Advertisement

ވަކީލްކަމުގެ ހުއްދަ ބާތިލްވުން: ފަނޑިޔާރުންގެ މިނިވަން ވިސްނުމަށް ހުރަހެއް؟

13 ޖޫން 2022 - 11:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ވަކީލްކަމުގެ ހުއްދަ ބާތިލްވުން: ފަނޑިޔާރުންގެ މިނިވަން ވިސްނުމަށް ހުރަހެއް؟

13 ޖޫން 2022 - 11:28 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަކީ ގާނޫނުއަސާސީން އެ ތަން އެކުލަވާލާފައި އޮތް ގޮތުން ސިޔާސީ ކުލަ ޖެހިފައިވާ ތަނެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެ ތަނުގައި ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ މެންބަރާއި ބަންޑާރަނައިބުގެ އިތުރުން ރައީސް އައްޔަނުކުރާ މެންބަރުވެސް ކޮމިޝަންގައި ހިމެނޭތީ ކޮމިޝަނުގެ ކޮމްޕޮޒިޝަން އެކުލަވާލެވިފައި އޮންނަ ގޮތުން ސިޔާސީ ފަރާތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑު ކޮންޓްރޯލެއް ލިބެ އެވެ. ދެން ތިއްބެވީ ފަނޑިޔާރުންތަކެކެވެ.

އެހެންވެ، ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ބައެއްގެ އަތް ގަދަ ކަމަށް ބުނެ ފާޑުކިޔުން ބޮޑުވަނީ އެވެ.

ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ ސުލޫކު ހުރީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތަށްކަން ކަށަވަރުކުރުމެވެ. އެކަންކަން ބަލާއިރު، ބައެއް ފަހަރު ފެންމަތި ވަނީ ހަމައެކަނި އާދައިގެ ސުލޫކީ މައްސަލަތަކެއް ނޫނެވެ. ރިޝްވަތާއި ނުފޫޒުގައި ޖެހުމުގެ މައްސަލަތައްވެސް ފެންމަތިވެ އެވެ. އެފަދަ މީހަކު އަދުލުއިންސާފުގެ ދާއިރާގައި އެމީހަކު މަސައްކަތްކުރުމަކީ ހަމަ ޔަގީނުންވެސް ދާއިރާގެ މަސްލަހަތު ހުރި ގޮތެއް ނޫނެވެ.

ފަނޑިޔާރުކަމުގެ މަގާމަށް މި އައްޔަނުކުރެވެނީ ގާނޫނީ ވަކީލަކަށް ވީތީ އެވެ. ފަނޑިޔާރުކަން ކުރާތީ އެ މުއްދަތަަށް ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮންނަނީ އެވެ. މަގާމުގައި ހުއްޓައި ފަނޑިޔާރެއްގެ މައްޗަށް ކޮންމެ ފަދަ ތުހުމަތެއް ކުރެވިގެން ފަނޑިޔާރުކަމުން ވަކިކުރެވުނު ނަމަވެސް، ވިދިގެން އަންނަ ދުވަހު ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށަ އެވެ. ފަނޑިޔާރުކަމުގެ ތަޖުރިބާއާއި، އޭރު އުފެދިފައި ހުރި ގުޅުންތަކުގެ ފައިދާއާއެކު ވަކާލާތުކުރުމުގެ މަސައްކަތަށް ރުޖޫއަ ވަނީ ނިކަން އަވަހަށް އަދި ބާރަށެވެ.

މިކަމުގެ ސަބަބުން އަދުލުއިންސާފުގެ ދާއިރާގެ ތަސައްވުރު ކިލަނބުވެގެންދާކަމީ ދެކޮޅު ނުހެދޭނޭ ހަގީގަތެކެވެ. އެހެންނަމަވެސް މިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު ހިފާފައި އޮތް މަގަކީ އެންމެ އަދުލުވެރި، ރަނގަޅު މަގުތޯ ސުވާލު އުފެދެ އެވެ.

ހައްލަކީ ވަކާލާތުކުރުމުގެ ހުއްދަ ހިފެހެއްޓުންތަ؟

ކުރިމަތިވަމުން އައި ގޮންޖެހުމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މިހާރު އެއޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ބުނާ ގޮތުން ފަނޑިޔާރުކަމުގައި ހުއްޓައި މަގާމުން ވަކިކުރެވޭ ފަނޑިޔާރެއްގެ ވަކާލާތުކުރުމުގެ ހުއްދަ އޮޓޮމެޓިކުން ބާތިލުވާނެ އެވެ. މިއީ ކުރިމަތިވަމުން އައި ގޮންޖެހުމަށް އޮތް ހަމަ އެންމެ ރަނގަޅު ހައްލުތޯ މިއީ ބޮޑު ސުވާލެކެވެ.

