Advertisement

15 ވަނަ ގަރުނުން ފެށިގެން ތާރީހު ނިއުޅައިގެން ވެސް މައި ސުވާލަށް ޖަވާބު ނުދެވުނު!

16 ނޮވެންބަރު 2022 - 08:35 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޗާގޯސް ސަރަހައްދުގެ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑަރަ ނައިބު އިބްރާހިމް ރިފްއަތު މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް


15 ވަނަ ގަރުނުން ފެށިގެން ތާރީހު ނިއުޅައިގެން ވެސް މައި ސުވާލަށް ޖަވާބު ނުދެވުނު!

16 ނޮވެންބަރު 2022 - 08:35 2

ފަހަރުގައި ދެ ހަފްތާއެއްހާ ދުވަސް ލަސްވެއްޖެ ކަމަށް ބުނެވިދާނެ އެވެ. އެކަމަކު ކިތަންމެ ލަހުން ވިޔަސް، ދިވެހި ރައްޔިތުންނާ ގުޅުން ހުރި ހައްސާސީ މައްސަލައެއްގެ ދިފާއުގައި ސަރުކާރުން ނުކުތީ 500 އަހަރުގެ ތާރީހު ހިފައިގެނެވެ.

ފޯޅަވަހި ހިމެނޭ ޗާގޯސް ސަރަހައްދުގެ މިލްކުވެރިކަމުގެ ކޯޅުމުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުން "ފުކެއް" ވެސް ސަރުކާރުން ދޫނުކުރާކަން ސާބިތުކޮށްދޭން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވާހަކަ ފެއްޓެވީ 15 ވަނަ ގަރުނާ ހަމައިންނެވެ.

ޗާގޯސް ޖަޒީރާއަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ދިވެހި ތާރީހުން ހަމައެކަނި ފެންނަން އޮތީ މީގެ ގާތްގަނޑަކަށް 500 އަހަރު ކުރިން ނުވަ ވަނަ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ލިޔުމެއްގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ދެން ވިދާޅުވި ގޮތުގައި 1951، 1953 އަދި 1954 ވަނަ އަހަރުތަކުގައި ވުޖޫދު ކުރި ގާނޫނުއަސާސީތަކުގައި ވެސް ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ލިޔަފައެއް ނުވެ އެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ކަނޑައެޅުނީ 1964 ވަނަ އަހަރު ލިޔުނު ގާނޫނުއަސާސީން ފެށިގެން ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ކަމަށް ލިޔެވިފައިވާ ލޮންޖިޓިއުޑާއި ލެޓިޓުއުޑުތައް ހިއްސާކޮށް ދެއްވަމުން، ޝާހިދު ވިދާޅުވީ އެ އިމުގެ ތެރެއަށް ޗާގޯސް ސަރަހައްދު ނުވަންނަ ކަމަށެވެ.

އެއީ މުޅި މައްސަލައިގެ ތެރެއިން އުފެދިގެން އުޅޭ އެއް ބައިގެ ދިފާއު އެވެ. ޗާގޯސް ސަރަހައްދަކީ ރާއްޖޭގެ ހިއްސާއެއް ކަމަށް ބުނާ އަޑުތަކަށް ރައްދުގައި ޝާހިދު ނިއުޅައި ދެއްވި ތާރީހެވެ.

އޭގެ ފަހުން ހާރިޖީ ވަޒީރު އަމާޒު ހިއްޕެވީ އެ ސަރަހައްދުގެ މިލްކުވެރިކަން އޮތީ އިނގިރޭސީންނަށްތޯ ނޫނީ މޮރިޝަސްއަށްތޯ، މި ސުވާލުގެ ޖަވާބުގެ ތާރީހުގެ ތެރެއިން ހޯއްދެވުމަށެވެ.

ޗާގޯސް ޖަޒީރާއާ ގުޅުވައި، ރާއްޖޭގެ މަސްލަހަތު ހަމައެކަނި އޮތީ ފުށުއަރައި ކަނޑުގެ ސަރަހައްދުގައި ކަމަށް ސާފުކޮށް ދެއްވަމުން، ޝާހިދު އެ ދުވަހު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އެ މަޝްވަރާތަކުގައި ފުށު އަރާ ސަރަހައްދު އިކުއިޑިސްޓެންސްކޮށް ބެހުމަށް އެއްބަސްވެފައިވާ ކަމަށާއި ބަހާނެ ޕޮއިންޓުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ދެކެވުނު ވާހަކަތަކުގައި ލިޔެފައިވާ ލިޔުމުގައި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވޭ،" ޝާހިދު ވިދާޅުވި އެވެ.

