Advertisement

އެންމެން އެއްބަސްވޭ؛ ނިޒާމަށްޓަކައި "ވިއަވަތި ރާއްޖެ" މަޖުބޫރު

13 ސެޕްޓެންބަރު 2022 - 08:20 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ލ. ގަން

"ވިއަވަތި" ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ކޮންފަރެންސްއަކީ ކާމިޔާބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި


އެންމެން އެއްބަސްވޭ؛ ނިޒާމަށްޓަކައި "ވިއަވަތި ރާއްޖެ" މަޖުބޫރު

13 ސެޕްޓެންބަރު 2022 - 08:20 0

ލ. ގަން

ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް, އާ ނިޒާމެއްގެ ދަށުން ގާނޫނު ހިނގަން ޖެހުނު ކައުންސިލަރުން ހުއްޓުން އޭރު އަރާފައި ތިބީ ކުރިއަށް ދާންވީ މަގެއް ސާފުނުވެ, ނިޒާމަށް މުޅި ދައުލަތް ވެސް ތައްޔާރު ނުވެ އޮތުމެވެ.

އެ އުދާހާއި ދަތިތައް ވަރަށް ހޫނުކޮށް, އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މެދުރާއްޖެތެރޭ ރަށްތަކަށް ނިސްބަތްވާ ކައުންސިލަރުން ފާޅުކުރެއްވި އެވެ. ހޫނު ބަހުސްތަކާއި މަޝްވަރާތަކާއި އެހާމެ ގިނަ, ވަރުގަދަ ސުވާލުތައް އޮތެވެ.

"ވިއަވަތި ރާއްޖެ" ކޮންފެރެސްއަކީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަށް ލާމަރުކަޒީ ނިޒާމް, ފުރިހަމަކޮށް ހަރުދަނާކުރުމަށް ސީދާ ކައުންސިލަރުންގެ ބައިވެރިވުން ބޮޑުކޮށް މަޝްވަރާކޮށް ހައްލުތައް ހޯދުމަށް ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ.

ސިލްސިލާގެ ދަށުން އިއްޔެ ނިމިގެން ދިޔައީ ލ. ގަމުގައި ބޭއްވި ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސް އެވެ. އުކުޅަހުން ފެނުނު މަންޒަރާއި ގަމުން ފެނުނު މަންޒަރު ކޮންމެ ވެސް ވަރަކަށް ތަފާތެވެ; ނިޒާމާ ގުޅޭ ގިނަ ބަހުސްތަކާއި މަޝްވަރާތައް އޮތް ނަމަވެސް, ގަމުގައި އުކުޅަހަށްވުރެ ޝަކުވާތަކާއި ކަންބޮޑުވުންތައް މަދެވެ.

ރައީސް ސޯލިހަށް ވެސް އުކުޅަހުން ގަމަށް ކުރި ދަތުރުގައި ފާހަގަކުރެއްވުނީ އެކަމެވެ;

"އުކުޅަހުގައި އައި ކަންބޮޑުވުންތަކަށްވުރެ މި ކޮންފަރެންސްގައި އައި ކަންބޮވުންތައް މަދު, އަޅުގަނޑު ހީކޮށްގެން ހުރީ ދެކުނަށްވެފައި ބޮޑު އާބާދީއެއް ތަމްސީލް ކުރާ, 100 އަށްވުރެ ގިނަ ކައުންސިލަރުން އައި, އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑެތި ޝަކުވާތައް, ކަންބޮޑުވުންތައް އަންނާނެ ކަމަށް, އެހެންނަމަވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ," ކޮންފަރެންސް ނިންމައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އޭގެ މާނައަކީ ރައީސް ގަބޫލު ކުރައްވާ ގޮތުގައި, އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ފާހަގަކުރި ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވިފައިވުމެވެ. ނިޒާމްގެ ތެރޭން މައްސަލަތައް ހައްލުވެ, މަދުވަމުން ދިޔުމެވެ.

މިކަމުގައި ރައީސްއާ އެއްކޮޅަށް ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވެސް އެރުއްވި އެވެ. އޭނާއަކީ ކައުންސިލަރުންގެ ތެރޭން އުކުޅަސް އަދި ގަމުގެ ކޮންފަރެންސްގައި ވެސް ބައިވެރިވި ހަމައެކަނި ކައުންސިލަރެވެ.

