Advertisement

މުސްކުޅި ތުރުކީ ވިޔަފާރި މޯލްތަކަށްވުރެ މާ ކަމުދޭ

27 ޖުލައި 2022 - 10:12 0

މުހައްމަދު ޝާބިން

މުހައްމަދު ޝާބިން

ތުރުކީގެ މުސްކުޅި އަވަށެއްގައި ހުރި ގެތަކެއް: ދުނިޔޭގެ އެންމެ ކުރީގެ ހަލޯރާތްތަކުގައި މީހުން ދިރިއުޅުނުގެ ގެތައް ވެސް ތުރުކީން ފެނެ ޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މުސްކުޅި ތުރުކީ ވިޔަފާރި މޯލްތަކަށްވުރެ މާ ކަމުދޭ

27 ޖުލައި 2022 - 10:12 0

މިއީ، މި ގޭގެ ދޮރާށިން އެތެރެއަށް ފިޔަވަޅު އެޅި ކިތައް ވަނަ މީހާކަން ބުނެދޭކަށް ނޭނގެ އެވެ. އެކަމަކު އަހަރެން މިވަގުތު މި ހުރީ ދުނިޔޭގެ އެންމެ ދުވަސްވީ ޝަހަރުގެ ތެރެއިން ޝަހަރެއްގަ އެވެ. ހައްރާންއަކީ މިހާރު މި ފެންނަ ތުރުކީވިލާތުގެ އުރްފާ ސިޓީގެ ކުޑަ ޑިސްޓްރިކްޓެއް ނަމަވެސް މިއީ ދުނިޔޭގެ ތާރީހުގައި މުހިންމު ބިމެކެވެ.

އަހަރުމެންގެ ރަސޫލު އިބްރާހިމްގެފާނު އޫރު ޝަހަރުން ކަންނާނަށް ދަތުރުފުޅު ކުރެއްވިއިރު ހައްރާންގައި މަޑު ކުރެއްވި ކަމަށް ފޮތްތަކުގައި ލިޔެފައި އެބަ އޮތެވެ. އޭގެ ފަހުން މިއަވަށަކީ، ދުނިޔޭގެ މުހިންމު ހަޟޯރާތްތަކެއްގެ ބައެކެވެ. މިވަގުތު އަހަރެން މި ހުރި ގެއަކީ މީގެ އެތައް ހާސް އަހަރެއް ކުރީގައި ބަޔަކު ދިރިއުޅުމަށް ހަދާފައި ހުރި ގެތަކެވެ. މިހާރު މިއީ ފަތުރުވެރިންގެ މަންޒިލެއް ނަމަވެސް މިތަންތަން މި ހުރީ ރަނގަޅު ހާލަތެއްގަ އެވެ.

ހޫނު ގަދަ ދުވަހެއް ނަމަވެސް އެ ގެ ތަކަށް ވަދެލުމުން ބޭރަށްވުރެ ގެ ތަކުގެ އެތެރެ ފިނި ކަން އަހަރެމެންނަށް އިހުސާސްވި އެވެ. ފަންކާއެއް އޭސީއެއް ނެތަސް އެ ގެތައް ފަރުމާކުރުމާއި އެ ގެތައް ހެދުމަށްޓަކައި ބޭނުންް ކޮށްފައިހުރި ގަލާއި ކްލޭ އިން ކޯނެއްގެ ބައްޓަމަށް ފަރުމާކޮށްފައިހުރި ފުރާޅުގެ ސަބަބުން އެތެރެ ހުންނަނީ ފިނިކޮށެވެ.

ހައްރާނުގެ ގެތަކެއް: މި ޝަހަރަށް އިބްރާހިމްގެފާނު ވެސް ވަޑައިގެންނެވި ކަމަށް ފޮތްތަކުގައި ލިޔެފައިވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިވެހިންގެ ތެރޭގައި އާންމުކޮށް 'ހަނީމޫން ޑެސްޓިނޭޝަން' އަކަށް މަޝްހޫރު ތުރުކީވިލާތަކީ ގާތްގަނޑަކަށް 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބޮޑު ގައުމެކެވެ. ވިލާތުގެ ގައުމެއް ގޮތަށް ކަނޑައަޅާފައި އޮތަސް ތުރުކީ ގެ ބޮޑު ބައެއް އޮންނަނީ އޭޝިޔާ ބައްރުގަ އެވެ. ތުރުކީ އޭ ބުނުމުން ގިނަ މީހުންގެ ހިތަށް އިސްތަންބުލް އާއި ކަޕަޑޯކިއާ އަޔަސް، ޓާކިޝް އެއާލައިންގެ ފޭމް ދަތުރުގައި އެ ގައުމަށް ޒިޔާރަތް ކުރި މީހުންނަށް، ތުރުކީ އޭ ބުނުމުން ސިފަ ވާނީ މުޅިން އެހެން ޝަހަރުތަކެވެ. މެސަޕޮޓޭމިއާގެ ތާރީހީ ގެތަކާއި ދުނިޔޭގެ އެންމެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީ، އަދި ރޫމީންނާއި އުސްމާނީ ހިލާފާތުގެ ތާރީހީ، ރީތި އިމާރާތްތަކާއި އިސްތަނބުލްގެ އާސާރީ މިސްކިތްތަކެވެ.

