Advertisement

ތައާރަފު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުތި ބޯވަދިލަމަސްވެރިކަން މަރު

24 ނޮވެންބަރު 2022 - 07:45 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފުރާވަރަށް ނާރާ ތުތި ބޯވަދިލަމަހެއް އޭގެ މާހައުލުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް: ގާތްގަނޑަކަށް 800 ވަރަކަށް މީޓަރު އަޑިން ބޭނޭ މި މަހުގެ ކިލޯއެއް 30 އެމެރިކާ ޑޮލަރަށް ޖަޕާނުގައި ވިކޭ -- ފޮޓޯ: ރަޖިވް ބާމްބްރީ


ތައާރަފު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުތި ބޯވަދިލަމަސްވެރިކަން މަރު

24 ނޮވެންބަރު 2022 - 07:45 3

ރާއްޖޭގައި ތުތި ބޯވަދިލަމަސްވެރިކަން ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރަން ފެށުމުން، އެ މަސްވެރިކަމުން ލިބިދާނެ ނަފާ ސިކުނޑީގައި ކުރެހި އެކަކީ ބ. ކެންދޫގެ މަސްވެރި އާއިލާއަކަށް ނިސްބަތްވާ މުޢާވިން މުޚްތާރެވެ.

ބައްޕަގެ ސަގާފަތް ދިރުވަމުން އަންނަ މުޢާވިން އާއިލާއިން މަސް، ފައިސާއަށް ހެދޭނެ ވަރަށް ގިނަ މަސައްކަތްކޮށްފި އެވެ. ކަނޑުމަސް ބާނައި، ވިއްކާ، ގަނެ، ކައްކައި، ރިހާކުރަށް ހަދައިފި އެވެ. ހިބަރު މަސް ސީރާކޮށްގެން ނުވަތަ ލޮނު އަޅައިގެން ބާޒާރަށް ނެރުނެވެ. ފަރުމަސް ބާނައިގެން ވެރިކަން ކުރާ ރަށަށް އަދި ރިސޯޓުތަކަށް ވިއްކައިފި އެވެ.

ތަކެއްޗަށް ކުރިމަތިލައިގެން ތުތި ބޯވަދިލަ މަސްވެރިކަން ކުރާނެ އާލާތްތައް ދޫކުރި ފުރަތަމަ ދޯނިތަކުގެ ތެރޭގައި މުޢާވިން އާއިލާ ވެސް ހިމެނުނެވެ. އެކަމަކު، މަދު ދުވަސްކޮޅަކު އެ މަސްވެރިކަން ކުރުމަށްފަހު މަސައްކަތް ހުއްޓާލަން މުއާވިންގެ އާއިލާއަށް މަޖުބޫރުވި އެވެ. ލޯނެއް ބޮލު އަޅައިގެން ފެށި ތުތި ބޯވަދިލަ މަސްވެރިކަން ވީ ފައިދާއެއްނުވާ، ގެއްލުންހުރި މަސައްކަތަކަށެވެ.

"ދޭތެރެއަކުން އަޅުގަނޑުމެން އަދިވެސް ދަން. ޖެނުއަރީގަ ވެސް ދިޔައިން. އެކަމަކު ވިއްކާނެ ތަނެއް ނެތިގެން ތިން ހަތަރު މަސް ދުވަހު ބަހައްޓާފައި ކާން ޖެހުނީ. ފެލިވަރުން ގަތުން ހުއްޓާލީމަ ވިއްކޭނެ އެއްގޮތެއް ވެސް ނެތް. ރަށު ތެރެއަކު ނުވިއްކޭ މަހުގެ އަގުބޮޑުކަމުން. ރިސޯޓުތަކަށް ވެސް މާކެޓެއް ނެތް، އެމީހުން ވެސް ތުތި ބޯވަދިލަމަހެއް ބޭނުމެއް ނުވޭ،" ކެންދޫގައި ހުރެ ފޯނުން ވާހަކަ ދައްކަމުން މުޢާވިން، 28، ކިޔައިދިނެވެ.

