Advertisement

ޕެލޯސީގެ ޓައިވާން ދަތުރު: ނުތަނަވަސްކަން ބޮޑުވެ، އާ ހަނގުރާމައެއްގެ ބިރު

30 ޖުލައި 2022 - 10:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ އާއި ޓައިވާން ދިދައިގެ އިސްލަސްޓްރޭޝަނެއް. -- ފޮޓޯ: އޮއިވަން ލާމް


ޕެލޯސީގެ ޓައިވާން ދަތުރު: ނުތަނަވަސްކަން ބޮޑުވެ، އާ ހަނގުރާމައެއްގެ ބިރު

30 ޖުލައި 2022 - 10:00 0

އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރަައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފި ނަމަ ނަތީޖާ ސީރިއަސް ވާނެ ކަމަށް ޗައިނާއިން މި ހަފްތާގައި އިންޒާރު ދިނެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުގައި ޑިމޮކްރެޓިކް އުސޫލުތަކުން ވަކި ސަރުކާރެއް އޮތް އިރު، އެ ސަރުކާރުން ދެކެނީ ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށެވެ.

އެމެރިކާގެ ރައީސް އަދި ނައިބު ރައީސް ނެތިއްޖެ ހާލަތެއްގައި ވެރިކަމުގެ ބާރުތައް ލިބޭނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށެވެ. މި ވަގުތު އެ މަގާމު ފުރުއްވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޕެލޯސީ އެވެ. ދަތުރައިގެން ކުރިއަށް ގޮސްފި ނަމަ ޕެލޯސީ ވާނީ 1997 ވަނަ އަހަރަށް ފަހު ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލަށެވެ.

މި ހަފްތާގައި ޗަައިނާއިން އިންޒާރު ދިނީ ދަތުރަައިގެން ކުރިއަށް ގޮސްފި ނަމަ "ހަރުދަަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް" އަޅާނެ ކަމަށެވެ. އެކަމަކު އަޅާނެ ވަކި ފިޔަވަޅެއް ހާމައެއް ނުކުރެ އެވެ. ޓައިވާނަކީ އޭޝިއާގައި އޮންނަ ޓައިމް ބޮމެއްގެ ގޮތުގައި އެނެލިސްޓުން ސިފަކުރާ އިރު، ޕެލޯސީ އެ ތަނަަށް ވަޑައިގެންފި ނަމަ ހަގީގަތުގައި ވެސް ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށް އެނެލިސްޓުން ގަބޫލުކުރެ އެވެ.

ޕެލޯސީގެ ޓައިވާން ދަތުރުގެ ބޭނުމަކީ ކޮބާ؟

އެމެރިކާގެ ކޮންގްރެސްގައި ޕެލޯސީ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އިރު، އެކަމަނާއަކީ ދެގޮތެއް ނުވެ ޗައިނާއަށް އަބަދުވެސް ފާޑުކިޔުމުގައި ފާހަގަކުރެވޭ ސިޔާސީ ލީޑަރެކެވެ. ޗައިނާގެ އިންސާނީ ހަައްގުތަކުގެ ރެކޯޑާ މެދު ކަންބޮޑުވުން ފާޅުކޮށް، ޑިމޮކްރަސީއަށް ތާއީދު ކުރާ ޗައިނާގެ އެކްޓިވިސްޓުންނާ ބައްދަލުކޮށް، ޗައިނާގެ ޓިއަނަންމެން މައިދާނަށް ވެސް ޕެލޯސީ ވަޑައިގެންނެވި އެވެ.

ނޭންސީ ޕެލޯސީ ޓިއަނަންމެން މައިދާާނުގައި ބެނާ ހިފައިގެން. -- ފޮޓޯ: އޭޕީ


ޑިމޮކްރަސީއަށް ގޮވާލައި މުޒާހަރާ ކުރި ގިނަ ބަޔަކު 1989 ވަނަ އަހަރު މަރާލުމުން، އެ މީހުންގެ ހަނދާނުގައި ޓިއަނަންމެން މައިދާނުގައި ބެނާއެއް ވެސް އާއްމުކުރެއްވި އެވެ. އޭގެ އިތުރުން ހޮންކޮންގައި ޑިމޮކްރަސީއަށް ގޮވާލައި 2019 ވަނަ އަހަރު ބޭއްވި ބޮޑު އެއްވުންތަކަށް ޕެލޯސީ ވަރަށް ތާއީދުކުރެއްވި އެވެ. އެ ސަބަބުތަކާ ހެދި، ޗައިނާ ސަރުކާރުން އެންމެ ފޫހިވާ އެމެރިކާގެ ސިޔާސީ ވެރިންގެ ތެރޭގއި އެކަމަނާ ހިމެނެ އެވެ.

