Advertisement

ޕްރޮކްސީ ވޯޓު، ދަފްތަރުގެ މައްސަލަ އަދި ބަހުސް: ފުރަތަމަ ޕްރައިމަރީގެ ތާރީހީ ތަޖުރިބާ

19 ޖަނަވަރީ 2023 - 08:16 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެމްޑީޕީގެ ފުރަތަމަ ޕްރައިމަރީގައި ބައިވެރިވެވަޑައިގެންނެވި ތިން ބޭފުޅުން: އެ ޕްރައިމަރީއަކީ ދިވެހިރާއްޖޭގައި ކުރިއަށްދިޔަ ތާރީހީ އިންތިހާބެއް -- ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)/އަދަދު


ޕްރޮކްސީ ވޯޓު، ދަފްތަރުގެ މައްސަލަ އަދި ބަހުސް: ފުރަތަމަ ޕްރައިމަރީގެ ތާރީހީ ތަޖުރިބާ

19 ޖަނަވަރީ 2023 - 08:16 2

އެ ދުވަހުގެ ކުރިން، އެފަދަ ސިޔާސީ ބަހުސެއް ދިވެހިރާއްޖޭގައި ބާއްވާފައެއް ނުވެ އެވެ. ބަހުސް ކުރަން ވަޑައިގެން ހުންނެވީ، މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު މުނައްވަރާއި މޫސާ މަނިކެވެ. އެ ބޭފުޅުން މޭޒުދޮށަށް ވަޑައިގެން ތިއްބެވީ، ތަސައްވަރަކާއެކު، އެބޭފުޅެއްގެ ގަބޫލުކުރަންތައް އަދި މާޒީގެ އަމަލުތައް އާންމު ޕޯޑިއަމެއްގައި ދިފާއު ކުރެއްވުމަށް ތައްޔާރުވެވަޑައިގެންނެވެ.

އެއީ ދިވެހިންނަށް އޭގެ ކުރިން ލިބިފައި އޮތް ފުރުސަތެއް ނޫނެވެ. ކެންޑިޑޭޓުންގެ މެދުގައި ނޫން ނަމަވެސް ސިޔާސީ ބަހުސް ކުރުމަކީ ދިވެހިން ފާޅުގައި ކޮށް އުޅުނު ކަމެއް ނޫނެވެ. އެ ބަހުސް ޝައުގުވެރިވި އެއް ސަބަބަކީ އެއީ އެވެ.

ރަސްގެފާނު ހާޖީ އިމާދުއްދީނުގެ ވެރިކަން ބަދަލު ކުރުމަށް އަބްދުލްމަޖީދު ދީދީ އާއި ބައެއް ބޭފުޅުން ބަހުސް ކުރެއްވީ ސައްޔިދު ކިލޭގެފާނުގެ ގިފިލި ތެރޭގަ އެވެ. ރާއްޖޭގެ ފުރަތަމަ ފަހަރަށް އާގު ބޯޓެއް ގަތުމަށް ގާނޫނެއް ފާސް ކުރަން އުޅުމުން، ހޯމް މިނިސްޓަރު އަހުމަދު ކާމިލް ދީދީއާ ދެކޮޅަށް ތާއީދު ހޯއްދަވައި ބަހުސް ކުރެއްވުމަށް، މަޖިލިސް ކުރާ ގޭގެ މެމްބަރުން މުހައްމަދު އަމީން ދީދީ އެއްކުރެއްވީ މާންދޫގެއަށެވެ.

ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނެރެނޭ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބު ނުވަތަ ރިޔާސީ ޕްރައިމަރީ، އެއްގޮތަށްވުރެ ގިނަ ގޮތުން ހާއްސަވާ އެއް ސަބަބަކީ، ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މެދުގައި އޭޕްރީލް 23، 2008 ގައި ބޭއްވި ތާރީހީ ބަހުސެވެ.

"އަޅުގަނޑަށް ވެސް ބެލެވޭ ގޮތުގައި އެއީ އެފަދަ އެންމެ ފުރަތަމަ ބަހުސް. ކުރިން ވެސް ގޭގޭގައި ބަހުސް ކުރި. ރައީސް އަމީންގެ މުތަގައްދަމް ޕާޓީން ވެސް އެފަދަ ބަހުސެއް ނުބާއްވާ،" އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގެ ތެރެއިން ބޭއްވި ބަހުސާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިވެހި ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީ ވިދާޅުވި އެވެ.