މުޢާވިން އޭނާ ބޭނި ތުތި ބޯވަދިލަމަހަކާއެކު ފޮޓޯއަކަށް ހުއްޓިގެން: މަސް ގަންނާނެ މީހަކު ނެތް އެކަމަކު ސަރުކާރުން ދޫކުރި ލޯނު އަދިވެސް ދައްކަންޖެހޭ -- ފޮޓޯ: މުޢާވިން މުޚްތާރް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ތުތި ބޯވަދިލަމަސްވެރިކަން ތައާރަފު ކުރެއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. ތުތި ބޯވަދިލަމަސްވެރިކަމަށް ބޭނުން ކުރާ ވަދު، ލޯނުގެ ގޮތުގައި ދޫކުރުމަށްފަހު، އެ ވައުދު ފުދިއްޖެ ކަމަށް ވެރިކަމުގެ ހުވާ ކުރެއްވިތާ 51 ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން މީޑިއާގައި އިއުލާން ކުރެއްވި އެވެ.

ނަމަވެސް، ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން މަދު މަސްތަކެއްގެ ތެރޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖޭގައި ހުއްޓިއްޖެ އެވެ. މަސްވެރިން ބޭނި ނަމަވެސް މަހަށް މާކެޓު ނެތުމުގެ ސަބަބުން ވިއްކޭނެ ގޮތް ހުސްވެއްޖެ އެވެ. ދައުލަތުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ގަތް ތުތި ބޯވަދިލަމަސް ވިއްކޭނެ ގޮތެއް ނެތި އެތައް ޓަނެއް އަދިވެސް ހުރީ އެ ކުންފުނިން ހިންގާ ކަނޑުއޮއްގިރީގެ ސްޓޯރޭޖުގަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމެއް މިވަގުތު ރާއްޖެއަކު ނެތެވެ.

ތުތި ބޯވަދިލަމަސް ރާއްޖެއިން ފެނުމާއި މަސްވެރިކަމުގެ ފެށުން

ދިވެހިން މަސްވެރިކަން ކުރުމުގެ ދިގު އަދި މުއްސަނދި ތާރީހުގައި މީގެ ކުރިން ތުތި ބޯވަދިލަ މަސް ބާނާފައެއް ނުވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ އެއީ މާކަނޑުގެ ވަރަށް ފުނުގައި އުޅޭ ޖަނަވާރަކަށްވާތީ އެވެ. ހަތަރު ފޫޓަށް ބޮޑުވެ، 30 ކިލޯ ވެސް ބަރުދަނުގައި ހުންނަ ތުތި ބޯވަދިލަ މަސް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ކަނޑުގެ 800 ވަރަކަށް މީޓަރު އަޑީގަ އެވެ. ފޫޓުން ކިޔާ ނަމަ އެއީ 2624 ފޫޓު އަޑި އެވެ. އަދި ރޭގަނޑު އެ ސޮރުމެން އެއަށްވުރެ ވެސް އަޑިއަށްދެ އެވެ.

މާކަނޑުގެ ޖަޔަންޓެއްގެ ގޮތުގައި ސިފަ ކުރާ ތުތި ބޯވަދިލަ މަހަކީ ސަޝީމީ އަދި ސޫޝީ ހަދަން ޖަޕާނުގައި އަގުބޮޑުކޮށް ގަންނަ މަހެކެވެ. ޖަޕާނުގައި ގާތްގަނޑަކަށް 30 އެމެރިކާ ޑޮލަރަށް ކިލޯއެއް ގަންނަ އެ ބާވަތުގެ މަސް ރާއްޖޭގެ ކަނޑުގައި ދިރިއުޅޭކަން ހޯދީ ވެސް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ނުވަތަ ޖައިކާއިން ސަރުކާރާ ގުޅިގެން ފުންކަނޑުން ލިބިދާނެ މަންފާ ހޯދައި، ބެލުމުގެ ތެރެއިން ނޮވެމްބަރު، 2016، ގަ އެވެ.

