12 ނޮވެންބަރު 2022 - 12:27 2
ނިމާ ހަސަން
ފާތިމާ އިންޓަވިއު ދެނީ: އޭނާ ބީއެމްއެލްގައި މަސައްކަތް ކުރާތާ މިވަނީ 40 އަހަރު ވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
12 ނޮވެންބަރު 2022 - 12:27 2
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވިތާ މިއަދަށް 40 އަހަރު ވީއިރު، ބޭންކު ހުޅުވީއްސުރެ ބޭންކުގައި މަސައްކަތުގައި ދެމިތިބި ވައްޒަފުންގެ އަދަދު މިއަދު ގުނާލެވޭހާ މަދެވެ. އެގޮތުން، ބޭންކުގައި މަސައްކަތް ކުރާތާ 40 އަހަރު ފުރުނު ޖުމްލަ ތިން މުވައްޒަފުންގެ ތެރެއިން އެކަކީ ފާތިމަތު "ފާތިމާ" މަނިކެ އެވެ.
މިހާރު އުމުރުން 62 އަހަރުގެ ފާތިމާ ބޭންކިން ދާއިރާގައި މަސައްކަތް ކުރަން ފެށީ މީގެ 44 އަހަރު ކުރިން، 1978 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ. ނަމަވެސް، 1982 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ބީއެމްއެލް ހުޅުވުމާއެކު، އޭނާ ބީއެމްއެލަށް ވަޒީފާއަށް ނިކުތީ، ސަރުކާރުގެ ބޮންޑެއް އޮތުމާވެސް އެކު އެވެ.
ފާތިމާ ބީއެމްއެލްގައި މަސައްކަތް ކުރަން ފެށީ އާދައިގެ މުވައްޒަފެއްގެ ގޮތުގަ އެވެ. ސަރުކާރު ބޮންޑެއްގައި ތިން އަހަރު ހިދުމަތް ކުރުމަށްފަހު އޭނާ ދެން ބަދަލުވީ ބޭންކިން އޮފިސަރެއްގެ މަގާމަށެވެ. އެއަށްފަހު 1990 ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިން ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ފެށުމާއެކު، ފާތިމާގެ ވަޒީފާއަކަށްވީ ރާއްޖެ ތެރެއަށް ދަތުރުކޮށް، ރަށްތަކުގެ އޮޕަރޭޝަންތައް ބެލެހެއްޓުމެވެ. ޑިވެލޮޕްމަންޓް ބޭންކިން ސެލްއެއް އުފެދި، ހެޑް އޮފް ޑިވެލޮޕްމަންޓް ބޭންކިންގެ މަގާމުގައި ހުރެ ފާތިމާ ވަނީ، ބޭންކަށް އެ ރޮނގުން ގިނަ ގުނަ ހިދުމަތްތަކެއް ކޮށްފަ އެވެ.
ރާއްޖޭގެ ރަށްތަކަށް ބޭންކިންގެ ހިދުމަތް ތައާރަފުވެގެން ދިޔުމުގައި ދިއުމުގައި ފާތިމާ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދޯނީގައި ޒިޔާރަތްކޮށް، ފާތިމާ ކުރި މަސައްކަތަކީ ރާއްޖެ ތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާމްދަނީގައި ހުރި ފަރަގު ކުޑަ ކުރުމުގެ މަސައްކަތެވެ.
ފާތިމާ އިންޓަވިއު ދެނީ؛ ދޯނީގައި ދަތުރުކޮށް، ރާއްޖެތެރެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެއަށްފަހު، 2003 ވަނަ އަހަރު އޭނާ ވަނީ ބީއެމްއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރުގެ މަގާމާ ހަވާލުވެފަ އެވެ. އެ މަގާމާއެކު ފާތިމާ ގެންދިޔައީ ބީއެމްއެލްގެ އެޑްމިން، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޑިވެލޮޕްމަންޓް ބޭންކިންގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ބަލަހައްޓަމުންނެވެ.