އެ ބަހުސްގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން ތާރީހީ އެތައް ކަމެއް ހިނގައިދިޔަ އެވެ. ދަފްތަރުގެ މައްސަލަތަކެއް ކުރިމަތިވެ އެކަމަށް ހައްލެއް ގެންނަން ޖެހުނެވެ. ޕްރޮކްސީ ވޯޓު ނުވަތަ މީހެއްގެ ބަދަލުގައި ވޯޓު ދެވޭ ގޮތަށް އޮތުމުން އެ މައްސަލަ ހޫނުވި އެވެ. ކެންޑިޑޭޓުންގެ މެދުގައި އަލަށް، ސުވާލާއި ޖަވާބު ޕްރޮގްރާމަކާއި ބަހުސެއް ބޭއްވި އެވެ. އަދި އިންތިހާބުގެ ނަތީޖާގެ ސަބަބުން ރާއްޖޭގެ ކުރިމަގު ބައްޓަންވެ، ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައެވެ.

އިންތިހާބަށް ހުޅުވާލުމާއި ދަފުތަރުގެ މައްސަލަތައް

އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލީ ފެބްރުއަރީ 25، 2008 ގަ އެވެ. އިންތިހާބަށް ހުޅުވާލީ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދެއްކެވީ މުހައްމަދު އުބެއިދުﷲ މުއާޒާއި މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އާއި ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި އިބްރާހިމް ވަހީދެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023 ފަދައިން، 2008 ގެ ރިޔާސީ ޕްރައިމަރީ ބޭއްވިއިރު ވެސް ޕާޓީގެ މެމްބަރުންގެ ދަފުތަރުގައި މައްސަލަތަކެއް ހުއްޓެވެ. ޕްރައިމަރީ 2008 އިއުލާނުކުރުމާ ހަމައަށް އެމްޑީޕީގެ ދަފުތަރުގައި ތިބީ 19،402 މެމްބަރުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ދިޔަ އެމްޑީޕީގެ ދަފުތަރުގައި ތިބި މެމްބަރުންގެ އަދަދު އެއަށްވުރެ މާބޮޑަށް ވެސް މަދެވެ.

ޕްރައިމަރީ ހުޅުވާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެއިރު ވެސް ދަފުތަރުގައި މައްސަލަތަކެއް ހުރި


ޕްރައިމަރީ 2008 އިއުލާނު ކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ އެމްޑީޕީގެ ދަފުތަރުގައި ނަން އޮތް ނަމަވެސް ކޮމިޝަނުގެ ދަފުތަރުގައި ނުހިމެނޭ 6000 އެއްހާ މީހުން އުޅޭ ކަމަށެވެ.

"ކދ. އަހުމަދު މަނިކު [އިލެކްޝަންސް ކޮމިޝަނަރު] ގަބޫލުނުކުރައްވައި އެކި ގޮތްގޮތުން ރިޖެކްޓްކޮށްފައިވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން. އަޅުގަނޑުމެންގެ ޕާޓީގެ ރަޖިސްޓްރީގައި އެބައުޅޭ ކދ ގެ ލިސްޓުގައި ނުހިމެނޭ ގާތްގަނޑަކަށް 6،000 މީހުން،" އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އެއިރުގެ ގައުމީ މަޖިލީހުގެ މެމްބަރު އުބައިދުﷲ ވިދާޅުވި އެވެ.

އެމްޑީޕީން އެއިރު ނިންމީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މީހުން އެ ދަފުތަރުގައި ޖެއްސުމަށް އެއް މަސް ދުވަސް ދިނުމަށެވެ.

"އެ ލިސްޓުގައި ނަން ނެތް ބޭފުޅެއް ނަމަ، ޕާޓީ އަށް ވަޑައިގެން އެ ބޭފުޅެއްގެ ރެކޯޑްސްތައް ރަނގަޅުކޮށްދެއްވައި، ރަޖިސްޓްރޭޝަން ރަނގަޅުކޮށް ދެއްވަން ޖެހޭ. އެ ފުރުސަތު އޮތީ 25 މާޗްގެ ނިޔަލަށް. އޭގެ ފަހުން އެ ފުރުސަތު ބަންދުވާނެ،" އުބައިދުﷲ ވިދާޅުވި އެވެ.

