Advertisement

"ކައިވެނިކުރާނެ ކަމަށް ދެކިގެން ދިން މާބޮނޑި އާއި ކޭކަކީ ދަރަންޏެއް ނޫން, ހަދިޔާއެއް"

22 ނޮވެންބަރު 2022 - 08:27 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ކައިވެނި ޕާޓީއެއްގެ ތެރޭން: ކުރީގެ އަނބިމީހާ އަތުން ހޯދަން ދައުވާކުރި ބަދަލު ލިބޭ ގޮތެއް ނުވި


"ކައިވެނިކުރާނެ ކަމަށް ދެކިގެން ދިން މާބޮނޑި އާއި ކޭކަކީ ދަރަންޏެއް ނޫން, ހަދިޔާއެއް"

22 ނޮވެންބަރު 2022 - 08:27 2

ވަރިކުރިފުޅު އަލުން އިންނާނެ ކަމަށް ބުނުމުން މާބޮނޑިތަކާއި ކޭކުތަކުން ހަދިޔާތައް ފޮނުވައި, ކަސްރަތު ކުރަން ދާ ޖިމްގެ ފީ އާއި މޭކަޕަށް ހެޔޮ ހިތުން ހަރަދުތައް ކޮށްދިނުމަށްފަހު, އޭގެ ބަދަލު ހޯދަން ފަހުން ކޯޓަށް ގޮސްފާނަން ހެއްޔެވެ؟

ށ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މި މީހާ ވަރިކުރިފުޅު ގޮވައިގެން ސިވިލް ކޯޓަށް ދިޔައީ, އަލުން އިންނާނެ ކަމަށް ބުނެ އޭނާއާ ކައިވެނި ކުރުމަށް އެއްބަސްނުވުމުން, އެ މުއްދަތުގައި ކުރި ހަރަދުތައް ހޯދުމަށެވެ.

ސިވިލް ކޯޓުގައި ކުރެވުނު މި ތަފާތު ދައުވާގައި ޖުމްލަ 24 ކަމެއް ނޯޓުކޮށް, އެ ކަންކަމަށް އޭނާ, ވަރިކުރިފުޅަށް ކުރި ހަރަދުތައް ލިޔެފައިވެ އެވެ. އެގޮތުން, 550 ރުފިޔާއަށް ގަނެދިން މާބޮނޑި އާއި 125 ރުފިޔާ ހަދައިދިން ސައިކަލް ބޯޑުން ފެށިގެން އޮފީސް ދަތުރަށް މޭކަޕް ކުރުމަށް ދިން 1,000 ރުފިޔާ އާއި ބޭންކް އެކައުންޓް ހެދުމަށް ދިން ފައިސާ ވެސް ހިމަނާފައިވެ އެވެ.

ދައުވާގައި ބަދަލު ހޯދަން އެދުނު ބައެއް ހަރަދުތައް;

  • ފޯނު ކާޑު ގަތުމަށް 200 ރުފިޔާ
    • ނެއިލް ރިމޫވާ ގަތުމަށް 38 ރުފިޔާ
    • ޑައެޓް ޓީ ގަތުމަށް 200 ރުފިޔާ
    • ސައިކަލް ޓަޔަރު ބަދަލުކުރުމަށް 50 ރުފިޔާ
    • ޝޯލް ގަތުމަށް 500 ރުފިޔާ
    • އެމްޔޫ ސްޓޯރުން ބާޒަރުކުރުމަށް 489 ރުފިޔާ
    • މަގުމަތީ ބާޒަރަށް 340 ރުފިޔާ
    • އަންނައުނުއަޅާ ފޮއްޓެއް ގަތުމަށް 950 ރުފިޔާ
    • އުފަން ދުވަހުގެ ކޭކަށް 350 ރުފިޔާ

    ދައުވާގައި އޭނާ ބުނެފައިވާ ގޮތުގައި އަލުން އިންނާނެ ކަމަށް ބުނެ ގާތްކަން ބަހައްޓައިގެން އަތުން ގިނަ ހަރަދުތަކެއް ކުރުވާފައިވާއިރު, އެ ހަރަދުތަކުގެ ބަދަލު އޭނާއަށް ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

    އެކަމަކު, ވަރިކުރިފުޅު އެކަމަށް އިންކާރުކޮށް, އެ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުގައި ބުންޏެވެ. އޭނާ ކޯޓުގައި ބުނި ގޮތުގައި އިންނާނެ ކަމަށް ބުނެ އަދި އެ ނޫން ގޮތަކަށް ވެސް ކުރީގެ ފިރިމީހާ ލައްވާ އެއްވެސް ހަރަދެއް ކުރުވާފައި ނޯންނާނެ އެވެ.