ރާއްޖޭގައި ބޭނި ފުރަތަމަ ތުތި ބޯވަދިލަމަހުގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ މަސް ބޭނުމަށްފަހު ނަގާފައިވާ ފޮޓޯއެއް: ތުތި ބޯވަދިލަ މަސް ބާނަނީ 500 ނުވަތަ 800 ވަރަކަށް މީޓަރު އަޑިއަށް ވަދު ދޫކޮށްގެން -- ފޮޓޯ: ފިޝެރީޒް މިނިސްޓްރީ


އެ މަޝްރޫއުގެ ހަގީގީ ފެށުމަކީ، ރާއްޖެއިން އެންމެ ގިނައިން ބޭރު ކުރާ ބޮޑު ކަންނެލީގެ ސްޓޮކު ދަށްވާތީ، ބޮޑު ނަފާއަކަށް ބޭރު ކުރެވިދާނެ ކަނޑުގެ އެހެން ދިރުމެއް ހޯދުމަށް އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން ޖަޕާނުގައި އެދުމެވެ. ޖަޕާނުގެ ސައިންޓިސްޓުން ދިވެހި ކަނޑަށް ނިކުމެ ބެލި ބެލުންތަކުން، މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތުތި ބޯވަދިލަމަސް ދިރިއުޅޭކަން ހޯދުނެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތުތި ބޯވަދިލަމަސް ބިސް އަޅާކަން ފާހަގަ ކުރެވޭ. އަދި ފާހަގަ ކުރެވެނީ، ބިސް އަޅަނީ ނޮވެމްބަރާއި ފެބްރުއަރީ މަހާ ދެމެދު ކަމަށް،" ޖައިކާ އާއި ސަރުކާރު ގުޅިގެން ޖެނުއަރީ، 2018، ގައި ނެރުނު "މަސް ޕްލޭން" ގައި ލިޔެފައިވެ އެވެ.

ތުތިބޯވަދިލަ މަސް ބާނަން ބޭނުން ކުރާ ވަދު ހުންނަ ގޮތުގެ ކުރެހުމެއް: މީގެ ސެޓެއް މި ސަރުކާރުން ދޫކުރީ 249،000ރ. ލޯނެއްގެ ގޮތުގައި ދައްކާ ގޮތަށް -- ކުރެހުން: ފިޝަރީޒް މިނިސްޓްރީ


ރާއްޖޭގައި ބޭނި އެންމެ ފުރަތަމަ ތުތި ބޯވަދިލަމަސް ޖައިކާގެ ދިރާސާތަކުގެ ތެރެއިން ބޭނުމަށްފަހު ފަހުން ޖަޕާނުގެ މޭޒުތަކަށް ރާއްޖޭގައި ބާނާ ތުތި ބޯވަދިލަމަސް ގެންދެވޭތޯ ޖައިކާއިން ވަރަށް މަސައްކަތް ކުރި އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިރާސާ ނިމި، ޕްރޮޖެކްޓު ގާތްގަނޑަކަށް އޮތީ ތަންފީޒު ކުރުމުގެ މަރުހަލާގަ އެވެ.

އޭގެ ކުރިން ޖަޕާނުގެ އެހީގައި ކުރީގެ ސަރުކާރުން ވެސް ކަންތައްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ދިރާސާކޮށްގެން ތުތި ބޯވަދިލަމަސް ރާއްޖޭގައި އުޅޭކަން ޔަގީން ކުރުމާއި އެ ބާނާނެ ގޮތާއި ކަނޑާނެ ގޮތާއި އެއިން ކެއުން ތައްޔާރު ކުރާނެ ގޮތުގެ ތަމްރީނު ދިވެހި މަސްވެރިންނާއި ދަރިވަރުންނަށް ދިނުން ހިމެނެ އެވެ.