ކެންޑިޑޭޓުން ވިއްކި ޝިއާރުތައް

ކެންޑިޑޭޓު ނަމްބަރު 1 ޑރ. މުހައްމަދު މުނައްވަރު: ހާދިމްކުމް: ރައްޔިތުންގެ ހިދުމަތުގައި

ކެންޑިޑޭޓު ނަމްބަރު 2 މޫސާ މަނިކު: ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް

ކެންޑިޑޭޓު ނަމްބަރު 3 މުހައްމަދު ނަޝީދު: ތާހިރު ދިރިއުޅުމަކަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް އާދެވުނުއިރު ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުނައްވަރު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ. މޫސަ ހުންނެވީ އެމްޑީޕީގެ ޝެޑޯ ކެބިނެޓުގެ މެމްބަރެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ފެބްރުއަރީ 20، 2008 އާ ހަމައަށް ހުންނެވުމަށްފަހު ނަޝީދު ހުންނެވީ އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީގެ "އެއްކޮށްލި ގޮފި" ގެ މެމްބަރެއްގެ ގޮތުގަ އެވެ.

ޕްރޮކްސީ ވޯޓުގެ މައްސަލަ ހޫނުވުމާއި މަންދޫބުން މާލަމް ދޫކުރެއްވުން

އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި، ރާއްޖެއިން ބޭރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް ޕްރޮކްސީ ވޯޓު ލެވޭ ގޮތަށް ހަމަޖެއްސި އެވެ. އެގޮތަށް ކަނޑައެޅުމުން ބޭރު ގައުމުގައި ހުރި މެމްބަރުގެ ފަރާތުން ވޯޓު ލާނީ އޭނާ އެ މަސްއޫލިއްޔަތު ހަވާލު ކުރާ އެހެން މީހެކެވެ.

ޕްރޮކްސީ ވޯޓުތައް ރަޖިސްޓްރީ ކުރުމަށް ޕާޓީން ދިން ދޮޅު މަސް ދުވަހުގެ ފުރުސަތުގައި ޖުމްލަ 261 މީހަކު ރަޖިސްޓްރީ ކުރި ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ ފަހުން ޕްރޮކްސީ އަނބުރާ ގެންދިޔުމަށް ވެސް މެމްބަރުންނަށް ފުރުސަތެއް ދިނެވެ. ނަމަވެސް ފަހުން ސައްހަ ޕްރޮކްސީގެ ގޮތުގައި ކަނޑައެޅީ ހުށަހެޅި ޕްރޮކްސީ ފޯމުތަކުގެ ތެރެއިން 238 ފޯމެވެ.

ނަމަވެސް ރިޔާސީ ޕްރައިމަރީ 2008 ގައި ޕްރޮކްސީ ބޭނުންކޮށްގެން ވޯޓުލެވޭ ގޮތަށް ޕާޓީގެ ގައުމީ އިންތިހާބާ ބެހޭ ކޮމެޓީން ނިންމުމުން އެ އިންތިހާބުގައި ވާދަ ކުރާ ދެ ކެންޑިޑޭޓަކު އެކަމާ ދެކޮޅު ހެއްދެވި އެވެ. އެއީ ޑރ. މުނައްވަރާއި މޫސަ އެވެ.

ޑރ. މުނައްވަރާއި މޫސަގެ މައްސަލައަކަށްވީ ޕްރޮކްސީ ހަވާލު ކުރެވިފައިވާ ގޮތް ހާމަކަން ބޮޑުނުވުމެވެ. ޕްރޮކްސީގެ މައްސަލައިގައި ކެންޑިޑޭޓު މޫސައަށް ވުރެ ވެސް ބޮޑަށް މައްސަލަ ހޫނުކޮށްލީ ޑރ. މުނައްވަރެވެ. ޕްރޮކްސީ ވޯޓަކީ އޭގެ ޒާތުގައި ވެސް މައްސަލައެއް ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އޭނާ ވަކާލާތު ކުރަމުންދިޔައީ، އަނެކާގެ ވޯޓު އެހެން މީހަކު ލުމުން، އެކަން ވޯޓުލުމުގެ ރޫހާ ވެސް ހިލާފު ކަމަށް ވިދާޅުވެ އެވެ. ޕްރޮކްސީ ވޯޓު ބަލައިނުގަތުމަށް އެދި ޑރ. މުނައްވަރުގެ ސަޕޯޓަރުން އެމްޑީޕީއަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ޑރ. މުނައްވަރު ކެމްޕެއިންގެ ފޮޓޯގަނޑެއް: ޕްރޮކްސީ ވޯޓު މައްސަލަ އެންމެ ބޮޑަށް ޖެއްސެެވީ ޑރ. މުނައްވަރު


