Advertisement

އިދިކޮޅުގެ ދައުރު ވެސް އެމްޑީޕީއަށް!

17 ނޮވެންބަރު 2022 - 10:10 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރީ އެމްޑީޕީގެ ބައެއް މެމްބަރުން


އިދިކޮޅުގެ ދައުރު ވެސް އެމްޑީޕީއަށް!

17 ނޮވެންބަރު 2022 - 10:10 4

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ސަރުކާރުން އެކަން މެނޭޖްކުރަމުން ގެންދިޔަ ގޮތް ބެލީ ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީންނެވެ. އެކަމަކު އެއީ ހަގީގަތުގައި ވާދަވެރި އިދިކޮޅު ފަރާތްތަކުން ކުރަން ޖެހޭ ކަމެކެވެ. ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމުތަކުގައި އެކަން އޮންނަނީ އެމަގަށެވެ.

އިދިކޮޅަށް އެ މަސައްކަތޔް ރަނގަޅަށް ނުކުރެވޭ ކަން އިދިކޮޅު ޕީޕީއެމްޕީއެންސީން ގަބޫލުކުރާ ކަހަލަ އެވެ. އެ ކޯލިޝަނުން އެކަމުގައި ދައްކާ ގިނަ ބަހަނާތަކެއް ހުރީމަ އެވެ. އެކޯލިޝަނުގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި އިދިކޮޅުގެ އަޑު އިއްވިޔަ ނުދޭން އެމްޑީޕީން މަސައްކަތްކުރާ ކަމަށެވެ.

"ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި މެޖޯރިޓީ ޕާޓީން އަމަލުކުރެއްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މަޖުލިސްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ބައެއް ފަހަރަށް ފަހިވެގެންނެއް ނުދޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއްވެސް އަސާސެއް ނެތް ނިޒާމީ މައްސަލަތައް އެމްޑީޕީގެ ބައެެއް މެމްބަރުން ނަންގަވަނީ އިދިކޮޅު މެމްބަރުންގެ އަޑު ކަނޑުވައިލުމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުންނާއި މަޖިލީހުގެ އިދާރާއިން އިދިކޮޅު މެމްބަރުންނަށް ފުރުސަތު ދެއެ އެވެ.

އެކަމަކު، މަޖިލީހުގައި ތިއްބެވި މަދު އަދަދެއްގެ އިދިކޮޅު މެމްބަރުންނަށް ވުރެ ބޮޑަށް، އެކި އެކި ކަންކަމުގައި ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރު ޖަވާބުދާރީ ކުރުވަން މިހާރު މަސައްކަތް ކުރަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ. އިދިކޮޅު ޕާޓީއެއްގައި ގޮތުގައި މަސައްކަތް ކުރާ މަންޒަރު ފެންނަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

ބަޖެޓަށް ވެސް އެންމެ ބޮޑަށް ފާޑުކީ "ނަޝީދު ފެކްޝަނުން"

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މަޖިލީހުގައި މިހައިތަނަށް ކުރި ބަހުސްގައި އިދިކޮޅު މެމްބަރުންނަށް ވުރެ ވެސް ބޮޑަށް ފާޑުކީ އެމްޑީޕީގެ މެމްބަރުންގެ ތެެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ރޭގަނޑާއެކު ކުރިއަށް ގެންދިޔަ ބަހުސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ބަޖެޓަށާއި ބަޖެޓާ ގުޅުވައި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ބަޖެޓަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރާ އެއްޗެއް ކަމަށާއި އެެއީ އެމީހުން ދިރިއުޅުމަށް އެ ބަޖެޓްގެ ސަބަބުން އަންނާނީ ކޮން ހެޔޮ ބަދަލެއްތޯ ބަލަން ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ނަމަވެސް އެފަދަ ބަދަލެއް މި ބަޖެޓުން އަންނާނެ ކަމަށް އޭނާ ވާހަކަ ދެއްކެވި ރައްޔިތުން އުއްމީދުނުކުރާ ކަަމަށެވެ.