އެމެރިކާގެ ކޮންގްރެސްގައި ޑިމޮކްރެޓިކް ޕާޓީ އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީ ވެސް ޓައިވާނުގެ މައްސަަލައިގައި އެއް ވިސްނުމެއް ގެންގުޅޭ އިރު، މިދިޔަ ހަފްތާގައި ޕެލޯސީ ވިދާޅުވީ "ޓައިވާނަށް އޮތް ތާއީދު ހާމަކުރުން މުހިއްމު" ކަމަށެވެ. ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި ޓައިވާނުގެ ރައީސް ސާއީ އިންގް ވެން ވެސް ވަނީ އެމެރިކާއިން އިސްކަންދޭ ޑިމޮކްރެޓިކް އުސޫލުތަކާއި ލިބަރަލް ސިޔާސަަތުތައް ބަލައިގަނެ، ޓައިވާނުގައި އެކަންކަމަށް ފުރުސަތު ފަހިކޮށްދީފަ އެވެ.

ޕެލޯސީގެ ދަތުރާ މެދު ކަންބޮޑުވުން އޮތީ ކީއްވެ؟

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ޗައިނާއިން އެކަަން ކުރާނެ ކަމަށް އެނެލިސްޓުން ދެކެ އެވެ. ޗައިނާއިން ވެސް ބުނެފައި ވަނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ފަސް ނުޖެހޭނެ ކަމަށެވެ. ފަހަކަށް އައިސް ޓައިވާން ކައިރީގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރު ވާތީ، އެފަދަ އޮޕަރޭޝަަނެއް ހިނގުން އެކަށީގެންވާ ކަމަށް އޮންނަނީ ބެލެވިފަ އެވެ.

ޓައިވާން ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު އެއްވެސް ރަސްމީ މުއާމަލާތެއް ކުރުމަކީ ޗަައިނާއިން ދެކޮޅު ހަދާ ކަމެކެވެ. އެފަދަ މުއާމަލާތްތަކާ ހެދި ރައްދުގައި ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދެ އެވެ. މީގެ ކުރިން 1995 ވަނަ އަހަރު ޓައިވާނުގެ އޭރުގެ ރައީސް ލީ ޓެންގް ހުއި އެމެރިކާއަށް ވަޑައިގެންނެވުމުން ވެސް ޗައިނާއިން އަސްކަރީ އޮޕަރޭޝަނެއް ފަށައި، ޓައިވާނު ކައިރިން ކަނޑުން ދެ މިސަައިލް ފޮނުވި އެވެ. އެކަމަކު އޭގެ ފަހުން ޗައިނާގެ އަސްކަރީ ގާބިލްކަން ވަނީ އެތައް ގުނައެއް ކުރިއަރާފަ އެވެ.

ޕެލޯސީ ޓައިވާނަަށް ދަތުރު ކުރައްވާ ނަމަ، އެމެރިކާ ސަރުކާރުގެ މަތިންދާބޯޓު ޓައިޕޭއަށް ޖެއްސުން ހުއްޓުވަން ޗައިނާއިން އަސްކަރީ ބާރު ބޭނުން ކުރުން އެކަށީގެން ނުވާ ކަމަަށް ތަޖުރިބާކާރުން ދެކެ އެވެ. ޗައިނާގެ ރައްދު އަންނާނެ ގޮތް ލަފާ ކުރަން އެނެލިސްޓުންނަކަށް ނޭނގޭ އެވެ. ނަމަވެސް އަސްކަރީ އޮޕަރޭޝަަންތައް ހިންގުމާއި، މަނަވަރުތަކާއި ވައިގެ ޖެޓުތައް ޓައިވާން ސަރަހައްދަށް ވަނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ.

ހުކުރު ދުވަހުގެ ރޭ ޗަައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ ޓައިވާން ސްޓްރެއިޓް ސަރަހައްދުގައި ޗައިނާގެ އަސްކަރީ ތަމްރީނެއް ފަށާފައިވާ ކަމަށެވެ. އެ ތަމްރީނުގައި ލައިވް ވަޒަން ބޭނުން ކުރާނެ ކަމަށާއި ތަމްރީން ކުރިއަށްދާ އިރު، ކަނޑުގެ ސަރަހައްދަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެ ކަމަށް އަންގާފައިވެ އެވެ.

ދަތުރު ކުރާ ތަންވަޅު ވަރަށް ނާޒުކު

އެމެރިކާ އާއި ޗައިނާގެ ގުޅުމަކީ ނުތަނަވަަސް އަދި ކަންތައް ބޮޑު ގުޅުމެއް ނަމަވެސް، އެ މުހިއްމު ގުޅުން އެއް ހަމައެއްގައި ދަމަހައްޓަަން ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބޭނުންވެ އެވެ.