ވިދިގެން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗާގޯސް މައްސަލަ ޝާހިދު ނެންގެވީ 2010 ވަނަ އަހަރުގެ ޔައުމިއްޔާއަކުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު މޮރިޝަސްގެ ކެބިނެޓް ސެކްރެޓަރީ ސީއެސް ސީ ބަލުކް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާ ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ޗާގޯސްގެ މައްސަލާގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، ޔައުމިއްޔާގައި ހިމެނޭ ބައި ޝާހިދު އިއްވައި ދެއްވި އެވެ.

"...ޝަހީދު ވިދާޅުވީ ރާއްޖޭގެ ފަރާތުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަ ހުށަހެޅި ހުށަހެޅުން ތައްޔާރުކުރި އެކްސްޕާޓް އެއްބަސްވެއޭ، އެ ހުށަހެޅުން ހުށަހެޅިއިރު، ޗާގޯސްގެ ސަރަހައްދުގައި މޮރިޝަސްގެ އިގުތިސޯދީ ސަރައްހަދުގެ މައްސަލަ އޭނާ އަށް އޮތީ ނުބެލިއޭ،" އިނގިރޭސި ބަހުން އޮތް ބައި ޝާހިދު ތަރުޖަމާކޮށް ދެއްވި އެވެ.

ދައުލަތުގެ އަރުޝީފުން ހިރަސްފޮޅައިގެން މި ލިޔުންތައް ހޯއްދެވި ދެވަނަ ބޭނުމާ ހަމައަށް ޝާހިދު ވަޑައިގެންނެވީ ދެނެވެ.

އެ ޔައުމިއްޔާގައި ޝާހިދު ވިދާޅުވި ގޮތުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް 2010 ވަނަ އަހަރު ވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

އެ ލިޔުމަކީ، މި ސަރުކާރުން ޗާގޯސް މައްސަލާގައި ޒަމާނުއްސުރެ ފައިހަރުކޮށްގެން ތިބި ސްޓޭންޑު މަތިން ގުޑުވައިނުލެވޭކަން ސާބިތުކޮށް ދިނުމުމުގެ ވަރުގަދަ ގަރީނާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް މިފަހުން ފޮނުއްވި ސިޓީފުޅުގައި ޝާހިދު ވިދާޅުވި ގޮތުން ނަމަ، އެއްވެސް މައްސަލައެއް ނެތެވެ. އދ. ގައި ދެން ނެގޭ ވޯޓެއްގައި ޗާގޮސްގެ މިލްކުވެރިކަން މޮރިޝަސް އޮތް ކަމަށް އެއްބަސްވެވަޑައިގެންނެވުމަކީ ސްޓޭންޑު ބަދަލުވުން ނޫން ކަމަށް ޝާހިދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ސަރުކާރުގެ ދިފާއު ދެކޮޅުޖެހޭ!

އެކަމަކު 500 އަހަރުގެ ތާރީހު ފުރާނައިގެން، ޝާހިދު ނެންގެވި ދިފާއުއާ މެދު ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ގިނަ ސުވާލުތަކެއް އުފައްދަވަ އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި، ޗާގޯސް މައްސަލައިގެ މިހާތަނަށް ރާއްޖޭން އަމަލުކޮށްފައިވާ ގޮތް ވަރަށް ސާފެވެ. ސިޔާސީ އަދި ޖަޒުބާތީ ޝުއޫރުތައް އެއްފަރާތް ކުރުމުން، އެކަމުގެ ތާރީހާމެދު އެއްވެސް ދެބަސްވުމެއް ނެތް ކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.

މިގޮތުން، ޝަހީދު ވިދާޅުވީ ޗާގޯސް ޖަޒީރާގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް އެއްވެސް އިރެއްގައި ވަކާލާތު ނުކުރާ ކަމަށެވެ. އެކަމަށްޓަކައި ދިވެހި ތާރީހުގެ އެންމެ ފުނަށް ފީނުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ދެން އޮތީ ޗާގޯސް ސަރަހައްދުގެ މިލްކުވެރިކަން އޮތީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުތޯ ކަނޑައަޅާއިރު ރާއްޖެ ހިޔާރުކުރާ ފަޅި މެވެ. އެކަމުގައި ވެސް ޝަހީދު މުހިންމު ނުކުތާއެއް ފާހަގަކުރައްވަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި 2019 ވަނަ އަހަރު ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި އދ. ގައި ކުރިއަށް ގެންދިޔަ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމަށް ނެގި ސްޓޭންޑު އޭގެ ކުރީގެ ޔައުމިއްޔާތަކަކުން ބަދަލުނުކުރެވޭނެ އެވެ.

އެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، ދިވެހި ސަރުކާރުން އޭރު ބުނީ ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މަސްލަހަތު ހިމެނޭއިރު، ހަމައެކަނި އިސްތިއުމާރު ކުރުމާ ދެކޮޅު ކަމަށް ބަލައިގެން އެ ގަރާރަށް ތާއީދުކުރެވެން ނޯންނާނެ ކަމަށެވެ.

