Advertisement

ކެނދިކުޅުދޫން ރައީސަށް ބޮޑު ރިއެކްޝަނެއް، "މިއީ ތަރައްގީގެ ރޭންޖު"

7 ޖަނަވަރީ 2023 - 14:24 0

ނިމާ ހަސަން

ނިމާ ހަސަން

ނ. ކެނދިކުޅުދޫން

ރައީސް ކެނދިކުޅުދުއަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުން; އެރަށުން ލިބުނީ ބޮޑު ރިއެކްޝަނެއް -- ފޮޓޯ: އެމްޑީޕީ


ކެނދިކުޅުދޫން ރައީސަށް ބޮޑު ރިއެކްޝަނެއް، "މިއީ ތަރައްގީގެ ރޭންޖު"

7 ޖަނަވަރީ 2023 - 14:24 0

ނ. ކެނދިކުޅުދޫން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ނ. ކެނދިކުޅުދުއަށެވެ. ރ އަތޮޅުގެ ކެމްޕޭން ފޯރިގަދަކޮށް ނިންމަވާލެއްވުމަށްފަހު މިއަދު ކެނދިކުޅުދުއަށް ވަޑައިގެންނެވިއިރު, ރަށުގެ ބަނދަރު މަތީގައި ހުރި އެމްޑީޕީ ޖަގަހަ ހުރީ ރީނދޫ ކުލައިން ޖަރީކޮށްފަ އެވެ.

ޖަގަހައިގެ ތެރޭގައްޔާއި, ކައިރީގައި ރައީސްގެ ކެމްޕޭން ޕޯސްޓަރުތައް ޖަހާފައި ހުރިއިރު, ލޯންޗުން ފައިބައިގެން ޖަގަހައާ ހަމައަށް ހުރީ އެމްޑީޕީ ދިދައިގެ ވޯކްވޭއެއް ހަދާފަ އެވެ. ރަށުތެރެއަށް ދެވޭ މަގުވެސް އޮތީ ހަމަ އެހެންނެވެ. ކެނދިކުޅުދުއިން ރައީސްއަށް ތައްޔާރުކޮށްފައިވާ 'ރިއެކްޝަން' ފެނުނީ ލޯންޗުން ފައިބައިގެން ޖަގަހައާ ހަމައަށް ހިނގާލުމުންނެވެ.

ކެނދިކުޅުދޫ އެމްޑީޕީ ޖަގަހައިގެ ފަހަތުގައި އޮތީ ބިޔަ ގަސްތަކެއްގެ ހިޔާވަހިކަން ލިބޭނެހެން އޮތް ބޮޑު ހުސް ޖާގައެކެެވެ. މަރުހަބާ ކިއުމަށް ތައްޔާރުވެތިބި ސަޕޯޓަރުން ފެނުނީ އެތަނުންނެވެ. ޖަގަހައިގެ އެތެރެ އާއި ބޭރުގައި ގޮނޑި ޖަހާފައި ހުރި އިރު, ކުރުނބައާއި މާބޮނޑިއާއެކު މަރުހަބާއަށް ތައްޔާރުވެ ތިބި މީހުންގެ އަދަދު 300 އަށް އަރާނެ އެވެ.

ކެންދިކުޅުދުއިން ރައީސަށް މަރުހަބާ ކިޔުން ; އެރަށުން ލިބުނީ ބޮޑު ރިއެކްޝަނެއް -- ފޮޓޯ: އެމްޑީޕީ


ސަލާންކުރަން ސަފު ދަމާލިއިރު, ޖަގަހައިގެ ފަހަތުގައި އޮތް ބޮޑު ޖާގަ ހުރަސްކޮށް ރަށުގެ ބޮޑު މަގާ ދިމާލަށް ވެސް މީހުންތިބީ އެތުރިގެންނެވެ. ކުޑަފަރިއާއި, ހެނބަދުއިން އައި މީހުންނާއެކު ކެނދިކުޅުދޫ އޮތީ ފުރިފަ އެވެ. މެހެމާނުންނަށް ތައްޔާރުކޮށްފައިވާ ކުރުނބާ ބައްލަވައިގެންނެވުމަށްފަހު ރައީސް ވަޑައިގެންނެވީ މެންބަރުންނާ ބައްދަލުކުރެއްވުމަށެވެ. މުޅި ސަރަހައްދުގައި ތިބި ސަޕޯޓަރުން ހަރުގެ ކައިރިއަށް އެއްވިއިރު, އިށީންނާނެ ގޮނޑިއެއް ނުލިބި ކޮޅަށް ވެސް ބައެއް މީހުން ތިބެން ޖެހުމެވެ.