މި ވެރިކަމުގައި ވެސް ކުރި މައިގަނޑު މަސައްކަތަކީ ތުތި ބޯވަދިލަމަސް ބޭނުމަށް މަސްވެރިން ތަމްރީނު ކުރުމާއި ތުތި ބޭނުމަށް ބޭނުންވާ އާލާތްތައް ދޫކުރުމާއި އެފަދަ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ފްރޭމްވޯކެއް އެކުލަވާލުމާއި މިފްކޯއިން އެ ބާވަތުގެ މަސް ގަންނަ ގޮތަށް ހަމަޖެއްސުމެވެ.

މިފްކޯއަށް ވެސް ތުތި މަހެއް ނުވިއްކުނު

ރާއްޖޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފު ކުރުމާއެކު ކަހަލަ ގޮތަކަށް އެކަން ހުއްޓާލަން ޖެހުނީ މާކެޓު ނެތުނީމަ އެވެ. މިފްކޯއަށް ތުތި ބޯވަދިލަމަހުގެ މާކެޓެއް ނުހޯދުނު އިރު، މަސްވެރިން ބުނަނީ ކަންކަން ރޭވިފައި އޮތް ގޮތުން ބޭނި އިރު ވެސް އެ މަސްވެރިކަމުން އެންމެ ރަނގަޅު މަންފާ ނުލިބޭ ކަމަށެވެ.

"ފެލިވަރުން ނެގި އެއް ބުރަކު. ފެލިވަރުން ނެގިއިރު ގަތީ ކިލޯއެއް 150ރ. އެކަމަކު އެއީ އަޅުގަނޑުމެންނަށް ވޯތު އަގެއް ނޫން. ބާ އާއި ޅަވިޔަންޏާ އެހާ ދުރުވީމަ އެކޮޅަށް ދާ ކަމަށްވާ ނަމަ އެބަޖެހޭ އައިސް ވެސް އަޅަން. އެންމެ ކައިރިން ވެސް މިހާރު އައިސް ލިބެނީ ދުވާފަރުން. އެހެންވީމަ ދުވާފަރަށް ގޮސް އައިސް ލައިގެން އަނެއްކާ ހުޅަނޑު ކަނޑަށް ނިކުމެފަ މި ފެލިވަރަށް ދާންޖެހެނީ،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކި މުއާވިން އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

މިފްކޯއަށް ތުތި ބޯވަދިލަމަސް އަގު ހެޔޮކޮށް ގަތުމުގައި ވެސް ރަނގަޅު ސަބަބެއް އެބަ އޮތެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ މަސްވެރިން ބާނައިގެން ގެންނަ މަހުގައި، މިސާލަކަށް ބުނާ ނަމަ ޖަޕާނު މާކެޓަށް ވިއްކޭހާ ކޮލިޓީ ނެތުމެވެ. މަހުގެ ފެންވަރު ދަށްވާ އެއް ސަބަބަކީ ބާނާތާ ގިނައިރުވެ، އައިސް އަޅަންޖެހުމެވެ.

"ރާއްޖޭގެ މަސް ޖަޕާނަކަށް ނުވިއްކޭ އަސްލު. އެމީހުން މަސް ބޭނުން ވަނީ ބާނާތާ ވަކި ގަޑިއިރުތަކެއްގެ ތެރޭގައި. މަސް ބާނައިގެން، އައިސް އަޅައިގެން އަޅުގަނޑުމެންގެ ފެސިލިޓީއަކާ ހަމައަށް އަންނައިރު ކޮލިޓީގެ އިޝޫތަކެއް އެބައުޅޭ. އަޅުގަނޑުމެން ކަނޑުއޮއްގިރިއަށް ވެސް ގަތިން އެ [ތުތި ބޯވަދިލަމަސް]. މިހާރު ވެސް އެތަނުގައި އެބަހުރި ހަތް ޓަނު [ނުވިކިފަ]،" މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއިލް ފައުޒީ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ތުތި ބޯވަދިލަ މަސް ބާޒާރަށް ނެރުމަށްފަހު މިފްކޯއިން އާންމު ކުރި އިސްތިހާރެއް: ކަނޑުއްޮގިރީގައި މިހާރު ވެސް ހަދާނެ ގޮތެއް ނެތިފައި އަށް ޓަނު ތުތި ބޯވަދިލަމަސް އެބަހުރި -- ފޮޓޯ: މިފްކޯ


