Advertisement

ކީއްވެ ރޮޒައިނާ؟

17 ނޮވެންބަރު 2022 - 10:46 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ކީއްވެ ރޮޒައިނާ؟

17 ނޮވެންބަރު 2022 - 10:46 2

ރައީސް މައުމޫނަށް ކުރެއްވި މިނެއް ނެތް ތައުރީފްތައް ފަނޑުވެ, ވަޑައިގެންނެވީ ރައީސް ޑރ. ވަހީދުގެ އެންމެ އަރިހަށެވެ. އެ ވެރިކަމުގެ ހިތި ނިމުމާ އެކު, އެންމެ މައި ޕާޓީ އެމްޑީޕީ އިހްތިޔާރުކޮށް ރައީސް ނަޝީދަށް ހެޔޮއެދޭ މީހާއަށްވި އެވެ. އެކަމަކު, މިއަދު މަންޒަރު ފުރޮޅި އެ ހުންނެވީ ރައީސް ސޯލިހްގެ ދިފާއީ މައި ތަނބުގެ ގޮތުގަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ އިންތިހާބުގައި ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ރޮޒޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އެތައް ސަތޭކަ މެންބަރުންގެ ކުރިމަތީގަ އެވެ. "ހިތްވަރާއެކު" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޕާޓީގައި ހުންނަވަން ފަހުރުވެރިވާ ސަބަބަކީ ވެސް ނަޝީދުގެ ހިތްވަރުގަދަކަން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިދިކޮޅަށް ކުރިމަތިވި ހުރިހާ ކަމެއްގައި އެންމެ ކުރީ ސަފުގައި ހުންނެވި އެވެ. އެތައް އަނިޔާއަކާއި ކަރުނަ ގޭހެއްގެ ޝިކާރައަކަށްވީ ނަމަވެސް އެމްޑީޕީން "އިންސާފަށް" ކުރަމުން ދިޔަ މަސައްކަތުގައި ދެމިހުންނެވި އެވެ. ޕާޓީގެ އެތައް ލީޑަރުން އެކި ގައުމުތަކަށް އަރުވާލެވުނު ދުވަސްވަރުގައި ސާބިތުކަން ދެއްކެވި އެވެ.

މި ދުވަސްވަރު ރޮޒައިނާގެ މަސައްކަތްތަކާމެދު ނަޝީދު ވެސް ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ. އެ ހިތްވަރުގަދަކަށް ތައުރީފް ކުރައްވާ ހެއްދެވި އެވެ.

"މިދިޔަ ހަތް އަހަރާއި އަޅުގަނޑު 2013ގެ ފަހުން ރާއްޖެއިން ބޭރުގައި ހުންނަން ޖެހުނު ހުރިހާ ދުވަހަކު ވެސް އިއްޒަތްތެރި މެންބަރު [ރޮޒައިނާ އާދަމް] ކުރެއްވި މަސައްކަތާއި ދެއްކެވި ހިތްވަރާއި ދެގޮތެއް ނުވެ ހިންގަވަމުން ގެންދެވި ހަރަކާތްތަކީ ހަމަގައިމު ވެސް އަޅުގަނޑު އަބަދުގެ އަބަދަށް ވެސް އެ ބޭފުޅާއަށް ޝުކުރު ދަންނަވާނެ ހަގީގަތެއް،" ރޮޒައިނާއަށް ތައުރީފް ކުރައްވާ މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭގެ ނުވަ އަހަރު ފަހެވެ. މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. އެއް ޕާޓީއެއްގައި ހުންނެވި ނަމަވެސް ނަޝީދާއި ރޮޒައިނާ މިއަދު ވަނީ ހަތުރުންނަށް ވެފަ އެވެ. ސިއްރިއްޔާތުގައި ހިނގައިދިޔަ އެކު ހިޔާލުތަފާތުވުންތަކަށްފަހު ކޯޅުންގަނޑު ވަނީ އާންމުންނާ ހަމައަށް ތިލަވެފަ އެވެ. ނަޝީދު ފެކްޝަންގެ މެންބަރުންނަށް މިއަދު ރޮޒައިނާއަކީ އެ ޕާޓީ "ހަލާކުކޮށްލި ބޯވަ" އެކެވެ.

ރޮޒައިނާގެ އިތުރުން ވެސް އެހެނިހެން ޕާޓީތަކުން އައި މެންބަރުން ޕާޓީގެ ކުރީ ސަފުގައި އެބަ ތިބި އެވެ. ވީއިރު މި ހުރިހާ ނަފުރަތަކާއި ރުޅިއެއް ރޮޒައިނާއަށް އަމާޒުވާންވީ ސަބަބާމެދު ސުވާލު އުފެދެ އެވެ.

