Advertisement

ހިޔާލަށް ހުރަސްއެޅި، ރައިސުލްޖުމްހޫރިއްޔާގެ ގަރާރު ގާނޫނުއަސާސީން ބޭރުގައި؟

25 މޭ 2022 - 09:07 4

ނާޒިމް ހަސަން

ނާޒިމް ހަސަން


ހިޔާލަށް ހުރަސްއެޅި، ރައިސުލްޖުމްހޫރިއްޔާގެ ގަރާރު ގާނޫނުއަސާސީން ބޭރުގައި؟

25 މޭ 2022 - 09:07 4

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައިސުލްޖުމްހޫރިއްޔާއަށް ވެސް ހަނި ނުކުރެވޭނެ އަސާސީ ހައްގެއްކަން ގާނޫނުއަސާސީގައި ބުނެފައި އޮތުމުން ވެސް އޭގެ ވަރުގަދަކަން ހާމަވެ އެވެ. އެކަމަކު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި 2022/5 ވަނަ ރިޔާސީ ގަރާރުގައި އެ ހައްގުގެ ނާޖައިޒު ފައިދާ ނަގާކަމަށް ބުނެ, އިންޑިއާއާ ދެކޮޅު ހިޔާލުތަކަށް ވަނީ ހުރަސްއަޅާފަ އެވެ. މި ގަރާރު ހޫނުވެ, މިއީ ސީދާ ގާނޫނުއަސާސީގެ ތަރަހައިން ބޭރުން ނެރެފައި އޮތް ޣައިރު ގާނޫނީ ގަރާރެއް ކަމުގެ ބަހުސް މިވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ކުރީގެ ރައީސް އަބްދުالله ޔާމީން އިސްކޮށް ހުންނަވައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން އިތުރަށް ފުޅާކޮށް, ބޮޑެތި ބެނާތަކާއި ރެލީތައް ގިނަވުމާއެކު, ރައީސް ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގައި ރައީސް, ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަންގާފައިވަނީ އެ ހަރަކާތަކީ ގާނޫނާ ހިލާފު ހަރަކާތެއް ކަމާއި, އެކަން ހުއްޓުވުމަށް ހުރިހާ ފިޔަވަޅުތަކެއް އެޅުމަށެވެ. ގަރާރުގައިވާ ގޮތުން, އެ ހަރަކާތަކީ ރާއްޖޭގެ ހަމަޖެހުން ގެއްލި, ބޭރުގެ ގައުމާއެކު އޮތް ގުޅުމަށް ބުރޫއަރާނެ ނުރައްކާ ހަރަކާތެކެވެ. ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ ހަރަކާތް ހުއްޓުވުން މުހިންމުވެ, ގަރާރު ނެރުނީ އެހެންވެ އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި, އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ދިވެހިރާއްޖެއާ އިންޑިއާއާއެކު އޮތް ޒަމަންވީ ބަދަލި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް," ރައިސުލްޖުމްހޫރިއްޔާ, 21 އޭޕްރީލް 2022ވީ ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރުގައިވެ އެވެ.

ގާނޫނީ އަދި އިދިކޮޅުގެ ސިޔާސީ ބޭފުޅުން ވެސް އުފައްދަމުން އަންނަ ސުވާލަކީ, މިއީ ހިޔާލުފާޅުކުރުމުގެ ހައްގު ހަނި ކުރެވިދާނެ ގޮތެއްކަމާމެދު އެވެ. އެ ހައްގުގެ ނާޖައިޒު ފައިދާ ނަގާކަމަށް ބުނެ, އެއީ ހަނި ކުރެވިދާނެ ހައްގެއްތޯ އާއި ހާރިޖީ ސިޔާސަތާމެދު ފާޑުކިޔައި, ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު, ގާނޫނުއަސާސީން ލިބިދީފައިނުވޭތޯ ސުވާލު ދަނީ އުފައްދަމުންނެވެ.