އެހެން ރަށްރަށަށް ރައީސް ވަޑައިގެންނެވުމުން މެންބަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަދި ހިތުގެ އުދާސްތައް ބަންޑުންކޮށްލަ އެވެ. ނަމަވެސް މި ރަށުން ރައީސަށް ބަންޑުން ކޮށްލަން އޮތީ ހަމައެކަނި ޝުކުރެވެ. ކަންކަން ކޮށްދީފައި ހުރީ އެހާވެސް ފުރިހަމަކޮށެވެ.

ރިއެކްޓު ކުރައްވަން ލަސްކަމެއް ހުއްޓަސް, ތުރާކުނުން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ރޭންޖު ލިބޭ, މިއީ ތަރައްގީގެ ރޭންޖު

ކެނދިކުޅުދޫ ރައްޔިތުންނަށް ރައީސް އަރިހުގައި ކުރާނެ ޝަކުވާއެއް ނެތްއިރު, ރިއެކްޓު ކުރެއްވުމުގައި ލަހެއް ވެސް ނުވި އެވެ. ފުރިހަމައަށް ރޭންޖު ލިބުމުން ފުދިފައި އެ ރައްޔިތުން ތިބީ ޝުކުރުވެރިކަން ފުރިބަންޑުންވާ ހާލަތުގަ އެވެ.

އީސައަށް ވެސް ރައީސް ބަރާބަރު, ސްލޯއެއް ނޫން

ކެނދިކުޅުދޫގައި ކުރިއަށްދާ ކެމްޕޭން ހަރަކާތްތަކުގައި ދާއިރާގެ މެންބަރު އަހުމަދު އީސައާއި, ރަށުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން އަދި އެމްޑީޕީގެ މަތީފަޑީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުގެ މަތިން ކެނދިކުޅުދުއަށް ވަޑައިގެން އީސަ ވަނީ ރައީސްއާމެދު ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވާފަ އެވެ.

ކެނދިކުޅުދު ދާއިރާގެ މަޖިލިސް މެންބަރު އީސަ; ދެވަނަ ދައުރަކަށް ރައީސް ހޮވަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


އީސަ ވަނީ ވެރިކަން ކުރަން ފަސް އަހަރަކީ ކުރު މުއްދަތެއް ކަން ފާހަގަކުރައްވާ ރައީސަށް ދެވަނަ ދައުރެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ރިޔާސީ ޕްރައިމަރީގައި ރައީސަށް ޓިކެޓު ދިނުމަށް އެދިވަޑައިގެން އޭނާ ވިދާޅުވީ, އެއްކޮޅާއި އިދިކޮޅުގެ ވާހަކަތައް މިނެކިރުމުގެ ގާބިލުކަން ލިބިފައިވާ އެމްޑީޕީގެ މެންބަރުން ޕްރައިމަރީގައި ވޯޓުދެއްވަންވާނީ ވާހަކަތަކުގެ ހަގީގަތަށް ވިސްނާ ނިންމާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ނިކުތްއިރު, ވާދަވެރިންގެ ފަރާތުން ރައީސަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ފާޑުކިއުމަކީ 'ސްލޯ' ވުމެވެ. މާ މަޑުން ހުންނެވުމެވެ. ރައީސްގެ އަޑު ނީވޭ ވާހަކަ އެވެ. އާންމުންގެ ތެރެއަށް ނިކުތުމާއި ނޫސްވެރިންނާ ބައްދަލުކުރެއްވުން މަދުވުމުގެ ވާހަކަތަކެވެ.

މަދެއް ނޫން. ދުވާލަކު އެއްފަހަރު ނޫސްވެރިން އެއްކޮށްގެން ބޭކާރު ބައިވަރު ވާހަކަތަކެއް ދައްކާކަށް ނުޖެހޭ.