ތުރުކީއަށް ގޮސް އެންމެ ފުރަތަމަ ވެސް އަހަރުމެން ދަތުރުފެށީ ކުރީގެ މެސަޕޮޓެމިއާގެ ޝަހަރެއް ކަމުގައިވާ ހައްރާނަށެވެ. ސަންލިއުރްފާ ނުވަތަ އުރްފާ ސިޓީގެ މި ކުޑަ ޑިސްޓްރިކްޓުގައި ކުރީގައި މީހުން އުޅުނު ގެތަކާއި ދުނިޔޭގެ އެންމެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީ ފެނުނެވެ.

ހައްރާނުގައި އަހަރުމެން ޒިޔާރަތް ކުރި ގެތަށް ހުރި ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި ހައްރާން ގްރޭންޑް މޮސްކް އަދި ދުނިޔޭގެ އެންމެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީ ހުރި ބިން ފެނެ އެވެ. އަށެއް އަދި ނުވަ ވަނަ ގަރުނުގައި މުސްލިމުން ވަނީ މިތާގައި އެސްޓްރޮނޮމީ އާއި މެޑިސިން އަދި އެ ނޫންވެސް އެކި އިލްމުތަށް މި ތަނުގައި ތަރުޖަމާކޮށް ކިޔަވާފަ އެވެ. މި އިމާރާތް އެއްކޮށް މިހާރު ފެންނާކަށް ނުހުރެ އެވެ.

ހައްރާން ގެ ތާރީހުގެ ތެރެއިން ކުޑަ މިންވަރެއް ތަޖުރިބާކޮށްލުމަށްފަހު ދެން އެންމެ ޝައުގުވެރި މަންޒިލަކަށްވީ ސަންލިއުރްފާގެ އަދި ތުރުކީގެ ވެސް އެންމެ ބޮޑު އެއް ދާރުލްއާސާރެވެ. އެންމެ ފުރަތަމަ އިންސާނުން ދުނިޔޭގައި އުޅެންފެށި ގޮތާއި އޭރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ނަކަލުތަށް މިތަނުން ދަތުރުގެ ބައިވެރިންނަށް ފެނުނެވެ. އަދި އެންމެ ފުރަތަމަ 'ހިއުމަން ސްކަލްޕްޗާ' ވެސް ވަނީ މި ދާރުލްއާސާރުގަ އެވެ. މި ސަރަހައްދުގައި ޔުނެސްކޯގެ ވޯރލްޑް ހެރިޓޭޖް ސައިޓުގެ ލިސްޓުގަ އޮތް، އިންސާނުން އެންމެ ފުރަތަމަ ހަދާފައިވާ ފައްޅިތައް ވެސް ބަލާލެވުނެވެ. ބުނެވޭ ގޮތުގައި މި ތަންތަނަކީ އެންމެ ފުރަތަމަ އިންސާނުން ޖަލްސާ ކުރުމަށާއި އެކި އެކި އެއްވުންތަކާއި މުނިފޫހިފިލުވުމަށް އަންނަ ތަންތަނެވެ. އަހަރެމެން މިތަން ގާތުން ބަލާލުމުން މި ވާހަކަތަކަށް ބާރު ލިބޭ އާދަޔާ ހިލާފު ކުރެހުންތައް ވަނީ އެ ގާ ތަކުން ފެނިފަ އެވެ. ސަންލިއުރްފާގެ ހުސްނުވި ތާރީހީ ވާހަކަތަކާއި، ގަދީމީ ތަންތަނުގެ ވާހަކަ ކިތަންމެ ދިގުކޮށް ވެސް ދެއްކިދާނެ އެވެ. އަދި، އެ އާސާރީ ބިނާތަށް ބެލުމަކީ އެއް ދުވަހަކުން ނުވަތަ ދެ ދުވަހަކުން ވާނޭ ކަމެއް ނޫނެވެ.

