Advertisement

ގުޅީފަޅަށް ވިޔާފަރި ބަނދަރު ބަދަލުނުކޮށް އިގްތިސާދު ފުޅާކުރެވޭނެ ޖާގައެއް ނެތް

26 ސެޕްޓެންބަރު 2022 - 09:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލޭ ކޮމާޝަލް ހާބަރު. މި ބަނދަރުގެ ކީވޯލަށް މިވަގުތު ކައިރި ކުރެވެނީ ކުދި ބޯޓު ފަހަރު ކަމުން ބޮޑެތި ބޯޓުތަކުން މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގުޅީފަޅަށް ވިޔާފަރި ބަނދަރު ބަދަލުނުކޮށް އިގްތިސާދު ފުޅާކުރެވޭނެ ޖާގައެއް ނެތް

26 ސެޕްޓެންބަރު 2022 - 09:10 0

ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިތާ 11 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެންދިޔައިރު އިގްތިސާދީ ގޮތުން ރާއްޖެއިން ހޯދަން ޖެހޭ ކުރިއެރުންތަކާ އަޅާބަލާއިރު ހޯދިފައި ވަނީ އެންމެ އެކަށީގެންވާ ކުރިއެރުންތަކެއް ނޫނެވެ. ރާއްޖެއަށް ވުރެ ފަހަތުގައި ތިބި ގައުމުތައް، އިގްތިސާދީ ގޮތުން ރާއްޖެ ވައްޓާލާފައި ކުރިއަށް ޖެހިލާފައިވާއިރު މިހާތަނަށް ސަރުކާރުތަކުގެ ސިޔާސަތުތައް ހުރީ ހަމައެކަނި ފަތުރުވެރިކަން ފުޅާކުރުމަށެވެ.

ރިސޯޓު ހަދަން ފުލުފުލުގައި ރަށްތައް ކުއްޔަށްދީ ކޮންމެ އަހަރަކު އެތައް ހާސް އެނދެއް މާކެޓަށް ނެރުނު ނަމަވެސް ރާއްޖޭގެ އިގްތިސާދު އޮތީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މިކަމުގައި މައިގަނޑު ދެ ސަބަބެއް އެބައޮތެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވިފައި ނެތުމާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމެވެ.

އޭގެ ތެރެއިން، ވެސް ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އިގުތިސާދަށް ނުހަނު ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެވެ. މި ފާހަގަކުރި 170 އެއްހާ ރިސޯޓުތަކަށާއި އެ ތަންތަނަށް ޒިޔާރާތްކުރާ އެތައް ލައްކަ ފަތުރުވެރިންނެއްގެ އިތުރުން މި ރާއްޖޭގައި ދިރިއުޅޭ ފަސް ލައްކައަށްވުރެ ގިނަ މީހުން ބޭނުންވާ ހުރިހާ މުދަލެއް ކުރަން ޖެހެނީ އިމްޕޯޓެވެ. އެއާ ފްރެއިޓުކޮށް ގެންނަ މަދު މުދާކޮޅެއްގެ އިތުރުން ބާކީ ހުރިހާ މުދަލެއް މީހުނާ ހަމައަށް ދަނީ އެމްޕީއެލްގެ ވިޔަފާރި ބަނދަރު މެދުވެރިކޮށެވެ.

ޖާގައިގެ ދަތިކަމަށް އޮތް ހައްލަކީ ގުޅީފަޅު

ކޮވިޑުގެ ކުރިން 2019 ގައި 62،719 ކޮންޓެއިނަރު އެ ބަނދަރަށް ބޭލި އެވެ. އޭގެ ވިދިގެން އައި އަހަރު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ 43،151 ކޮންޓެއިނަރު ބޭލި އެވެ. އެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މާކަނޑާ ހަމައަށް ހިއްކާފައި ބަނދަރުގައި ޖާގައެއް ނެތެވެ. މިހާރު ވެސް މާލޭ ކޮމާޝަލް ހާބަރުން ހިދުމަތް ދެމުން ދަނީ ނުކަތާ ވަރަށެވެ.

"ބޭރުން ގެންނަ މުދާ، ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވުމަކީ، އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް. ބަނދަރު ބޮޑުކުރެވޭކަށް ވެސް ނެތް،" އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހު ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ ދަތިތަކަށް ހައްލެއްގެ ގޮތުގައި މި ސަރުކާރުން ހުށަހެޅީ ގުޅީފަޅުގައި ބޮޑެތި އާގުބޯޓުތަކަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ސިނާއީ ބަނދަރެއް ގާއިމުކުރުމަށެވެ.