ފަނޑިޔާރުގޭގެ ބޭއިންސާފު އެންމެ ކައިރިން ފެނުނު އެއް ބަޔަކީ ވަކީލުންނެވެ. އެ ވަކީލުންނަށް ކުރިމަތިވި ގޮންޖެހުންތައް މަދެއް ނޫނެވެ. ވަކީލުން އޭރު ތިބީ ސުޕްރީމް ކޯޓުގެ މަދު ފަނޑިޔާރުންތަކެއްގެ ކޮންޓްރޯލްގަ އެވެ. އޭގެ ކުރިން ބަންޑާރަ ނައިބު އޮފީހުގެ ކޮންޓްރޯލްގައި ވެސް ވަކީލުން ތިއްބެވެ.

"ސެލްފް ރެގިއުލޭޓަރީ ސިސްޓަމްއެއް ގެނައީ ވެސް މީގެ ކުރިން ގާނޫނީ ފަންނުގެ ބޭފުޅުންނަށް ދިމާވި ހިތްދަތި ގޮތްތަކަށް ނިމުމެއް ގެނައުން، ހިތި ތަޖުރިބާތަކެއް ކޮށްފަ ހުރީމަ، ބަންޑާރަ ނައިބު އޮފީހުގެ ދަށުގައި އޮތް ޒަމާނަކާއި ސުޕްރީމް ކޯޓު ދަށުގައި އޮތް ޒަމާނަކުން، އެ ކަން ތަޖުރިބާ ކުރި އެއް ބަޔަކު ޖޭއެސްސީގައި ވެސް އެ ތިބީ، [އެކަމަކު] ޖޭއެސްސީގެ ނުފޫޒު އިތުރު ދާއިރާތަކަކަށް ފުޅާވާ މަންޒަރު މި ފެންނަނީ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވި އެވެ.

"ޖޭއެސްސީ އެ ނިންމާ ނިންމުމެއްގެ ސަބަބުން ކެރިއާ އެއްކޮށް ނިމުމަކަށް މި އަންނަނީ، އަޅުގަނޑު ގަބޫލު ކުރަން ފަނޑިޔާރުންގެ ގޮތުގައި ރަނގަޅު ބޭފުޅުން ނުކުންނަން ޖެހިލުން ވާނެ،" އެމްއެންޕީގެ ނައިބު ރައީސަކަށް ވެސް ހުންނެވި އުޝާމް ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވެސް ވިދާޅުވަނީ ބިލު އޮތް ގޮތުގެ ސަބަބުން "މިނިވަން ވިސްނުމެއްގައި" މަސައްކަތް ކުރަން ބޭނުންވާ އެއްވެސް ފަނޑިޔާރަކަށް ދެން އެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ފަނޑިޔާރުން ތިބެން ޖެހޭނީ ޖޭއެސްސީން އަޅާފާނެ ފިޔަވަޅަކާ މެދު އަބަދުވެސް އެ ވިސްނުމުގައި ކަމުގަ އެވެ.

"ލޯވ ޕްރޮފެޝަން އެކްޓްގެ މައިގަނޑު އެއް ރޫހަކީ ވަކީލުން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ މިނިވަން ނިޒާމެއް ނުވަތަ ސެލްފް ރެގިއުލޭޓަރީ ފްރޮފެޝަންއެއްގެ ގޮތުގައި މި ޕްރޮފެޝަން އޮތުން، ބިލުން އެ ކަމަށް އުނިކަމެއް އެބަ ލިބޭ،" މައުމޫން ހަމީދު ލިޔުއްވާފައިވެ އެވެ.

ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން


ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވެސް އެ ބިލު ސިފަކުރެއްވީ މިހާރު ތިބި ފަނޑިޔާރުންނަށް ބިރު ދައްކަން ކުރާ އަމަލެއްގެ ގޮތުގަ އެވެ. ފަނޑިޔާރުކަމުން ވަކިވުމުގެ އިތުރަށް ދެން ލައިސަންސް ވެސް ބާތިލްވާނެ ކަމުގެ އިންޒާރެއް ދިނީ ކަމުގަ އެވެ.

"މިހާރު ތިބި ފަނޑިޔާރުންނަށް ބިރު ދައްކަން ވެގެން ކުރާ ކަމެއް ގޮތުގައި ސިފަވަނީ. ދެން ވަކިކޮށްފިނަމަ ދެން ލައިސަންސް ވެސް ނުލިބޭނެއޭ. އެންމެ ބޮޑަށް ޖޭއެސްސީ ސިޔާސީ ވެފައި އޮތް ދުވަސްވަރަކީ ވެސް މިއީ،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ވާހަކަ ދެކެވުނު ބައެއް އެހެން ވަކީލުންގެ ވިސްނުން ތަފާތެވެ.

"ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ރިޝްވަތު ހިފިކަން ސާބިތުވީ. ވަކި މީހެއްގެ މަންފާއަށް މަސައްކަތް ކުރިކަން ސާބިތުވީ. އެފަދަ ކަމެއް ސާބިތުވެގެން ވަކިކުރާ ފަނޑިޔާރަށް ހުއްދަ އޮންނަން ވީތޯ ހަމަ އަނެއް ދުވަހު އަދުލު އިންސާފަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައި ނުކުމެ މަސައްކަތްކުރަން؟" ވަކީލަކު ސުވާލު އުފެއްދި އެވެ.