    "..އިނދެގެން އުޅުނުއިރު ވެސް ދޭންވާ ހައްގުތަކާއި ކުރަންޖެހޭ ހަރަދުތައް ކުރި މީހެއް ނޫން, ވަރިވުމަށްފަހު އިންނާނެ ކަމަށް އެއްވެސް އިރެއްގައި ބުނެފައިނުވާނެ, އިންނާނެ ކަމަށް ބުނެ ފައިސާއެއް އަދި އެ ނޫން އެއްޗެއް ވެސް ހޯދާފައިނުވާނެ," އަންހެންމީހާ ބުނެފައިވެ އެވެ.

    އެހެންވެ, ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު, މި މައްސަލާގައި ބައްލަވާފައިވަނީ ދެ މީހުންގެ ވާހަކަތަކަށް ބެލުމަށްފަހު, ދައުވާގައި އެއްވެސް އަސާސެއް އޮތްތޯ އެވެ;

    ހުކުމްގައި ގާޒީ ލިޔުއްވި ގޮތުގައި ދެމީހަކު ކައިވެނީގެ ގޮތުން ގުޅުމުގެ ވިސްނުން ހުރިއިރު, އެއީ ފަހުން އަނބުރާ ދައްކާ ގޮތަށް އެއްބަސްވެގެން ކުރި ހަރަދެއް ކަން ސާބިތުނުކޮށްދެވޭ ނަމަ މި ދައުވާގައި ބުނާ ފަދަ ހަރަދުތަކަކީ ހަދިޔާއެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

    "...ދިން ކަމަށް ބުނާ އުފަންދުވަހުގެ ކޭކާއި, މާބޮނޑިއަކާއި މި ނޫނަސް ދެން ވެސް ހިމެނޭ ތަކެއްޗަކީ އެކަކު އަނެއްްކަކަށް ހަދިޔާގެ ގޮތުގައި ނުދީފާނެ ކަމަށް ބެލުމަށްވުރެ ބޮޑަށް, އެ އޮތް ކަމަށް ބުނާ ގުޅުމަށް ބަލާއިރު ހަދިޔާގެ ގޮތުގައި ދީފާނެ ކަމަށް އާންމު ބުއްދީގެ ހަމައިން ވިސްނިޔަސް ބުރެވެވޭ ބާވަތުގެ ތަކެތި," ހުކުމްގައިވެ އެވެ.

    ގާޒީ ފާހަގަކުރެެއްވި ގޮތުގައި ދައުވާ ކުރާ ފިރިހެން މީހާ, އޭނާގެ ކުރީގެ އަނބިމީހާއަށް ހަރަދުތައް ކުރީ އަނބުރާ ދައްކާ ގޮތަށް އެއްބަސްވެގެނެއް ނޫނެވެ. އަދި, މިހާރު ދެމީހުންގެ ގުޅުން ކެނޑި, އެ ފައިސާ އަނބުރާ ހޯދުމަށް އެދުމަކީ, އެ ކުރި ހަރަދުތައް ދަރަންޏަކަށް ބަދަލު ވާނެ ކަމެއް ނޫން ކަމުގަ އެވެ.

    "...މަޖުބޫރު ކުރުމެއް ނެތި ދީފައިވާ ފައިސާ, މިހާރު އެ ބުނާ ގުޅުން ނިމުމަކަށް އައުމުން ދަރަންޏަކަށް ބަދަލުވެގެންދާނެ ނުވަތަ އެއީ ދަރަންޏެއް ކަމަށް ޝަރީއަތުން ބަލައިގަންނަންޖެހޭ ފަދަ އެއްވެސް ގާނޫނީ ބިނާއެއް އަދި ހެއްކެއް ހުށަހަޅާފައެއް ނެތް," ހުކުމުގައިވެ އެވެ.