މަގަތު ފާލަމަށް މިވަގުތު ގާތްކުރެވެނީ އެންމެ ބޯޓަކަށް. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓުގައި އެއްފަހަރާ ތިން ބޯޓަށް ހިދުމަތް ދޭނެ --- ފޮޓޯ: އެމްޕީއެލް


ރައީސް ފާހަގަކުރެއްވި ފަދައިން މާލޭ ވިޔަފާރި ބަނދަރު އިންޗިއެއްހާ މިންވަރު ވެސް އިތުރަށް ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރާއްޖެއަށް އަހަރެއްގެ މައްޗަށް 40 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރާއިރު އޭގެ ތެރެއިން 70 ޕަސެންޓު މުދާ ވަންނަނީ އެމްޕީއެލް މެދުވެރިކޮށެވެ. އަދި، އެ މުދަލުގެ 90 ޕަސެންޓު އަންނަނީ ކޮންޓެއިނަރުގަ އެވެ. އެ ކޮންޓެއިނަރުތައް ބޯޓުތަކުން ބާލައި، ހުސްކޮށް، އަލުން އަނބުރާ ފޮނުވާލުމާ ހަމައަށް ބަހައްޓާނެ ޖާގައެއް ނެތެވެ.

ޖުމުލަ 80 ހެކްޓަރުގެ ބިން ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓަށް ހާއްސަކުރާއިރު އެތަނުގައި ގާއިމުކުރާ ކޮންޓެއިނާ ޓާމިނަލް ވެގެންދާނީ މި ގޮންޖެހުންތަކަށް ބޮޑު ހައްލަކަށެވެ. ކްލިއާ ކުރާ ކޮންޓެއިނަރުތައް ބަލާ ކަސްޓަމަރުން އަންނަންދެން ބަހައްޓަން ވަކި ހާއްސަ ސަރަހައްދުތަކެއް ގާއިމުކުރާނެ އެވެ.

ކޮންޓެއިނަރު އުފުލާ ބޯޓުތަކުގެ ސައިޒު ދުވަހެއް ދުވަހަކަށް ބޮޑުވާއިރު، ބަނދަރުގެ ސައިޒު އޮތީ އެއްވަރެއްގަ އެވެ. މަގަތު ފާލަމަށް ކައިރި ކޮށްލެވެނީ ކުދި ބޯޓުތަކަށެވެ. ބޮޑެތި ބޯޓުތަކަށް ހިދުމަތް ދޭން ޖެހެނީ އެންކަރުގައި ބާއްވައިގެންނެވެ. މަގަތު ފާލަމުގައި އެއް ބޯޓަށް ހިދުމަތް ދޭއިރު ހަތަރު ބޯޓު ނުވަތަ ތިން ބޯޓު އަބަދުވެސް ކިއުގައި އޮވެ އެވެ.

"ގުޅީފަޅުގައި ތިން ބޯޓު އެއްފަހަރާ މަގަތު ފާލަމަށް ގެނެވޭނެ. އަދި އޭގެ އިތުރުން ގެންޓްރީ ކްރޭނު ބޭނުންކުރެވުނީމަ ބޯޓުގައި ހުންނަ ކޮންޓެއިނަރު ބޭލުމާއި އަދި އެއްގަމުގައި ހުންނަ ކޮންޓެއިނަރު އެރުވުމުގެ ސްޕީޑު ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ،" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެމްޕީއެލްގެ ސްޕީޑު އަވަސްވާނެ

ޖާގައިގެ ދަތިކަމާއި ބަނދަރު ކުޑަވުމުގެ ސަބަބުން އެމްޕީއެލްގެ ހިދުމަތްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތައް އެބަހުއްޓެވެ. ވަކިން ހާއްސަކޮށް އަންނަ ބޯޓުތައް އަވަހަށް ހުސްކޮށް، މުދާ ބޭލުމަށް ފަހު ފުރުވާލުމަށް އެވެރެޖުކޮށް ގިނަ ދުވަސްތަކެއް ހޭދަވެ އެވެ. މިގޮތުން، ރާއްޖެ އަންނަ ބޯޓުތައް ހުސްކުރަން އާންމުކޮށް ހަތަރު ދުވަސް ނަގަ އެވެ.

