Advertisement

މިންވަރުފުޅު, ނަސީބު، މަސައްކަތް: މިއީ އޭޑީކޭއިން މަސައްކަތްތެރިޔާ ސަލަމާތް ކުރި ގޮތް

28 ސެޕްޓެންބަރު 2022 - 17:40 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބިދޭސީ މަސައްކަތްތެރިޔާގެ ހަށިގަނޑަށް ދަގަނޑު ހެރި ލިބުނު ގެއްލުންތައް: އޭޑީކޭގެ މަދުވެގެން 11 ޑޮކްޓަރުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވި -- ފޮޓޯ: އަބްދުﷲ އިޔާން


މިންވަރުފުޅު, ނަސީބު، މަސައްކަތް: މިއީ އޭޑީކޭއިން މަސައްކަތްތެރިޔާ ސަލަމާތް ކުރި ގޮތް

28 ސެޕްޓެންބަރު 2022 - 17:40 0

ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންގެ މަސައްކަތްތެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެނައި ވަގުތު، ޑރ. އަހުމަދު ނިޝާން ހުންނެވީ އެ ހޮސްޕިޓަލުގެ ސާޖަރީ ކުރާ ތިއޭޓަރުގަ އެވެ. ޑޮކްޓަރަށް ފުރަތަމަ ލިބުނު މެސެޖަކީ މީހެއްގެ ނޭފަތަށް އެއްޗެއް ހެރިގެން ގެނެސްފައި އޮތް ކަމަށެވެ.

ނޭފަތަށް އެއްޗެއް ހެރިގެން ގެންނަ މީހުން އާންމު ގޮތެއްގައި ބަލަނީ އީއެންޓީ ޑޮކްޓަރެވެ. އެހެންކަމުން، ސާޖަރީ ޑޮކްޓަރަށް އެކަން އެންގުމުން، އެއީ ކީއްވެގެންތޯ ޑރ. ނިޝާންގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަކު، އުމުރުން 34 އަހަރުގެ އެ މަސައްކަތްތެރިޔާގެ ސީޓީ ސްކޭން ބަލައިލުމުން އޭނާއަށް މެސެޖު އައި ސަބަބު ޑރ. ނިޝާނަށް އޮޅުމެއް ނެތި ސާފުވި އެވެ.

"އަޅުގަނޑަށް އެ އިމޭޖް ބެލީމަ އެބަ އެނގޭ ނޭފަތަށް ވަދެފައި އިން ދަގަނޑެއް، ހަމައެކަނި ނޭފަތަށް ވަދެފައި ނޫންކަން އިނީ، އަދި އެއަށްވުރެ ވެސް ކުރިއަށްދާކަން. މި އެނިމޭޝަނުން، އެ ފެންނަނީ ދަގަނޑު ހަށިގަނޑަށް ވަދެފައި އެ ދަތުރުކުރަމުންދިޔަ ގޮތް،" އޭޑީކޭގައި ނޫސްވެރިންނަށް އަޅުވާލި ޕްރެޒެންޓޭޝަނަށް އިޝާރާތް ކުރައްވަމުން ޑރ. ނިޝާން ވިދާޅުވި އެވެ.

މަސައްކަތްތެރިޔާއަށް ލިބުނު ގެއްލުންތައް ޑރ. ނިޝާން ހިއްސާ ކުރައްވަނީ: އޭނާ ސަލާމަތް ކުރެވުނީ ވަރަށް ގިނަ ޑޮކްޓަރުންގެ މަސައްކަތުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މި ސެޕްޓެމްބަރު 17، ގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ފުރާނަ ސަލާމަތްވީ ވަރަށް ގިނަ ކަންކަން އޭނާއަށް ފަހިވާ ގޮތަށް ހިނގައިގެން ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަނިޔާވި މަސައްކަތު މީހާ ސަލާމަތްވުމުގައި އޭނާގެ އެކުވެރިން އޭނާ ހޮސްޕިޓަލަށް އަވަހަށް ގެނައުމާއި އޭޑީކޭގެ ޓީމު ކުރި މަސައްކަތް ބޮޑު ބައެއް އަދާ ކުރި އެވެ. އެކަމަކު ޑޮކްޓަރުން ބުނީ، ހާއްސަކޮށް މި އެކްސިޑެންޓުގައި އޭނާ ސަލާމަތްވީ، އާދަޔާ ހިލާފަށް އޭނާގެ ގުނަވަންތަކާއި މައި ނާރުތަކަށް ގެއްލުމެއްނުވުން ކަމަށެވެ.