ޕްރޮކްސީ ވޯޓާ ދެކޮޅަށް އެ ދެ ކެންޑިޑޭޓުން މަސައްކަތް ކުރައްވަމުން ގެންދެވިއިރު ނަޝީދު ވަކާލާތު ކުރައްވަމުން ގެންދެވީ ޕްރޮކްސީ ވޯޓާ އެއްކޮޅަށެވެ. ނަޝީދު ގަބޫލު ކުރެއްވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ޕްރޮކްސީ ވޯޓުލުމަކީ މެމްބަރުންގެ ހައްގެއް ކަމަށެވެ.

ޑރ. މުނައްވަރާއި މޫސަގެ ފަރާތުން އެންމެ ފަހުން އެދިވަޑައިގެންނެވީ ޕްރޮކްސީ ވޯޓު ގަބޫލު ނުކުރާ ގޮތަށް ހަމަޖެއްސުމަށެވެ. ޕްރޮކްސީ ވޯޓު ގަބޫލު ނުކުރުމަށް ދެ ކެންޑިޑޭޓަކު ގޮވާލައްވާފައިވާތީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީގެ ހާއްސަ ބައްދަލުވުމެއް އޭޕްރީލް 21، 2008 ގައި ބޭއްވި އެވެ. އެ ކޮމެޓީން ނިންމީ ޕްރޮކްސީ ވޯޓު ބަލައިގަތުމަށެވެ. އެހެން ނިންމީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ މާއްދާއިން އެކަމަށް ފުރުސަތު ދީފައި އޮތުމުން ކަމަށް ކޮމެޓީން ބުންޏެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ބުނެފައި އޮތީ "ވޯޓުލުމަށްޓަކައި ކަނޑައެޅިފައި ވާތަނަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، އޭނާގެ ބަދަލުގައި ޕާޓީގެ އެހެން މެމްބަރަކު އޭނާގެ ވަކީލެއްގެ ގޮތުގައި އައްޔަންކޮށް، އޭނާގެ ބަދަލުގައި ވޯޓުލުމަށް ހުއްދަ ދެވިދާނެ" ކަމަށެވެ. އަދި "މިގޮތަށް ބަދަލުގައި ވޯޓު ދޭ ދިނުމުގައި ކޮންމެ މެމްބަރަކަށް ވެސް ވޯޓު ދެވޭނީ ގިނަވެގެން އިތުރު އެއް މެމްބަރުގެ ވަކީލެއްގެ ގޮތުގައި" ކަމަށް ވެސް ހަމަ އެ މާއްދާގައި ލިޔެފައި އޮތެވެ.

ޕްރޮކްސީ ވޯޓު ގަބޫލު ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ނިންމި ފަހުން ޕްރޮކްސީ ވޯޓުގައި ކަނޑައެޅިގެން މަކަރު ހަދާފައި ހުރި ކަމަށް ވިދާޅުވެ ޑރ. މުނައްވަރުގެ އިންތިހާބީ މަންދޫބު އިބްރާހިމް ދީދީ (ކޭޑީ) ރަސްމީ ޝަކުވާއެއް އޭޕްރީލް 23، 2008 ގައި ހުށަހެޅުއްވި އެވެ. ދުވަހުން ދުވަހަށް އެ ޝަކުވާތައް ބަލައި ޕާޓީން ގޮތެއް ނިންމި އެވެ.

ޑރ. މުނައްވަރުގެ ޝަކުވާއާ ގުޅިގެން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ރަޝީދު ނިންމެވީ ހުރިހާ ކެންޑިޑޭޓުންގެ އެއް ހާޒިރެއްގައި، ޕްރޮކްސީ ވޯޓު ފޯމު ހުށަހަޅާފައިވާ މެމްބަރުންނަށް ވަކިވަކިން ގުޅައި ފޯމުގެ ސައްހަކަން ޔަގީން ކުރުމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވީ ޑރ. މުނައްވަރާއި މޫސަގެ މަންދޫބުން އެކަންޏެވެ. ނަޝީދުގެ ފަރާތުން ވިދާޅުވީ ކޮމެޓީން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.