"މިހާރު އަޅުގަނޑުމެންނަށް ބޯޓެއް ފުރުވާލެވެނީ ތިން ދުވަހުން ނުވަތަ ހަތަރު ދުވަހުން ކަމަށްވަންޏާ ގުޅީފަޅުގައި ބޯޓެއް ރާއްޖެ އައިސް، އަންލޯޑުކޮށްފަ، އަލުން ލޯޑުކޮށްފަ ފުރައިގެން ދާން ނުނަގާނެ 24 ގަޑިއިރު ވެސް،" ޝާހިދު ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަމާ ހެދި މުދާ ކްލިއާ ކުރުމުގައި ވެސް ގިނަ ވަގުތުތައް ހޭދަވެ ވިޔަފާރިވެރިންގެ ޝަކުވާއާ އެމްޕީއެލްއިން ކުރިމަތިލާން ޖެހެ އެވެ. މިވަގުތު ކްލިއަރިން އޭރިއާގައި އެ ކުންފުންޏަށް ބެހެއްޓެނީ އެންމެ 30 ކޮންޓެއިނަރެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރެއް ހުސްކުރުމުގެ މަސައްކަތް މަޖޫރީން ކުރަނީ. އެއް ވަގުތެއްގައި ކްލިއާ ކުރެވެނީ 30 ކޮންޓެއިނަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


"ދުވާލަކު އަޅުގަނޑުމެންނަށް ކްލިއާ ކުރެވެނީ 200، 300، ކޮންޓެއިނަރު. ގުޅީފަޅުގައި ކްލިއަރިންއަށް ލިމިޓެއް ނީންނާނެ. އެހެންވީމާ އެ ބޭފުޅެއްގެ މުދާ ބޯޓުން ބޭލޭހާ އަވަހަކަށް ބޭނުން ކޮންމެ ދުވަހަކު ކްލިއާ ކޮށްގެން ގެންދެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ނަމަ، އެ މުދާ ބޭލުމަށް ފަހު، ލޮރީއެއްގައި ގެންދަން ޖެހެނީ ޓީޖެޓީ ނުވަތަ މީރުބަހުރު ބަނދަރުގައި އޮންނަ އުޅަނދަކަށެވެ. މިއީ، ވެސް ރައްޔިތު މީހާއާ ހަމައަށް މުދާ ފޯރާ ވަގުތު އިތުރުވެ އަގު ވެސް އުފުލޭ ކަމެކެވެ.

ގުޅީފަޅު ޕޯޓު ތަރައްގީކުރަނީ ގޭޓުވޭ ޕޯޓެއްގެ ގޮތުގަ އެވެ. އެހެންކަމުން، އެ ބަނދަރަށް ބާލާ މުދާ ރަށްރަށަށް ވަގުތުން ފޮނުވާލެވޭނެ އެވެ. ޓީޖެޓީ އާއި މީރުބަހުރު ބަނދަރު ވެސް އެތަނަށް ބަދަލުކުރުމާ އެކު އެމްޕީއެލްގެ ހިދުމަތްތައް އެއްތަނަކުން ލިބި ސްޕީޑު ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ އެވެ.

މުދަލުގެ އަގަށް ބަދަލެއް އަންނާނެ؟

ރާއްޖޭގެ އާބާދީ 2054 ގައި އެއް މިލިއަނަށް އަރާނެ ކަމަށް ލަފާކުރާއިރު އިމްޕޯޓަށް ބިނާވެފައި މިވާ އިގުތިސާދު އެހެން ދިމާލަކަށް އަނބުރާލެވޭނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ. އިމްޕޯޓު މަރުހަލާގައި އަގު ތިރިކުރެވެން އޮތް އެންމެ ފަސޭހަ އަދި އެންމެ ބޭނުންތެރި ގޮތަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމެވެ.

ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރެއް އަދި މިނެޓަކީ ވެސް ފައިސާ އެވެ. ހުއްޓުމެއް ނެތި ވިޔަފާރި އަބަދުވެސް ކުރިއަށްދާއިރު، ބޯޓުތައް ލަސްވެ ކޮންޓެއިނަރުތައް ތާށިވުމަކީ ގެއްލިގެންދާ އެތައް މިލިއަން ރުފިޔާއެކެވެ. ބޯޓު ހުސްކުރަން ނަގާ ދުވަސްތަކާއި، ކޮންޓެއިނަރު ކްލިއާ ކުރުމުގައި ހުރި ލިމިޓުތައް އުވާލުން ވެގެންދާނީ އިމްޕޯޓުގެ އަގުތައް ދަށްވެގެންދާނެ ކަމަކަށެވެ.

