Advertisement

ރަސޫލާއަށް ފުރައްސާރަކުރުން؛ މައްސަލައިގެ ފަސްފަހަތް

7 ޖޫން 2022 - 16:15 6

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ރަސޫލާއަށް ފުރައްސާރަކުރުން؛ މައްސަލައިގެ ފަސްފަހަތް

7 ޖޫން 2022 - 16:15 6

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރްމާ، އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަކޮށް މީޑިއާގައި ވާހަކަ ދެއްކި މައްސަލައިގައި މުޅި އިންޑިއާގައި ދަނީ މުޒާހަރާކުރަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން އޭނާގެ ބަސް ކުށްވެރިކޮށް، އިންޑިއާއާ އޮތް ހާރިޖީ ގުޅުމަށް ހުރަސް އެޅެން ފެށުމުން ބީޖޭޕީން ވަނީ ނުޕުރް ޝަރްމާ މަގާމުން އެކަހެރިކޮށްފަ އެވެ.

މައްސަލައިގެ ފެށުން

އިންޑިއާގެ އުއްތަރުޕްރަދޭޝަގެ ބަނާރަސްގައި ހުން ގްޔާންވާޕީ މިސްކިތަކީ މުގަލް އެމްޕަރާގެ ވެރިކަން ހިނގިއިރު މީލާދީން 1669 ގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މިސްކިތާ ޖެހިގެން ހުންނަނީ ހިންދޫން އަޅުކަންކުރާ ޝިވާ ޓެމްޕަލް އެކެވެ. އެންމެ ކުރިން އެ ސަރަހައްދުގައި ހުންނަނީ ހަމައެކަނި ޝިވާ ޓެމްޕަލް ކަމަށާއި، މިސްކިތް ހެދީ ޝިވާ ޓެމްޕަލް ތަޅާލާފައި ކަމަށް ހިންދޫންގެ ތެރެއިން ބަޔަކު ދައުވާ ކުރަމުން ގެންދިޔަ އެވެ. އެ އަޑު ފަހުން ގަދަވީ، މިސްކިތާ ވީ ފަޅީގައި އޮތް ފެންގަނޑެއް ހުސްކުރިއިރު، އެތެރެއިން 'ޝިވްލިން' (ޝިވާ އަށް ނިސްބަތްވާ މުގައްދަސް ރަމްޒެއްކަމަށް ހިންދޫން ގަބޫލުކުރާ އެއްޗެއް) ކަމަށް ބެލެވޭ އެއްޗެއް ފެނުމާ ގުޅިގެންނެވެ. މިސްކިތް ބަލަހައްޓާ މީހުން ބުނަމުން ގެންދިޔައީ އެއީ ޝިވްލިންއެއް ނޫންކަމަށާއި އެއީ މިސްކިތުގައި ތައްޔާރުކޮށްފައި ހުރި ފެންއަރުވާވަޑާމެއް ކަމަށެވެ. ބަލާ ބެލުމަށް އެ އެއްޗެއް ހުރީ ޝިވްލިން ހުންނަ ގޮތާ ތަފާތުކޮށެވެ.

މި ބަހުސް އެންމެ ހޫނުވި ވަގުތު ދިއްލީ ޔުނިވަސިޓީގައި ތާރީހު ކިޔަވަދޭ ޕްރޮފެސަރު ރަތަންލާލް ޓުވީޓެއް ކުރި އެވެ. އޭނާގެ ޓުވީޓުގައި ބުނީ 'އެ ޝިވްލިން އެއޮތީ ހިތާނުކޮށްފައި ކަމަށް ވެދާނެތޯ؟' އެވެ. އެއީ ޝިވްލިން ކަމަށް ބުނާ އެއީގެ ކޮޅުން ބުރިކޮށްލާފައިވުމާއި އެއީ ހަގީގަތުގައި ޝިވްލިން ނޫން ކަމަށް ބެލެވޭތީ، އެއީ ޝިވްލިން ކަމަށް ދެކޭ މީހުންގެ ވިސްނުމަށް ޖޯކު ޖަހައި ބުނި އެއްޗެކެވެ. ޕްރޮފެސަރު ރަތަންލާލްގެ މި ބަސްކޮޅާ ގުޅިގެން މުޅި އުއްތަރުޕްރަދޭޝްގައި މުޒާހަރާ ފެށި އެންމެ ފަހުން އިންޑިއަން ޕީނަލް ކޯޑުގެ 153ގެ އޭ، އަދި 295 އޭ ގެ ދަށުން ރަތަންލާލް ހައްޔަރުކުރެވުނެވެ. އެ މާއްދާތަކުގައި ބުނަނީ އިންޑިއާގައި ތަފާތު ދީނީ ގުރޫޕްތަކުގެ މެދުގައި ފިތުނަ އުފެދިދާނޭ ވާހަކައެއް ދެއްކުމާއި އެއްބަޔަކު އަނެއް ބައެއްގެ ދީނީ އަގީދާއަށް ފުރައްސާރަކުރުމަކީ ކުށެއް ކަމަށެވެ.