މަންދޫބުންގެ ބައްދަލުވުމުގައި އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ރަޝީދު ހުށަހެޅުއްވީ ފޯމު ލާފައި ހުރި މީހުންނަށް ގުޅައި ދެ ކަމެއް ކަށަވަރު ކުރުމަށެވެ. އެއީ އޭނާ ޕްރޮކްސީ ވޯޓެއް ލުމަށް ފޯމު ހުށަހެޅި ކަމާއި ބަދަލުގައި ވޯޓުލާ މީހާ ކަށަވަރު ކުރުމަށެވެ. ނަމަވެސް ބައްދަލުވުމަށް ހާޒިރުވި މަންދޫބުން އެއަށްވުރެ ގިނަ ކަންކަން ސާފު ކުރުމަށް އެދުނެވެ. އެގޮތުން ޕްރޮކްސީ ހަވާލު ކުރި ގޮތާއި ސަބަބު ބެލުމަށް ޑރ. މުނައްވަރާއި މޫސަގެ މަންދޫބުން އެދުނެވެ.

އެކަމަކު ރަޝީދު ނިންމެވީ، މަންދޫބުން ބޭނުންވާ ހުރިހާ ކަމެއް ސާފު ކުރުމަށް ފުރުސަތު ނުދިނުމަށެވެ. އެހެންކަމުން ޑރ. މުނައްވަރާއި މޫސަގެ މަންދޫބުން ނިންމެވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެން ނުކުންނެވުމަށެވެ.

ސުވާލާއި ޖަވާބު ސެޝަނަށް އާންމުން ވައްދަން މަޖުބޫރުވުން

އެމްޑީޕީގެ ފަރާތުން 2008 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ސުވާލާއި ޖަވާބު ސެޝަނެއް އެމްޑީޕީން ބޭއްވީ އޭޕްރީލް 2، 2008 ގަ އެވެ. އެ ސެޝަން އޮތީ ނޫސްވެރިންނަށް ހުޅުވާލައިގެން ދަރުބާރުގޭގަ އެވެ. ސުވާލާއި ޖަވާބު ސެޝަން ރޭވީ މީޑިއާ އެސޯސިއޭޝަނާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެންނެވެ.

އެ ސެޝަން އެންމެ ފުރަތަމަ ބާއްވަން އުޅުނީ ހަމައެކަނި މީޑިއާއަށް ހުޅުވާލައިގެނެވެ. ނަމަވެސް އެ ހަރަކާތް އޮންނާނެކަން އެނގިގެން ވަގުތު ޖެހުނުއިރު އެމްޑީޕީގެ މެމްބަރުންތަކެއް ދަރުބާރުގޭ ކައިރިއަށް ގޮސް ތިއްބެވެ. އާންމު މެމްބަރުން ބޭނުންވީ ސުވާލާއި ޖަވާބު ޕްރޮގްރާމް ބެލުމަށް ވަނުމަށެވެ. ނަމަވެސް އިންތިޒާމް ކުރި ފަރާތުން ރާވާފައި އޮތީ އެހެނެއް ނޫނެވެ.

އެންމެފަހުން މައްސަލަ ހޫނުވެ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައިދިޔުމުން އިންތިޒާމް ކުރި ފަރާތުން ނިންމީ އިވެންޓު ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށެވެ.

"ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް މިތާ އެތެރޭގައި [ހިނގުމާއެކު]، މިހާރު ކޮންމެވެސް ވަރަކަށް އެމްޑީޕީގެ އާއްމުންގެ ބައެއް މެމްބަރުން ވެސް މިތަނަށް މިހާރު ވަދެފި. ކުޑައިރުކޮޅެއްގެ ތެރޭގަ ފެށޭވަރުވާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ،" ސުވާލާއި ޖަވާބު ސެޝަން ފެށުމުގެ ކުރިން މީޑިއޭޓަރު ބުނެފައިވެ އެވެ.