ކީއްވެ ރޮޒައިނާ ހެއްޔެވެ!

ފުރައްސާރަ ކުރަނީ ރޮޒައިނާ؟

ނަޝީދަށް ވެސް ނަޝީދަށް ތާއީދުކުރާ މެންބަރުންނަށް ވެސް "ހަޖަމު ނުކުރެވުނު" ކަމަކަށްވީ ރޮޒައިނާ ނަޝީދަށް ފާޑުވިދާޅުވުމެވެ. އެ ވާހަކަތަކަކީ ޕާޓީއަށް ގެއްލުންވަނިވި ވާހަކަތަކެއް ކަމަށް އެ މެންބަރުން ގަބޫލުކުރެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރޮޒައިނާ މިހާރު މި ދައްކަވާ ވާހަކަތަކަކީ ޕާޓީއަށް ގެއްލުންވަނިވި ވާހަކަތަކެއް، އެ ވިދާޅުވާ އެއްޗެއްސަށް އަޅުގަނޑުމެން ޕަބްލިކްލީ ރައްދު ދޭން ޖެހޭނެ، އެހެންނޫންނަމަ ޕާޓީގެ އާންމު މެންބަރުންނަށް ސާފެއް ނުވާނެ ކަމެއް،" ނަޝީދުގެ އަރިސް މެންބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ "އަދަދު" އަށް ވިދާޅުވި އެވެ.

ޓުވިޓާގައި ރޮޒައިނާއާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަދައްކަވަމުން އަންނަ އިމްތިޔާޒް ވިދާޅުވި ގޮތުގައި ރޮޒައިނާ އަންނަނީ ނަޝީދަށް "ގަދަރުކުޑަކޮށް ފިތުނަވެރިކޮށް" ފުރައްސާރަ ކުރަމުންނެވެ. އެ މަންޒަރު ބަލަން އެމްޑީޕީއަށް ހެޔޮ އެދޭ އެއްވެސް މީހަކަށް ނުހުރެވޭނެ އެވެ. ހިތަށް ކެތެއް ވެސް ނުވާނެ އެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު ނަޝީދާ ދެކޮޅަށް އެތައް މެންބަރުންނެއް ތިބީ ނިކުންނަވަ އެވެ. ޕާޓީން ބޭރުން އައި މީހުން ވެސް އެބަ ތިއްބެވެ. އެކަމަކު އެފަދަ އެއްވެސް މެންބަރަކު ރޮޒައިނާ ހާ ނަޝީދަށް އިހުތިރާމް ކުޑަކޮށް ކަންކަން ކުރައްވަމުން ނުދާ ކަމަށް އިމްތިޔާޒް ދެކިލައްވަ އެވެ.

"އެވަރުގެ ހިދުމަތްތައް މި ރާއްޖެއަށް ކޮށްދެއްވި ބޭފުޅެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް، ދައުލަތުގެ އެއް ބާރުގެ ވެރިޔާ އަދި މި ރާއްޖޭގެ ހިއުމަން ރައިޓްސްއާއި ޑިމޮކްރެސީއާއި މަލްޓިޕާޓީ ނިޒާމެއް ގެނައުމަށް އެވަރުގެ ގުރުބާނީއެއް ވި ބޭފުޅަކާ ގުޅޭ ގޮތުން އެ ގޮތަށް ވާހަކަ ނުދެއްކޭނެ،" އިމްތިޔާޒް ވިދާޅުވި އެވެ.

ނަޝީދު ފެކްޝަނުން ތުހުމަތު ކުރާ ގޮތުގައި ރޮޒައިނާ ދައްކަވާ ގިނަ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ. ދައްކަވަނީ ޒާތީ ވާހަކަތަކެވެ. ބޭނުމަކީ ނަޝީދު ފަލީހަތް ކުރުމެވެ. އެހެނަސް އެކަމުން ޕާޓީއަށް ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފައިދާ އެއް އޮތް ކަމަށް އިމްތިޔާޒް ދެކިނުލައްވަ އެވެ.

"އެމްޑީޕީގެ ރައީސަށް އެމްޑީޕީގެ ތެރޭގައި ހަޅޭ ލެވީމާ އިތުރުވާނެ ވޯޓެއް އެބައޮތްތޯ އެމްޑީޕީގެ ތެރެއިން ވިޔަސް، ނުވާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.

މައްސަލައަކީ އަންހެނަކަށް ވުން؟

ރޮޒައިނާ ގަބޫލުކުރައްވާ ގޮތުގައި އެންމެ ބޮޑަށް އޭނާއާ ޖައްސާލައިގެން އުޅޭ ސަބަބަކީ އަންހެނަކަށް ވުމެވެ. ފިރިހެނުންނަށް ބަރޯސާ ވެފައިވާ ދާއިރާއެއްގައި އަންހެނެއްގެ ބާރުވެރިކަން ހާމަވުމެވެ.