އިންޑިއާ ދެކޮޅަށް ފާޅުކުރަނީ ހިޔާލެއް، އެއީ ހައްގެއް

އެ ސުވާލުތަކަށް ކުރީގެ ރައީސް ޔާމީން ދެއްކެވީ ބޭރުގެ އެހެން ގައުމުތަކުގައި ގައުމުތަކާމެދު އޮންނަ ނުރުހުމުގައި އެ ގައުމުތަކުގެ ދިދައިގައި ހުޅުޖަހައި, އަޑުއުފުލާ މިސާލެވެ. ޔާމީން ވިދާޅުވި ގޮތުގައި, ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުވާ ހައްގަކަށްވާއިރު އިންޑިއާއެކު އޮތް ހާރިޖީ ގުޅުމަށް ފާޑުނުކިޔެންވީ އެއްވެސް ސަބަބެއް ނެތެވެ. ސަރުކާރުތަކުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަކީ އެއަށް ހުރިހާ ރައްޔިތުން އެއްބަސްވާނެ ކަންކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ ކޮން ތަނެއްގަތޯ މި މިނިވަންކަން ނެތީ, އެއްވެސް ގައުމެއްގެ ހާރިޖީ ސިޔާސަތަކަށް އެ ގައުމުގަ ތިބި އެންމެން ތަބާވާކަށް ނުޖެހޭނެ, އަދި އާންމުކޮށް ހާރިޖީ ސިޔާސަތަކީ އިދިކޮޅުން ފާޑުކިޔާ ކަންތައް, އަޅުގަނޑުމެން ސަރުކާރު ހިންގިއިރު އޭރު އިދިކޮޅުގަ ތިބި އެމްޑީޕީން ޗައިނާއާ އޮންނަ ގުޅުންތަކާ ދޭތެރޭގަ ފާޑު ނުކިޔާތޯ؟," ޔާމީން ސުވާލުކުރެއްވި އެވެ.

އިންޑިއާ ދެކޮޅަށް އަޑުއުފުލަން ބޭއްވި އެއްވުމެއް ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލަނީ - ފޮޓޯ: މުހައްމަދު ޝާވިން / އަދަދު


ޔާމީންގެ އެ ވިސްނުމާއެކު, އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުން ވަނީ އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އަރިހަށް ވަޑައިގެން, ވީޑިއޯއެއްގެ ޒަރިއްޔާއިން ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި, ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި އޮތުމާ ދެކޮޅަށް ރައްޔިތުން ފާޅުކުރަނީ ޝުއާރާއި ހިޔާލެވެ. އެ ހިޔާލުފާޅުކުރުން, ގާނޫނުއަސާސީން ކަށަވަރުކޮށްފައި އޮތްވައި, ރައީސްގެ ގަރާރަކުން އެ ހައްގު ހަނި ނުކުރެވޭނެ ކަމުގެ ނުކުތާއަށް އާދަމް ޝަރީފް ބާރުއެޅުއްވި އެވެ.

"އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ ހިޔާލެއް ފާޅުކުރެވޭނެ, ރައްޔިތުންތަކެއް ހިޔާލު މި ފާޅުކުރަނީ ގައުމުގެ ސިޔާދަތު ގެއްލިދާތީ އެކަމަށް, މި ހިޔާލު ފާޅުކުރެވޭނެ," ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި އާދަމް ޝަރީފް ވަނީ އިންޑިއާ ދެކޮޅު އަޑު އުފުލޭނެ ކަމުގެ ހެއްކެއްގެ ގޮތުން, ރާއްޖޭގައި ފާޅުކަން ބޮޑު ގޮތެއްގައި ފަލަސްތީނާ އެއްކޮޅަށް އަދި އިސްރާއިލްއަށް ދެކޮޅަށް އަޑު އުފުލަމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އެހެންކަމުން, ވަކި ގައުމެއްގެ ސިޔާސަތަކަށް ދެކޮޅަށް އަޑު އުފުލުމަކީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިނުގަންނަވަ އެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ތާއިދު ކުރައްވަމުން ވިދާޅުވީ, ރައީސް ސޯލިހްގެ ގަރާރުގެ ނަތީޖާއަކަށް ވަނީ އިންޑިއާ ދެކޮޅު ހިޔާލުތައް ފާޅު ނުކުރެވުން ކަމަށާއި, އެހެންކަމުން އެ ހައްގު އެ ވަނީ ހަނި ކުރެވިފައި ކަމަށެވެ. ނަމަވެސް, ރިޔާސީ ގަރާރަކުން އަސާސީ ހައްގެއް ހަނި ކުރުމަކީ ގާނޫނުއަސާސީ ދަންނަ އުސޫލާ ހިލާފު ކަމެއްގެ ގޮތުގައި އުޝާމް ފާހަގަ ކުރެއްވި އެވެ.

