Advertisement

ހައްގުތައް، ހެޔޮ ވެރިކަން، ދިރިއުޅުން؛ ސްކޫލަށް ލާޒިމު މާއްދާއެއް!

19 ނޮވެންބަރު 2022 - 10:17 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ހައްގުތައް، ހެޔޮ ވެރިކަން، ދިރިއުޅުން؛ ސްކޫލަށް ލާޒިމު މާއްދާއެއް!

19 ނޮވެންބަރު 2022 - 10:17 1

ޒުވާން ޖީލު މި އޮތީ ހާސްކަމެއް ގަ އެވެ. ގައުމުގެ ކުރިމަގަށް ބިނާކުރަން ތިބި ގިނަ ބަޔަކު މިއަދު ތިބީ ގޮތް ހުސްވެ މަސްތުގަ އެވެ. އެ ވަބާގައި ޖެހުމާއެކު، ސިކުނޑިތައް ދޮވެލުން ފަސޭހަވެފަ އެވެ. ނަފުސާނީ ގޮތުން ބަލިކަށިވެ އެވެ.

ސައްހަ ގޮތަކީ ކޮބައިކަން ނޭނގި އޮޅުންތަކެއް އަރަ އެވެ. ދެން ސިކުނޑި ޣަރަގުވެ ގޮސް ނިމެނީ ނުރައްކާތެރި އެހެން ފިކުރުތަކަށެވެ. ދީނުގެ ނަމުގައި ފަތުރާ ނިރުބަވެރި ވިސްނުންތަކެވެ. ނޫނީ ދީނާ މެދު އުފައްދާ ނަފުރަތުގައި ޖެހެނީ އެވެ. ނޫނީ ބާރުގަދަ ގޭންގެއްގެ މީހަކަށް ވާހިތްވަނީ އެވެ. އެހިސާބުން ،މީހަކު މަރަން ވެސް ޖެހިލުން ނުވާ ދަރަޖައަކަށް މީހާ ވެއްޓެ އެވެ. ތިމާ މި ހުރީ ހައްގު ގޮތުގައި ކަމަށް އަމިއްލަ ނަފުސަށް ގަބޫލުކުރާ ހާލުގަ އެވެ.

މުޅި މުޖުތަމައުގައި މީގެ އެތައް މައްސަލައެކެވެ. ނޭދެވޭ އެތައް އަމަލެކެވެ. އިންސާނީ ހައްގުތަކާއި ފުރާނަ ރައްކާތެރިކަމުގެ ޔަގީންކަން ނެތިފަ އެވެ. ފަރުދީ ޒިންމާއެއް އޮތް ކަން ހަނދުމަ ނެތިފަ އެވެ. އެތައް ފަރުދުން މަގުން ކައްސާލައިފަ އެވެ. މުޖުތަމައު ހަމަ މަގެއްގައި ހިފެހެއްޓުމަށް އުފައްދާފައި އޮންނަ ދައުލަތް ހިންގުމާ ހަވާލުވެ ތިބި ވެރިން ވެސް ޒިންމާ އަދާނުކުރެވިފަ އެވެ. ދައުލަތުގެ ތެރޭގައި ވެސް ނުރައްކާތެރި އެކި ވަބާތަކެވެ. ޒާތްޒާތުގެ މަސްތުވުންތަކެވެ. ފައިސާ އާއި ބާރުގެ ދަހިވެތި ކަމެވެ. ހިޔާނާތްތެރިވުމާއި ގާނޫނުތައް ބޮލައިލާ ޖެހުމެވެ. އާންމު ރައްޔިތު މީހާއަށް ޖެހިފައިވާ ހާލަތާ މެދު ސީރިއަސް ކަމެއް ނެތެވެ. މުޖުތަމައު ވަށައިގެން ހުރި މައްސަލަތައް ހައްލުކުރުމަށް ވުރެ އަމިއްލަ މަންފާތަކަށް އިސްކަން ދެވިފަ އެވެ.