ތުރުކީގެ މިއުޒިއަމްގައި އިންސާނެއްގެ ބައްޓަމަށް ހަދާފައި ހުރި ސްކަލްޕްޗާއެއް: މިއުޒިއަމްގައި އަގުހުރި ކިތަންމެ އެއްޗެއް ދައްކާލުމަށް ބަހައްޓާފައި ހުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ސަންލިއުރްފާއަށް ފަހު ދެން އަހަރެމެންގެ މަންޒިލިކަށްވީ އޮޓޮމަން އެމްޕަޔާގެ ހާއްސަ ސަރަހައްދެއް ކަމަށްވާ އަދިޔަމަން އެވެ. މަޝްހޫރު ޔޫފަރޭޓެސް ކޯރު މި ޕްރޮވިންސް ގެ ދެކުނަށް އޮވެ އެވެ. ވަރުބަލިވެފައި ތިބި ދަތުރުގެ ބައިވެރިންނާ އެކު މި ކޯރުގައި ކުޑަ ބޯޓެއްގައި ދުއްވާލައި، ކޯރުގެ ހިތްގައިމުކަމުން ތަޖުރިބާކޮށްލުމަށްފަހު، ދެން އަހަރެމެންގެ މަންޒިލަކަށް ވީ އަދިޔަމަންގެ އިރުއުތުރުން ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ބޭރުގައި އޮންނަ ރޯމަނުންގެ 'ރަން ޒަމާނުގެ' ސަހަރެއް ކަމަށްވާ 'ޕެރޭ' ނުވަތަ 'ޕިރިން' އެވެ.

ރޯމަނުންގެ ބޮޑެތި އާއިލާތަކުގެ މީހުން މަރުވުމުން ހަށިގަނޑު ރައްކާކުރަން ބާއްވަން ހަދާފައިވާ ގިނަ ހޮހަޅަތަކެއް މިތަނުގައި ތިބި އިރު މި ހޮހަޅަތަކަކީ އަތުން ގާ ކަނޑައިގެން ހަދައިފައިވާ ތަންތަނެވެ. އެންމެ ކުޑަ ހޮހަޅައެއްގައި ވެސް ތިން މީހުންގެ ޖާގަ ހުރެ އެވެ. މި ސަހަރަކީ އެ ޒަމާނުގައި ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ޓްރާންސިޓް ބަނދަރެއް ކަމަށްވެ އެވެ. މި ހޮހަޅަތަކަށް ވަދެ ބަލާލުމުން މަރުވެފައި ތިބި މީހުންގެ ކަށިތައް އަހަރެމެންނަށް ފެނުނެވެ. އަދި، މި ހޮހަޅަތަކަކީ ވެސް ބޭރަށް ވުރެ އެތެރެ ފިނި ހޮހަޅަތަކެއްކަން ފާހަގަވި އެވެ.

ޔަމަންގައި އެންމެ ހާއްސަ ތަނަކަށް ދެވުނީ މަޝްހޫރު ނެމްރުތް ފަރުބަދަތަކެވެ. ފަތިހު ތިނެއް ޖެހި އިރު ދަތުރު ފަށައިގެން އަހަރެމެންނަށް އެ ތަނަށް ދެވުނީ ދުވަހުގެ އެންމެ ހިތްގައިމު އެއް ވަގުތުކޮޅު ކަމުގައިވާ އިރުއަރާ ވަގުތަށެވެ. ފަރުބަދަ އާއި ފަރުބަދައިގެ ވަށައިގެން ރަސްގެފާނުގެ ހިމާޔަތަށް ގަލުން ފަރުމާކޮށްފައި ތިބި އެކި ޖަނަވާރުތަކުގެ ރީތިކަން ފެނުނެވެ. ބުނެވޭ ގޮތުގައި މި ތަކެއްޗަކީ ރަސްގެފާނު އަމިއްލަ އަށް އޭނާގެ ހިމާޔަތަށް ގަލުން ފަރުމާކޮށްފައިވާ ތަކެއްޗެވެ. ފަރުބަދައަށް އަރަން 800 މީޓަރު ހިނގަންޖެހުނު ނަމަވެސް އެ ވަރުބަލިކަމުގެ އިހުސާސު ދަތުރުގެ އެއްވެސް ބައިވެރިއަކަށް ނުވާ ފަދަ އެވެ. މި ތަން ބަލާލުމަށްފަހު މި ސަރަހައްދާއި މާ ދުރު ނޫން ހިސާބުގައި ތިބި ބައެއް އާސާރީ ތަންތަނަށް ވެސް ދިޔައީމެވެ. ދީނީ ކަންތައްތަކުގަ އާއި ކާން ގެންގުޅޭ ތަކެތި ރައްކާ ކުރުމަށް ބޭނުންކުރި ހޮހަޅަތަކާއި އެކި ރަސްރަސްކަލުން އަޅުއްވާފައިވާ ބިނާތަކެވެ. ވަރުބަލި ދުވަހެއް އަހަރެމެން ނިންމާލީ އަދިޔަމަން ގެ މޭޔަރާ އެކު އޮތް ރޭގަނޑުގެ ކެއުމަކުންނެވެ.