"ފިރިހެނަކު ކަމެއް ކުރާއިރު ވެސް އެކަމަކާ މެދު އެއްޗެއް ބުނަން ކެރޭ މީހަކު މަދުވާނެ، އެކަމަކު އަންހެނަކާ ވެއްޖެއްޔާ ނިކަން ބާރަށް ޖައްސާލައިގެން އެ ވައްތަރަށް އުޅޭނެ،" ރޮޒައިނާ އޭނާގެ ހިޔާލު ފާޅުކުރެއްވި އެވެ. "މި ގައުމުގަ އެކަނި ހިނގާ ކަމެއް ވެސް ނޫން އަދި އާ ކަމެއް ވެސް ނޫން."

އެހެނަސް ރޮޒެއިނާ ވިދާޅުވަނީ ނަޝީދާ ޒާތީ ވުމެއް ނެތް ކަމަށެވެ. އޭނާ ދައްކަވަނީ ސިޔާސީ އަދި ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށް ރޮޒެއިނާ ގަބޫލު ކުރައްވަ އެވެ. ބުނަން ޖެހޭ އެއްޗެއް ބުނުމުގައި ރޮޒައިނާ ފަހަތަކަށް ނުޖެހޭނެ ކަމަށް އޭނާ އަބަދުވެސް ވިދާޅުވެ އެވެ.

"ރައީސް ނަޝީދާ ޒާތީ ވެގެން ދައްކަންޏާ ވަރަށް ގިނަ ވާހަކަ ހުންނާނެ ދައްކަން، އެކަމަކު އަޅުގަނޑު ރައީސް ނަޝީދާ ޒާތީވެގެން ރައީސް ނަޝީދުގެ އާއިލާއާއި ދިރިއުޅުމާ މި ކަންކަމަކާ ނުބެހެން، އެކަމަކު ސިޔާސީ ގޮތުން ކުރާ ކަންތައްތަކާ އަޅުގަނޑަށް ވެސް ބެހެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ގަބޫލުކުރައްވާ ގޮތުގައި ނަޝީދާއި ބައިވެރިންގެ އަމަލުތައް ހުރީ ރާއްޖެ އާއި ސަރުކާރަށް ގެއްލުންވާ ގޮތަށެވެ. އެ ވާހަކަތައް ދައްކަން ޖެހެ އެވެ. އަދި ވަކި މީހަކު ކުރާ ކަމެއް ވީތީ އެ ވާހަކަ ނުދައްކާ ތިބެވެން ނެތެވެ.

"ރައީސް ނަޝީދު ކުރާ ގޯސް ކަމެއްގެ ވާހަކަ ދައްކައިފިއްޔާ އެ ކަމެއް ހަޖަމެއް ނުވޭ، ހަޖަމު ނުވެގެން ކިޔާ އެއްޗެއް މި ކިޔަނީ އަޅުގަނޑާ ދިމާލަށް،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ލީޑަރެއްގެ ހައިސިއްޔަތުން ނަޝީދަށް ކުރި އިހުތިރާމް ވަނީ ގެއްލިފަ އެވެ. ލީޑަރު ވަނީ މަގުން ކައްސާލާފަ އެވެ. މަގުން ކައްސާލާފައި ހުރި ލީޑަރެއްގެ ފަހަތުގައި ހުންނަން ނުޖެހެ އެވެ.

"މަގުން ކައްސާލާފައި ހުރި ލީޑަރެއްގެ ފަހަތުން ދުވީމާ އަޅުގަނޑުމެން މި ކިޔަނީ ކަލްޓް އޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ލިބުނު ކާމީޔާބީއަކީ ރޮޒައިނާ ދައްކަވާ މިފަދަ ވާހަކަތައް ޕާޓީގެ މެންބަރުން ގަބޫލުކުރާ ކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދައްކާ ވާހަކައަކީ އަބަދުވެސް ތެދު ބަހުން ދައްކާ ވާހަކައަށް ވާތީވެ، މީހުން އެކަންކަން ގަބޫލުކުރާތީވެ އަޅުގަނޑުގެ އަގު ވައްޓާލަން ބޭނުންވަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީ ރޮޒައިނާގެ ދިފާއުގައި

