Advertisement

ރަށު މީހުންނާ އިނުންތަ؟ ނުވަތަ ރަށުން ބޭރުގައި ކައިވެނިކުރުން ތަ؟

2 އޮގަސްޓު 2022 - 10:04 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ރަށު މީހުންނާ އިނުންތަ؟ ނުވަތަ ރަށުން ބޭރުގައި ކައިވެނިކުރުން ތަ؟

2 އޮގަސްޓު 2022 - 10:04 1

މި ސުވާލުގެ ޖަވާބު، ހަމައެކަނި ސުރުހީ ކިޔައިގެން ދޭން އުނދަގޫ ވެދާނެ އެވެ. ގަސްދަކީ، އިންނަން އެންމެ ރަނގަޅުވާނީ ރަށު މީހެއްތޯ، ނުވަތަ ރަށުން ބޭރުގެ މީހެއްތޯ ކަނޑައެޅުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އާއިލާގެ ތެރޭގައި ވާރުތަ ސިފަތަކާއި މައުލޫމާތުތައް ނުވަތަ "ޖީން" ބެހިގެން އަންނައިރު އެންމެ ދުޅަހެޔޮ ގޮތް އަޅައިކިޔުމެވެ.

އެހެންވީމަ، މި މައުލޫ އަށް ފުނަށް ވަނުމުގެ ކުރިން އެނގެންވީ ކަމަކީ މިއެވެ. އުފަން ރަށުން ކައިވެނިކުރާނެ މީހަކު ހޮވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ސައިންސްގެ ނަޒަރަކުން ވިސްނާއިރު އެއީ ފަހަރެއްގައި އާއިލާއެއް ރާވާއިރު އެންމެ ދުޅަހެޔޮ ގޮތަށް ނުވެ ވެސް ދާނެ އެވެ.

"ރާއްޖޭގެ އާބާދީ އަކީ ކްރޮނިކް އިން-ބްރީޑިން އާބާދީއެއް. ކޮމިއުނިޓީއެއްގެ ތެރޭގައި އިން-ބްރީޑިން ގިނަވި ވަރަކަށް އެ ކޮމިއުނިޓީއެއްގެ ތެރޭގައި ވާރުތަ އެއްގޮތް ކަންތައްތައް ނުވަތަ ސިފަތަށް ގިނަ ވާނެ. މިސާލަކަށް ރާއްޖޭގައި ތެލެސީމިއާ ވަރަށް ގިނަ. އެކްޒީމާ ވަރަށް ގިނަ، އާންމުކޮށް ޖީނުން ވާރުތަވާ، އާންމު ނޫން ބަލިތައް ވެސް އާބާދީއަށް ބަލާއިރު މަދު ނޫން،" އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

އިން-ބްރީޑިން އަކީ އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ތިމާގެކަމުގެ ގޮތުން ގާތް ދެ މީހުން ގުޅިގެން އާއިލާއެއް ބިނާކުރުމެވެ. ނުވަތަ ދަރިން އުފަންކުރުމެވެ.

އިންބްރީޑް ވާއިރު ނުވަތަ ކުރިން ބުނި ގޮތަށް، ތިމާގެ ގޮތުން ގާތް ދެމީހެއްގެ ފަރާތުން ކުއްޖަކު އުފަންވާއިރު، އެކުއްޖެއްގެ ޑީއެންއޭ އަށް މާގިނަ ތަފާތުތަކެއް ނާދެ އެވެ. ނުވަތަ ޑީއެންއޭ ޝަފްލް ނުވެ އެވެ.