ތުރުކީގެ ފަރުބަދަމައްޗަށް އިރު އަރަނީ: ތުރުކީގެ ރީތިކަން އެ ގައުމުގެ އަވަށްތަކުން ފެނިގެންދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔަމަންއަށް ފަހު ދެން ދަތުރުގެ މިސްރާބަކަށްވީ މަޝްހޫރު އިސްތަންބުލް އެވެ. އިސްތަންބުލްގައި ޒިޔާރަތްކުރި ތަންތަނުން ވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. އެތާނގައި އަހަރެމެން ޒިޔާރަތްކުރި ތަންތަނުން ފެނުނީ ރޯމަނުންގެ މަޖިލިސްގެ އާއި ރަސްކަލުން ގެންގުޅުނު އެކި ހަތިޔާރުތަކެވެ. އަދި، ރަސްކަލުންގެ ގަނޑުވަރުގައި ބޭނުންކުރި ތަފާތު ތަކެތި މި ތަނުން ފެނުނެވެ. މި ތަން ތަނުގެ އިތުރުން އިސްތަންބުލްގެ ރީތި މިސްކިތްތައް ބަލާލެވުނެވެ. ވަކިން ހާއްސަކޮށް އިސްތަންބުލްގެ ބޮޑު މިސްކިތެއް ކަމުގައިވާ ހަގިއާ ސޯފިއާ އެވެ.

ހަ ވަނަ ގަރުނުގައި ކްރިސްޓިއަނުން އަޅުކަންކުރާ ފައްޅިއެއް ގޮތަށް ބިނާ ކުރި މިތަނަށް ރޯމަނުން ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް، ސީދާ މިސްކިތަކަށް މިތަން ބަދަލުކޮށް ފަރުމާކުރީ 1400 ގެ އަހަރުތަކުގެ ތެރޭގައި އޭރު ތުރުކީގެ ރަސްކަލެކެވެ. އަދި، ފަހުން މި މިސްކިތް އާސާރީ ބިނާއަކަށް ކަނޑައަޅާ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތަކުގެ ލިސްޓަށް ވަނީ ލާފަ އެވެ. ހުރިހާ ބައިވެރިންނަށް ވެސް މި މިސްކިތް ކުރިން ފެނިފައިވަނީ ފޮޓޯ ތަކުންނެވެ. މަދު ވަގުތުކޮޅަކަށް ނަމަވެސް މިތަނަށް ވަދެލެވުމުން ތަނުގެ ކުރެހުމުގައި ހުރި ފުރިހަމަކަމާއި އާކިޓެކްޗާގަ ހުރި ތަފާތުކަން ހަމަލޮލަށް ފެނުމުން އަހަރެމެން ތިބީ ހައިރާންވެފަ އެވެ.

ތުރުކީ އަށް ކުރި ފަސް ދުވަހުގެ ދަތުރުގައި އަހަންނަށް ތަޖުރިބާ ކުރެވުނީ ކުޑަ އިރު ސޯޝަލް ސްޓަޑީސް ގައި ކިޔެވި ސިވިލައިޒޭޝަންސް ފިލާވަޅުތަކުގައި ދެއްކި ބައެއް ވާހަކަތަކެވެ. ޒިޔާރަތް ކުރެވުނީ އޭރުގެ ރަސްރަސްކަލުންގެ ސާމާނު ރައްކާ ކޮށްފައި ހުރި މައުރަޒުތަކަށެވެ. ބަލާލެވުނީ ކުރީގެ ރީތި އިމާރާތްކުރުމާއި އާޝޯހުވާފަދަ ކުރެހުންތަކެވެ. މި ތަން ތަން ވެގެން ދިޔައީ އިސްތަނބުލް ގެ މޯލްތަކާއި ކަޕަޑޯކިއާގެ ހޮޓް އެއާ ބެލޫންތަކަށްވުރެ މާ ސަޅި، މާ ޝައުގުވެރި ތަންތަނަށެވެ.