"2011 ވަނަ އަހަރު ހިސާބުގައި އަޅުގަނޑުމެންނަށް ވިސްނުނީ، އިސްލާމިް ބޭނިކް ނެތީމައި، ގައުމީ ބޭންކެއްގައި ވަރަށް ފަޅޭ، އެއީ އުނިކަމެކޭ. އެހެންވީމަ ނިންމީ އިސްލާމިކް ބޭންކިން އުފައްދަން،" އޭނާ ބުންޏެވެ.
އަހަރުތަކަކަށްފަހު އަނެއްކާވެސް ފާތިމާގެ މަގާމު ބަދަލުވީ 2012 ވަނަ އަހަރު، ބީއެމްއެލުން އިސްލާމިކް ބޭންކިން ތައާރަފު ކުރުމާއެކު އެވެ. އެހާ ހިސާބުން އޭނާ ހަވާލުވީ އިސްލާމިކް ބޭންކިން ޑިރެކްޓަރުގެ މަގާމާ އެވެ.
ބޭންކުގައި 40 އަހަރު މަސައްކަތްކުރި ފާތިމާ މިހާރު ހުރީ ޑިވެލޮޕްމަންޓް ބޭންކިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ސްކީމްތަކުގެ ހުރިހާ ކަމެއް ބެލެހެއްޓުމެވެ.
މީގެ ކުރިން 1982 ވަނަ އަހަރުގެ ހަނދާން އާކޮށްލަމުން ފާތިމާ ބުނީ، އޭނާ ފުރަތަމަ ބީއެމްއެލާ ގުޅުނުއިރު، ބޭންކުގައި މަސައްކަތް ކުރަމުން ދިޔައީ މަދު މުވައްޒަފުން ކޮޅެއް ކަމަށެވެ.
"ބޭންކުގައި މަސައްކަތް ކުރަމުން ދިޔައިރު، އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާހެން ވަރަށް ބޮޑަށް ތަނަށް އަގަލެއް، ކުލުނެއް ހުރެގެން މަސައްކަތް ކުރާ ގޮތަށް ކުރެވުނީ،" ސަރުކާރުގެ ބޮންޑު ހަމަވުމުން ވެސް ބޭންކު ދޫކޮށް ނުދިޔަ ސަބަބު ހާމަކުރަމުން ފާތިމާ ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި ބީއެމްއެލަށް ލިބޭ ކޮންމެ ފަހުރަކީ އެއީ އޭނާއަށް އަމިއްލައަށް ލިބޭ ފަހުރެއް ގޮތުގައި އިހުސާސް ކުރެވޭ ކަމަށެވެ.
"40 އަހަރު ދެމިހުރި އިރު އެހާ ދިގު މުއްދަތެއް ހެންވެސް އަޅުގަނޑަކަށް ހިއެއް ނުވޭ،" ފާތިމާ ކިޔައިދިނެވެ.
ފާތިމާ ކިޔައިދިން ގޮތުގައި ބޭންކިން ދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމެކެވެ. ފާތިމާއަކީ ރާއްޖެތެރެއަށް ބޭންކިން ހިދުމަތް ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރި މީހެއް ކަމަށްވުމާއެކު، ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގެ ސަބަބުން އައި ބަދަލާއި ކުރިއެރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އެއް އުފަލެވެ.
"ތިމަންނަމެންގެ ހަމަ ގެދޮރުވެސް ނެތީހޭ ބޭންކުން އެހީވެގެން މިހުރިހާ ކަމެއް ކޮށްނުދިން ނަމަ. އަންހެނުން ހެދިކާ ހަދާ، މިކަހަލަ ކުދި ކުދި މަސައްކަތްތަކަށް އަޅުގަނޑުމެން ލޯނު ދިނީމާއި، އެމީހުންގެ އެ ތައުރީފާއި އެމީހުންނަށް އެ ލިބުނު ކުރިއެރުން ފެންނަން ފެށީމަ، ބޭންކާ ދޭތެރޭ އޮންނަ ޔަގީންކަން ފެނުނީމަ، އެ ވަރަށް ބޮޑު އިންސެންޓިވް އަކަށް އަޅުގަނޑަށްވީ،" ފާތިމާ ކިޔައިދިނެވެ.