މަސްވެރިންގެ އަތުން ގަންނަ ތުތި ބޯވަދިލަމަސް ބޭރު ކުރެވޭނެ ގޮތެއް ނުފެނުމުން، ރާއްޖޭގެ މާކެޓު ހޯދުމަށް މިފްކޯއިން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން، ރިސޯޓުތަކަށް ތުތި ބޯވަދިލަމަސް ވިއްކަން މަސައްކަތްކޮށް، މިފްކޯއިން ހިންގާ ފިހާރަތަކުގައި ޕެކުކޮށްފައި ވެސް ވިއްކަން ބެހެއްޓި އެވެ. އެކަމަކު، މަސްތައް ހަރުތަކުން ނުވިކި އަދިވެސް ހުރީ އެވެ.

"ރާއްޖޭގައި ތިވަރުގެ މާކެޓެއް ނެތް. އަޅުގަނޑުމެންގެ ފިހާރަތަކުގަ މިހާރު ވެސް ޑިސްޕްލޭކޮށްފައި އެބަހުރި. އެކަމަކު ލޯކަލް މާކެޓުގައި އެއަށް ޑިމާންޑެއް ނެތް،" ފައުޒީ ވިދާޅުވި އެވެ.

ޖަޕާނުގެ މާކެޓަށް ނުވިއްކުމާއި އެތެރޭގައި ތުތި ބޯވަދިލަމަހުގެ ޑިމާންޑު ނެތުމުން މިހާރު މިފްކޯގެ ވިސްނުމަކީ ގަނެފައި ހުރި މަސްކޮޅު ޕްރޮސެސް ކުރުމަށްފަހު އެހެން މީޑިއަމެއްގައި ވިއްކުމެވެ.

"ދެން އަޅުގަނޑުމެން ބަލަނީ އެހެން މީޑިއަމެއްގައި އެ މަސްތައް ވިއްކޭތޯ. އޭގެން ޖާކީ ހެދޭތޯ އަޅުގަނޑުމެން މިހާރު މި އުޅެނީ ކޫއްޑޫގައި ކޮންމެވެސް ވަރެއްގެ ސެޓަޕެއް ހަދައިގެން މި އުޅެނީ. ދެން ޕްރޮސެސްކޮށް ނިމުނީމަ ކޮންމެވެސް ގޮތެއް ހެދޭތޯ ބަލާނީ،" ގަނެފައި ހުރި ތުތިބޯވަދިލަމަހުން ގެއްލުންނުވެ، ވިއްކޭތޯ ކުރަމުންދާ މަސައްކަތް ހިއްސާ ކުރައްވަމުން ފައުޒީ ވިދާޅުވި އެވެ.

ދާއިރާ ދަމަހައްޓަން ސަރުކާރުގެ ޒިންމާ ބޮޑު

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފު ކުރެވިފައިވާ ކަމަށް ނިންމައި، ސަރުކާރުން އޮތީ ވައުދުތަކުގެ ލިސްޓުން އެކަން އުނިކޮށްފަ އެވެ. އެ މަސްވެރިކަން މިހާރު ހުއްޓިފައި އޮތް ނަމަވެސް އެ މަސައްކަތް ތައާރަފް ކުރުމަށް ވި ވައުދު ފުދިފައިވާ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ޖައިކާއާއެކު ސަރުކާރުން މަސައްކަތް ކުރަން ފެށި ދުވަހުން ފެށިގެން ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފު ކުރުމާ ހަމައަށް، ސަރުކާރުގެ ފަރާތުން އެ ޕްރޮޖެކްޓުގައި މަސައްކަތް ކުރި ސީނިއާ އޮފިޝަލަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ހުއްޓިފައި އޮތް ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ފުޅާ ކުރަން މަސައްކަތް ކުރުމަކީ ޕްރައިވެޓް ސެކްޓާގެ ޒިންމާއެއް ކަމަށެވެ.