މަންދު ކޮލެޖްގެ ވެރިޔާ އިބްރާހީމް އިސްމާއީލް (އިބްރާ) ދެކެވެޑައިގަންނަވާ ގޮތުގައި ގައުމުގައި އޮތްހާ މި މައްސަލައެއްގެ ގޮސް ހުއްޓޭ ތަނަކީ ސްކޫލްތަކެވެ. އޭގެ ސަބަބަކީ ވެސް، ސްކޫލްތަކެވެ. އޭގެ ހައްލަކަށް މިއަދު ދެން އޮތީ ވެސް ސްކޫލްތަކެވެ. ސްކޫލްތަކުގެ ބޭނުމަކީ ވެސް އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި، ދިރިއުޅެން ދަސްކޮށްދިނުމެވެ. މުޖުތަމައުން ފެންނަހާ ނޭދެވޭ މަންޒަރަކީ އެ ކަން ނުކުރުމުގެ ނަތީޖާ އެވެ.

"އަޅުގަނޑަކަށް މިހާރު ނުފެނޭ އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ކަމަކަށް، އެއީ ކުރަން ލާޒިމު ކަމެއް މިހާރު، ވަކިވަކި ފަރުދުންގެ ވިސްނުމާއި އަޚްލާގަށް އައިސް އޮތް ބަދަލަކަސް، ވެރިންގެ އަޚްލާގު ހުރި ގޮތުން ވެސް، މިހާރު އެބަ ޖެހޭ ޅަދަރީންނަށް، އިންސާނީ ކަރާމާތްތެރިކަން، މަދަނީ ހައްގުތައް، ކިޔަވައިދޭން،" އެޑިއުކޭޝަން މިނިސްޓްރީގައި އިސް އެކި މަގާމުތައް ވެސް ފުރުއްވާފައިވާ އިބްރާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ ހުރި ބާގަނޑުތައް އުފެދިގެން އައުމުގެ މައިގަނޑު ސަބަބު ވެސް ގުޅިފައި އޮތީ ސްކޫލްތަކާ އެވެ. ބޭނުންތެރި ޖީލެއް އުފެއްދޭނީ ގެއިން ލިބޭ ތަރުބިއްޔަތާއި ސްކޫލްތަކުން ދެވޭ ތަރުބިއްޔަތުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ކިޔަވައިދޭ މަންހަޖުގެ އެއް ތަނބަކަށް ވާން އެބަ ޖެހޭ، ސިވިކް އެޑިއުކޭޝަން، ހިއުމަން ރައިޓްސް، ރިސާޗުތަކުން ވެސް އެ ކަމަށް އެބަ ބާރު އަޅާ، އަޅުގަނޑުމެންގެ މި ހުރި މައްސަލަތައް، އިޖުތިމާއީ ފޭރާމުގައި ހުރި ބާގަނޑުތައް، މި އޮތް ސަބަބު އެއީ، ސްކޫލްތައް އެ ގޮތަށް ބައްޓަންވެ އެއަށް އިސްކަން ނުދެވި އޮތުން،" ސިވިކް އެޑިއުކޭޝަންއާ ގުޅޭ ބައެއް ތީސިސް ވެސް ލިޔުއްވާފައިވާ ޖީހާން ވިދާޅުވި އެވެ.

ދެލިގަނޑު ހިތުދަސްކުރާ ގޮތަށް މާއްދާއެއް އޮތަސް ކަމަކު ނުދާނެ

ސިވިކް އެޑިއުކޭޝަން ނުވަތަ އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމުގެ އިލްމާ ގުޅުން ހުރި ބައެއް ޗެޕްޓަރުތައް "ސޯޝަލް ސްޓަޑީޒް" ގައި ހިމެނިފައިވެ އެވެ. ގްރޭޑް ހައެއް، ހަތެއް، އަދި އަށެއްގެ އެ މާއްދާގެ ފޮތްތަކުގައި ކޮންމެ ވެސް އެފަދަ އިލްމީ ވާހަކަތަކަށް އަލި އަޅުވައިލެވިފައި އޮވެ އެވެ.

ނަމަވެސް އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި މާއްދާއެއްގެ ތެރޭގައި ޗެޕްޓަރުތަކެއް ހިމެނިޔަސް އަދި ވަކި މާއްދާއެއް ގޮތަށް ކަނޑައަޅައިގެން ފިލާވަޅުތަކެއް ދަސްކުރަން ހަވާލުކުރާ ކުރުމަކީ ފުރަަތަމަ ވެސް ސްކޫލްތަކުގެ ތެރޭގައި ހެދޭ ގޯހެކެވެ. އެ ސަގާފަތުގެ ސަބަބުން މުޖުތަމައަށް ބޭނުންވާ ދަރީން ބިނާ ނުކުރެވޭ ކަމަށް އިބްރާ ވިދާޅުވެ އެވެ.