އެ ކޮންފަރެންސްގައި ވެސް ބައިވެރިވި ކައުންސިލަރެއްގެ ހައިސިއްޔަތުން ޔާމީން ވިދާޅުވި ގޮތުގައި, އުކުޅަހަށް ދިޔައިރު ލާމަރުކަޒީ ގާނޫނު އަލަށް ޕްރެކްޓިސް ކުރަން ފެށިއިރު ވަރަށް ބައިވަރު އުނދަގޫތައް ހުއްޓެވެ. ހާއްސަކޮށް ސަރުކާރުގެ ބައެއް ވުޒާރާތަކުން ވަރަށް އުނދަގޫކޮށް ހުރި ކަމާއި ބާރުތައް ދޫކޮށްލުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދިޔަ ކަމަށެވެ. އެކަމަކު, އެ ކޮންފަރެންސްގައި ރައީސް ދެއްވި ޔަގީންކަމާއެކު ގަމާ ހަމައަށް އައިއިރު އެކަންކަން ހައްލުވެފައިވާ ކަމަށެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ޔާމީން, ރައީސް ސޯލިހާއެކު ގަމުގެ ކޮންފަރެންސްގައި: އޭނާ ވިދާޅުވި ގޮތުން ކޮންފަރެންސް ވަރަށް މުހިންމު


އޭގެއިތުރުން ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން އުކުޅަހުގައި ފާޅުކުރި ކަންބޮޑުވުންތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބި, ގަމަށް ސަރުކާރުން އައީ އިތުރަށް ފުރިހަމަކޮށް އެހެން ހައްލުތަކާ ވެސް އެކުގަކަން ޔާމީން ފާހަގަކުރައްވަ އެވެ.

"...އުކުޅަހުގެ ކޮންފަރެންސްއަށްފަހު ޓްރޭނިންތައް ބޭއްވި, މިހާރު ކޮންމެ އަތޮޅު ކައުންސިލެއްގަ ހުންނާނެ ލޭންޑް ޔޫސް ޕްލޭން ހަދަން އެނގޭ މީހެއް, އެއީ ވަރަށް ބޮޑު ކާމިޔާބެއް, ބްލޮކް ގްރާންޓްދޭ ފިޒިކަލް ފޯމިއުލާއާ ގުޅޭ ގޮތުން މިފަހަރު މިނިސްޓްރީން އެ ވަޑައިގަތީ އެ ބޭފުޅުންގެ ވިސްނުން އޮތް ގޮތް ހިފައިގެން, އެއަށް މަޝްވަރާކޮށް ވަރަށް ބޮޑު ހައްލުތަކެއް އައި... ކޮންފެރެންސް ނިމުނުއިރު ވަރަށް ބޮޑު ޔަގީންކަމެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ އަންނަ އަހަރުގެ ބަޖެޓް ހެދިގެން ދާނީ އަޅުގަނޑުމެން މި ބުނި ފިޒިކަލް ފޯމިުއުލާގަ ކަމަށް, އެހެންވީމަ އެއީ ވަރަށް އެޕްރިޝިއޭޓް ކުރާ ކަމެއް," ގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ, ޔާމީން ވިދާޅުވި ގޮތުގައި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން ބަދަލުތަކެއް އާދެ އެވެ. އަދި, ގިނަ ކަންކަމުގައި ވަރަށް ބޮޑެތި ފަސޭހަތައް ވެސް ލިބިގެންދެ އެވެ.

"މި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަން ކުރެވޭނެ މަސައްކަތްތަކެއް މި ކުރެވެނީ... ވަރަށް މުހިންމު, މިސާލަކަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު, މީގަ ލާމަރުކަޒީ ކޮމިޓީ އެބަ ބައިވެރިވޭ, ވަޒީރުން އެބަ ތިއްބަވާ, ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ކުރައްވާނެ ރައީސް އެ ވިދާޅުވީ," ކައުންސިލްތަކުގެ ފަރާތުން އެލްޖީއޭގެ ބޯޑުގައި އިންނަވާ ޔާމީން ވިދާޅުވި އެވެ.