އިންސާނެއްގެ ޑީއެންއޭ ފުރިހަމަވަނީ މަންމަ އާއި ބައްޕަގެ ފަރާތުން ވާރުތަވާ 23 ކްރޮމޮޒަމްގެ މައްޗަށް އެކުލެވޭ ދެ ސެޓް އެއްވުމުންނެވެ. އޭގެ މާނައަކީ ކޮންމެ ކްރޮމޮޒަމެއްގެ ދެ ކޮޕީ އިންނާނެ އެވެ. ކޮންމެ ކޮޕީއެއްގައި މީހާގެ ސިފަތަކާއި އުފެދުމުގެ އެތައްހާސް މައުލޫމާތުތަކެއް ރައްކާކުރެވިފައި ހުރެ އެވެ. 'ޖީންސް' ކިޔަނީ މި މައުލޫމާތުތަކަށެވެ. ޖީންސްގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ޑޮމިނެންޓް ޖީން އާއި ރިސެސިވް ޖީން އެވެ. އެއް ކަމަކަށް، ނުވަތަ އެއް ސިފަ އަކަށް އެއް ޖީން އަށްވުރެ ގިނަ ޖީން ހަށިގަނޑުގައި ހުންނަ އިރު، އެއް ކަމަކަށް ހުންނަ ޖީން ތަކުގެ ތެރޭގައި އެއް ޖީން އިނދެއްޖެނަމަ، އެ ސިފަ އިސްވެ ފާޅުވާ ގޮތް ހުންނަ ޖީން އަކީ ޑޮމިނެންޓް ޖީން އެވެ. އަދި އެ ކަމެއް ނުވަތަ އެ ސިފައެއް ފާޅުވަނީ ހަމައެކަނި އެބާވަތުގެ ޖީން އެކަނި ނުވަތަ ދެ ޖީން ވެސް އެއްގޮތްވެގެން ކަމަށް ވާނަމަ އެއީ ރިސެސިވް ޖީން އެވެ.

"މާނައަކީ، މިސާލަކަށް ތެލަސީމިއާ ވާރުތަކުރާ ގޮތް ޖީން އެއްގައި ހުރެފައި އެއާ އެކުވާން ދެން އިން ޖީން އަކީ ނޯމަލް ޖީންއެއް ކަމަށް ވާނަމަ ފާޅުވާނީ ނޯމަލް ޖީން. އެކަމަކު ތެލަސީމިއާ ވާރުތަކުރާ މައުލޫމާތު ހުރި ޖީން އެއް އިނދެފައި، އެކަމަށް ދެން ވެސް އިނީ ހަމަ އެ މައުލޫމާތު ހުރި ޖީން އެއް ކަމަށް ވާނަމަ އުފަންވާ ކުއްޖާ ވާނީ ތެލަސީމިއާ ކުއްޖަކަށް. މި ހާލަތުގައި ތެލަސީމިއާ ވާރުތަކުރާ ގޮތް ހުރި ޖީން ވަނީ ރިސެސިވް ޖީން އަށް ސަބަބަކީ ރިސެސިވް ޖީންއެއްގެ ސިފަ ފާޅުވާން ރިސެސިވް ޖީން އެއް ބޭނުންވާތީ،" ނިޔާފް ތަފްސީލްކޮށްދެއްވި އެވެ.

މިކަން މުހިއްމު ވާ ސަބަބަކީ، އުފަންވާއިރު ހުންނަ އައިބުތައް ނުވަތަ ސިސްޓިކް ފައިބްރޮއިޑް ފަދަ ޖެނެޓިކް ބަލިތައް ކެރީ ކުރަނީ ރިސެސިވް ޖީން ތަކުގަ އެވެ.

އެހެންވީމާ، ލޭގެ ގޮތުން ގުޅުން އޮންނަ މީހަކު ނުވަތަ ތިމާގެ ދެ މީހުން ގުޅިގެން ކުއްޖަކު އުފަންކުރާއިރު، އެ ދެ މީހުންގެ ޑީއެންއޭ އެއްގޮތްވުމުގެ ސަބަބުން، އެއްކަހަލަ ރިސެސިވް ޖީން ދެމީހުން ވެސް ކެރީކުރުމުގެ ފުރުސަތު ބޮޑަށް އޮންނާތީ، އެ ދެ ޖީން އެއްވެގެން އުފެދޭ ކުއްޖާގެ ކިބައިގައި އައިބު ހުރުމުގެ ފުރުސަތު ބޮޑުވަނީ އެވެ.