އާރްސީސީ ސައިޓުގައި ހިނގި އެކްސިޑެންޓު ހިނގީ، ވައިގޮޅިން އިމާރާތުގެ ހަ ވަނަ ބުރިއަށް އަރުވަމުންދިޔަ ދަގަނޑުތައް ވެއްޓުނު އަޑަށް އެ ގޮޅިއަށް މަސައްކަތްތެރިޔާ ބޯ ދިއްކޮށްލި ވަގުތެވެ. ހެލްމެޓާއި ސޭފްޓީ ބޫޓަށް އަރައިގެން ހުރި މަސައްކަތްތެރިޔާގެ ހަށިގަނޑަށް ދަގަނޑު ވަނީ ނޭފަތުން ލައިފަ އެވެ.

އޭނާގެ ހަށިގަނޑުގެ މުހިންމު ހުރިހާ ދިމާލަކުންހެން ދަގަނޑު ދަތުރުކުރި އެވެ. އެގޮތުން ދަގަނޑު އޭނާގެ ހަށިގަނޑަށް ވަނީ ނޭފަތުގެ ކަށިތައް މުގުރާލުމަށްފަހު އެވެ. ދެން އޭތި ގޮސް ތަލީގައި ޖެހި ތަލި ފުނޑާލުމަށްފަހު ކަރުގެ ފަހަތުން ޖެހުނީ މައިބަދައިގަ އެވެ. މައިބަދައިގެ ފުރަތަމަ ތިން ބަދައަށް ދަގަނޑުން ގެއްލުންވި އެވެ. އެ ހިސާބުން ތިރިއަށް ދަގަނޑު ދަތުރު ކުރަމުން، ފުއްޕާމޭގެ އެއް ބައިގައި ޖެހުމަށްފަހު އޭގެ ތިރިން އިންނަ ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑުގެ ފޫއަޅުވާލުމަށްފަހު ގޮސް މައިތިރިވީ އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހުމުންނެވެ.

ދަގަނޑު ހަށިގަނޑަށް ވަދެފައި އިން ގޮތް: އޭނާ ސަލާމަތްވީ ނުވަ ގަޑިއިރުގެ ސާޖަރީތަކަކަށްފަހު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަނިޔާވި މަސައްކަތު މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެނެވުނީ ހަ ފުޓޫގެ އެ ދަގަނޑުގެ އެއް ބައި ބުރިކޮށްލުމަށްފަހު، ޕިކަޕަކަށް އަރުވައިގެނެވެ. އޭޑީކޭގެ އެމަޖެންސީ ކޮޓަރިއަށް އޭނާ ވެއްދިއިރު ގަޑިން ހުރީ އެ ދުވަހުގެ 11:25 ހިނގައިފަ އެވެ. އެ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދެއްވީ އެމަޖެންސީ މެޑިސިނަށް ހާއްސަ ޑރ. އަހުމަދު ޒިޔާން އެވެ. އެންމެ ފުރަތަމަ ވެސް ޑޮކްޓަރު ބެއްލެވީ އަނިޔާވި މީހާގެ ވައިޓަލް ސައިންސެވެ. އެގޮތުން އޭނާގެ ވިންދާއި ހަށިގަނޑުގެ ހޫނުމިނާއި ނޭވާލާ މިންވަރާއި ބްލަޑް ޕްރެޝަރު ޑރ. ޒިޔާން ބެއްލެވި އެވެ.

