Advertisement

މާޝަލް އާޓުން 13 އަހަރުގެ ޒާއިބް ހޯދީ ނަފްސުގެ ހިމާޔަތް

19 ޖޫން 2022 - 10:38 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މާޝަލް އާޓުން 13 އަހަރުގެ ޒާއިބް ހޯދީ ނަފްސުގެ ހިމާޔަތް

19 ޖޫން 2022 - 10:38 0

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް ހައެއްގައި ކިޔަވަމުން އަންނަ ޒާއިބު ޒޭނަބް ހާރިސް، 13 އަހަރުގައި ދެކެމުން އަންނަ ބޮޑެތި ހުވަފެންތައް މި ކުރު އިންޓަވިއުއަށް ބުނެދީ ނިއުޅުވައިލި އިރު، އެ ހުވަފެނާ ގުޅިފައިވާ އިހުސާސްތައް ދުލުން ބުނެ ހާމަކުރިލެއް އަދި މާ ފުރިހަމަ އެވެ. ޒާއިބަކީ މާޝަލް އާޓްސްގެ ތެރޭގައި ހިމެނޭ 'ޓައެކްވޮންޑޯ' ދަސްކުރަމުން، އޭގައި މޮޅުވަމުން އަންނަ ފުރާވަރުގެ ކުއްޖެކެވެ. ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އޮލިމްޕިކްސް އާ ހަމައަށް އޭނާގެ 'ޓައެކްވޮންޑޯ' ގެންދިއުމެވެ. އޭނާގެ މިޒާޒުގައިވީ ލަދުރަކިކަމާއި މަޑުމައިތިރިކަން ފޫއަޅުވާލައި އިތުބާރާއި ކެރުން ހޯދައިދެނީ އެ އާޓުންނެވެ. ފޮތްކިޔެވުމާއި ކުރެހުމަށް ޝައުގު ހުއްޓަސް، އެންމެ ބޮޑު ޝައުގުވެރިކަމަކީ އެއީ އެވެ. އެއީ އެންމެ ބޮޑު ޖޯޝެވެ.

"އެވަރުގެ ޝައުގުވެރިކަމެއް ދެއްކީމަ ޒާއިބު ބޭނުންވާ ހިސާބަކަށް ގެންދިއުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، ސަޕޯޓަރެއްގެ ހައިސިއްޔަތުން މުހިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ޒާއިބު އަކީ މިޒާޖުގައި މަޑުމައިތިރި ކުއްޖެއް. އެކަމަކު ޓައެކްވޮންޑޯ ފެށިފަހުން ކުރިއަށްވުރެ ކެރޭ ސިފަތަކެއް ފާހަގަކުރެވޭ،" ޒާއިބުގެ މަންމަ އަގުލީމާ ފާކިރު ފާހަގަކުރީ ޓައެކްވޮންޑޯ ފަދަ ކުޅިވަރެއް ކުއްޖަކަށް މުހިއްމުވާ ސަބަބުތަކާއި އޭނާގެ ދަރިފުޅަށް އެއިން ވާ ފައިދާ އެވެ.

'ޝާކްސް މާޝަލް އާޓްސް އެކަޑަމީ' އިން މާލޭގައި ހިންގާ ޓައެކްވޮންޑޯ ޕްރޮގްރާމުގައި އަގުލީމާ ޒާއިބް ބައިވެރިކުރުވީ 2019 ވަނަ އަހަރުގެތެރޭގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރީނދޫ ބެލްޓް ހާސިލްކުރި އެވެ. ދެން ހޯދީ 'ގްރީން ބެލްޓް ޕްރޮމޯޝަން ޓެސްޓް' ގައި ބައިވެރިވެ، ކެޓަގަރީއިން 1 ވަނަ ހޯދައިގެން ޔެލޯ ބެލްޓުން ބްލޫ ބެލްޓަށް ޓްރިޕްލް ޕްރޮމޯޝަނެކެވެ. މިއަހަރު ރާޢްޖޭގައި ބޭއްވި ފުރަތަމަ 'މޯލްޑިވްސް ޓައެކްވޮންޑޯ ޕޫމަސަން ޓޯނަމަންޓް'ގެ އެއްވަނައަކީ ވެސް ޒާއިބެވެ.

ޒާއިބް ހިމެނެނީ ރާއްޖޭގައި ޓައެކްވޮންޑޯއިން ރަތް ބެލްޓު ހާސިލުކުރި ފުރަތަމަ ދެ އަންހެނުންގެ ތެރޭގަ އެވެ. އަދި ފުރަތަމަ ޓައެކްވޮންޑޯ ރެފްރީންގެ ބެޗުގައި ވެސް އޭނާ ހިމެނެ އެވެ.