"މިކަމުގައި އަމިއްލަ ފަރާތްތަކުގެ ވެސް ޒިންމާއެއް އޮންނާނެ. ސަރުކާރުން މިހާރު އެ އޮތީ އެ މަސައްކަތް ތައާރަފްކޮށްފަ. ހުއިފިލަނޑާ ނަގައިގެން ވެސް އެކްސްޕޯޓް ކުރަނީ ރާއްޖެއިން ބައިވަރު. އެކަމުގަ ސަރުކާރުގެ މާ ބޮޑު ދައުރެއް ނޯވޭ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ދެން ޖެހޭނީ މި މަސައްކަތަށް ޒުވާނުން ނިކުމެ އިންޑަސްޓްރީ ތަރައްގީ ކުރަން،" މިނިސްޓަރު ލެވެލްގެ އެކި މަގާމުތައް ފުރާފައިވާ އޭނާ ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ބޮޑު ތުތިބޯވަދިލަ މަހާއެކު (19.5 ކިލޯ) އެ ބޭނި މުހައްމަދު ޖަލީލު ފޮޓޯއަކަށް ހުއްޓިގެން: މިފްކޯއިން ވެސް ތުތި ބޯވަދިލަ މަސް ގަތުން ވަނީ ހުއްޓާލާފައި -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ


އެކަމަކު، ޖައިކާގެ ލިޔުންތަކަށް އެކަނި ބަލައިލި ނަމަވެސް، މަސްވެރިކަން ތައާރަފުކޮށްލުމުން ސަރުކާރުގެ ޒިންމާ ނުނިމޭކަން އެނގެ އެވެ. މަސްވެރިކަމުގެ މާސްޓާ ޕްލޭން ނުވަތަ މަސް ޕްލޭން އެކުލަވާލުމަށް ޖައިކާ އާއި ސަރުކާރުން ބައްދަލު ކުރުމަށްފަހު މެއި 14، 2014 ގައި ސޮއި ކުރި ރެކޯޑްސް އޮފް ޑިސްކަޝަންގައިވާ ގޮތުން، އެ ޕްރޮޖެކްޓުގެ ދަށުން ހިންގާ މަސައްކަތްތަކުން ރާއްޖޭގެ އިގްތިސާދަށް ފައިދާވޭތޯ ޔަގީން ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ތުތި ބޯވަދިލަމަސް ތައާރަފްކުރުމަކީ އޭގައި ހިމެނޭ ކަމެކެވެ.

އޭގެ އިތުރުން، މާކަނޑުގެ މަސްވެރިކަން އިތުރުކޮށް، ފުޅާކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކުން ދާއިރާއަށް އިންވެސްޓު ކުރުމަށް ބާރު އެޅުމަކީ، ޑިސެމްބަރު، 2020، ގައި ގެޒެޓު ކުރި "ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" ގެ ދަށުން ވެސް ސަރުކާރުގެ ޒިންމާއެކެވެ.