ޑރ. ޒިޔާންގެ ބެލުމުގެ ދަށުން އޭނާގެ ޓީމު ދެން ކުރި މަސައްކަތުގެ ތެރޭގައި އައިވީ އާއި ލޭ ދިނުމަށް ބޭނުންވާނެ ހޮޅިތައް އަނިޔާވި މީހާގެ ހަށިގަނޑަށް ގުޅުން ހިމެނެ އެވެ. ޑޮކްޓަރުން ބުނީ، އެހެން ހެދުމުގެ ބޭނުމަކީ ފަހުން އޭނާ ކޮލެޕްސްވުން އެކަށީގެންވާތީ އެވެ. މީހާ ކޮލެޕްސްވެއްޖެ ނަމަ ނާރުތައް ވެސް ލެއްޕޭތީ، ލެޔާއި އައިވީ ހޮޅި ނާރަށް ގުޅުން ވާނީ ގޮންޖެހުމަކަށެވެ. އެހެންކަމުން ފަހުން ދިމާވެދާނެ މައްސަލައަކުން ދުރުވުމަށް، އެ ވަގުތު އެ މަސައްކަތް ކުރުން ވަރަށް މުހިންމުވި އެވެ.

އެއަށްފަހު އަނިޔާވި މީހާ ޑރ. ޒިޔާން ބެލުމުގެ ދަށުން ގެންދިޔައީ ސީޓީ ސްކޭނެއް ހެއްދުމަށެވެ. އެއިރު އޭޑީކޭއިން ދިޔައީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން، އަނިޔާވި މީހާއަށް ހާއްސަވުމަށް މޮބިލައިޒް ކުރަމުންނެވެ. ބޮޑެތި ހާދިސާތަކަށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެކަމަށް ބޭނުންވާނެ ހުރިހާ ޑޮކްޓަރުން މޮބިލައިޒް ކުރުމަށް އޭޑީކޭއިން އޮތީ މީގެ ކުރިން ސިސްޓަމެއް ހަދައިފަ އެވެ. އެހެންކަމުން ނިކަން އަވަހަށް، އެތައް ސްޕެޝަލިސްޓުންނެއް އަނިޔާވި މީހާގެ ކޭސްއަށް އެޓެންޑުވި އެވެ. ސީޓީ ސްކޭން ވަގުތުން ބަލަން، ސާޖަރީ ޑޮކްޓަރުގެ އިތުރުން އެހެނިހެން ޑޮކްޓަރުން ވެސް ތިއްބެވެ.

"ސީޓީ ސްކޭން ހެދުމުން ލިބިފައި ހުރި އަނިޔާތަކުގެ އިތުރު ތަފްސީލު ލިބުނު. އާންމުކޮށް އަޅުގަނޑުމެން ހަދާ ގޮތަކީ ސީޓީ ހެދުމަށްފަހު ޕޭޝަންޓުން އަނބުރާ އެމެޖެންސީއަށް ގެންދަނީ. އެކަމަކު އަޅުގަނޑުމެން [ޑޮކްޓަރުން] ދިމާވެފައި ނިންމީ ސީޓީ ހެދުމަށްފަހު އެމެޖެންސީއަށް ނުގެންގޮސް ސީދާ ތިއޭޓަރަށޭ ގެންދާނީ،" ޑޮކްޓަރުންގެ ވިސްނުން އެވަގުތު ހުރި ގޮތް ކިޔައިދެއްވަމުން ޑރ. ނިޔާފް ވިދާޅުވި އެވެ.