"ސްކޫލްތައް މިހާރު މި ހިންގަނީ ވެސް ވައިބާ ގްރޫޕެއްގަ، ޓީޗަރުން ވެސް މި އަމަލުކުރާ ގޮތަކީ ބެލެނިވެރިޔާއަށް ކުއްޖާގެ މަސައްކަތް ވައިބާ ކޮށްލަނީ، ދެން ކުއްޖާގެ މަސައްކަތްތައް ބެލެނިވެރިޔާ ކޮށްދޭނެ، ފޮތުގެ އޮތް އެއްޗެއް އަކުރުން އަކުރަށް، އެ ދެލިގަނޑު ހިތުދަސްކުރުން މި އޮންނަނީ،" ސްކޫލްތައް ހިންގަމުން އަންނަ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިބްރާ ވާހަކަ ދެއްކެވި އެވެ.

އިބްރާ ވިދާޅުވީ، އޭނާ އިސްވެ ހުރި މުއައްސަސާތަކާއި އަމިއްލަ ކޮލެޖްގައި ވެސް ތަޖުރިބާ ކުރެވުނު އެއް ކަމަކީ މިހާރު އަލަށް ވަޒީފާގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް ޒިންމާ ނެގުމާއި ތަފާތު ހިޔާލުތަކާއި ތަފާތު މިޒާޖުތަކުގެ މީހުނާ އެކު އުޅޭން ދަސްވެފައި ނުހުރެ އެވެ. އެފަދަ އެތައް ކަމެއް އަލުން، ވަޒީފާގެ މާހައުލުގެ ތެރެއިން ޖެހެނީ ދަސްކޮށްދޭށެވެ. އެއީ އަސްލު ސްކޫލް ދައުރުގައި ހޭނިފައި ހުންނަން ޖެހޭނެ ކަންކަމެވެ.

"ޓީޗަރެއްގެ ދަރިއެއް ވެސް، އިލްމުވެރިއެއްގެ ދަރިއެއް ވެސް، އަސްލު ސްކޫލަކަށް ފޮނުވާން ޖެހޭ، އެޑިއުކޭޝަނަލް އިންސްޓިޓިއުޝަނަކަށް، އެއީ ގިނަ މީހުން އުޅޭ މުޖުތަމައެއްގައި އުޅޭން ދަސްކުރާން، ސްކޫލްގެ މޮޑެލްއަކީ ސޮޝައިޓީގެ މޮޑެލްއެއް، އެހެނެއް ނޫން މިހާރަކު ސްކޫލްތައް މި އޮތީ،" އިބްރާ ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް ތަމްރީންތަކަށް ނޫނީ ވަޒީފާތަކަށް އަންނަ ގިނަ ދަރިވަރުންނަށް ގައުމުގެ ނިޒާމު އޮންނަ ގޮތް ވެސް ނޭނގެ އެވެ. އެހެން އެ ދިމާވަނީ އަސްލު ވަޒީފާގެ މާހައުލަށް ޔުނިވާސިޓީތަކުގައި ވެސް ތަމްރީން ދެވިފައި ނެތުމުން ކަމަށް އުޝާމް ގަބޫލު ކުރައްވަ އެވެ.