ގްޔާންވާޕީ މަސްޖިދުގެ މައްސަލަ މިހާރު އޮތީ ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅި ފަރާތްތަކުން އެދެނީ އެއީ ހިންދޫންގެ ސަރަހައްދެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. މުސްލިމް ލީޑަރު އޮވައިސީ ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މިހާރު އިންތިޒާރުކުރެވެމުން ދަނީ ކޯޓުގެ ނިންމުމަކަށެވެ.

ނުޕުރް ޝަރުމާގެ ބަސް

ރަތަންލާލް، ޝިވްލިންއަށް ނިސްބަތްކޮށް ޖެހި ޖޯކާއި، ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މައްސަލަ ހޫނުވެ، ހޫނު ބަހުސްތައް ހިނގަމުންދިޔަ އެވެ. އޭރު ގިނަ ބަޔަކު ދިޔައީ ގްޔާންވާޕީ މިސްކިތުން ފެނުނު ފައްވާރާއަކީ ޝިވްލިން ކަމަށް ކުރާ ދައުވާއަށް ޖޯކު ޖަހަމުންނެވެ. މެއި 26، 2022 ދުވަހު އިންޑިއާގެ ޓައިމްސްނައު އިން ބޭއްވި ޑިބޭޓްގައި ނުޕުރު ޝަރުމާ ގޮވާލީ ޝިވްލިންއަށް ނިސްބަތްކޮށް ޖޯކު ޖެހުމާއި މީމްސް ހެދުން ހުއްޓާލުމަށެވެ.

"އަހަރުމެންގެ ދީނަށް ތިޔަ ފުރައްސާރަ ކުރާހެން ކަލޭމެންގެ ދީނަށް ފުރައްސާރަ ކުރަން ފަށަންވީތޯ، ދުނިޔެއަކީ ފްލެޓް ތަނެއް ކަމަށް ގުރުއާނުގައި ބުނާ ބުނުމަށް ޖޯކު ޖަހަން ފަށަންވީތޯ؟" ނުޕުރް ބުންޏެވެ.

އެކަމަކު މައްސަލަ އިތުރަށް ހޫނުވީ އެއާ ވިދިގެން އޭނާ ބުނި ވާހަކައިންނެވެ. އުމުރުން ނުވަ އަހަރުގައި އައިޝާއާ ރަސޫލާ ކައިވެނި ބައްލަވައިގެންނެވި ކަން ނުޕުރް ސިފަކުރީ ހުތުރު ގޮތަކަށެވެ.

މި ހުތުރު ކޮމެންޓާ ގުޅިގެން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކޮށް ޓުވީޓުކުރީ އިންޑިއާގެ ޓީވީ ޗެނަލެއްކަމަށްވާ އޭއެލްޓީނިއުސްގެ ކޯ-ފައުންޑަރ މުހައްމަދު ޒުބައިރު އެވެ. އޭނާ ފާޑުކީ ޓައިމްނައުގެ ޝޯ ހުށަހަޅައިދިން ނަވީކާ ކުމާރު އަށެވެ. ބީޖޭޕީގެ ތަރުޖަމާނު ދައްކާނޭ ވާހަކައެއް ދައްކަން ފުރުސަތު ދީގެން ދީނީ ގޮތުން ފިތުނަ އުފައްދަން ހިތްވަރުދޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. މި ޓުވީޓާއެކު އިންޑިއާ އަނެއްކާ ވެސް ވެއްޓިގެން ދިޔައީ ހިންދޫ-މުސްލިމް ތަޅާފޮޅުމަކަށެވެ. ބީޖޭޕީއަށް ނިސްބަތްވާ ހިންދޫން ޒުބައިރު މަރާލަން ގޮވާލާއިރު، އިންޑިއާގެ މުސްލިމް ލީޑަރު އޮވައިސީ އަށް ތާއީދުކުރާ މުސްލިމުން ދަނީ ނުޕުރު ޝަރުމާ މަރާލުމަށް ގޮވާލަމުންނެވެ. ދެކޮޅުން ކުރަމުން ގެންދާ މުޒާހަރާތަކާއެކު، މައްސަލައިގެ އަސްލު ގެއްލި އެތެރެއިންނާއި ބޭރުން އިންޑިއާއަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

އިންޑިއާގައި 1984 ބާބަރީ މިސްކިތް ތަޅާލީ ވެސް މިކަހަލަ ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. އޭރު ކުރި ދައުވާއަކީ މުގަލް ވެރިކަމުގައި ބާބަރީ މިސްކިތް ބިނާކޮށްފައި ހުރީ އެތަނުގައި ހުރި 'ރާމް މަންދިރު' ތަޅާލުމަށްފަހުގައި ކަމަށެވެ. އަދި ބާބަރީ މިސްކިތް ހުރި އަޔޯދްޔާގެ ބިމަކީ 'ރާމް' އުފަންވި ތަން ކަމަށް ވެސް ދައުވާކުރި އެވެ. ޒަމާންވީ އެ މައްސަލައަށް ނިމުމެއް އައީ އިންޑިއާގެ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު އެ މައްސަލަ ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރީ އަޔޯދްޔާގެ ބިން ހިންދޫ ޓްރަސްޓަކާ ހަވާލުކުރުމަށާއި، މުސްލިމުންނަށް މިސްކިތެއް އެޅުމަށް ފަސް އޭކަރުގެ ބިމެއް ދިނުމަށެވެ.