ދަގަނޑު ހެރިފައި އިން ތަން ސީޓީ ސްކޭނުން ރަނގަޅަށް ފެނުމުން ދަގަނޑު ނެގުމުގެ ޕްލޭނެއް ޑޮކްޓަރުން އެކުލަވާލި އެވެ. އެވަރުގެ ދަގަނޑެއް ބުރިކޮށްލެވޭވަރުގެ ޓޫލެއް ނެތުމުން ހޮސްޕިޓަލުގެ މެއިންޓެނަންސް މުވައްޒަފުން މޮބިލައިޒްކޮށް، ގްރައިންޑަރަކާއެކު ތިއޭޓަރުގައި ބޭތިއްބި އެވެ. އަދި ދަގަނޑު ނެރުމުގެ ތެރޭގައި ކުރިމަތިވެދާނެ ހާލަތަކަށް، އެކި ދާއިރާތަކުގެ ސާޖަރީ ސްޕެޝަލިސްޓުން ތައްޔާރުވެގެން ތިއްބެވެ. އެއިރުވެސް އަނިޔާވި މީހާގެ ހޭ ހުރެފައި، ވާހަކަ ވެސް ދައްކަ އެވެ. ސާޖަރީތައް ހެދުމަށް ޑޮކްޓަރުން އޭނާ ހޭނައްތާލީ އެ ހިސާބުންނެވެ.

"ވަރަށް މައި ގުނަވަންތަކެއްގެ ތެރެއިންނާއި މައި ގުނަވަންތަކެއްގެ ކައިރިން ލާފައި ދަގަނޑު އައިސް މި އިންނަނީ. އެހެންވީމަ އަޅުގަނޑުމެންނަށް އެނގިއްޖެ މިއީ ވަރަށް ސީރިއަސް އިންޖަރީއެއްކަން. އެހާ ހިސާބުން ހުރިހާ ސާޖިކަލް ސްޕެޝާލިޓީއެއް ތިއޭޓަރަށް އައި،" ޑރ. ނިޝާން ވިދާޅުވި އެވެ.

އަނިޔާވި މީހާއަށް ލިބުނު ގެއްލުންތައް ޑރ. ޝާފިއު ކިޔައިދެއްވަނީ: އުކުޅުވަޅު ކަށިގަނޑުގައި ނުޖެހުން ނަމަ ފައިވަޅަށް ދަގަނޑު ހެރި މައި ނާރެއް ބުރިވުމުގެ ފުރުސަތު އޮތް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެކަމަކު، އެފަދަ ހާލަތެއްގައި އޮތް މީހަކު ހޭ ނައްތާލުމަކީ ވެސް އާދައިގެ ކަމެއް ނޫނެވެ. ދަގަނޑުގެ ސަބަބުން އޭނާގެ ކަނދުރާއަށް ވެސް ގެއްލުންވެފައި ހުރި ކަމަށް އެއިރު ބެލެވުނެވެ. އެހެންކަމުން މަސައްކަތް ކުރިއަށްގެންދިޔައީ އޭނާގެ ކަނދުރާ ސްޓެބިލައިޒްކޮށް، ނުގުޑާނެ ގޮތަށް ހިފަހައްޓައިގެނެވެ. އަދި އަނގަޔަށް ގިނަ އަދަދަކަށް ލޭ ޖަމާވެފައި ހުރުމުން ނޭވާ ހޮޅިއަށް، އޮކްސިޖަން ހޮޅި ވެއްދޭނެކަން ޔަގީން ކުރަންޖެހުނެވެ. އެކަމަކު އެއްވެސް ކޮމްޕްލިކޭޝަނެއް މެދުވެރިނުވެ ހޭނައްތުމަށް ހާއްސަ ޑރ. ދުސޫމާ އަބްދުއްރައްޒާގަށް އެ މަސައްކަތް ކުރެވުނެވެ.

"ފުރަތަމަ ފެއިލްވެދާނެތީ އީއެންޓީ ސާޖަން ފުރަތަމަ ތިއޭޓަރަށް ގެނައީ. ސާޖަން ބަހައްޓާފައި އަޅުގަނޑު އަޅުގަނޑަށް [ހޮޅި] ނުލެއްވިއްޖެޔާމު ކަރުގެ ކުރިމަތިން ލޯވަޅެއް އަޅާފައި ނަމަވެސް އެއާވޭ ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން ބާއްވަންވެގެން އެއީ،" ޑރ. ދުސޫމާ ކިޔައިދެއްވި އެވެ. "ކަން ދިމާވި ގޮތުން ވަރަށް ނަސީބު ގަދަ، ފުރަތަމަ އެޓެމްޕްޓުން ހޮޅި ލެއްވިއްޖެ."