ކުރިން ޕެލޯސީ ނިންމެވީ މި އަހަރުގެ އެޕްރީލް މަހު ޓައިވާނަށް ދަތުރު ކުރެއްވުމަށެވެ. ނަމަވެސް، އެ ޝެޑިއުލް ބަދަލު ކުރެއްވީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ޓައިވާން ދަތުރާ ގުޅޭ ތަފްސީލް ހާމަކުރަން ޕެލޯސީ ދެކޮޅު ހައްދަވަ އެވެ. އެކަމަކު ރިޕޯޓުތައް ބުނަނީ ވަރަށް އަވަހަށް ދަތުރު ކުރައްވާނެ ކަމަށެވެ. އެގޮތުން އޯގަސްޓް އެއް ވަނަަ ދުވަހު ޗައިނާގެ ޕީޕަލްސް ލިބެރޭޝަން އާމީގެ އަހަރީ ދުވަހާ ދިމާކޮށް ދަތުރު ކުރެއްވުން އެކަށީގެންވެ އެވެ.

ޕީޕަލްސް ލިބެރޭޝަން އާމީ އަަކީ ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އަސްކަރީ ގޮތްޕެވެ. ޕެލޯސީގެ ދަތުރު ކުރަން ހަމަޖެހިފައިވާ ދަނޑިވަޅާ ދިމާކޮށް ބައިޑެން އާއި ރައީސް ޝީ ޖިންޕިން ވެސް ވަނީ ހުކުރު ދުވަހު ފޯނުން ވާހަކަ ދައްކަވާފަ އެވެ. ދެ ގަޑިިރަށް ދެމިގެން ދިޔަ ފޯނު ކޯލުގައި ވެސް އެންމެ ހޫނު މައުލޫއަކީ ޓައިވާނެވެ.

ބައިޑެން އާއި ޝީ ވާޗުއަލް ބައްދަލުވުމެއްގައި. -- ފޮޓޯ: ރޮއިޓާޒް


ބައިޑެން ވިދާޅުވީ ޓައިވާނުގެ ސްޓޭޓަސް ބަދަލު ކުރަން ކުރާ ހުރިހާ ކަމަކަށް އެމެރިކާއިން ދެކޮޅު ކަމަށެވެ. ނަމަވެސް ޓައިވާނާ މެދު އެމެރިކާގެ ސިޔާސަތު ބަދަލު ނުވާ ކަމަށް ފާހަގަކުރެއްވި އެވެ. އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ. ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.

ޝީ ޖިންޕިން، ބަައިޑެންއަށް ގޮވާލެއްވީ "ވަަން ޗައިނާ" އުސޫލަަށް ކަމޭހިތުމަށެވެ. އަދި "އަލިފާނާ ކުޅޭ ކޮންމެ މީހަކު ފިހޭނެ" ކަމަށް އިންޒާރު ދެއްވި އެވެ.

ޕެލޯސީގެ ދަތުރާ މެދު ޓައިވާނުން ދެކެނީ ކިހިނެއް؟

ޓައިވާނުގެ ރަައީސް ސާއީ ހުރިހާ ބޭރު ގަައުމެއްގެ އިއްޒަތްތެރިންނަށް ވެސް މަރުހަބާ ދަންނަވަ އެވެ. އޭގެ ތެރޭގައި މި ވަގުތު މަގާމު ފުރުއްވާ އަދި ރިޓަޔާ ކުރައްވާފައިވާ އެމެރިކާ، ޔޫރަޕް އަދި އޭޝިއާ ގައުމުތަކުގެ ސިޔާސީ ފަރާތްތައް ހިމެނެ އެވެ. އެހެން ނަމަވެސް، ދަތުރުތަކާ ގުޅޭ ގޮތުން އެކަމަނާ މާ ހާމަކަން ބޮޑުކޮށް ހިޔާލު ފާޅުކޮށް ނުހައްދަވަ އެވެ.

އޭގެ އެއް ސަބަބަކީ ޗައިނާ އިތުރަށް ރުޅި ނޭރުވުން ކަމަށް ވެދާނެ އެވެ. ޗައިނާ އާއި ޓައިވާނުގެ ސިޔާާސީ ކޯޅުން އޮތް ނަމަވެސް، ޓައިވާނުގެ އިގްތިސާދަަށް އެންމެ ބޮޑު އެއް ބައިވެރިއަކީ ޗައިނާ އެވެ. މިލިއަނެއްހާ ޓައިވާން ރައްޔިތުން ދިރިއުޅެނީ ޗައިނާގެ މަައި ސަރަހައްދުގަ އެވެ.

މިދިޔަ ހޯމަ ދުވަހު ވެރިރަށް ޓައިޕޭގައި ސިވިލް ޑިފެންސް ތަމްރީނެއްއް އޮތެވެ. އަދި އަންގާރަ ދުވަހު އަސްކަރީ ތަމްރީން ފެށި އެވެ. ޓައިވާނަކީ ޗައިނާގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓައިވާނުގެ މެޖޯރިޓީ ރައްޔިތުން ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް، ޗައިނާއިން ޓައިވާން ހިފަން މަސައްކަަތްކޮށްފި ނަމަ، އެމެރިކާގެ ސީދާ އެހީ ނެތި އަމިއްލައަށް ފަސްގަނޑު ދިފާއު ކުރެވޭނެ ކަމާ މެދު ޝަައްކެވެ.