އެމްޑީޕީގެ ތިން ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ސުވާލާއި ޖަވާބު ޕްރޮގްރާމް: އެ ޕްރޮގްރާމް އިންތިޒާމް ކުރީ މީޑިއާ އެސޯސިއޭޝަންގެ ފަރާތުން -- ފޮޓޯ:


އެ ސެޝަންގައި ތިން ކެންޑިޑޭޓުންނާ ވެސް ވަރަށް ގިނަ ސުވާލުތައް އަމާޒުވި އެވެ. ހާއްސަކޮށް، މިހާރުގެ ސިޔާސީ މައިދާނުގައި އަޑު ނީވޭ ފަދަ ސުވާލުތަކާ އެ ދުވަހު ކެންޑިޑޭޓުން ކުރިމަތިލާންޖެހުނެވެ. އެގޮތުން ތިމާ އާއި އާއިލާގެ ބޭފުޅުން ކުރައްވާ މަސައްކަތާ ގުޅޭ ގޮތުންނާއި ސިއްހީ ހާލަތު ހުރި ގޮތާ ބެހޭ ގޮތުން ވެސް ކެންޑިޑޭޓުން ޖަވާބު ދެއްވި އެވެ.

ދިއެފްއެމުން ގެނެސްދިން ކެންޑިޑޭޓުންގެ ތާރީހީ ބަހުސް

ސުވާލާއި ޖަވާބު ސެޝަނަށްފަހު ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ހާއްސަ ބަހުސް ބޭއްވީ ވެސް ދަރުބާރުގޭގަ އެވެ. އެ ބަހުސް އިންތިޒާމްކޮށް ކުރިއަށްގެންދިޔައީ ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓަރު ދިއެފްއެމްގެ ފަރާތުންނެވެ. ބަހުސް ބޭއްވީ ރަންނަބަނޑޭރި މާލަމް ކުއްޔަށް ހިފައިގެން އާންމުންނަށް ޓިކެޓު ވެސް ވިއްކައިގެނެވެ. ޓިކެޓެއް ވިއްކީ 200ރ. އަށެވެ. ނަމަވެސް މީޑިއާގައި އެއިރު ފާހަގަކޮށްލެވޭ ބައެއް ނޫސްވެރިންނަށް ޖާގަ ރިޒާވްކޮށްފައި ހުއްޓެވެ. އޭގެ އިތުރުން، އެ ޑިބޭޓް ލައިވްކޮށް ޓެލެވިޒަން މޯލްޑިވްސް އިން ވެސް ދެއްކި އެވެ. ޓީވީއެމުން އެ ޕްރޮގްރާމް ދެއްކީ، އެއާޓައިމް ވިއްކައިގެނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގެ ރަސްމީ ކެންޑޑޭޓުންގެ ބަހުސް ހުށަހަޅުއްވައި ދެއްވީ ރާއްޖޭގެ މީޑިއާގައި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށް މަސްއޫދު އަލީ އާއި އިބްރާހިމް ހަލީލެވެ. މަސްއޫދު ދިއެފްއެމްއާ ގުޅިވަޑައިގެންނެވީ 1994 ވަނަ އަހަރުން ފެށިގެން ޓީވީ ހޯސްޓެއްގެ ގޮތުގައި ޓީވީއެމްގައި މަސައްކަތް ކުރެއްވުމަށްފަހު އެވެ. ހަލީލް ދިއެފްއެމްއާ ގުޅިވަޑައިގަތީ 21 އަހަރު ޓީވީއެމްގައި މަސައްކަތް ކުރެއްވުމަށްފަހެވެ.

"މިރޭގެ މިވަގުތާ ހަމައަށް އައި އިރު ތަފާތު ސުވާލުތަކެއް އަޅުގަނޑުމެންނާ ކުރިމަތިވި. މިއީ ކޮން ކަމެއްތޯ؟ ގިނަ ބަޔަކަށް ހީވީ އަޅުގަނޑުމެން މި އުޅެނީ ނޫސް ކޮންފަރެންސެއް ބާއްވާށޭ. އަޅުގަނޑުމެން އަލަށް ކަމެއް ކުރާއިރު ބައެއް އުނި ކަންތައްތައް ހުރި ނަމަވެސް ދުނިޔޭގައިި ތަހުޒީބު ނުވަތަ ޑިމޮކްރަސީގައި ރީތި ހަމަތައް ގެންގުޅޭ ރީތި ގައުމުތަކުގައި ބާއްވާ ކަހަލަ ޑިބޭޓެއް ބާއްވަން،" އެ ތާރީހީ ބަހުސް ތައާރަފްކޮށްދެއްވަމުން ހަލީލް ވިދާޅުވެފައިވެ އެވެ.