"މި ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބަދަލު އަންނާނެ އަބަދުވެސް, އެ ގެނައުމަށްޓަކައި ބަދަލުތައް އެނގި, އެ ބަދަލުތަކާ ގުޅޭ ގޮތުން މަސައްކަތް ކުރެވޭނެ މަގެއް އަސްލުގަ މި ކޮންފަރެންސްގެ ތެެރޭގައި ފަހިވެގެން މި ދަނީ,"

"މިއީ ހަމަ މަސްޓެއް,"

"ވިއަވަތި ރާއްޖެ" ކޮންފަރެންސްއަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވެސް ފާހަގަކުރައްވަނީ އެހެންވެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ ބައްދަލުވުންތައް, ކައުންސިލަރުންގެ ބައިވެރިވުމާއެކު, މުޅި ސަރުކާރާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް ހިމެނޭ ގޮތަށް ބޭއްވުމަކީ ރަނގަޅު ނަތީޖާ ނުކުންނާނެ އުސޫލެކެވެ.

"ވިއަވަތި ރާއްޖެއަކަށް ކުރާ މި ދަތުރުގައި މިއީ ވަރަށް މުހިންމު ކަމެއް, މެކޭނިޒަމެއް ހެދިފައި މިއޮތީ ސަރުކާރާއި ކައުންސިލުން އަހަރު ތެރޭގައި ބަހާލައިގެން މަސައްކަތްތައް ކުރެވޭނެ ގޮތުގެ މައްޗަށް, އެއް ސަރަހައްދަކަށް އެއްވެ, ނިޒާމް ފައްކާކުރުމަށް ހިޔާލާއި މަޝްވަރާ ބަދަލު ކުރެވޭ ގޮތަށް," ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުން ފެނިގެން ދަނީ ލާމަރުކަޒީ ނިޒާމް ފައްކާކުރަން ރައީސް ބޭނުންވާ މިންވަރާއި އެކަމަށް ތަސައްވަރު ކުރައްވާ މިންވަރެވެ.

ކޮންފަރެންސްގެ ތެރޭން ޕޮލިސީ ސެކްރެޓްރީ, ރައީސް ސޯލިހާއެކު: ނަތީޖާތައް ފެންނަމުންދާ ކަމަށް ވިދާޅުވި


ޕޮލިސީ ސެކްރެޓަރީ ވިދާޅުވި ގޮތުގައި, ސަރުކާރުގެ ތަސައްވަރަކީ, ޖަޒީރާ, ލާމަރުކަޒީ ރާއްޖެއަކަށްވުމުން, ސިޔާސަތުތައް ވެސް ބައްޓަންވެގެން އަންނަން ޖެހެނީ އެ އުސޫލުންނެވެ. އެހެންވެ, ސިޔާސަތުތަކަށް ސީދާ ކައުންސިލަރުންގެ މަޝްވަރާ ލިބުމުން އެ ބަދަލުކޮށް ރަނގަޅު ކުރުމާއި އާ ސިޔާސަތުތައް ހެދުމަށް ވެސް މަގު ފަހިވެގެންދާ ކަމަށެވެ.

"...އުކުޅަހު ކޮންފަރެންސްގައި ފާހަގަކުރި ކަންކަމުގެ މައްޗަށް މިހާތަނަށް މި އޮތީ ކަންތައްތަކެއް ހާސިލްކުރެވިފައި, މި ކޮންފަރެންސްގައި ވެސް ރަނގަޅު ހުށަހެޅުންތަކެއް ލިބުން, ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ވެސް ހުށަހަޅާފައިވޭ, އިތުރަށް މަޝްވަރާކުރަން ޖެހޭ ނިންމުންތަކެއް ވެސް އެބަހުރި," ހަމްދާން ވިދާޅުވި އެވެ.

"އެކަންކަން ކުރިއަށްދާނެ, އަޅުގަނޑުމެން ފޮލޯއަޕް ހަދަމުންދާނަން, ކުޅުދުއްފުށީގައި ބާއްވާ އުތުރުގެ ކޮންފަރެންސްއަށް ދާއިރު މީގެން ބައެއް ކަންކަމުގައި ގޮތްތަކެއް ހޯދޭނެ ކަމަށް ގަބޫލު ކުރެވޭ,"

ހަމްދާންއަށް އުކުޅަހުން ގަމުން ފާހަގަވި ކަމަކީ, އުކުޅަހުގައި މަޝްވަރާކުރި ބައެއް ކަންކަމަށް ހައްލު ލިބި, ހަމަ އެކަންކަމުގެ ތެރޭން އަނެއްކާވެސް އިތުރު ދަތިތައް ފެންމަތިވުމެވެ. އެގޮތުން, ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން އޮތް ނުތަނަވަސްކަން ހަމްދާން ފާހަގަކުރެއްވި އެވެ.

އުކުޅަހުގައި އެކަމާ ގުޅޭ ގޮތުން އޮތީ, ލޭންޑް ޔޫސް ޕްލޭން ހަދަން ނޭނގުމުގެ ޝަކުވާ އެވެ. އެކަމަކު, އެކަން ހައްލުވެ, މިހާރު އޮތީ ބިން ބޭނުން ކުރުމަށް ނުލިބުމުގެ ޝަކުވާ އެވެ. އޭރު ޑްރޯންގެ ހައްލެއް ކޮންފެރެންސްގެ ތެރޭން ލިބުނެވެ. މި ކޮންފަރެންސްގެ ތެރޭން ލިބުނު ހައްލަކީ, ޕްލޭން ބައިބަޔަށް ފާސްކޮށްދޭން ނިންމުމެވެ.

"ޝަކުވާތަކާއި ދަތިތަކަކީ އަބަދުވެސް ކައުންސިލްތަކަށް ކުރިމަތިވަމުންދާނެ ކަންތައްތައް, މަޝްވަރާ ކުރެވިގެން ހައްލު ހޯދޭނީ, އެ މަގު މި ތަނަވަސް ވަނީ," ހަމްދާން ފާހަގަކުރެއްވި އެވެ.

ހަމްދާން ވިދާޅުވި ގޮތުގައި, ކޮންފަރެންސްގެ ތެރޭގަ އޮންނަ ބައިވެރިވުމާއި ހިޔާލު ބަދަލުކުރުމަކީ, ވަރަށް ބޮޑު ފައިދާތަކެއް އޭގެން ކުރާނެ ކަމެކެވެ. ބަހުސް ކުރެވޭ ހުރިހާ ކަމަކަށް ހައްލުތައް އަވަހަށް ނުހޯދިދާނެ ކަމަށާއި ނަމަވެސް, ކޮންފަރެންސްތައް ބާއްވަމުން ދިޔަ މިންވަރަކުން ޝަކުވާތައް ހައްލުވަމުންދާ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް ދުވަސް ނަގާނެ, ބޭނުން ވަނީ އެ އެންގޭޖްމެންޓާއި ފުރުސަތާއި އެ ވަގުތު," ހަމްދާން ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮންފަރެންސް ތެރޭން ކައުންސިލަރުން, އެކަކު އަނެކަކާ ގުޅުން ބަދަހިވެ ރަށްތައް ގުޅިގެން ކަންކަން ކުރުމަށާއި ސަރުކާރުގެ ވެރިންނާ ވެސް ގުޅުން އުފެދޭ ކަމަށެވެ.

އޭގެ ސަބަބުން އާ ތަޖުރިބާތަކެއް ވެސް ލިބި, ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ކައުންސިލަރުންނަށް އާ އެތައް ކަމެއް, އެތައް ގޮތްތަކެއް ދަސްވަމުންދާކަން ހަމްދާން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ, އެއީ އަދި ކޮންފަރެންސުން ލިބެމުން އަންނަ މާބޮޑު ފައިދާއެއް ކަމަށެވެ.

އެހެންވެ, ހަމްދާން ގަބޫލު ކުރައްވާ ގޮތުގައި މިކަމަކީ ބޭކާރު ކަމެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން ހަރަދުތަކެއް ކޮށްގެން ބާއްވަން ވެސް ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު, މިހާރު ރައީސް އޮފީހުން ކޮންފަރެންސްއަށް މާބޮޑު ހަރަދެއް ނުކުރެ އެވެ. ކޮންފަރެންސް ބާއްވަމުން އަންނަނީ ޔޫއެސްއެއިޑް އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި)ގެ ހިލޭ އެހީގެ ބޮޑު އިންސައްތައަކާ އެވެ.