ފާތިމާ އިންޓަވިއު ދެނީ؛ ބީއެމްއެލްގައި އޭނާ ވަނީ އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޑިވެލޮޕްމަންޓް ބޭންކިންް ހިންގުމުގައި ރަށްރަށަށް ދަތުރުކޮށް އުޅުނު އިރުވެސް ފާތިމާ ކުރި އެންމެ މުހިންމު މަސައްކަތަކީ އަންހެނުންގެ ކުރިއެރުވުމަށް ކުރި މަސައްކަތެވެ. އަންހެނުން ގޭގައި ތިބެގެން ހެދިކާ ހަދާ ވިއްކުމުގެ ހިޔާލު ގިނަ ބަޔަކަށް ދިނީ ވެސް އޭނާ އެވެ. އަދި އަންހެނުންނަށް ސޭވިން ޕްރޮގްރާމްތައް ފަށައިދީ، އަމިއްލައަށް ފައިސާ ރައްކާ ކުރުމާއި، އަމިއްލައަށް އާމްދަނީއެއް ހޯދުމުގެ މުހިންމުކަން ގިނަ ބަޔަކަށް ކިޔައިދިނެވެ.
"90ގެ އަހަރުތަކުގައި ބައްދަލުވާ ވަރަށް ގިނަ އަންހެނުން ބުނާނެ ކޮބާހޭ ބޭނުމަކީ ވަޒީފާއެއް އަދާކުރުމުގެ. ދެން އަޅުގަނޑު އެމީހުންނާ ވާހަކަދައްކައިގެން ޑިމޮންސްޓްރޭޓް ވެސް ކޮށްދެން. މިސާލަކަށް އޭނަގެ ދަރިފުޅަށް ކޮމެންޑެޑް ރިޕޯޓެއް ލިބުމުން، އެ ކުއްޖާއަށް ދޭ ހަދިޔާއަކީ އަމިއްލައަށް ހަރަދުކޮށް ގަނެދޭ އެއްޗަކަށް ވީމަ ލިބޭނެ ހިތްހަމަޖެހުމާއި އަމިއްލައަށް އާމްދަނީ ހޯދުމުން ލިބޭ ހިތްހަމަޖެހުމަކީ ވަރަށް އެހެންކަހަލަ ކަމެއްކަން ވިސްނައިދޭން ވަރަށް މަސައްކަތް ކުރަން،" އަންހެނަކަށްވީތީ އޭނާއަށް ނުކުރެވުނު ކަމެއް ނެތްކަން ފާހަގަކޮށް، ފާތިމާ ބުނީ އެހެން އަންހެނުންނަށް ވެސް އެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ކެރިގެން މަސައްކަތް ކޮށްފި ނަމަ ފުރުސަތު އޮތްކަން ފާހަގަކޮށް ފާތިމާ ބުނީ އަންހެނަކަށްވީތީ އަނގަމަތި ދޯންޏެއްގައި ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރުމަށް، އޭނާ ފަހެއް ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން ފާތިމާ ވަނީ ބީއެމްއެލް މޯބައިލް ބޭންކިން ތައާރަފު ކުރުމުގައި ވެސް އިސް ދައުރެއް އަދާކޮށްފަ އެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށް، އެހެން ގައުމުތަކުގައި އެކަން ކުރާގޮތް ބަލާ، ދަސްކުރުމަށްފަހު ރާއްޖެއަށް ތައާރަފު ކުރީ އެ ހިދުމަތް މޮޑިފައި ކުރުމަށްފަހު އެވެ. މޯބައިލް ބޭންކިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ފާތިމާ ވަނީ ރަށްރަށަށް ދަތުރު ވެސް ކޮށްފަ އެވެ. ހަމައެއާއެކު، ރަށްރަށުގެ ބޭންކުގެ ބްރާންޗުތައް ހުޅުވުމަށް ވެސް އޭނާ މަސައްކަތް ކުރީ ހަމަ އެ މަގުންނެވެ.
"ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ،" އެމީހެއްގެ ޒަމީރު އެކަން ގަބޫލުކޮށް، އެމީހަކަށް ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރެވޭ ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމަށް ފާތިމާ ބުންޏެވެ.