އެމްޕީއެލްގެ ބަނދަރުން މުދާތަކެއް ނެރެގެން ގެންދަނީ. ގުޅީފަޅު ބަނދަރާއެކު ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މާލޭ ކޮމާޝަލް ހާބަރުގައި މުދާ ތާށިވުމާ އެކު ބާޒާރުގައި ހުންނަ އަގުތަކަށް އެނގުންވެ އެވެ. ނަމަވެސް، ގުޅީފަޅު ބަނދަރާއެކު އެ މީހަކު ބޭނުންއިރަކު މުދާ ކްލިއާ ކޮށްގެން ގެންދަންވީ އެވެ. ޑެމަރޭޖު ފީއެއް ދައްކަން ނުޖެހި ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަދި، ޓީޖެޓީ އާއި މީރުބަހުރު ބަނދަރު އެތަނަށް ބަދަލުކުރުން ވެގެންދާނީ އިންގިލާބީ ބަދަލަކަށެވެ. މާލޭ ބަނދަރުން ނެގެން ލޮރީއެއްގައި އެ މުދާ އޮޑިއަކަށް އަރުވަން ނުޖެހި ސީދާ ކޮންޓެއިނަރު ކަނޑާލާގޮތަށް އޮޑިއަށް މުދާ އެރުވޭނެ ގޮތް ފަހިވުމަކީ ވެސް އެތައް މިލިއަން ރުފިޔާއެއް ވިޔަފާރިވެރިންނަށް ސަލާމަތްކުރެވޭނެ ކަމަކަށް ވާނެ އެވެ.

މި ހިނގާ 2022 ވަނަ އަހަރު ރެކޯޑު 3.3 ބިލިއަން ޑޮލަރަށް އިމްޕޯޓުގެ އަގު އަރާނެ ކަމަށް ބެލެވޭއިރު މި އަދަދު ކޮންމެ އަހަރަކު ވެސް ދާނީ އިތުރުވަމުންނެވެ. އެހެންކަމުން، ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއާ އެކު އިމްޕޯޓު ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި، ހިދުމަތްތައް އަވަސްވެ، މުދާ ބޭލުމުގައި ވާ ފަސޭހައިގެ ހެޔޮ އަސަރު ތަކެތީގެ އަގުން ފެންނާނެ ކަމަށް ބެލެވެ އެވެ.

މަޝްރޫއު ކުރިއަށްގޮސްފައިވަނީ ކިހާ ވަރަކަށް؟

ޖުމުލަ 190 ހެކްޓަރުގެ ބިން ގުޅީފަޅު މަޝްރޫއުގެ ދަށުން ހިއްކުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން އެއްބައި ހިއްކުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ. ބާކީ އޮތް ބައި ހިއްކުމަށް ސަރުކާރުން ވަނީ ޖޫން މަހު 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފަ އެވެ. ޕޯޓު ބަދަލުކުރަން ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިއަން ކިއުބިކް މީޓަރު ހިއްކާށެވެ.

ޕްލޭނިން މިނިސްޓްރީން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާރު ކުރިއަށް ދަނީ ކޮންޓްރެކްޓަރުން ޕްރީކޮލިފައިކުރުމުގެ މަރުހަލާ ފެށުމުގެ މަސައްކަތެވެ. މިހާތަނަށް މި މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ސޮއިކޮށްފައިނުވާއިރު އިންޑިއާ އެގްޒިމް ބޭންކުން ހަމަޖައްސާފައިވާ ލައިން އޮފް ކްރެޑިޓުންނާއި ސަރުކާރުގެ ބަޖެޓުން މި މަޝްރޫއުއަށް 6.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވެ އެވެ.

"ދެން ހިއްކަން އޮތް ހިސާބު ހިއްކާފައި ޑިވެލޮޕްމަންޓުގެ މަސައްކަތްތައް ފަށާނެ. ހިއްކުމަށް ފަހު ޕްރޮޖެކްޓުގެ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކުރިއަށްދާނެ،" ޝާހިދު ވިދާޅުވި އެވެ.

ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓުގެ ކުރެހުމެއް. ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިންމުވެފައިވާ މަޝްރޫއު


ތިން ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގައި ފުރަތަމަ ފިޔަވައްސަކީ ޕޯޓު ތަރައްގީކުރުމެވެ. އަނެއް ދެ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޖެނެރަލް ކާގޯ އަދި ކޮންޓެއިނާ ޓާމިނަލް ވަކިކުރުމާއި އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރަށް ކޮންޓެއިނާ ޓާމިނަލް ތަރައްގީކުރުމެވެ.

އަހަރެއްގެ ތެރޭގައި ހަތަރު ލައްކަ ކޮންޓެއިނަރަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ ގުޅީފަޅު އިންޓަނޭޝަލް ޕޯޓު މަޝްރޫއުގެ ދަށުން ޕޯޓު އެޅުމުގެ އިތުރަށް، ހާއްސަ ހުއްދައިގެ ދަށުން ބޭރުކުރެވޭ ކާގޯތަކަށް ހާއްސަ ބޮންޑަޑް ވެއާހައުސްއަކާއި ނޯތު ހާބަރާއި ޓީ-ޖެޓީގެ ހަރަކާތްތައް ގުޅިފަޅަށް ބަދަލުކުރަން ޑޮމެސްޓިކް ކާގޯއަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުން ހިމެނެ އެވެ.