ދިއެފްއެމުން ގެނެސްދިން އެމްޑީޕީގެ ޑިބޭޓް: އެ ޑިބޭޓް ޓިވީއެމުން އެއާޓައިމް ގަނެގެން ދުރަށްދެއްކި --


ޕްރައިމަރީގެ ނަތީޖާ އަދި އެއަށްފަހު ކަންތައްވީ ގޮތް

ދިގުދެމިގެންދިޔަ ކެމްޕެއިނަކަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ އޭޕްރީލް 25، 2008 ގަ އެވެ. އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދިޔައިރު ވޯޓުލާން ހުޅުވާލީ މެންދުރު ފަހު 2:00 ގަ އެވެ. އަދި ވޯޓުލާ ނިންމާލައި، ކަރުދާސްތައް ގުނަން ފެށީ ރޭގަނޑު 9:00 ޖެހިއިރެވެ.

އެމްޑީޕީ ފުރަތަމަ ޕްރައިމަރީގެ ނަތީޖާ ނިކުތް ގޮތް: މިއީ ގިނަ ބަޔަކު ހީކުރި ވަރަށްވުރެ ބޮޑު ތަފާތެއް -- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު


ވޯޓުލާން ނިކުތީ: 11،200 މީހުން

ޑރ. މުހައްމަދު މުނައްވަރު: 2394 ވޯޓު (21.4 ޕަސެންޓު)

މޫސާ މަނިކު: 989 ވޯޓު (8.4 ޕަސެންޓު)

މުހައްމަދު ނަޝީދު: 7656 ވޯޓު (68.4 ޕަސެންޓު)

ބާތިލު ވޯޓު: 161 (1.4 ޕަސެންޓު)

އިންތިހާބު ކާމިޔާބުވުން ނަޝީދު ދެއްވި މެސެޖު

"ކެމްޕޭނުގެ ހަރަކާތްތެރީންނާއި، އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް، ހެޔޮ ދުއާ ސަލާމަށްފަހު ލިޔަމެވެ.

'ތާހިރު ދިރިއުޅުމަކަށް' އަޅުގަނޑު ފެށި ކެމްޕޭން ހިންގުމުގައި، އަޅުގަނޑަށް ތިޔަ ފޯރުކޮށްދެއްވި ހިތްވަރާ އަގު ނުކުރެވޭ ފަދަ މަސައްކަތަށްޓަކައި، ތިޔަ އެންމެހާ ބައިވެރިންނާއި ހަރަކާތްތެރީންނަށް ހިތުގެ އަޑީން ޝުކުރު އަދާކުރަމެވެ. އެމްޑީޕީގެ ފުރަތަމަ ޕްރެޒިޑެންޝަލް ޕްރައިމަރީގައި ކެންޑިޑޭޓް ނަމްބަރު 3 ގެ ގޮތުގައި އަޅުގަނޑު ވާދަކުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހަމަގައިމުވެސް ތިޔަ މެމްބަރުންނާއި އެކުވެރީން އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަދި، ހެޔޮ ބަދަލަށްޓަކައި ތިޔަ ކުރައްވާ އުއްމީދު ހިމެނެއެވެ.

މާތް އަމުރާ އިރާދަފުޅުން، 7 މާޗް 2008 ގައި ކަލާފާނު ސްކޫލް ގެ ގޯތިތެރެއިން އަޅުގަނޑު ފެށި މި ދަތުރުގައި، ހއ. ކެލައިން ސ. ގަމާއި ދެމެދު އެތުރި އޮތް ފަސްދޮޅަސް އެތައް ރަށަކަށް ޒިޔާރަތްކޮށް، ޕާޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީގު، އަޅުގަނޑަށް ލިބުނެވެ. މިހުރިހާ ދަތުރުތަކެއް ކުރެވުނީ، ޖުމުލަކޮށް މިކެމްޕޭން އަޅުގަނޑަށް ކާމިޔާބާއެކު ފަށާ، އުފަލާއި ހިތްހަމަޖެހުމާއިއެކު ނިމުމަކަށް ގެނެވުނީ، ތިޔަ އެންމެހާ ފަރާތްތަކުގެ ވާގިވެރިކަން އަޅުގަނޑަށް ލިބުނީމަ އެވެ.

އަޅުގަނޑުގެ އުއްމީދަކީ ތާހިރު ދިރިއުޅުމެއް ކައިރި މުސްތަގްބަލެއްގައި ދިވެހީންނަށް ލިބި، ހާސްކަން މިގައުމުން ފިލައި ދިއުމެވެ. ހިތުގެ އެންމެ އަޑިން ޝުކުރިއްޔާ."