ސަރުކާރުގެ އެހީއާ ނުލައި، މަސް ބޭރުކުރުން ފަދަ ބޮޑު ޕްރޮޖެކްޓެއް މަސްވެރިކަން ކުރާ މީހުންނަށް ނުހިންގޭނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެ އެވެ. މެމްބަރުންގެ އަދަދު 70 އިން މަތީގައި އުޅޭ ފުވައްމުލަކު ފިޝާމެން ކޯޕަރޭޓިވް ސޮސައިޓީގެ ވައިސް ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ މަސް އެކްސްޕޯޓު ކުރުމަށް ބޭނުންވާ އިންވެސްޓްމެންޓެއް ރާއްޖޭގެ މަސްވެރިންނަށް ނުކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ މަސްވެރިން މި އުޅެނީ ގޯތި މޯގޭޖްކޮށްފަ ލޯނު ނަގައިގެން މަސްވެރިކަން ފަށައިގެން. އެ ނުދެއްކިއްޖެޔާ ގެ ނަގަނީ ނޫނީ ހާޓް އެޓޭކެއް ޖެހިގެން މަރުވަނީ. އެފަދަ ހާލެއްގައި އުޅޭ ބަޔަކަށް ކިހިނެއްތޯ ތިހާ ބޮޑު އިންވެސްޓްމެންޓެއް ކުރާނީ. ތިޔަ ދައްކަނީ މަދުވެގެން، ޔަގީނުން ވެސް މަދުވެގެން އެއް މިލިއަން ޑޮލަރުގެ ވާހަކަ،" ތަޖުރިބާއިން، މަސްވެރިންގެ ހާލަތު ސިފަކޮށްދެއްވަމުން އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ރައީސް ސޯލިހު މަސް އޮޑިއެއްގައި މަސްވެރިންނާ މުހާތަބު ކުރައްވަނީ: ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފް ކުރުމަކީ އެމަނިކުފާނުގެ ވައުދެއް -- ފޮޓޯ: ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި، ތުތި ބޯވަދިލަމަސް ތައާރަފް ކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށް ބުނެ ޝާއިއުކޮށްފައިވާއިރު، އެ މަސައްކަތުގެ ސަބަބުން ލިބިގެންދާނެ ފައިދާގެ ގޮތުގައި ވެސް ކަންކަން ހިމަނާފައި ހުއްޓެވެ. އެގޮތުން، "ބައިނަލްއަގްވާމީ ބާޒާރުގައި ތުތި ބޯވަދިލަ މަސްވެރިކަމަށް ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ލިބިގެން ދިއުން" އަކީ އެ މަސްވެރިކަން ތައާރަފު ކުރުމުން ލިބޭނެ ފައިދާއެއް ކަމަށް ލިޔެފައިވެ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި ވިޔަފާރިއާ ގުޅޭ ގޮތުން ރައީސް ސޯލިހުގެ ތަޖުމަނާރު މިއުވާން މުހައްމަދުއާ މި ނޫހުން ސުވާލު ކުރުމުން ވިދާޅުވީ އެ މައުލޫގައި ވާހަކަ ދައްކާނީ ފިޝަރީޒް މިނިސްޓްރީން ކަމަށެވެ. އެކަން ހުއްޓިފައި އޮތުމާމެދު މި ނޫހުން ސުވާލު ކުރުމުން ފިޝަރީޒް މިނިސްޓްރީން ވަރަށް ކުރު ގޮތަކަށް ދިން ޖަވާބަކީ އެ މަސައްކަތް ފަށައިގަނެވޭތޯ ބެލުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އާދެ މިހާރު ނުގަނޭ [ފެލިވަރަށް]. ކޮވިޑަށްފަހު ހުއްޓުނީ. މާކެޓު ހުރި. ހުޅުމާލޭ ރެސްޓޯރަންޓުތަކަށް ވެސް ގަތް. އެކަމަކު ކޮވިޑު އައިސްގެން ހުއްޓާލި ގޮތަށް އަދި ނުފެށޭ. އެކަމަކު އަލުން މާކެޓު ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ،" ކުރަމުންދާ މަސައްކަތުގެ ތަފްސީލަކަށް ވަޑައިނުގެން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ޖައުފަރު ވިދާޅުވި އެވެ.

ބޮޑު ކަންނެއްޏަށް އެކަނި ރާއްޖޭގެ މަސްވެރިންނަށް ބަރޯސާވެވޭކަށް ނެތެވެ. އޭގައި ބަދަލުގައި ބޭރަށް އެކްސްޕޯޓު ކުރަން ތުތި ބޯވަދިލަމަހަކީ ރަނގަޅު މަހެކެވެ. ލިބުނު ކުޑަ ފުރުސަތުގައި ވެސް އެ މަސްވެރިކަމަކީ ދިވެހިންނަށް ކުރެވޭނެ މަސައްކަތެއްކަން މަސްވެރިކަން ދައްކައިފި އެވެ. ތުތި ބޯވަދިލަމަހަށް މާކެޓު ހޯދައި އެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަގު ސަރުކާރުން ހޯދައިދޭންޖެހެ އެވެ.