"މިހެން މި ދިމާވަނީ ސެޓްފިކެޓަށް މާ ބޮޑަށް އަމާޒުކޮށްފައި އޮންނާތީވެ، އޭލެވެލް ނަތީޖާ ރަނގަޅުކޮށްލުން ގިނަ ބެލެނިވެރިންގެ ވިސްނުމަކަށް ވެސް މި އޮންނަނީ، ސްކޫލްތަކުގެ ވެސް ވިސްނުން އޮންނަނީ އެކަހަލަ ގޮތަކަށް، އެއަށް ވުރެ ބޮޑަށް ޕްރެކްޓިކަލް ކަންކަން އިތުރު ކުރާން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި މަސައްކަތް ކުރައްވާފައިވާ ޖީހާން ވެސް ވިދާޅުވީ ސްކޫލްތަކުގައި ބޮޑު އިސްކަމެއް ދެވިފައި އޮންނަނީ އެކަޑެމިކް ނަތީޖާ ހޯދުމަށެވެ. އެ ގޮތަށް މެދުވެރިވަނީ އެ ނަތީޖާ ކޮންމެހެން ވެސް ރަނގަޅު ވުމުގެ ވިސްނުމެއް ސްކޫލްތަކުގެ މެނޭޖްމަންޓްއާއި، ދަރިވަރުންގެ ބެލެނިވެރިންގެ ތެރޭގައި ހަރުލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެލެނިވެރިންގެ ވަރަށް ބޮޑު ޕްރެޝަރެއް މި އޮންނަނީ އެ ނަތީޖާއަށް، އޭ ސެޓެއް ހޯދުމަށް، ޓޮޕް ޓެންއަށް އެރުމަށް، އެ ކަން ކުރަން ސްކޫލްތަކަށް މި ފޮނުވަނީ އެ ވިސްނުން ބަދަލުވެގެން ސްކޫލްތަކަށް ވެސް އެހެން ކަންކަމަށް ޖާގަ ދެވޭނީ،" ޖީހާން ގަބޫލުކުރައްވާ ގޮތް ވިދާޅުވި އެވެ.

ވޮކޭޝަނަލް ޓްރެއިނިންއަށް އަމާޒުކޮށް، އައްޑޫ ސިޓީގައި ކިޔަވައިދެމުންދާ ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވެސް ވިދާޅުވީ މަދަނީ ހޭލުންތެރިކަމަށް ޚާއްސަ މާއްދާއެއް އޮތުން މުހިންމު ކަމަށެވެ. ނަމަވެސް އާންމު އުސޫލުން ފިލާވަޅު ނަގައިދީގެން ކުރިއަށް ގެންދާނަމަ އޭގެ ބޭނުމެއް ނުފެންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ހަމައެކަނި ކިޔަވައިދީގެން އަޅުގަނޑަކަށް ހިއެއް ނުވޭ އެ ކަން ކުރަން އެނގޭނެ ހެނެއް ވެސް، އެ ޝައުގު [ކުދިންގެ ތެރޭގައި] އުފެދޭނެ ހެނެއް ވެސް، ސިވިކް އެޑިއުކޭޝަނޭ ކިޔައިފަ ވާހަކަތަކެއް އަދި ކިޔައިދިނަކަސް އެ ކަންކަން އަދި ހާސިލް ވާނެ ކަމަކަށް ނުދެކެން،" އަމަލީ ގޮތުން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ބާރު އަޅުއްވާ ސްކޫލެއްގެ ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ސިތާރާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ސިވިކް އެޑިއުކޭޝަންގެ ފަލްސަފާ މިހާރު ވެސް ސްކޫލް މަންހަޖުގައި އޮތް މިންވަރު ކުޑައެއް ނޫން ކަމަށެވެ. ކުރަން ޖެހިފައި އޮތް ކަމަކީ އަމަލީ ހަރަކާތްތަކެއް ގިނަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކުރިއަށް ގެންދަނީ މާ ކުޑަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޫލް ކަރިކިއުލަމްގައި ހިމަނައިގެން ކުރުމަށް ވުރެ އޭގެ ކޯ-ކަރިކިއުލަމް އަދި އެކްސްޓްރާ ކަރިކިއުލަމްގައި ހިމަނައިގެން ސަގާފަތްތައް އުފައްދައިދޭން ޖެހޭނީ، ހުރިހާ ވާހަކައެއް ޓެކްސްޓް ފޮތުގަ ހިމެނުމަށް ވުރެ ރަނގަޅު ވާނީ އިތުރު ހަރަކާތްތަކުގެ ގޮތުގައި ދަރިވަރުންނަށް ދަސްކޮށްދިނުމުން،" ތައުލީމީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކާ ގުޅިގެން ގައުމީ އިނާމު ވެސް ހާސިލްކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް، މި ގަރުނުގެ މުޖުތަމައު ބުނެދިނުން

ސްކޫލަކީ މުޖުތަމައަށް މީހާ ނުކުތުމުގެ ކުރިއަށް، ދިރިއުޅެންވީ ގޮތް ތަޖުރިބާކޮށް އެ ކަމަށް ތަމްރީންވުމަށް އޮންނަ މަރުކަޒެވެ. ސްކޫލް މަންހަޖު އޮންނާން ވާނީ ވެސް މިހާރު މުޖުތަމައު އޮތް ގޮތް ބުނެދީ އޭގެ ހޭލުންތެރިކަން ދަރިވަރުންނަށް ލިބޭން ޖެހޭ ގޮތަކަށެވެ.