ޓްވިޓާއާއި އެމްޑީޕީގެ ގުރޫޕުުތަކުގެ ތެރޭގައި ރޮޒައިނާ އާއި ނަޝީދުގެ "ސިޔާސީ ބަހުސް" ހޫނުވެފައިވަނިކޮށް ޕާޓީން ވަނީ ރޮޒައިނާގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސަށް އިންޒާރުދީ އޭނާއަށް އަނިޔާދޭން ބަޔަކު ގޮވައިލާ ކަަމަށް ބުނެ އެވެ. އެކަން ކުށްވެރި ކުރުމަށެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ހުދޫދުގެ ތެރެއިން ކަން ބަޔާނުގައި ހަނދާން ކޮށްދީފައިވެ އެވެ. އަދި އަންހެނަކަށް ވީތީ އެގޮތަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"...އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ މިޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާ ކަމަކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ދިފާއުގައި ބަޔާން ނެރުނު ނަމަވެސް ޕާޓީގެ ލީޑާޝިޕުން ގަބޫލުކުރާ ގޮތުގައި ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ. ޑިމޮކްރެޓިކް ޕާޓީއާއި އެކި ހިޔާލީ ފިކުރު ހުންނާނެ އެވެ.

"މިނިވަން ކަން އޮންނާނެ ޕާޓީގެ މެންބަރުންނަށް ބޭނުން އެއްޗެއް ބުނުމުގެ، އެކަމުގައި ހައްލު ކުރަން ޖެހޭ ކަމެއް އޮތް ކަމަކަށް ނުދެކެން،" އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.

ދެން ފައްޔާޒް ތަކުރާރު ކުރެއްވީ އެ ޕާޓީ އަބަދު ވެސް ކުރިއަށް ދާނީ ހިޔާލުތަފާތުވުންތަކާއެކުގައި ކަމަށް ވިދާޅުވާ ވާހަކަ އެވެ.

ޒާތީވުމުގެ "ސިޔާސީ" ސަގާފަތް!

އެ ވާހަކަ ފައްޔާޒް ތަކުރާރު ކުރެއްވި ނަމަވެސް، އަދި ޕާޓީ ތެރޭގައި ހައްލު ކުރަން ޖެހޭ މައްސަލައެއް ނެތް ކަމަށް ގަބޫލު ކުރެއްވި ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި މިއީ މައްސަލައެކެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވި ގޮތުގައި ސިޔާސީ ވާހަކަތައް ދެއްކިނަމަވެސް މީހާގެ ޒާތީ ވާހަކަތަކަކީ ގެނެސްގެން ނުވާނެ ވާހަކަތަކެކެވެ.

"ޕަބްލިކް ކޮންމެ އޮފިޝަލެއްގެ ވެސް ހުންނަން ޖެހޭނެ ވަކި ކަހަލައިގެ ޑިސިޕްލިނެއް، މުޖުތަމައުގެ އާންމު މިންގަނޑުގެ ތެރޭގައި ބިހޭވިއާއާއި ޕަބްލިކްލީ ފެންނަން ހުންނަ ކަންތައްތައް ހުންނަން ޖެހޭނީ، އެކަމަކު ޕްރައިވެޓްލީ އެ ކުރާ ކަންކަމަކީ އެއީ މީހަކާ ބެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަޝީދާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވަމުން އަންނަ އިބުރާ ވިދާޅުވި ގޮތުގައި ނަޝީދާ ހިޔާލުތަފާތުންވުންތައް އުފެދުނު ނަމަވެސް ދުވަހަކު ވެސް ޒާތީ ވާހަކައެއް ދައްކަވާފައި ނޯންނާނެ އެވެ.

ޒާތީ ކަންކަން މިގޮތަށް ފާޅުގައި ހާމަކޮށް، ބޭޒާރު ކުރުމުން ހާމަވެގެން ދަނީ އަދުގެ ސިޔާސީ މަސްރަހު އޮތް ހާލަތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ބޭފުޅުން މިހާރަށް ވުރެ ތަސައްރަފު ފުދެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެއީ މިހާރު މި ރާއްޖޭގެ ޕޮލިޓިކްސް އޮތް ހިސާބު، ސިޔާސަތާ ގުޅޭ މައްސަލައެއް ނެތް، އަބަދުވެސް މީހަކާ ދިމާކޮށްލައިގެން، ޕާސަން ބޭސްޑް ޕޮލިޓިކްސްއެއް އޮތީ އިޝޫ ބޭސްޑެއް ނޫން،" އިބުރާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރެއިން ވެސް މިހާރު ފެންނަނީ އިބުރާ ވިދާޅުވިފަދައިން ވަކި މީހަކާ ޖައްސާލައިގެން އުޅޭ ތަނެވެ. ވެރިކަމުގެ އާރާއި ބާރު ހޯދުމަށް ޕާޓީގެ އަސާސްތައް ހަނދާން ނެތިގެން އުޅޭ ތަނެވެ.

ދެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ހޫނުގެ އަމާޒުފަތްގަނޑަކަށް މިފަހަރު ވީ ރޮޒައިނާ އެވެ.