މިއީ ޝަހީދު ގަބޫލުކުރައްވާ ގޮތުގައި ދިވެހި ސަރުކާރުގެ ސްޓޭންޑު ބަދަލުވުމެވެ. އިމުގެ މައްސަލައަށް ހައްލެއް ނުލިބެނީސް ވަކި ކޮޅަކަށް އެރެން ނެތް ކަމަށް އޭރު ބުނުމަށްފަހު، ރައީސްގެ ސިޓީފުޅަކުން މޮރިޝަސްއަށް ކުއްލިއަކަށް ތާއީދުކުރުމަކީ ޝަހީދުގެ ނަޒަރުގައި ސްޓޭންޑު ބަދަލުވުން ނޫން ގޮތަކަށް މާނަކުރެވޭނެ ޖާގައެއް ނެތެވެ.

"ކީއްވެތޯއޭ ރައީސް ސޯލިހު އެ ސިޓީ ފޮނުވަންޖެހުނީ؟ ކީކޭތޯ އޭގަ އޮތީ؟ ކީއްވެތޯ އެ ސިޓީގަ އޮތް އެއްޗެއް ހާމަނުކުރަން އުޅޭނީ؟" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ހަސަން ނުވަ ވަނަ ރަސްގެފާނުން ފެށިގެން އެކި ސަރުކާރުތަކުގެ ލިޔުންތަކާއި ޔައުމިއްޔާތައް ދިފާއުގައި ނަގައިގެން ވެސް ހަގީގީ ސުވާލަށް އަދިވެސް ޖަވާބު ނުލިބޭކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.

އެހެން ނުފޫޒެއްގެ ތުހުމަތު

ރައީސްގެ އެ ސިޓީފުޅާ މެދު ޝަހީދު އެ އުފެއްދެވި ސުވާލު، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ގޮތް ގޮތަށް އަނބުރައިގެން ނޫސްވެރިން ވެސް ޝާހިދުގެ އަރިހުން ސާފުކުރެވޭތޯ މަސައްކަތް ކުރި އެވެ.

އިމުގެ މައްސަލައިގެ ވަރަށް ހައްސާސީ ދަނޑިވަޅެއްގައި މޮރިޝަސްއަށް ތާއީދުކުރާނެ ކަމަށް ސިޓީއެއް ފޮނުވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އަދި ސިޓީގައި އޮތް އެއްޗެއް ވިދާޅުވެދެއްވަން ވެސް ނޫސްވެރިން އެދުނެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޝާހިދު ތަކުރާރުކޮށް ވިދާޅުވީ އެ ސިޓީގައި އާ ވާހަކައެއް ނެތް ކަމަށެވެ. އަދި އެ ސިޓީގައި ރާއްޖޭން އެއްވެސް ކަމަކަށް ދޫދީފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އެކަމަކު އެ ސިޓީ ދިފާއު ކުރެއްވުމުގެ ތެރެއިން ވަރަށް ޝައްކު އުފެދޭ ވާހަކައެއް ޝާހިދަށް ވިދާޅުވެވުނެވެ.

"ވޯޓެއްލީކީ ވެސް ނޫން. އެ ސިޓީގައި މި ބުނަނީ ދެން ވޯޓެއް ލައިފި ނަމަ، ޗާގޯސް މޮރިޝަސްއަށް ލިބުމަށް ދެކޮޅެއް ނުހަދާނަމޭ،" ޝާހިދު ވިދާޅުވި އެވެ.

މިއީ ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރެއްވި ބޭފުޅަކު "އަދަދު"އާ ހިއްސާކުރައްވައި ކަންބޮޑުވުމެވެ.

ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި ގޮތުގައި، މުސްތަގުބަލުގައި ވެދާނެ ކަމަކަށް ބިނާކޮށް، ނާޒުކު ދަނޑިވަޅެއްގައި އެ ސިޓީ ފޮނުވުމުގެ ބޭނުމެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.

"ބައުންޑަރީ މައްސަލައިގެ އަޑުއެހުންތައް ނިމެން އުޅެނިކޮށް އެ ސިޓީ މި ފޮނުވަނީ. އެވެސް އެންމެ މަތީ ލެވެލްގެ ސިޓީއެއް. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ކޮމިޓުމަންޓެއް މިދިނީ. ވީކަމަކަށް ނޫނީ ވާންއުޅޭ ކަމަކަށް ވެސް ނޫން. ވެދާނެ ކަމަކަށް،" އެ ސަބަބާމެދު ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ލިޔުންތަކުން ތަންތަންކޮޅު ޝާހިދު ވިދާޅުވެ ދެއްވިއިރު، އެ ސިޓީގައި އޮތް އެއްޗެއްގެ ބައެއް އިސްތިސްނާކޮށްލުމަކީ ވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ސުވާލަށް އިތުރު ބުރަދަނެއް ލިބޭ ސަބަބެކެވެ.