ޖީހާން ވިދާޅުވީ މަދަނީ އިލްމު ކިޔަވައިދިނުމުގެ ބޭނުމަކަށް ވާން ޖެހޭނީ ވެސް މުޖުތަމައުގައި އުޅޭންވީ ގޮތް ދަރިވަރުންނަށް ބުނެދިނުމަށް ކަމަށެވެ. މިހާރު ސްކޫލްތަކުގައި އެ ކަމަށް ދެވޭ ތަރުބިއްޔަތަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ތަރުބިއްޔަތު ދެވެން ޖެހޭނެ ކަމަށެވެ.

"އޯގާތެރިކަން، އުމުރުން ދުވަސްވީ މީހުނަށް އަޅާލުން، އެކަކު އަނެކަކު ނަފުސަށް ގެއްލުން ނުދިނުން، ބުލީ ނުކުރުން، އެކަކު އަނެކަކަށް ކުރަން ޖެހޭ އިހުތިރާމު، ގަދަރު ދިނުން، ވާހަކަ ދެއްކުމުގެ އަދަބުތައް، އަނެކާގެ އިހުސާސްތައް އަޑުއަހަން އަބަދުވެސް ތައްޔާރަށް ހުރުން، ކުޑަކުޑަ އަމަލުތައް ވެސް ހުންނާން ޖެހޭ ގޮތް ބުނެދެވޭން ޖެހޭ،" ޖީހާންގެ ނުކުތާ އިތުރަށް ތަފްސީލްކޮށްދެއްވި އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ޕްރިންސިޕަލް ސިތާރާ ވިދާޅުވީ އެފަދަ މާއްދާއެއް މުގައްރަރަށް އިތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެސް އޮންނަން ވާނީ 21 ވަނަ ގަރުނުގެ މުޖުތަމައުގައި ހުރި އިޖުތިމާއީ އެތައް މައްސަލައެއް ކިޔައިދީ އެ މައްސަލަތަކަށް ދަރިވަރުން މަޝްވަރާ ކުރުމަށް ބާރު އަޅައިދިނުން ކަމަށެވެ. އަދި މުޖުތަމައަށް ނުކުންނަންވާއިރަށް ރަނގަޅު އަދި ގޯސް ވަކިކުރަން ދަރިވަރުންނަށް އެނގުމެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ބޮޑު އިޝޫއެއް، ރަނގަޅު އަދި ގޯސް ނޭނގުން، ދީނުގެ ނަމުގައި އެކްސްޓްރީމިޒަމް އަދި ދީނާ ބީރައްޓެހި ކަންކަން އެއީ އިންސާނީ ހައްގުތައް ކަމަށް ދެކުން ވިޔަސް، މި ގަރުނުގައި ދިމާވެފަ މި އޮތް އާ މައްސަލަތައް، އިންސާނިއްޔަތަށް ގެއްލުން ހުރި ކަންކަން، ދަރިވަރުންގެ ތެރޭގައި ސްކޫލްތަކުގައި ޖެހޭ މަޝްވަރާކުރަން،" ސިތާރާ ވިދާޅުވި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށް ވެސް މި މައުލޫއުގައި ފާޅުކުރެއްވި މައި އެއް ހިޔާލަކީ ސްކޫލް ކަރިކިއުލަމްގައި މުޖުތަމައުގެ ތެރޭގައި މިހާރު މި ފެންނަ ނޭދެވޭ ކަންކަމުގެ ވާހަކަތައް އިތުރަށް ކިޔައިދިނުމަށް އިސްކަން ދިނުމެވެ.