ސާޅީސް އަހަރު ބޭންކަށް ހިދުމަތް ކުރި ފާތިމަތުގެ އެންމެ ބޮޑު އެއް ހިތްވަރަކީ އޭނާގެ އާއިލާ އެވެ. މައިންބަފައިންގެ އިތުރުން ފިރިމީހާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމެވެ. އޭނާ 1978 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ފިރިމީހާއާއި ދެމީހުން ހަޔާތް ބިނާކުރީވެސް އެކު އެކީ އެވެ. އެ ކައިވެންޏަށް ލިބުނު ދެކުދިން ބެލުމުގައި ދެމީހުން އެކުގައި މަސައްކަތްކޮށް، މިހާރު ފާތިމާގެ ދެމަފިރިންނަކީ ތިން ކުދިންގެ މާމަ އަދި ކާފަ އެވެ.
ބުރަކޮށް މަސައްކަތް ކުރަމުން ފާތިމާ، އޭނާގެ އާއިލާއަށް ދޭންޖެހޭ ވަގުތު ފުރިހަމައަށް ދިނެވެ. ކުދިންގެ ޓެސްޓު އޮންނަ ދުވަސްވަރަކާއި އޭނާގެ މަސައްކަތް ބުރަ ދުވަސްކޮޅަކާ ދިމާވެއްޖެ ނަމަ، ކުދިން އޮފީހަށް ގެނެސް، ކިޔަވަން ހަވާލު ކުރުމަށްފަހު ފާތިމާ އޭނާގެ ވަޒީފާއަށް ދޭންވާ ސަމާލުކަން ދިނެވެ.
ރަށްރަށަށް ދަތުރުކުރުމަކީ ފާތިމާގެ ވަޒީފާގެ ބޮޑު ބައެއް ކަމަށްވާއިރު، ހަފްތާ ބަންދަށް ދިމާވާ ދަތުރުތަކުގައި އޭނާ ރަށްރަށަށް ދަނީ ދަރިންނާއި ފިރިމީހާ ވެސް ގޮވައިގެންނެވެ. ދުވާލު ގަޑީގައި ވަޒީފާގެ ކަންކަން ކުރާއިރު، ރޭގަނޑުގެ ވަގުތުތައް ދަރިންނާއެކު ހޭދަ ކޮށްގެންނެވެ.
"އަޅުގަނޑަށް ހުރިހާ ލަފައެއްދީ، އަޅުގަނޑު ކުރިއަށް ގެންދިޔަ މީހަކީ އަޅުގަނޑުގެ ބޭބެ. ދެން މަންމަގެ ފުލް ބެކްއަޕް ލިބުނީތީ އަޅުގަނޑަށް މަސައްކަތް ކުރެވުނީ،" ފާތިމާގެ ކުރިއެރުމަށް އޭނާގެ އާއިލާއިން ކުޅުނު ރޯލުގެ ސިފަކޮށްދެމުން އޭނާ ކިޔައިދިނެވެ.
ބޭންކިންގެ ހިދުމަތް ރާއްޖޭގައި ފެށިއިރު، އެހެން ފޮރިން ބޭންކުތަކުގެ ބްރާންޗުތައް ވެސް ރާއްޖޭގައި ހިންގަމުން ދިޔަ އެވެ. އެއާއެކު ރާއްޖޭގެ އަމިއްލަ ބޭންކެއް ހިންގުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ފާތިމާ ކިޔައިދިން ގޮތުގައި އޭރު ބީއެމްއެލްގައި އޮތް ބަންގްލަދޭޝްގެ މެނޭޖްމަންޓުން ވިސްނައިދިނީ ގޮންޖެހުންތަކާއެކު ވެސް މުވައްޒަފުން ކުރި މަސައްކަތަކުން ކުރިއަށް ދެވޭނެ ކަމެވެ.