އެކަމަކު އަނިޔާވި މީހާގެ މެޔާއި ފުއްޕާމެއަށް ލޭ އެޅިފައި ހުރުމުން، ފުއްޕާމޭ ފުފެން ރަނގަޅަށް ޖާގަ ނުލިބޭތީ ދަގަނޑު ނެގުމުގެ ކުރިން އެކަން ވެސް ޑޮކްޓަރުންނަށް ހައްލު ކުރަންޖެހުނެވެ. އެ މަސައްކަތް ކުރެއްވީ މޭގެ ސާޖަރީ ހެއްދެވުމަށް ހާއްސަ ޑރ. ކައުޝަލް ކިޝޯރު އާއި ޑރ. މުހައްމަދު ޝާފިއު އެވެ.

"ފުއްޕާމޭ އޮތީ ފަތްޖެހިފަ، އަދި އެތެރެއަށް ލޭ އެޅިފަ. ޕޭޝަންޓު ހޭ ނެއްތުމުން އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ މޭގައި ލޯވަޅެއް އަޅައި ހޮޅިއެއް ގުޅުމަށްފަހު ލޭތައް ނެގީ. އެހާ ހިސާބުން ރަނގަޅަށް ފުއްޕާމޭ ފުފެން ޖާގަ ލިބުނު. އަދި ޕޭޝަންޓުގެ ވައިޓަލްސް ވެސް ރަނގަޅުވި،" އެ މައްސަލަ ހައްލު ކުރި ގޮތް ޑރ. ކައުޝަލް ކިޔައިދެއްވި އެވެ.

ސާޖަރީގެ ހުރިހާ ކަމެއް ތައްޔާރުވުމުން، ޑޮކްޓަރުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އަނިޔާވި މީހާގެ ބަނޑު، މަތިން ތިރިއަށް އެއްކޮށް ފަޅާލުމެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ޑރ. ނިޝާން އެވެ. ބަނޑު ހުޅުވާލުމުން ދަގަނޑުގެ ބައެއް އޮތީ ފެންނާށެވެ. ޑޮކްޓަރުން ނިންމީ، މަޑުމަޑުން ދަގަނޑު މައްޗަށް ނެގުމަށެވެ. ދަގަނޑު ނަގާއިރު އެ ނުގުޑާ ނެގުން ވެސް ވަރަށް މުހިންމެވެ. އެކަން ކުރެއްވީ މޭގެ ސާޖަރީ ހެދުމަށް ހާއްސަ ޑރ. މުހައްމަދު ޝާފިއު ޑރ. ނިޝާންއާ ދެ ޑޮކްޓަރުންނެވެ.

"ދަގަނޑު ސްޓެބިލައިޒްކޮށްފައި ބަހައްޓައިގެން ނެރުމަކީ ވެސް ވަރަށް މުހިންމު ކަމެއް. ދަގަނޑު ގުޑަ ކަމަށްވާ ނަމަ ހަމަ އެހެން ގެއްލުމުގެ ފުރުސަތު ވެސް އޮތް. އެހެންވީމަ ވަރަށް މަޑުމަޑުން ސެންޓިމީޓަރަކުން ނެރުނީ،" ޑރ. ނިޝާން ވިދާޅުވި އެވެ.