"ހިއުމަން ޓްރެފިކިން، ބިދޭސީންނާ މެދު ވެސް ކުލުނެއް ނެތް ނަޒަރަކުން ވިސްނުން، އެހެން ނަސްލުތަކުގެ މީހުނަށް އެއް ހަމައަކުން ނުދެކުން، މި ކަހަލަ އެތައް ކަމެއް މުޖުތަމައު ތެރެއިން އަޅުގަނޑުމެންނަށް މި ފެންނަނީ، މި މައްސަލަތައް ބުނެދީ ކިޔައިދޭން ޖެހޭ، ސްކޫލް ކަރިކިއުލަމްގައި މިހާރު އޮތް ވަރަށް ވުރެ އިތުރަށް ހިމަނާން ޖެހޭ ހަމަ،" ތޮއްޖެހިފައިވާ މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރެއްވި ޝިފާ ވިދާޅުވި އެވެ.

ޒިންމާ އުފުލަން ދަސްކޮށްދީ، ގައުމީ ލޯބި ޖެއްސުން

ހިރާ ސްކޫލްގެ ޕްރިންސިޕަލް ސިތާރާ ކިޔައިދެއްވި ގޮތުގައި، ސްކޫލެއްގެ ބޭނުމަކީ ހަމައެކަނި ފިލާވަޅުތަކެއް ދަސްކޮށްދިނުމާއި މި ގަރުނުގެ މުޖުތަމައަށް ކުއްޖާ ތައްޔާރު ކުރުން އެކަންޏެއް ނޫނެވެ. މުޖުތަމައަށް ނުކުންނައިރު، އެ މައްސަލަތައް ހައްލުކުރަން އެ ދަރިވަރުގެ ފަރުދީ ޒިންމާ ދަސްކޮށްދިނުމެވެ. އޭނާއަށް އޭގައި އަދާކުރެވިދާނެ ދައުރެއް ދެނެގަތުމެވެ.

އެ ސްކޫލްގައި ގްރޭޑް ހަތަކުން މައްޗަށް ކޮންމެ ދަރިވަރަކު ވެސް ލީޑާޝިޕް ޕޯސްޓަކަށް ކުރިމަތިލާން ޖެހެ އެވެ. އެ ޕޯސްޓް ފަރުމާކޮށްފައި އޮންނަނީ ވެސް ބޮޑަށް މުޖުތަމައުގައި ހުންނަ ޕޯސްޓްތަކާ ދާދި އެއް ގޮތަށެވެ. ބޭނުމަކީ ވެސް އަމިއްލައަށް ޒިންމާ އުފުލާއި، އަމިއްލަ ނަފުސުގެ އަޚްލާގުތަކެއް ކުއްޖާ ގެންގެޅެން ތަރުބިއްޔަތުކޮށްދިނުމެވެ.

"ސޯޝަލް ވެލްފެއާ، ކޮންޒަވޭޓިވް އޮފިޝާސް، ޖުޑީޝަލް އޮފިސާސް، ޑިޕްލޮމެޓްސް، މިފަދަ ގޮތަކަށް، އަދި އެ ޕޯސްޓްތަކުގައި ހުންނަ ދަރިވަރުން ދާނީ ގަވައިދުން ރޮޓޭޓް ވަމުން، އޭގެ ބޭނުމަކީ އަމިއްލައަށް ޒިންމާ އުފުލަން ދަސްކޮށްދިނުން، ވަކީން ޚާއްސަކޮށް މުޖުތަމައަށް ނުކުންނައިރު އޭނާއަކީ މި މައްސަލަތައް ހައްލު ކުރަން އަމިއްލަ ފެންވަރުން މަސައްކަތް ކުރާ މީހަކަށް ހެދުން،" ސިތާރާ ތަފްސީލްކޮށްދެއްވި އެވެ.

ތައުލީމީ ދާއިރާއަށް ހާއްސަ ލޯތްބެއް އޮތް އިބްރާ ވެސް ވިދާޅުވީ ސްކޫލްތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކީ އަމިއްލައަށް ޒިންމާ އުފުލުމާއި މުޖުތަމައުގައި ދިރިއުޅޭނެ ގޮތް ދަރިވަރަށް ކިޔަވައިދެވިފައި ނެތުމެވެ. އިބްރާ ކިޔެވި ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ވިދާޅުވީ އޭރު ވަކި މާއްދާއެއް ގޮތަށް މަދަނީ މަސައްކަތްތައް ނެތަސް އިތުރު ހަރަކާތްތަކުގެ ތެރެއިން ކޮންމެ ވެސް ވަރަކަށް އެކަން ހާސިލްވެ އެވެ.