ރައީސް ކުރައްވައި ވަރަށް އާދައިގެ ކަންކަން ވެސް ރައީސް އޮފީހުން ހާމަކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާއިރު، މިފަދަ ބޮޑު ނިންމުމެއް ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ނުކުރީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބު ގޮސް ގުޅެނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް މީގެ ކުރިން ތުހުމަތުކުރެއްވި ބޭރުގެ ނުފޫޒަކާ ކަމަށް އޭނާ އަށް ވެސް ބުރަވެވެ އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ވެސް އިސްކޮށް އުޅުއްވި މުނައްވަރު މީގެ ކުރިން ވަނީ އެ ސިޓީ ފޮނުވުމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ބިރުގަނޭ އެ ނުފޫޒާ ދޭތެރޭގައި، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މޮރިޝަސް އަކީ ކޮބައިކަން. މޮރިޝަސްގެ މައްޗަށް ނުފޫޒު ހިންގަނީ ކޮން ގައުމަކުން ކަން. އެހެންވީމާ މޮރިޝަސް ކޮޅަށް ސިޔާދަތު ބަދަލުކުރަން ނުވަގުތެއްގައި ސިޓީއެއް ފޮނުވަން ޖެހުނީ ކީއްވެތޯ، އެ ވިދާޅުވާ ގައުމަކުން ދެންނެވީ ނޫންބާއޭ،" މުނައްވަރު ވިދާޅުވެފައިވެ އެވެ.

މުނައްވަރު ފާހަގަކުރެއްވި ނުކުތާއަށް ތާއީދުކުރައްވަމުން އޭނާ ވެސް ވިދާޅުވީ މި މައްސަލައިގެ ތެރެއިން މޮރިޝަސްއަށް ފިޔަވައި ފައިދާ ވަނީ ކޮން ބަޔަކަށް ކަން ނުބަލައި ދޫކޮށްލެވެން ނެތް ކަމަށެވެ.

"މޮރިޝަސް ނަގާފައި ދެން މިއޮތީ އިނގިރޭސިވިލާތާއި ފޯޅަވަހީގައި ބޭސް ހިންގާ އެމެރިކާ. ދެން އޮންނާނީ މި ސަރަހައްދުގެ ނުސީދާ މަސްލަހަތު އޮތް ޗައިނާ އަދި އިންޑިއާ. މީގަ ދެން މޮރިޝަސް އާ އެއްކޮޅަށް އަރަން އިނގިރޭސީންނާއި އެމެރިކާއެއް ނުބުނާނެ ދެއްތޯ؟ ދެން މިކަމުން ޗައިނާއަށް ކުރާނެ ފައިދާއެއް އޮތް ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

މި ގައުމުތައް ކަނޑައިލުމުން ބާކީ އޮތީ އިންޑިއާ ކަމަށްވާއިރު، މުނައްވަރު ވެސް ފާހަގަކުރެއްވި ފަދައިން، މޮރިޝަސް އާއި އިންޑިއާއާ އޮންނަ ގުޅުމާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގާތްގުޅުން އެއްވެސް މީހަކަށް އޮޅިފައި ނޯންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޝަހީދު ވެސް ފާހަގަކުރެއްވި ފަދައިން، 500 އަހަރުގެ ތާރީހުން ފެއްޓިޔަސް، ހަގީގީ ސުވާލު އުފެދެނީ އެ ސިޓީއާ ހިސާބުން ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"ބައިނަލްއަގުވާމީ ނޫނީ ހާރިޖީ ކަންކަމުގައި [ރާއްޖޭން] އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ވެސް މިހާރު ގެއްލުނީތޯ؟"

ޗާގޯސް ސަރަހައްދައި ގުޅުވައި ފަސް ގަރުނުގެ ތާރީހު ނިއުޅައިކަށް ނުޖެހެ އެވެ. ސަބަބަކީ މި ކަމުގައި މީގެ ކުރިން ކޮށްފައި އޮތް ކަމެއް މުހިންމު ނުވާތީ އެވެ. މާޒީ އެއް ފަރާތުގައި ބާއްވައިފައި، މިހާރު, މިވަގުތު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ދެމި އޮތް ކަމުގެ ސުވާލެވެ.

މިއީ ހަގީގަތުގައި އެންމެ މުހިންމު ސުވާލެވެ. ދިވެހި ރައްޔިތުން ޖަވާބު ބޭނުންވާ ހަމައެކަނި ސުވާލު ވެސް މެ އެވެ.