އަނިޔާވި މީހާގެ މައިބަދައަށް ލިބުނު ގެއްލުންތައް: މައިބަދައަށް ސަޕޯޓެއްގެ ގޮތުން ވަނީ އެއްޗެއް ލައްވައިފަ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސެންޓިމީޓަރަކުން، ބައި ސެންޓިމީޓަރުން، މަޑުމަޑުން ދަގަނޑު ނަގަމުން ގޮސް ބަނޑާ ހަމައަށް ދަގަނޑުގެ ކޮޅު ގެނެވުމުން އެބައި ކޮންމެސް ވަރަކަށް ތޫނުކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން، މީހާގެ ހަށިގަނޑަށް ގެއްލުން ލިބިފައި ހުރި ގޮތް ކޮންމެވެސް ވަރަކަށް ވަޒަންކޮށްލެވުމާއެކު ދަގަނޑު ހަށިގަނޑުން ނެގުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން އެނގުނެވެ. ދަގަނޑު އެއްކޮށް ނެގުމަށްފަހު ބެލިއިރު، އަނިޔާވި މީހާގެ ހަށިގަނޑުގައި މޭޖާ ބްލީޑިންއެއް ނެތެވެ. އަދި ފުރަމެއަށް ފަރުވާދޭންޖެހޭވަރުގެ ގެއްލުމެއް ވެސް ލިބިފައެއް ނެތެވެ. ގޮހޮރަށް ވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. ގޮހޮރަށް ގެއްލުން ލިބުނު ނަމަ، ވަރުގަދަ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު އޮތީހެވެ. އޭނާގެ ބަނޑު ފެހީ، އެތެރެއަށް އެޅިފައި ހުރި ލޭތައް ނެގުމަށްފަހު އެވެ.

"ދަގަނޑު އައިސް ޖެހިފައި އިނީ އުކުޅުވަޅުގެ ކަށިގަނޑުގައި. އެތަނުގައި ނުޖެހުން ނަމަ ޖެހޭނީ ފައިވަޅުގައި. އެއިރުން މައި ނާރެއް ހަލާކުވުމުގެ ފުރުސަތު އޮންނާނެ. އަދި ޑަޔަފްރަމް ވެސް އަޅުގަނޑުމެންނަށް ފަހަން ޖެހުން. އެއީ ވަރަށް މުހިންމު ބައެއް ފުއްޕާމެއަށް ނޭވާލުމަށް،" ޑރ. ޝާފިއު ވިދާޅުވި އެވެ.

އެ ސާޖަރީ ނިމެން ގާތްވިއިރު އަނިޔާވި މީހާގެ މޫނުމައްޗަށް ފަރުވާ ދޭން ޑޮކްޓަރުން ފެށި އެވެ. އެކަމުގައި އުޅުއްވީ އީއެންޓީ އަށް ހާއްސަ ޑރ. ހުސެއިން ނާޒިފެވެ. އޭނާ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ނޭފަތުގެ ކަށިގަނޑު ސީދާ ކުރުމެވެ. އޭގެ ފަހުން ނޭފަތަށް ވެއްދީ ނޯސް ޕެކެކެވެ. އެއީ ނޭފަތް ހުޅުވާފައި ބެހެއްޓުމަށް ވައްދާ އެތިކޮޅެކެވެ. ދަގަނޑުގެ ސަބަބުން އަނިޔާވި މީހާގެ ތަލި އޮތީ ފަޅައިގެން ގޮސް ހުޅުވިފަ އެވެ. ދެން ޑރ. ނާޒިފް ކުރެއްވި މަސައްކަތަކީ ތަލި ފެހުމެވެ. ހަމަ އެވަގުތު ޕްލާސްޓިކް ސާޖަން ޑރ. ބުއްދީ ނާތު ގާތުން އެހީތެރިވަމުންދިޔަ އެވެ. އާންމުކޮށް، އެފަދަ ކްރިޓިކަލް ހާލަތްތަކުގައި ޑޮކްޓަރުން ބަލަނީ ތަން ފަހާލެވޭތޯ އެވެ. ނަމަވެސް ޕްލާސިކް ސާޖަން ހުންނެވުމުން، ފެހުމާއި އެހެނިހެން މަސައްކަތް ދިޔައީ ފަހުން ވެސް މީހާގެ ސޫރަ ރީތިކޮށް ހުންނާނެ ގޮތަށެވެ.