    އެހެންވެ, ގާޒީ ނިންމެވީ ދައުވާއަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދައުވާއެއް ނޫން ކަމުގަ އެވެ. ވަރިކުރިފުޅަށް ކުރި ހަރަދުތަކުގެ ބަދަލެއް ޝަރުއީ ކޯޓުގެ ތެރޭން ލިބޭ ގޮތެއް ނުވި އެވެ.

    އެ ސޯޅަހާހެއްހައި ރުފިޔާ "ދަރަންޏަކަށް" ނުވެ, ހަދިޔާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ އެވެ.

    'ތަބައްރު' ނުވަތަ ހަދިޔާގެ އުސޫލު

    ސިވިލް ކޯޓުން އެމީހާއަށް ކާމިޔާބު ނުވި ނަމަވެސް, ހަދިޔާގެ އުސޫލާއި ހަދިޔާގެ ބަދަލު ނަގައިދިނުމަށް ކޯޓުގައި ކަނޑައެޅިފައި އޮތް އުސޫލެއް އޮވެ އެވެ. އެގޮތުން ހައިކޯޓުން ހަދިޔާއާ ގުޅޭ ގޮތުން 2015 ވަނަ އަހަރު ކޮށްފައިވާ ހުކުމްގައި ހިމެނޭ މުހިންމު ކަންކަން ތިރީގައި މިވަނީ އެވެ;

    އެ މައްސަލާގައި ކުރިން އިނދެގެން އުޅުނު ދެ މީހެއްގެ މެދުގައި މައްސަލަ ޖެހުނީ ކައިވެނީގެ ގުޅުމުގެ ތެރޭގައި ކުރި ހަރަދުގެ ބަދަލު ނުލިބިގެންނެވެ. އެގޮތުން އަނބިމީހާ, ފިރިމީހާއާ ދެކޮޅަށް ދައުވާކުރީ އޭނާގެ ގެ މަރާމާތުކުރުމަށް ދިން ފައިސާ އަނބުރާ ހޯދުމަށެވެ.

    މި މައްސަލާގައި އަންހެންމީހާ, އެ ފައިސާ ދިނީ ފަހުން އަނބުރާ ދައްކާ ގޮތަށެވެ. އެގޮތަށް ލިޔުމެއްގައި ސޮއިކޮށްފައި ވެސް އޮތެވެ. އެކަންކަން ނަފީ ކުރާނެ ކަންތައްތަކެއް ކޯޓަށް ހުށަހެޅުމަށް ފިރިހެންމީހާ ނުކުޅެދުމުން ހައިކޯޓުން ހުކުމް ކުރީ އަންހެންމީހާއަށް އެ ބަދަލު ލިބެން ޖެހޭ ކަމަށެވެ.

    ހައިކޯޓުން ކަނޑައަޅާފައި އޮތް ގޮތުގައި, ކައިވެނި ފަދަ ގުޅުމެއްގެ ތެރޭ ތިބެ, އެކަކު އަނެއްކަކަށް ކޮށްފައިވާ ހަރަދަކީ ހަދިޔާއެއް ކަމަށް ބުނާ ފަރާތަކުން އެއީ ހަދިޔާއެއް ކަމަށް ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނެ އެވެ. އެ ބުރަ އޮތީ ހަދިޔާއެއް ކަމަށް ދައުވާކުރާ މީހާއަށެވެ.

    ނޫން ނަމަ, އެ ބަލާނީ އަނބުރާ ބަދަލު ދޭން ޖެހޭ ހަރަދެއްގެ ގޮތުގަ އެވެ.

    އެންމެ މަތީ ކޯޓުން ކަނޑައެޅި އުސޫލު; އަނބިމީހާ އާއި ފިރިމީހާ ދޭ "ހަދިޔާ"ގެ ފަރަގު

    މި އުސޫލު ބަޔާންކޮށް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވެސް ހުކުމެއް ނެރެފައިވެ އެވެ; އެ މައްސަލައަކީ ވެސް ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވުމަށްފަހު, ދެ މީހެއްގެ މެދުގައި ހިނގި ޝަރީއަތެކެވެ.

