޖަލަށް ލުމުން ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް އިދިކޮޅަށް އޮތީ ވެސް ހަނި ޗާންސެކެވެ. އަނެއްކާ ވެސް އެއްބުރުން ބަލިވުމުގެ ފުރުސަތު ބޮޑެވެ. ޔާމީން ނެތި އެ ތަފާތު ބޮޑުވެސް ވާނެ ކަމަށް ބެލެވެ އެވެ. މިވަގުތު ސިޔާސީ މައިދާނަށް ބަލައިލުމުން އެ ބޭފުޅުންނަށް ވެސް އެކަން ތަސައްވަރު ކުރެވޭ ކަހަލަ އެވެ.

ފާޅުގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާކަން އިއުލާން ނުކުރި ނަމަވެސް، ހަރަކާތްތަކަށް ބަލައިލުމުން ސިފަވަނީ ރައީސް ސޯލިހު މޮޅުވެ، ފުރަތަމަ ބުރަށް ކޯލިޝަނަކާ އެކު ނުކުތުމަކީ އިދިކޮޅު ރުހޭ ކަމެއް ނޫންކަމެވެ.

އެއީ ސިޔާސީ ގޮތުން ކުރިމަތިވާނެ ބޮޑު ބައްޔެކެވެ. ރައީސް ނަޝީދުގެ ކެމްޕޭން ފެށުން ވެސް މާލޭގައި ބޭއްވިއިރު ރައީސް ސޯލިހުގެ ކެމްޕޭން ފެށުމުގެ ޖަލްސާ ކުރިމަތީގައި މުޒާހަރާކުރީ ވެސް އެހެންވެ ކަމަށް ގަބޫލުކުރެވެ އެވެ. ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމަށް ވެސް މަސައްކަތް ކުރަނީ ރައީސްގެ ކެމްޕޭނަށެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑާކުރިކަން ސާބިތުވެ ޔާމީނު ވެސް ޖަލަށްލާފައި ވާއިރު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް މިވަގުތަކު ނެތެވެ. ޔާމީން މިނިވަން ނުވެއްޖެ ހާލަތެއްގައި ވާދަކުރާނެ ދެވަނަ ލީޑަރަކު އަދި ކަނޑައެޅިފައި ނެތެވެ. އެކަމުގައި އެތެރޭގެ ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، ޕީޕީއެމްގެ ސިޔާސީ މުސްތަގުބަލާ ވެސް އެމްޑީޕީގެ ޕްރައިމަރީ މިހާރު މިވަނީ ގުޅިފަ އެވެ.

ކޮންމެ ގޮތަކަށް އިންތިހާބު ނިމިގެންދިޔަ ކަމުގައިވީ ނަމަވެސް، ސަރުކާރު ބައި ކުރުމުގެ ބަހުސް އާންމުކޮށް ފެށި މިހާރު މިވަނީ ރައްޔިތުންނާ ހަމައަށް ހުށަހެޅިފަ އެވެ. ރައީސް ނަޝީދު އެ ވިދާޅުވާ، ވޯޓުން މިނެކިރުމުގެ އުސޫލާއި ނުލައި ކޯލިޝަން ބައިވެރިންނަށް ބައި އަޅާނެ ގޮތެއް ހޯދަން އުނދަގޫވާނެ އެވެ.

އެކަމަކު، ރިޔާސީ އިންތިހާބެއް އެއްބުރުން ކާމިޔާބު ކުރުމަށް މާޒީން ދައްކާ ހަމައެކަނި މަގަކީ ވެސް ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުމުގެ ފުރުސަތު ބޮޑީވެސް ގިނަ ޕާޓީތަކުން ގުޅޭނޭ ކެންޑިޑޭޓަކަށެވެ.