"ގިނަ ފަހަރު މައި ބޮޑު އިންޖަރީއަކާ ގުޅިގެން، ހާއްސަކޮށް ބޭރު ފުށަށް ފެންނަން ހުންނަ ގުނަވަނެއްގެ އިންޖަރީއާއެކު ގެނެވޭ ފަރާތެއް ފުރަތަމަ އާންމުކޮށް ބަލާނީ ރަނގަޅު ކޮށްލުމަށް. ރީތިކޮށް ރަނގަޅުކޮށްލުމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ. އެކަމަކު ޑރ. ބުއްދީ ހުންނަވައި ވަރަށް ރީތިކޮށް ރެޕެއާ ކުރެއްވީ،" އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

އަނިޔާވި މީހާގެ މައިބަދައަށް ގެއްލުންވެފައި ހުރުމުން ޑޮކްޓަރުން ދެން ފެށީ އެކަމަށް ފަރުވާ ދިނުމަށެވެ. ނިއުރޯސާޖަން ޑރ. އަލީ ނިޔާފް އިސްވެ ހުންނަވާ ކުރެއްވި މައިގަނޑު މަސައްކަތަކީ ކޯޕެކްޓޮމީ ހެއްދެވުމެވެ. އެއީ ހަލާކުވެފައި އިންނަ ބަދައިގެ ކުރިމަތީ ބައި ނެގުމަށްފަހު އެތަނަށް ސަޕޯޓެއްގެ ގޮތުން ޑިވައިސްއެއް ލެއްވުމަށް ކިޔާ ނަމެކެވެ. އަނިޔާވި މީހާގެ ބަދައަށް ލެއްވީ ޓައިޓޭނިއަމުން ހަދާފައި އިން ޑިވައިސެކެވެ.

"ވަރަށް ނަސީބު ގަދަ އެވަރުގެ އަނިޔާއެއް، ކަނދުރާގެ ކުރިމަތިން އައިސް ބަދުތަކަށްވީއިރު މައި ނާރަކަށް ގެއްލުމެއް ނުލިބޭ. މައި ނާރަކަށް ގެއްލުން ލިބުނު ނަމަ އެ ހިސާބުން ތިރި، އޭގެ މާނައަކީ އަތާއި ފައި ހަރަކާތްނުކުރެވި، ޕެރެލައިޒް ގިނަ މީހުން ވާނީ،" މައި ނާރަކަށް ގެއްލުމެއް ލިބުން ނަމަ ވާނެ ގޮތް ޑރ. އަލީ ނިޔާފް ކިޔައިދެއްވި އެވެ.

މަސައްކަތްތެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ އެވެ. އޭނާގެ އިޒުނައާއެކު ޑޮކްޓަރުން ނޫސްވެރިންނަށް ދައްކާލި ވީޑިއޯގައި ވެސް ފެންނަނީ އޭނާ ހިނގާލައި، އަތާއި ފައި ރަނގަޅަށް ހަރަކާތްކޮށްލާ މަންޒަރެވެ. އަދި އެންމެ މުހިންމު ކަމަކަށް ވީޑިއޯއިން ފެނުނީ މަސައްކަތްތެރިޔާގެ ހިނިތުންވުމެވެ. އެ ހިނިތުންވުން މިއަދު ފެނުނީ، ހަމަ ބުއްދިން ބަލާއިރު ސަލާމަތް ނުވާނެވަރުގެ ބޮޑު އަނިޔާއަކާއެކު އޭނާ ހޮސްޕިޓަލަށް ގެނައިތާ އެންމެ 11 ދުވަސް ފަހުންނެވެ. އޭގެ ފަހަތުގައި އޮތީ ﷲގެ އިރާދަފުޅާއި ޑޮކްޓަރުންގެ މަސައްކަތާއި ރަހުމަތްތެރިން ވެދިން އެހީ އެވެ.