    މި މައްސަލާގައި އެންމެ މަތީ ކޯޓާ ހަމައަށް ދިޔައީ އަންހެން މީހާ, ފިރިހެންމީހާގެ އެކައުންޓަށް ޖަމާކޮށްދިން ފައިސާއެއް އަނބުރާ ނުލިބިގެންނެވެ. އެ ފައިސާއަކީ އަނބުރާ ދައްކާނެ ކަމަށް ވައުދުވެގެން ޖަމާކުރި ފައިސާއެއް ކަމަށް އަންހެންމީހާ ބުނެ އެވެ.

    އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިނީ ފިރިހެން މީހާ, އެ އަންހެންމީހާއާ ދެ އަތްނބަށް ކައިވެނިކުރުމަށްޓަކައި މާލީ ތަނަވަސްކަން އޮތްކަން ދެއްކުމަށެވެ. ފައިސާގެ މި މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލު ތިރީގައި މިވަނީ އެވެ;

    • އަނބުރާ ހޯދުމަށް އެދޭ ފައިސާއަކީ ހަދިޔާއެކޭ ބުނެވޭނަމަ, އެކަން ސާބިތުކޮށް ދިނުމުގެ ބުރަ މަތިވެފައިވަނީ އެ ހަދިޔާ ލިބުނު ފަރާތުގެ މައްޗަށްކަން.
    • ހަދިޔާއެއް ނުވަތަ ހިބައެއް ކަނޑައެޅުމުގައި އެ ހަދިޔާއެއް ނުވަތަ ހިބައެއް ދިން ފަރާތުން އެއީ ހަދިޔާއެއް ނުވަތަ ހިބައެއް ކަމަށް ސާބިތުކޮށްދޭން ޖެހޭކަން.
    • ހަދިޔާއެއް ނުވަތަ ހިބައެއް ލިބުނު ފަރާތުން އޭތި ގަބޫލުކޮށް އެ ލިބުނުކަން ސާބިތުވާން ޖެހޭކަން.
    • އެ އުންސުރުތައް ހަމަވެގެން ދެވޭ ހަދިޔާއެއްގެ މުގާބިލުގައި ލިބުނު ފަރާތުން ދިން ފަރާތަށް ދޭން ޖެހޭ ބަދަލެއް ނުވާކަން.
    • އަނބިމީހާއަށް ފިރިމީހާއަށް ދީފައިވާ އެއްޗަކީ އަނބުރާ ދޭން ޖެހޭ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު, އަނބުރާ ދޭން ނުޖެހޭ ގޮތަށް ފިރިމީހާ ދީފައިވާ އެއްޗެއް ކަމަށް ބަލަންޖެހޭކަން.
    • ފިރިމީހާއަށް އަނބިމީހާ ދީފައިވާ އެއްޗަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތު ނުވާހާ ހިނދަކު, އަނބުރާ ދޭން ޖެހޭ ގޮތަށް ދިން އެއްޗެއްކަމަށް ބަލަންޖެހޭކަން.

    މި ތަނުގައި އަނބިމީހާ އާއި ފިރިމީހާއާ ދެމެދު ފަރަގު އަންނަ ސަބަބަކީ, އިސްލާމީ ޝަރީއާގައި އަނބިމީހާގެ މައްޗަށް ހަރަދު ކުރުމުގެ ޒިންމާ ލާޒިމް ވަނީ ފިރިމީހާގެ މައްޗަށް ކަމަށްވާތީ އެވެ. ފިރިމީހާއަށް ހަރަދު ކުރުމަކީ އަނބިމީހާގެ މައްޗަށް ލާޒިމް ކަމެއް ނޫނެވެ.

    ދެމަފިރިއެއްގެ މެދުގައި ހިނގި މި މައްސަލާގައި އެކައުންޓަށް ޖަމާކޮށްދިން ފައިސާއަކީ ހަދިޔާއެއް ކަމަށް ފިރިހެން މީހާ ބުނި ނަމަވެސް, އެކަން އޭނާއަށް ކޯޓުގައި ސާބިތުކޮށް ނުދެވުނެވެ. އެހެންވެ, މަތީގައި ބަޔާންކުރި އުސޫލުން އެއީ ހަދިޔާއެއްގެ ގޮތުގައި ނުބެލި, އެ ފައިސާ ވެގެން ދިޔައީ ދަރަންޏަކަށެވެ. އެ މައްސަލައިގައި އަންހެން މީހާއަށް 50,0000 ރުފިޔާ އަނބުރާ ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ.