Advertisement

ނަށާޕާޓީގެ ނާޗަރަންގީ އާއި ޝަމްސުއްދީނު ރަދުންގެ ނިމުން

6 އޮގަސްޓު 2022 - 09:24 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 އަދި ޕްރިންސް ހަސަން އިއްޒުއްދީން -- އާޓްވޯކް: އަބްދުالله ޝަފީޢު (އަބޯ) / އަދަދު


ނަށާޕާޓީގެ ނާޗަރަންގީ އާއި ޝަމްސުއްދީނު ރަދުންގެ ނިމުން

6 އޮގަސްޓު 2022 - 09:24 4

އައްސުލްތާން އިބްރާހީމް ނޫރައްދީން އާއި ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާގެ ދޮށީ ދަރިކަލުން، މުލީގޭ މަނިއްޕުޅު ނުވަތަ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރާއްޖޭގައި ކުރެއްވީ ދިގު، އަދި ހައިޖާނުބޮޑު ވެރިކަމެކެވެ. އެ ރަދުން ވެރިކަމަށް އިސްވެވަޑައިގެންނެވީ ވެސް ހައިޖާނެއްގެ ތެރެއިންނެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރަދުން، ހާޖީ އިމާދުއްދީން ގެންދެވީ މިސްރުގެ ޝަރީފާ ހާނިމާ ކައިވެނިފުޅު ބައްލަވައިގެން ސުވޭހުގައި 'ހިތްޕުޅުގެ އާލާސްކަންފުޅަށް' ފަރުވާކުރައްވަމުންނެވެ.

އޭރު ރާއްޖޭގެ ވެރިކަން ހިންގަވަމުން ގެންދެވީ އެ ރަދުންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު މާންދޫގެ ދޮށީ މަނިއްޕުޅެވެ. ބުންބާ ވިޔަފާރިވެރިންނަށް ރާއްޖެ ދަރަނިވެރިވެފައި އޮތް އެ ދަތި ދަނޑިވަޅުގައި ރާއްޖޭގެ ސިޔާސީ ހާލާތު ވެސް ދިޔައީ ގޯހުން ގޯހަށެވެ.

ކަން މިހިސާބަށް ދިޔައިރު، ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ވެރިކަމުގެ ހަގީގީ ބާރު އޮތް އަތިރީގޭ ބޭފުޅުން ނިންމަވައިފި އެވެ. ހިޖުރައިން 1320 ވަނަ އަހަރުގެ ހައްޖުމަހުގެ 11 ވިލޭރޭ، ގަދަބާރާއެކު އަތިރީގޭ އަބްދުލްމަޖީދު ދީދީ އާއި ގަލޮޅުގޭ މުހައްމަދު ދީދީ އާއި މިބޭބޭފުޅުން ގަނޑުވަރުތެރެއަށް ވަދެވަޑައިގެންނެވީ މުލީގޭ މަނިއްޕުޅު ގޮވައިގެންނެވެ. ހެއްދެވި އެއްޗެއް ހެއްދެވުމަށްފަހު ގަނޑުވަރުން ނުކުމެވަޑައިގެން އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ އަމުރުފުޅަށް ޖެއްސެވި ބެރާއެކު، ރާއްޖޭގެ ރަސްކަމުގެ ތަހުތަށް އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3 ގެ ގޮތުގައި މުލީގޭ މަނިއްޕުޅު އައްޔަނުކުރެވުނު ކަމަށް އިއުލާނުކުރެވިއްޖެ އެވެ.

މިއީ ދިގު ރަސްކަމެއްގެ ފެށުމެވެ. ރާއްޖޭގެ ރަސްކަމުގެ ހަގީގީ ބާރުއޮތް އަތިރީގޭ އާއިލާގެ މަދަދާއެކު ޝަމްސުއްދީން ކުރައްވަމުން ގެންދެވީ ބާރުގަދަ، ވަރުހުރި ރަސްކަމެކެވެ. އެ ރަސްކަމުގައި އެކި ގޮތްގޮތުން ތުރާވެ، އަނިޔާވާ ބޭބޭފުޅުން ރަސްކަން ފުރޮޅާލުމަށް އަބަދުވެސް އެކިވަރުން މަސައްކަތް ކުރައްވަ އެވެ. ޝަމްސުއްދީން ރަދުންގެ ވެރިކަމާ ދެކޮޅަށް އެތައް ގަޑުބަޑެއް ރާވައި ހިންގި ނަމަވެސް، އެ ހުރިހާ ފަހަރަކުވެސް އެކަމުން ރެކިވަޑައިގެން ތަހުތު ދިފާއުކުރެއްވީ ހައިރާންވާހާ ރޭވުންތެރިކަމާއެކު އެވެ.

ވެލާނާގޭ މުހައްމަދުދީ އިސްވެ ހުންނަވައިގެން އިންޑިއާގެ ޕަޓާނުންގެ ބަޔަކާ ގުޅިގެން ގެންނަން އުޅުނު ބަޣާވާތް ތާރީހުގައި ލިޔެވިގެން ދިޔައީ ގޯދީރާޖާގެ ނާކާމިޔާބު ބަޣާވާތުގެ ގޮތުގަ އެވެ. ހާޖީ އިމާދުއްދީންގެ ދޮށީ ދަރިކަލުން އަބްދުﷲ އިމާދުއްދީން އިސްވެހުންނަވައި ގެންނަވަން އުޅުނު ބަޣާވާތުގެ ހުރިހާ ރޭވުންތައް ފަޅާއަރައި، ކަމުވޮށިގެންވާ އެތައް ބަޔަކު ކުށްވެރިވެގެން އެ ރޭވުން ވެސް ފަނުފުލުން ދިޔައީ އެވެ.

ޝަމްސުއްދީން ރަދުންނަށް ސަލާމަތްވެވަޑައިނުގެންނެވުނީ ހެންވޭރުގަނޑުވަރު ގަޑުބަޑުންނެވެ. އެއީ އެ ރަދުންގެ ދޮށީ ދަރިކަލުން، އަލްއަމީރު ހަސަން އިއްޒުއްދީނު އޭނާއަށް ވަފާތެރި ބަޔަކާއެކު ހިންގެވި ގަޑުބަޑެކެވެ. މި ހިސާބުން ކުރިއަށް ދާންވާނީ މި ހަމަނުޖެހުމުގެ އެކޮޅުމިކޮޅު ބެލުމަށްފަހުގަ އެވެ.

އަލްއަމީރު ހަސަން އިއްޒުއްދީންއަކީ ރުޅިގަދަ، ޖެހިލުންކުޑަ އަދި ބޭއިންސާފު ބޭފުޅެއްކަމަށް މުހައްމަދު އިސްމާއިލްދީދީ ލިޔުއްވާފައި އޮވެ އެވެ. އެއީ ރަދުން އެންމެ ލޯބިފުޅުވި އަމީރެވެ. އެ ލޯބީގެ ހެއްކަކަށް ޑިސެމްބަރު 7، 1919 ގައި ހުޅުވުނު ހެންވޭރުގަނޑުވަރު ފުދެ އެވެ. އެއީ ދޮންބާޑަރައިންގެ މައިފުނު ގެ ކަމަށްވާ މުލީގެ ހުރި ބިމެވެ. މަތިމަތިފުށުން ވާރުތަވަމުން އައިސް ޝަމްސުއްދީންއަށް އެ ބިން ވާރުތަވުމުން، އެ ބިމާ އިންވެގެންހުރި ބިންތައްވެސް ބައްލަވައިގަނެ، އެ ކޮށި އެއްކޮށް ނަންގަވައި، އަމީރު އިއްޒުއްދީނަށް ގަނޑުވަރެއް ބިނާކޮށްދެއްވީ އެވެ.

ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިއިރު އިއްޒުއްދީންގެ އުމުރުފުޅަކީ 20 އަހަރެވެ. ހެންވޭރުގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިތާ މާގިނަ ދުވަސްތަކެއް ނުވެ، އަތިރީގެ އާމިނާ ދީދީ ނުވަތަ އާގޭ ދީދީއާ ކައިވެނި ބައްލަވައިގަތެވެ. އެ ކައިވެނިފުޅަކީ ސިޔާސީ އިންތިޒާމެކެވެ. އޭރު އާގޭ ދީދީގެ އުމުރުފުޅަކީ 12 އަހަރެވެ.

ޕްރިންސް އިއްޒުއްދީންގެ އަހުލާގުހުރި ގޮތުގެ ވާހަކައަކީ ތާރީހުގައި މަޝްހޫރު ވާހަކަ އެކެވެ. ސްރީލަންކާއިން މިއުޒިކް ދަސްކުރައްވައިގެން ހުންނެވި ކުޅަދާނަ ފަންނާނަކަށްވީތީ މިއުޒިކު ކުޅުއްވުމަކީ އިއްޒުއްދީންގެ ހިތްޕުޅުގެ ހަމަޖެހުމެވެ. އެއީ ރީތިކޮށް ލަވަވިދާޅުވުމާއި، ނެށުމުގައި ވެސް އަރާހުރި ފަންނާނެކެވެ. އެ ހުރިހާ ހުނަރުތައް ދެއްކެވުން އޮންނަނީ ހެންވޭރުގަނޑުވަރުގަ އެވެ.

ޕްރިންސް ހަސަން އިއްޒުއްދީން --


ހިތްޕުޅުގެ ހަމަޖެހުމަށް އެކުވެރިންނާއެކު ހެންވޭރު ގަނޑުވަރުގައި ލަވަ ވިދާޅުވުމާއި މިއުޒިކު ކުޅުއްވުމުން ފެއްޓެވި މަޖިލިސްތައް ނާޗަރަންގީއަށް ބަދަލުވެގެން ދިޔައީ އެވެ. ނުވަތަ އެއީ އަމީރު އެކަމުގައި ރާއްވަވާފައި އޮތް ގޮތެވެ. މާލެ ތެރެއިން ޒުވާން ފިރިހެން ކުދީން ހޯއްދަވައި، އެކުދިންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް އެންމެން ސާޅިއަޅައިގެން ނަށަނީ އެވެ. އިއްޒުއްދީން ވެސް ރޫބައިއަޅުއްވައިގެން ނަށްޓަވަ އެވެ. އިސާހިތަކު އެ ނާޗަރަންގީގެ ތެރެއަށް އައްޔާޝީ އަމަލުތައް ވަދެ، އެ މަޖިލިސްތަކުގެ މައި ރުކުނަކީ ވެސް އެއީ ކަމަށް ވެއްޖެ އެވެ. ދެ ޖިންސުންނާއި އެއްޖިންސުން ފާހިޝް އަމަލުތައް ފެށި އެންމެންގެ ހިތުގެ އުފަލަކީ އެއީ ކަމަށް ވެއްޖެ އެވެ. ރޭ ދެބައިވަންދެން ކުރިއަށް ގެންދެވުނު ހަފުލާތައް އިރުއެރުމާހަމައަށް ދަންމާލެވިއްޖެ އެވެ.

ހެންވޭރުގަނޑުވަރުގެ މި މަޖިލީހުގައި ހިމެނޭ މީހުންނަކީ ނަށާޕާޓީގެ ގޮތުގައި މާލެތެރެެއަށް މަޝްހޫރުވެއްޖެ އެވެ. ސިއްރުސިއްރުން ކުރިއަށް ގެންދިޔަ އިހުތިފާލުތަކުގެ ސިއްރު ބޭޒާރުވެ، އަމީރު އިއްޒުއްދީންގެ އަހުލާގު ހުރިގޮތް އެނގި ސާފުވެ، އެންމެނަށް ހަބަރުވެއްޖެ އެވެ. އެކަން ވެގެން ދިޔައީ ވަލީއަހުދު އިއްޒުއްދީންއަކީ ރާއްޖޭގެ ރަސްކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށް މަތީފަޑީގައި ތިއްބެވި ބޭފުޅުންނަށް ގަބޫލުކުރެވުނު ސަބަބަކަށެވެ. ނަތީޖާއެއްގެ ގޮތުން، 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ލިޔެވުނުއިރު އިއްޒުއްދީނަށް ރަސްކަން ވާރުތަނުވާގޮތަށް އެ ގާނޫނު އަސާސީގައި މާއްދާއެއް ލިޔެވިއްޖެ އެވެ. އޭރު ވެސް އެކަމާ ފިކުރާއެއް ނެތި ހެންވޭރުގަނޑުވަރު ނަށާޕާޓީގެ މެހެފިލްތައް ކުލަދަގަކޮށް ކުރިއަށް ދެ އެވެ.

އަމީރު އިއްޒުއްދީންދެކެ ޝަމްސުއްދީން ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުން އެ އަމީރުގެ އެއްވެސް އެދުމަކަށް ހުރަހެއް ނާޅުއްވަ އެވެ. ނަތީޖާ ވަރަށް ވެސް ހިތްޗެވެ.

މި ހިސާބަށް ދިޔައިރު، ޝަމްސުއްދީންގެ ވެރިކަމަށް ބައިއަތުހިފައިގެން ތިބި އަތިރީގޭ ބޭފުޅުން ވެސް އެ ރަދުންގެ ވެރިކަމަށް ނުރުހިއްޖެ އެވެ. ނަތީޖާއަކަށްވީ އެކި ގޮތްގޮތަށް ރަދުންނަށް ދަތިކުރައްވަން ފެއްޓެވުމެވެ. ޝަމްސުއްދީނަށް އެންމެ ދަތިފުޅުވި މައްސަލައަކަށްވީ، ހެންވޭރުގަނޑުވަރުގެ ނަށާޕާޓީ ކުދިންގެ ބަދުއަހުލާގީ މައްސަލަ ސަރުކާރުން ތަހުގީގު ކުރައްވަން ފެއްޓެވުމެވެ.

ރަދުން ގެންދެވީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މައްސަލަ އޮއްބާލުމަށްޓަކައި އެކި ވަރުން މަސައްކަތް ކުރައްވަމުންނެވެ. ދަރިކަލުން ސަލާމަތްކުރެއްވޭތޯ އެކި ގޮތްގޮތަށް ފިކުރުކުރައްވަމުންނެވެ. އެހެންނަމަވެސް، ތަހުގީގު ހިނގަމުން ދިޔައީ އެވެ. އަމީރު އިއްޒުއްދީންގެ އެކުވެރިންގެ ގޮތުގައި ތިއްބެވި ނަށާޕާޓީގެ އެކި މީހުން ތަހުގީގުތަކަށް ހާޒިރުކުރެވެނީ އެވެ. ކޮންމެ ތަހުގީގަކުންވެސް އާ އެތައް މައްސަލައެއް އުފަންވަމުން ދެ އެވެ. އެ ހުރިހާ މައްސަލައެއްގެ ކޮޅުތައް ގޮސް ގުޅެނީ އަމީރު އިއްޒުއްދީންގެ އަހުލާގާއި، ފިތުރަތާ އިދިކީލި ޝަހުވަތާ އެވެ. ކޮންމެ މައްސަލައަކީ ވެސް ޝަމްސުއްދީންގެ ތަހުތަށް ދެވެމުންދިޔަ ހަމަލާއެކެވެ.

މުޅި މައްސަލަ ގޯސްވެ ރަސްކަމުގެ ބާރުތަކުގެ ބޭނުން ނުފެންނަ ހިސާބަށް ކަންކަން ދިއުމުން އަމީރު އިއްޒުއްދީން ވިދާޅުވި އެވެ. "ބައްޕާފުޅުގެ ރަސްކަމެވެ. އެކަމަކު ބަހެއް ނުވިކެއެވެ. އެހެންވީމާ އަޅުގަނޑު މިދަނީ މިތިބަ ހުރީހާ ކުދިންނާ އެކުގައި އެކުދީންނަށް ލިބޭ އަދަބެއް ލިބިގަތުމަށެވެ. އަދިހަމައެކުދީންނަށް ކާންދޭ އެއްޗެއް ކައިގެން ބަނޑޭރި ގޭގައި ހައްޔަރުވެގެން ހުންނާށެވެ." އަމީރު ވިދާޅުވި ކަމަށް އަހުމަދު "ކަށިމާ" ޝާކިރު، 2004 ވަނަ އަހަރު ލިޔުއްވާފައިވެ އެވެ.

އަމީރު ހަސަން އިއްޒައްދީނުގެ މި ބަސްފުޅުތަކުން ރަދުން މުހައްމަދު ޝަމްސުއްދީންގެ ހިތްޕުޅަކަށް ކުރީ ވަރަށް ވެސް ފުން އަސަރެކެވެ. އަމީރު އިއްޒުއްްދީންގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި، އޭނާ ބޭނުންފުޅުވާ ގޮތަށް ކަންކަން ގެންދެވުމަށްޓަކައި ރަދުން ސީދާ ބަނޑޭރިގެއަށް ވަޑައިގަތީ އެވެ. އަދި ރަދުންނަށް ލިބިވަޑައިގެންފައި އޮތް ބާރުގެ ބޭރުން އެކި މީހުންނަށް އަމުރުކުރައްވައިގެން، ޕްރިންސް ހަސަން އިއްޒައްދީނު ގެ އަރިސް ބޭކަލުންގެ ތެރެއިން ހައްޔަރު ކުރެވިފައިވާ މީހުން ގަވާއިދާ ހިލާފަށް ދުކޮށްލުމަށް މަސައްކަތް ކުރެއްވި އެވެ. އެއީ އެ މަސައްކަތްޕުޅު އެގޮތަށް ނުކުރައްވައިފި ނަމަ ދަރިކަލުން ވެސް ހައްޔަރުކުރެވޭނޭކަން އެނގިވަޑައިގަންނަވާތީ ކުރެއްވި ކަމެކެވެ. ނަތީޖާއަކަށްވީ ރަދުން ގާނޫނުއަސާސީއާ ހިލާފްވިކަން ސާބިތުވެ، ވެރިކަމުން އަޒުލުކުރެވުމެވެ. "ގާނޫނީ ހަމަތަކުގެ މަތީން" ވެރިކަމުން ވަކިކުރެވުމުގެ އިތުރުން، މާލެތެރޭގައި ހަމަނުޖެހުން ހިންގިކަން ސާބިތުވެ، ރަދުން މުހައްމަދު ޝަމްސުއްދީނާއި، ޕްރިންސް ހަސަން އިއްޒުއްދީންގެ ދެބަފައިކަލުންނާއެކު 30 މީހަކު ކުށްވެރިވެ އަދަބު ލިބުނެވެ.

ރަދުން މުހައްމަދު ޝަމްސުއްދީނާއި، ޕްރިންސް ހަސަން އިއްޒުއްދީންގެ މައްޗަށް ކުށް ސާބިތުވުމާއެކު، ހެންވޭރުގަނޑުވަރާއި އެ ނޫން ވެސް މުދާތައް ދައުލަތަށް ނަންގަވައި، އެ ދެބަފައިކަލުން ފުވައްމުލަކަށް އަރުވާލީ އެވެ. އެ ރަށުގައި އުޅުއްވަންޖެހިވަޑައިގަތީ އެކަނިވެރި ދަތި ދިރިއުޅުމެކެވެ. އިއްޒުއްދީން އަވަހާރަވީ ފުވައްމުލަކުގައި 1940 ވަނަ އަހަރު އެވެ. އެ ހިތާމަފުޅުގައި ޝަމްސުއްދީންގެ އާލާސްކަންފުޅު ބޮޑުވެ، ފަރުވާކުރުމަށްޓަކައި މާލެއަތޮޅު ވިލިނގިއްޔަށް ބަދަލުކުރެވުނެވެ. އަވަހާރަވީ 1947 ވަނަ އަހަރު މާލޭގަ އެވެ.

ޝަމްސުއްދީން ރަދުން ކުރެއްވި ހައިބަތުބޮޑު، ބާރުގަދަ ވެރިކަމުގައި އެ ރަދުންނާ ދެކޮޅަށް ކުރެވުނު އެއްވެސް ބަޣާވާތަކުން، ނުވަތަ ސިޔާސީ ދެކޮޅުވެރިކަމަކުން ވިޔަސް ތަހުތަށް އެރި ލޮޅުމެއް ނެތެވެ. އެތެރެެ އާއި ބޭރުގެ ބާރުތަކުން ރޭވި ކޮންމެ ގަޑުބަޑެއް ނާކާމިޔާބު ކޮށްލެއްވީ ހުށިޔާރުކަމާއެކު އެވެ. އެހެންނަމަވެސް ދަރިކަލުންދެކެ ވެވަޑައިގެންނެވި ކަނުލޯތްބާއި، ދަރިކަލުންގެ އައްޔާޝީ އަމަލުތަކަށް އަދަބު ލިބުނަ ނުދީ ހިމާޔަތް ދެއްވުމަށް ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްޕުޅުގެ ނަތީޖާއަކީ ދިގުވެރިކަމެއްގެ ނިމުމެވެ. ތެދެކެވެ. ޝަމްސުއްދީން ރަދުން ރަސްކަމުން ދުރުކުރުމަށް މެދުވެރި ސަބަބުތައް ގިނަގުނަ އެވެ. ނަމަވެސް، އެއްކަމެއް އަނެއްކަމާ އެކުވެގެން ރައްޔިތުންނާއި ބޮޑުންގެ މެދުގައި އުފެދެމުންދިޔަ ނަފުރަތުގެ ކަނީ ހުޅުފަޅައިގެން ދިޔައީ ޕްރިންސް ހަސަން އިއްޒުއްދީނާއި އޭނާގެ ނަށާ ޕާޓީގެ ސަބަބުންނެވެ.