އީސަ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ނޫސްވެރިން ކުރިމަތީ ހަޅޭއްލަވާ ވެރިއެއް ނޫނެވެ. ރައްޔިތުންނާ ގާތުން ހިދުމަތް ކުރާ ވެރިއެކެވެ.

އޭނަ އިތުރަށް ވިދާޅުވީ ރިއެކްޓް ކުރާ ވާހަކައަކީ އާ ވާހަކައެއް ކަމަށާއި, ރިއެކްޓް ކުރާނަމަ ކުރަންވާނީ ރަނގަޅަށް ކަމަށެވެ. ރަނގަޅަށް ބަލާ ނުލާ ރިއެޓުކޮށްގެން ލިބޭ ގެއްލުން މާ ބޮޑުވާނެ ކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ ކޮންމެ ރިއެކްޓަކީ ދަރިންނާ ހަމައަށް ފޯރާފަދަ ވިސްނުންތެރި ރިއެކްޓަކަށް ވާން ބޭނުންވާ ކަމަށެވެ. އަދި ރައީސް އެގޮތަށް ރިއެކްޓުކުރައްވައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮންޖެހުންތަކާއެކު ވެސް ހިދުމަތް ކުރުމުގަައި އެއްވަނަ

ކެނދިކުޅުދޫގައި ރައީސް އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުން; ޖަގަހަ ފުރިހެން ބޭރުގައި ވެސް މީހުން ތިބި -- ފޮޓޯ: އެމްޑީޕީ


ކެނދިކުޅުދޫ ރައްޔިތުން މިއަދު ހިތްހަމަ ޖެހިތިބެ ރައީސަށް ތާއިދު ކުރާ ސަބަބަކީ މިއެވެ. ހިދުމަތްކޮށްދެއްވައިފި އެވެ. މަޝްރޫއުތައް ހިންގަވާ, އަދި އިތުރަށް ހިންގަވަން ވެސް އެބަ ރާއްވަވަ އެވެ. ރައްޔިތުންނަށް ވަނީ ހަމައެކަނި ފައިދާ އެވެ.

މިއަދު މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެ ކަންކަން ކުރެއްވީ ގޮންޖެހުންތަކާއެކުކަން ފާހަގަކުރައްވާފަ އެވެ. އިދިކޮޅަކުން އެކަންޏެއް ނޫނެވެ. އެކުގައި މަސައްކަތް ކުރަން އޮތް މަޖިލީހުން ވެސް ގޮންޖެހުންތަކާ ކުރިމަތި ކުރުވިކަން ފާހަގަކުރެއްވި އެވެ. ކެތްތެރިކަމާއެކު އެކަންކަމުން އަރައިގަތުމަކީ މިއަދު ކަންކަން ވެފައި އޮތުމުގެ ސިއްރެވެ.

ރައީސް ވިދާޅުވީ ފެށުނީއްސުރެ ސަރުކާރަށް ކުރިމަތިވަމުންދިޔަ ގޮންޖެހުންތައް ހުރަސްކޮށް ހަތަރު އަހަރު ތެރޭ އެހެން އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭހާ ހިދުމަތް މި ސަރުކާރަށް ކޮށްދެވިއްޖެ ކަމަށެވެ. އަދި ކޮންމެ ފަސް އަހަރެއްގެ ހިސާބު ޖެހުމުން އެކަން ސާބިތުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފޯރިއާއެކު ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުތަކުގައި އިއްޔެ ރ އަތޮޅުގެ ތިން ރަށަކަށް ވެސް ވަޑައިގެންނެވި އެވެ. މާކުރަތު, އިންނަމާދޫ އަދި މީދުއިން ވެސް ބޮޑު ތަރުހީބެއް ރައީސަށް އޮތްއިރު, މިއަދު ކެނދިކުޅުދުއިން ވެސް އެ މަންޒަރެވެ. މިއަށްފަހު މިއަދު ރައީސް ވަޑައިގަންނަވާނީ މަނަދުއާއި ވެލިދުއަށެވެ. އެގޮތުން ވެލިދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.