އެހެންނަމަވެސް އެ ވަކީލުގެ ނަޒަރުގައިވެސް ފަނޑިޔާރުކަމުން ވަކިކުރުމާއެކު އޮޓޮމެޓިކުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި ވަކާލާތުކުރުމުގެ ހުއްދަ ބާތިލުވުން ހިމަނާފައި އޮތުމުން ބާ ކައުންސިލްގެ ދައުރަށް ހުރަސް އެޅެ އެވެ. ފަނޑިޔާރުކަމުން ވަކިކުރެވުމުން، އޭނާ ވަކިކުރެވުނު ސަބަބަށް ބަލައި، އޭނާގެ ވަކާލާތުކުރުމުގެ ހުއްދައާމެދު ބާ ކައުންސިލުން ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތުން ރަނގަޅުކަމުގައި އެ ވަކީލު ދެކެ އެވެ.

ފަނޑިޔާރުންނާއި ވަކީލުން؛ އެއް މިންގަނޑަކުން ކިރުން ރަނގަޅު؟

ފަނޑިޔާރުން އައްޔަން ކުރަނީ ދައުލަތުންނެވެ. މުސާރަ އާއި އިނާޔަތްތައް ދެނީ ދައުލަތުންނެވެ. މަސައްކަތް ކުރަނީ ވެސް ދައުލަތަށެވެ. މުޅި ދައުލަތާއި މުޖުތަމައުގެ މަސްލަހަތަށެވެ. މައްސަލާގައި އިންސާފު ގާއިމް ކޮށްދިނުމަށެވެ. ވަކީލުންނަކީ، މައްސަލައެއްގައި ހިމެނޭ ހަސްމަކުން އައްޔަން ކުރާ ބައެކެވެ.

"ފަނޑިޔާރުންނަކީ މުޅި ރައްޔިތުންގެ ހައްގުގައި، މުޅި މުޖުތަމައުގެ މަސްލަހަތުގައި މަސައްކަތް ކުރަން، ވަކި ހުވައެއްގެ މަތީގައި އައްޔަން ކުރާ ބައެއް، ވަކީލުން މަސައްކަތް ކުރާނީ އޭނާގެ ކްލައިންޓްއަށް، ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ވަކީލުގެ ސުލޫކީ މިންގަނޑާ ވަރަށް ތަފާތު،" އުޝާމް ވިދާޅުވި އެވެ.

އަލީ ހުސައިން ވެސް ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ މައްސަލައިގެ ބޮޑު މިނަށް ބަލާފައި އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަކީ ބައެއް ގައުމުތަކުގައި އަމަލު ކުރާ ގޮތެކެވެ. އެކަމަކު ކުޑަ މައްސަލައެއްގައި ފަސް އަހަރުގެ ދިގު މުއްދަތަކަށް ސަސްޕެންޑްކޮށްފައި، އަދި އެހެން މައްސަލަތަކުގައި އުމުރު ދުވަހަށް ލައިސަންސް ބާތިލްވާ ގޮތަށް އޮތުން ރަނގަޅެއް ނޫން ކަމަށެވެ.

"ފަނޑިޔާރުންގެ މިންގަނޑާއި ވަކީލުންގެ މިންގަނޑު ވަރަށް ތަފާތު. ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ބަލަން މި އޮންނަނީ ވަރަށް މަތީ މިންގަނޑެއް. ކިރިޔާ ވެސް އޭނާގެ އަހްލާގާ މެދު ސުވާލު އުފެދެއްޖެއްޔާ ވަކިކުރުން އެބަ އޮވޭ. އެ ހާލަތު އޮންނަ މީހެއް ނޫން ވަކީލަކީ،" އަލީ ހުސައިން ވިދާޅުވި އެވެ.

ކޮންމެއަކަސް، މިހާރު ހުށަހަޅާފައި އޮތް އިސްލާހުގެ ސަބަބުން ބާ ކައުންސިލްގެ ދައުރެއްގެ ނެތި، ވަކީލެއްގެ ވަކާލާތުކުރުމުގެ ހުއްދައާމެދު ގޮތް ނިމިގެން ދެ އެވެ. މިއީ ގާނޫނީ ވަކީލުންގެ ފަންނުގެ ދާއިރާގެ ތެރޭގައި އަމިއްލައަށް ގޮތް ނިންމުމަށް ވަކީލުން ނިންމި ނިންމުމާ ފުށުއަރާ އިސްލާހެކެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެ އިސްލާހު އަދި އޮތީ ފުރަތަމަ ކިޔުން އިއްވި ގޮތަށެވެ. ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެއް ތަޅުމުގައި ހިނގާނެ އެވެ. ބިލު ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ވެސް ދާނެ އެވެ.