"ވަރަށް ބޮޑު ޑެޑިކޭޝަނެއް ޒާއިބު މިކަމަށް ދޭ. އެހާ ހަގު އުމުރުގައި ވަރަށް އުނދަގުލުން ވަރަށް ހިއްވަރުކޮށްގެން ހާސިލުކުރެވޭ ވަރުގެ ކާމިޔާބީތަކެއް ޒާއިބް ހާސިލުކުރަމުން އެދަނީ. އެކަމާ ފަހުރުވެރިވޭ. އެ ސަޕޯޓް އަޅުގަނޑުމެންނަށް ދެވޭތީ ވެސް އުފާވޭ،" އަގުލީމާ ބުންޏެވެ.

މާޝަލް އާޓްސްގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ޓައެކްވޮންޑޯއަކީ މިލިޓަރީ އާޓް ފޯމެއްގެ ގޮތުގައި ތަރައްގީކުރި 'ކަރާޓޭ' ގެ ވައްތަރެކެވެ. މި ފޯމް ގައި އަތުގެ ހަރަކާތްތަކަށް (އަތުން ޖެހުން) ވުރެ ގިނަވާނީ ފައިގެ ހަރަކާތްތަކެވެ. މިއީ ގަޔަށް ގެންނަ ބާރާއެކު، ނާވާލުމަށާއި ފޯކަސްކުރުމަށް ޖާގަ ދެމުން ގެންނަ ހަލުވި، ކުއްލި ހަރަކާތްތަކެކެވެ.

"ޓައެކްވޮންޑޯ ދަސްކުރަންފަށައިގެން މިހާތަނަށް އާދެވުނުއިރު ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިއްޖެ. ފަށައިގަތް އިރު އަޅުގަނޑަށް އެންމެ ކިކެއް ވެސް ނުކޮށްލެވޭ. މިހާރު ބާރު ހުރި ކިކް ކޮށްލެވޭ. ރަނގަޅަށް ދުވެވޭ. އަމިއްލަ އަސް ސޭފް [ރައްކާތެރިކަން] އިހުސާސްކުރެވޭ. އެކުގައި ހުންނަ މީހަކަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލުކުރެވޭ." ޒާއިބު ބުންޏެވެ.

ޒާއިބުގެ އަމާޒާއި މިސްރާބު ހުރީ ޓައެކްވޮންޑޯ ގައި ރާއްޖޭން ކުރިއަށްދެވޭނެ އެންމެ ދުރަކަށް އޭނާގެ ހުނަރު ގެންދިއުމެވެ. އަދި އޭގެ ފަހުން އޮލިމްޕިކްސް އާ ހަމައަށް ވެސް ހުނަރު ތަރައްގީކުރުމެވެ.

"މިހާ ހިސާބަށް އާދެވުނީ ކޯޗު އައްޔޫބާއިކިނާން ކޯޗު އަދި ސޮދޫ ކޯޗުގެ ހިއްވަރުން. މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޒާއިބްގެ ވާހަކަ ކުރުކޮށްލި އެވެ.

މާޝަލް އާޓްސްއަކީ ޖިސްމާނީގޮތުން މީހާ ވަރުގަދަކޮށްދީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކޮށްދިނުމުގެ އިތުރަށް ސިކުނޑީގެ ސިއްހަތު ވެސް ރަނގަޅުކޮށްދޭ ހަރަކާތެއްކަން ފަހުގެ ދިރާސާތަކުން ހޯދިފައިވެ އެވެ. އެގޮތުން ރުޅި މެނޭގްކުރުމަށް އެހީތެރިވުމާއި، ކުޅިވަރުގެ އަހުލާގުގެ ތެރެއިން ޖަޒުބާތުތައް ކޮންޓްރޯލްކުރަން މި ހަރަކާތުގެ ތެރޭގައި އުނގަންނައިދޭ އެކި ހުނަރުތަކުން ދަސްވެ އެވެ. އަދި ފޯކަސްކުރުމުގެ މައްސަލަތައް ހުންނަ ކުދިންނަށް ވެސް މާޝަލް އާޓަކީ ފައިދާހުރި ހަރަކާތެއް ކަމަށް ވެސް ސައިންސުން ވަނީ އެނގިފަ އެވެ.