"އޭރު ސްކޫލް ހިންގާނީ ސްކޫލްގެ ޕްރެފެކްޓުންނޭ ބުނެވިދާނެ، ބަހުސްތައް އެހާ ގިނަ ވާނެ، ކްލަބްތައް އެހާ ވަރަށް އޮންނާނެ، އެއަށް ކުރިމަތިލުމާއި، ތާއީދު ހޯދުމާއި، މި ހުރިހާ ކަމެއް ވެސް، ނަތީޖާއަކީ މައިންބަފައިން ކައިރީ ތިމާ އެ ހުރި ތަނެއް ބުނެލާފައި އުޅުން، މި ކަހަލަ ސެލްޑް-މޯރަލްސް ދަސްވެފަ މި ތިބީ، އެބަ ވިސްނޭ ނުބުނަންޏާ އުޅޭ ތަނެއް ނޭނގިގެން އެ މީހުން ހާސްވާނެ ކަން،" އިބްރާ ވިދާޅުވި އެވެ.

އަމިއްލައަށް ޒިންމާ އުފުލަން ދަސްކޮށްދިނުމުގެ ތެރެއިން ދެން ކުރަން އޮތް ކަމަކީ ދިވެހި ދައުލަތް ހިންގާ ގޮތާއި، ހެޔޮ ވެރިކަމެއް ގާއިމްކުރުމުގެ އަސާސްތައް ވެސް އުނގަންނައި ދިނުމެވެ. މި އަސާސްތައް ނުދަނެ ޒުވާން ޖީލެއް ބިނާ ކޮށްފިނަމަ، ގާނޫނު އަސާސީގައި ތަސައްވަރުކޮށްފައި އޮތް ހެޔޮ ވެރިކަން ނުފެނިދާނެ ކަމަށް، މަޖިލިސް މެންބަރު ޖީހާން ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް ހަރަކާތްތަކުން ނެރެން ބޭނުންވާ ނަތީޖާ މި ނެރެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ދައުލަތުގެ ނިންމުން ނިންމަން، އެ ވިސްނުމަށް އިހުތިރާމު ކުރާނަމަ ވޯޓު ލާއިރު ވިސްނާނީ ވެސް އެންމެ ގާބިލް މީހަކު ހޮވަން، އެ ވިސްނުން ނެތީ ޑިމޮކްރެޓިކް އެ ހަމައަށް އިހުތިރާމު ނުކުރެވޭތީ، އެހެންވެ އިއްތިފާގުން ހޮވޭނީ އެންމެ ރަނގަޅު މީހުނެއް ނޫން،" ޖީހާން ގަބޫލުކުރައްވާ ގޮތް ހިއްސާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންނަވާ މެންބަރެއްގެ ހައިސިއްޔަތުން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ ގައުމީ މައުލޫމާތުތަކާއި ގައުމުގެ ތާރީޚު ނޭނގޭ މިންވަރު މަޖިލީހުގެ ތެރެއިން ވެސް އޭނައަށް ފެންނަ ކަމަށެވެ. ގައުމީ ވިސްނުމާއި ދިވެހީންގެ އާދަކާދައާއި ގައުމިއްޔަތުގެ ލޯބި އަށަގަންނަން ވީހާވެސް ގިނަ ހަރަކާތްތަކެއް އިތުރު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ، އެމްއެންޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އުޝާމް ވެސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމު އޮތް ގޮތާއި، ސަރުކާރުގެ ކެބިނެޓާއި، ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަރީ ހިނގާ ގޮތުގެ ބޭސިކްއެއް ސްކޫލް ދައުރުގައި ކިޔަވައިދޭން ޖެހެ އެވެ. އަދި އޭގެ ތެރެއިން ގައުމީ ލޯބި އުފެއްދުން މުހިންމެވެ.

އިންސާނީ ހައްގުތައް، ހެޔޮ ވެރިކަން، މުޖުތަމައުގެ ދިރިއުޅުން؛ ސްކޫލް ނިޒާމުގެ ތެރެއިން އިސްކަން ދެން ދޭންވީ މި ކަންކަމުގެ މައްޗަށެވެ. ޅައިރުން ފެށިގެން ތަރުބިއްޔަތު ނުދެވި އޮތުމުން އޭގެ ނަތީޖާއަކީ މިއަދު މި ދެކޭ މުޖުތަމަ އެވެ.