ބީއެމްއެލްގެ ސްޓާފުން ދިޔަ މަސްދަތުރެއްގެ ތެރެއިން
އޭރު ބީއެމްއެލްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ، އެހެން ބޭންކުތަކާ އަރާ ހަމަކުރުމަށެވެ. ވަރުގަދަ ޓީމަކާއެކު އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހި، ބޭންކް އޮފް މޯލްޑިވްސް ކުރިއަރައިގެން އައުމުގެ ސިއްރަކީ މެނޭޖްމަންޓާއި މުވައްޒަފުންގެ އޮތް ނުގުޑާ ވަރުގަދަ ގުޅުން ކަމަށް ފާތިމާ ގަބޫލު ކުރެ އެވެ.
ބޭންކުގެ ޓީމް ވޯކްގެ މިސާލު ނަގަމުން ފާތިމާ ބުނީީ ކޮވިޑާއެކު އެންމެން ގޭގައި ތިބެގެން މަސައްކަތް ކުރި އިރުވެސް ބޭންކުގައި ތިބެގެން މަސައްކަތް ކުރުމެކޭ އެއްވަރަށް ހުރިހާ ކަމެއް ފުރިހަމައަށް ކުރި ކަމަށެވެ. ކޮވިޑް ފަދަ ހާލަތެއް ކުރިމަތިވިޔަސް، ބީއެމްއެލްގެ ޓީމުތައް މަސައްކަތްކުރާ ގޮތް ފެނިއްޖެ މީހަކަށް ވެސް ހިތްވަރު ލިބޭނެ ކަމަށް ފާތިމާ ދެކެ އެވެ.
ބޭންކުގައި 40 އަހަރު ފުރިހަމަ ވީއިރު، މިއަދު ފާތިމާ ބޭނުންވަނީ ބޭންކުގެ އިސް މަގާމެއް ނޫނެވެ. އޭނާގެ މަސައްކަތުން މިއަދު ބޭނުންވާ އެންމެ އުހަށް އާދެވިފައިވާއިރު، އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ލިބިފައިވާ އިލްމާއި ތަޖުރިބާ، ޒުވާން މުވައްޒަފުންނަށް ކިޔައިދިނުމަށެވެ.
"އަޅުގަނޑު ފުރަތަމަ ބޭންކިން ދާއިރާއަށް ވަންއިރު، އިންސްޓްރަކްޓަރުން ބުނާނެ، ބޭންކަށް އަންނާނެ ގަޑިއޭ އެނގޭނީ، ދާނެ ގަޑިއެއް ނޭނގޭނޭ، އެ ހިޔާލުގައި އަޅުގަނޑުމެން މަސައްކަތް ކުރީ،" ފާތިމާ ބުނީ، އޭނާ ވަޒީފާއަދާކުރަން ފެށި ދުވަހާ މިއަދާ ހާސްބައި ތަފާތު އިރު، މިއަދު ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ވަރަށް ފަސޭހަ ކަމަށެވެ. ނަމަވެސް ބޭންކުގައި މަސައްކަތް ކުރެވޭނީ ވަރަށް ކަމަށް ކަމޭހިތައި މީހުންނަށް ކަމަށެވެ.
ފާތިމާ ބުނީ ބޭންކިން ދާއިރާގައި ކުރިއަރައިގެން ދާނީ ޓީމް ވޯކް ރަނގަޅު ކުރި ވަރަކުން ކަމަށާއި، އެކަކު ކުރާ މަސައްކަތް އަނެކަކު ފަރުވާތެރިކަމާއެކު ޗެކްކުރާ ނަމަ މައްސަލައެއް ދިމާނުވާނެ ކަމަށެވެ. އަދި ބޭންކިން ދާއިރާގައި މަސައްކަތް ކުރާ ނަމަ، މަސައްކަތް ކުރަންވާނީ ވަރަށް ސީރިއަސްކޮށް ކަމަށް އޭނާ ދެކެ އެވެ.
ބޭންކިން ދާއިރާއިން ރިޓަޔާވި ނަމަވެސް، ބޭންކިން ދާއިރާ މެދުވެރިކޮށް އަންހެނުން ކުރިއެރުމަށް މަސައްކަތް ކުރި ފަދައިން ޖަމްއިއްޔާތަކާ ގުޅިގެން އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި އޭނާ ދެމިހުންނާނެ އެވެ.
Comment