ބޭރުން ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް ބަޖެޓްގައި ބޮޑު އަދަދެއް ޖަހާފައި ވިޔަސް، އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިދިޔަ ފަސް އަހަރު ދުވަހު ވެސް ބޭރުން ހޯދަން ބަޖެޓްގައި ޖެހި ފައިސާގެ ތެރެއިން ހޯދިފައި ވަނީ އެންމެ 50 ޕަސެންޓް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިނގާ އަހަރުގެ ބަޖެޓް، މިދިޔަ އަހަރު އަޅުގަނޑުމެން ފާސްކުރި އިރު ހިލޭ އެހީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން ބަޖެޓްކޮށްފައި ވޭ، އެހެން ނަމަވެސް މި ބަޖެޓް މިއަހަރު މިހާ ހިސާބަށް އައިސްގެން އަޅުގަނޑު ބަލައިލިއިރު 600 މިލިޔަން ރުފިޔާ ލިބުނީ. ދެން ކިހިނެތްތޯ މިއަހަރު އަނެއްކާ 2.5 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާކޮށްފައި އެ އަދަދު ލިބޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީޫ،" އިލްޔާސް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބަޖެޓް ކިތަންމެ ބޮޑު ވިޔަސް، ރައްޔިތެއްގެ ދިރިއުޅުމަށް ވާނެ ފައިދާއެއް ބަޖެޓުން ފެންނަ ނެތް ކަމަށެވެ.

ޓެކްސް ބިލާ ވެސް ދެކޮޅު

މަޖިލީހުން އިއްޔެ ފާސްކުރި ޓެކްސް ބިލާ ދެކޮޅަށް ވެސް އެންމެ ހަރުއަޑުން ވާހަކަ ދެއްކެވީ ހަމަ އެ މެމްބަރުންނެވެ. އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައި ބިލު ފާސްކުރަން ވޯޓު ނުދެއްވައި ވެސް 14 މެމްބަރަކު ތިއްބެވި އެވެ.

ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

އިދިކޮޅު މެމްބަރުިން ވެސް އެ ބިލާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން އެ ބިލު ދިރާސާކޮށް ނިންމައި، އެކުލަވައިލި ރިޕޯޓަށް އިއްޔެގެ ޖަލްސާގައި ކުރި ބަހުސްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެެ. އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރުމަކާ އިދިކޮޅުން ދެކޮޅެއް ނޫނެވެ. އެހެން ނަމަވެސް ދެކޮޅީ މިވަގުތު ޓެކްސް ބޮޑުކުރުމާ އެވެ.

އިދިކޮޅުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އިދިކޮޅު މެމްބަރުންނަށް އިތުރަށް ހަނިވުމުގެ ބިރު އެބަ އޮތެވެ.

އިއްޔެގެ ވޯޓަށް ފަހު ޕީޕީއެމްޕީއެންސީ ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިން ގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ "ކޮމްޕްރޮމައިޒް ވެފައި" ކަމަށާއި އެހެންވީމާ މަޖިލިސް ރަނގަޅަށް ގެންދަން އެމަނިކުފާނަކަށް ފުރުސަތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ ބަދަލުގައި އެމްޑީޕީގެ އެހެން ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންފި ނަމަ އިދިކޮޅަށް އޮތް ފުރުސަތު އިތުރަށް ކުޑަވުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

"އެހެންވީމާ އަޅުގަނޑުމެނަށް ގަބޫލެއް ނުކުރެވޭ އެހެން ބޭފުޅަކު ވަޑައިގެންފި ނަމަ ވަކި އަޅުގަނޑުމެންނަށް ރަނގަޅުވާނެ ކަމަކަށް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ފެންނަން އޮތް ހަގީގަތަކީ, އިދިކޮޅު ޕާޓީގެ އަޑު މަޑުކަމެވެ. ރައްޔިތުން އެންމެ ކަންބޮޑުވި ޓެކްސް ބޮޑު ކުރާ މައްސަލާގައި ވެސް އިދިކޮޅު މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވި މިންވަރަށްވުރެ އެތައް ގުނައެއް މަތިން, އެކަން އެމްޑީޕީގެ ބައެއް މެންބަރުން ކުރެއްވި ކަމެވެ.

އިދިކޮޅު ވެސް އޮތީ މިވަގުތު އެމްޑީޕީގެ ތެރޭގަ އެވެ.