ގަމުގެ ކޮންފަރެންސް ނިންމާލިއިރު, ދެކުނުގެ ކައުންސިލަރުން ވެސް ތިބީ ހިތްހަމަޖެހިގެންނެވެ. އެމީހުން ބޭނުންވި ބަހުސްތަކާއި މަޝްވަރާތައް ކުރެވި, ހައްލުތަކެއް ލިބޭނެ ކަމުގެ ޔަގީންކަމާއެކު އެމީހުން އިއްޔެ ވަނީ ގަމުން ފުރައިގެން ރަށްރަށަށް ވަޑައިގެންފަ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވި ގޮތުގައި, ކުރެވިގެން ދިޔައީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާނީ މުޅި ރާއްޖެ ބަދަލު ކުރެވޭނެ ގޮތްތަކެއް ފެނިގެންދިޔުމެވެ.

"އެ މަސައްކަތުގަ ރައީސް އަވަދިނެތި އެ އުޅުއްވަނީ," ސައުދު ވިދާޅުވި އެވެ.

ކޮންފަރެންސްގައި ސައުދު ޕްރެޒެންޓޭޝަނެއް ދެއްވަނީ: ކަންކަން ހާސިލްވަމުންދާ ކަމަށް ވިދާޅުވި


ސައުދު ވިދާޅުވީ, ރަށު ލެވެލްގަ ހުންނަ ކަމާއި އަތޮޅު އަދި ސިޓީތަކުގައި ހުންނަ މައްސަލަތަކާ ގުޅޭ ގޮތުން އެއް ލެވެލެއްގައި މަޝްވަރާ ކުރެވި, އެއާ ގުޅޭ ބޭފުޅުން ތިއްބަވައިގެން ސިޔާސަތުތައް ބަދަލުކޮށް, އިސްލާހުކޮށް ފުރިހަމަ ކުރުމަކީ, އޭގެ ފައިދާ މުޅި ނިޒާމަށް އަދި މުޅި ރާއްޖެއަށް ކުރަމުންދާނެ ކަމެއް ކަމަށެވެ.

"...ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކޮންފަރެންސްއަކަށްވީމަ ކަންކަން ހާސިލްވުމުގައި ވަގުތުތަކެއް ނަގައިދާނެ, އެންމެ ދުވަހަކުން ދެ ދުވަހަކުން ކުރެވޭނެ ކަމެއްގެ ވާހަކައެއް ނޫން މިއީ, ވަރަށް ދިގު, ގިނަ ވަގުތު ހޭދަކޮށްގެން ނެރެވޭނެ ކަމެއް, އެއީ ރައްޔިތުން އެދޭ ފަދަ ބަދަލެއް ފެންނާނީ ދުވަހަކުން ދުވަހެއް ކުރާ މަސައްކަތް ފުޅާ ކުރާ މިންވަރަކަށް،" ސައުދު ވިދާޅުވި އެވެ.

"މުޅި އެންމެން މިކަމުގައި ޝާމިލްވާން ޖެހޭ, މުޅި ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް މިއީ, މިކަން ކުރެވެން އަންނަނީ ވަށާޖެހޭ ނިޒާމެއްގެ ތެރޭން އެފަދަ ވިސްނުންތަކެއް އެއް މޭޒަކަށް ގެނެސްގެން, ނިޒާމް ފައްކާކުރުމަށް ހުރިހާ ކަމެއް ކުރަމުން ގެންދަން ޖެހޭ,"

ކޮންފަރެންސް ނިންމާލައްވަމުން ރައީސް ވެސް ދެއްވީ އެ ޔަގީން ކަމެވެ; ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރައްވާނެ ކަމެވެ. އެކަމުގައި ރީނދޫ ކުލަ އާއި ވައިލެޓް ކުލަ އާއި ރަތް ކުލަ އާއި ވަކި ކުލައަކަށް ނިސްބަތް ނުވާ ބޭފުޅުންގެ ހިޔާލުތައް ވެސް ބަލައިގަންނަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ, ރަށްފުށުގެ ތަނަވަސް އިގުތިސޯދުތައް އިޔާދަކޮށް, ޖަޒީރާވަންތަ ތަރައްގީއެއް ގެނެސްދިނުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެކަން ކުރަން ޖެހޭނީ ފިސާރި ދެމެހެއްޓެނިވި ގޮތެއްގަ ކަމަށެވެ.

"ދުވަހަކު ވެސް މި ނިޒާމާއި މި ބާރުތައް ރައްޔިތުންގެ އަތުން، އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް," ރައީސް ވިދާޅުވި އެވެ.