ޑރ. މުނައްވަރު ޕާޓީއަށް ދުރަށްޖެހިވަޑައިގަތުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވި ދުވަހުން ފެށިގެން ޑރ. މުނައްވަރު ޕާޓީގެ އޮފީހަށް ވަޑައިގަތުން ހުއްޓައި ލެއްވި އެވެ. އެއާއެކު އޭނާ އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން އުޅޭ ކަމުގެ އަޑުތައް ގަދަވި އެވެ. ނަމަވެސް އެ ވާހަކަތައް މެއި 18، 2008 ގައި ދެއްވި އިންޓަވިއުއެއްގައި ޑރ. މުނައްވަރު ދޮގު ކުރެއްވި އެވެ.

"ޕްރައިމަރީ އަށްފަހު އަޅުގަނޑު އަންނި އަށް ދަންނަވާފައިވާނެ، އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތައް ވަކި ގޮތަކަށް ނިމެންދެން އަޅުގަނޑު ކުޑަކޮށް ދުރުވެލާނެ ކަމަށް. އޭގެ ސަބަބަކީ އަޅުގަނޑު ވެސް ޕްރައިމަރީގައި ވާދަކޮށްފައި އޮތުމާއެކު، އަޅުގަނޑުގެ ނުފޫޒު އޮންނަހެން ހީވާ ގޮތަށް [އިއްތިހާދުން ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތައް] ވާކަށް އަޅުގަނޑު ބޭނުން ނުވީ. އަންނި ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރައްވާ އެއް ކެންޑިޑޭޓަކު ނެރުއްވަން. އެ ކަންތައްތަކާ އެއްވެސް ވަރަކަށް ބެހި ހަދަން އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑު އަންނި ކައިރީގައި ބުނެފައި އޮންނާނެ ޕާޓީއާއެކު އެބަހުރިން ކަމަށް،" ހަވީރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެކަމަކު އޭގެ ތިން މަސް ދުވަސް ފަހުން އެމްޑީޕީގެ ރައީސްގެ މަގާމުން ޑރ. މުނައްވަރު އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގަތެވެ. އޯގަސްޓު 13، 2008 ގައި ޕާޓީގެ އޭރުގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީއަށް ފޮނުއްވި ސިޓީއަކުން ޑރ. މުނައްވަރު ޕާޓީން ވަކިވެވަޑައިގަތީ އެމްޑީޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެވެ.

އެ ސިޓީގައި މުނައްވަރު ވިދާޅުވީ:

"ޕާޓީގައި މަސައްކަތް ކުރުމަށާއި ކުރަމުން ގެންދިއުމަށް އެޅިފައިވާ ހުރަސްތަކަކީ، އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދުނު ގޮތަށާއި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތުންނާއި އަދި ޕާޓީ ތެރޭގައި ކަންތައްތައް ރޭވިފައިވާ ގޮތުން ނައްތާލެވެން ހުރި ނުވަތަ ނައްތާލެވިދާނެ ހުރަސްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.

"ޕާޓީ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާ އެކު ޕާޓީގެ ރައީސްގެ މަގާމުގައި އަޅުގަނޑު ދެމިހުރުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރެވޭ ކަމަކަށް ނުވާތީ އަޅުގަނޑު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާދީ، އެމްޑީޕީގެ މެންބަރުކަމުން ވަކިވަން."

އެމްޑީޕީގެ ފުރަތަމަ ޕްރައިމަރީން ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް މުހިންމު ހަރުފަތްތަކެކެވެ. ކެމްޕެއިނު ކުރުމާއި ބަހުސް ކުރުމާއި ސިޔާސަތުތައް އާންމު ކުރުމާއި އެއަށް ފާޑު ކިޔުމުގެ ފުރުސަތު އެހެން މީހުންނަށް ދިނުމަކީ ރާއްޖޭގައި ކުރިން އޮތް ކަމެއް ނޫނެވެ. އެ ހުރިހާ ކަމެއް ވެސް ޑިމޮކްރެޓިކް ދަތުރުގެ ތެރޭގައި ޖެހުނީ އަލަށް ފަށާށެވެ. އެމްޑީޕީގެ ފުރަތަމަ ޕްރައިމަރީ ހާއްސަވެ، މުހިންމުވި ސަބަބަކީ އެއީ އެވެ.