"މިސާލަކަށް ރަށެއްގަ އުޅެނީ ދިހަ ވަރަކަށް ދަރިފަސްކޮޅު. އެރަށުގައި ދިރިއުޅޭ ކުއްޖަކު މި އިންނަނީ އެރަށުން ކުއްޖަކާ. އެހެން ވާއިރު، މިސާލަކަށް ޑޮމިނެންޓް ޖީންއަކާ ޑޮމިނެންޓް ޖީން އެއް ނުވަތަ ރިސެސިވް ޖީންއަކާ ރިސެސިވް ޖީންއެއް މި ދިމާވަނީ. އޭގެ ސަބަބުން އެއްކަހަލަ ބަލިތައް އެ އާބާދީގެ ތެރޭގައި ގިނަވަމުން އަންނާނީ." ޑރ ނިޔާފް އޮޅުންފިލުވައިދެއްވި އެވެ.

ޑަބްލިޔު އެޗްއޯގެ މައުލޫމާތަށް ބަލާއިރު، ދެބެންގެ ދެދަރި މީހުން އިނދެގެން ލިބޭ ކުދިންގެ ކިބައިގައި ސިއްހީ މައްސަލަތައް ހުރުމުގެ ޗާންސު ދެގުނަ އިތުރުވެ އެވެ. އަދި ޅަފަތުގައި ކުދިން މަރުވާ ރޭޓު ވެސް މިފަދަ ދެމަރިންގެ މެދުގައި އިތުރެވެ.

ރާއްޖޭގައި އާއިލާ ރާވަމުން އައިސްފައިވާ ގޮތުގެ ތާރީހަށް ބަލާނަމަ މިފަދަ ކައިވެނި ކުރެ އެވެ. ތިމާގެ ކަމުގެ ގޮތުން، ދެބެންގެ ދެދަރި މީހުންހާ ގާތުން ވެސް ކައިވެނިކުރެ އެވެ.

އެހެންކަމުން، ޖެނެޓިކަލީ ޓްރާންސްމިޓްވާ ބަލިތައް އާބާދީއެއްގައި މަދުވާނީ އެ އާބާދީއެއްގެ ތެރޭގައި ޖެނެޓިކް މޭކްއަޕް ޑައިވާސް (ހިރާސް)ވެގެން އައި މިންވަރަކުން ނެވެ. މިސާލަކަށް، އެހެން ގައުމުތަކުން މީހުން ވަޒަންވެރިވުމާއި، އަހަރެމެންގެ މީހުން ދުރުހިސާބުތަކުގެ މީހުންނާ ކައިވެނިކުރުމާއި، އުތުރު ރަށްރަށުގެ މީހުން ދެކުނު ރަށްރަށުގެ މީހުންނާ ކައިވެނިކުރުމާއި މިކަހަލަ ގޮތަކަށް ޖީން ޕޫލް ބަދަލުވެގެންނެވެ.

"އޭގެ ވަރަށް ރަނގަޅު މިސާލެއް އަޅުގަނޑު ދަންނަވާފާނަން، މި ކުޑަކުޑަ މާލޭގައި އެކަނި ދިރިއުޅޭ މީހުންގެ ނިސްބަތުން ވެސް އެސްތުމާ އާއި އެކްޒީމާ ގިނަ. ހަމަ ޔަގީނުން ވެސް ރާއްޖެ އަކީ ތެލެސީމިއާގެ ކެޕިޓަލްއޭ ބުނެވޭހާ ވަރަށް ތެލަސީމިއާ ގިނަ،" ނިޔާފް ވިދާޅުވި އެވެ.

އެހެންވީމަ، މިއީ ރަށު ކުދިންނާ ރަށުކުދިން އިނުމާ ދެކޮޅަށް ހިނގާ ބަހުސެއް ނޫނެވެ. އެކަމަކު ބަޔޮލޮޖިކަލް ވިސްނުމަކުން ވިސްނާނަމަ، އަހަރެމެންގެ ތެރޭގައި ދަރިފަސްކޮޅު ބެހިފައި އޮތް ގޮތާއި ކުދި ކުދި އާބާދީތަކަށް ރަށްތައް ބެހިފައި އޮތް ގޮތަށް ބަލާއިރު އެއް ރަށެއްގެ މީހުން ކައިވެނިކުރުމަކީ އެންމެ ދުޅަހެޔޮ ގޮތަށް ނުވެ ހިނގައިދާނެ ނޫން ހެއްޔެވެ؟