ފެހި ގާނޫނުއަސާސީގައިވާ ގޮތުން އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް ވަރަކަށް ހަނިކުރެވޭނީ ގާނޫނުއަސާސީ އާ ތައާރުޒުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިގްރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ.

"...އެހެންވީރު ރައީސްގެ ގަރާރަކުން އަސާސީ ހެއްގެއް ނުހުއްޓުވޭނެ, މިހާރު އެއީ ރައިސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ނޫން, އެންމެން އެއްބަސްވެގެން ތިބި މި ގާނޫނުއަސާސީން ރައިސުލްޖުމްހޫރިއްޔާއަށް އެފަދަ ބާރުތަކެއް ދީފައި ނޯވޭ, ތިން ބާރު ވަކިވެފައި އޮތްއިރު ރައިސުލްޖުމްހޫރިއްޔާއަށް މަޖިލީހަށް ލިބިދީފައި އޮތް ބާރެއް ބޭނުމެއް ނުކުރެވޭނެ," ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމު ވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވި އެވެ.

ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ކޯޓު އަމުރެއް ހޯދައިގެން ނަގަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު


ނެތް ބާރެއް ރައީސް ލިބިގަނެ، ގާނޫނީ ހައިސިއްޔަތެއް ނެތް

އުޝާމް ގަބޫލު ކުރައްވާ ގޮތުގައި, ރައީސްގެ ގަރާރުން ބާރުތައް މަސްހުނިކުރުމުގެ ސިފަތައް ފެނެ އެވެ; އެގޮތުން, ރައީސް ސޯލިހް ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއިން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އެހެންވީރު, ގާނޫނުގައި ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމެއް ހުއްޓުވަން އިތުރަށް ރައީސް ސޯލިހް, ކަމާބެހޭ ފަރާތްތަކަށް ގަރާރަކުން އަންގަވަަން ޖެހޭ ސަބަބެއް ނެތްކަން އުޝާމް ފާހާގަކުރައްވަ އެވެ.

"ގާނޫނާ ހިލާފު ކަމެއް ނުވަތަ ކުށެއް ކުރާނަމަ އެކަން ހުއްޓުވުމަކީ ފުލުހުންގެ ޒިންމާ އާއި ވާޖިބު ތެރެއަށް ވަންނަ ކަމެއް, ގާނޫނާ ހިލާފު ކަމެއް ކުރާނަމަ އެކަން ފުލުހުންނަށް ހުއްޓުވައި ފިޔަވަޅު އެޅޭނެ, އެއީ ރިޔާސީ ބަޔާނަކުން ފުލުހުންނަށް ދޭން ޖެހޭ ބާރެއް ނޫން," އުޝާމް ވިދާޅުވި އެވެ.

ގަރާރަށްފަހު ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީސް އަދި ބައެއް އަމިއްލަ ގެތަކުގައި ނަގާފައި ހުރި އިންޑިއާ އައުޓް ބެނާތައް ވެސް ފުލުހުން ނެގީ ގަރާރުން ބާރު ލިބިގެން ކަމަށް ބުނެ އެވެ. އެކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވެސް އޮތީ އެ އަމުރު ނެރެފައިވަނީ ރިޔާސީ ގަރާރުން ބާރުލިބިގެން ކަމެވެ.

އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި އެ ގަރާރު ތަންފީޒު ކުރުމުގެ މާހައުލެއް ނެތެވެ. އެއީ, ރައީސް, ވަކި ގޮތްތަކަށް އަމަލުކުރުމަށް އަންގައި ނެރޭ އެފަދަ ގަރާރުތަކަކީ އެއަށް މަޖިލީހުގެ ރުހުން އޮންނަން ޖެހޭނެ އެއްޗެއް ކަމާއި އެ ގަރާރަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައި ނެތް ކަމަށް އާދަމް ވިދާޅުވި އެވެ. އެހެންވީއިރު, އެއީ ގާނޫނީ އެއްވެސް ބާރެއް, އަސާސެއް ނެތް ގަރާރެއް ކަމާއި އޭގެ ދަށުން ފުލުހުންނާއި ސިފައިން އަޅާ ފިޔަވަޅުތަކާމެދު ގާނޫނީ ގޮތުން ސުވާލު އުފެއްދޭނެ ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅައިގެން އެއަށް ގާނޫނީ ސިފަ ދިނުމާ މެންބަރު އުޝާމް, ސީދާ ދެކޮޅެވެ. އޭނާ ވިދާޅުވި ގޮތުގައި, އެ ގަރާރަކީ ނެރުނުއިރު ވެސް ބާތިލް ގަރާރަކަށްވާއިރު, އެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނީ ހައިސިއްޔަތު ދިނުމަށް އޭނާ ތާއިދު ނުކުރައްވާނެ އެވެ.

ސަރުކާރުގެ ވަރުގަދަ ސްޓޭންޑެއް: އިންޑިއާ އައުޓަކީ ހިޔާލެއް ނޫން، ޖަރީމާއެއް

ގަރާރުގެ ގާނޫނީ ހައިސިއްޔަތާއި އެއާ ގުޅޭ ބޮޑެތި ހިލާފުތަކާއި ސުވާލުތައް ފެންމަތި ކުރިޔަސް, މިކަމުގެ ސަރުކާރުގެ ސްޓޭންޑް ވަރަށް ވަރުގަދަ އެވެ. އެ ސްޓޭންޑް ހާމަ ކުރައްވައި, ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ގޮތުގައި, ރައީސްގެ ގަރާރަކީ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކޮށްފައިވާ ގަރާރެއް ނޫން ކަމެވެ. އަދި, މި ސަރުކާރަކީ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާނެ ސަރުކާރެއް ވެސް ނޫން ކަމާއި މީގެކުރިން ވެސް ފުޅާ ގޮތެއްގައި އެ ހައްގަށް ފުރުސަތު ދީފައިވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"...އެކަމަކު ލިމިޓެއް އޮންނަން ޖެހޭނެ, އެންމެނާ ގުޅޭ ޖެނަރަލް ހިޔާލުފާޅުކުރުން ހަނިކޮށްފައި ނޫން މި ވަނީ, އަވަށްޓެރި ގައުމަކާ ޒާތީ ގޮތުން ޖައްސާލައިގެން ގިނަ ރައްޔިތުންތަކަށް ނުރައްކާވެދާނެ ގޮތަކަށް ބިރުވެރި ކަންތައްތަކަކަށް ގަރާރުން ހުރަސްއަޅާފައި ވަނީ," އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު, ރައީސް ސޯލިހާއެކު: ވިދާޅުވީ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ރައީސް ގަރާރު ނެރުއްވީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން އޭގެ މައްޗަށް ބުރަވެކަން ފާހަގަ ކުރައްވަމުން, އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރައީސަށް އިންޓެލިޖެންސް މައުލޫމާތުތައް ލިބިފައިވާ ގޮތުން, އިންޑިއާ ދެކޮޅު ހަރަކާތް ރާވާފައި އޮތީ ވަރަށް ނުރައްކާ ގޮތްތަކަށެވެ. ރައީސްގެ ގަރާރުގެ ސަބަބުން އެ ރޭވުންތައް މިހާރު ވެސް ހުއްޓުން އައިސްފިކަން އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮންނަނީއޭ ކިޔައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި, އެފަދަ މިލިޓަރީ ކޮންޓްރޯލެއް ނެތް, އެއީ ނުބައި ތަސައްވަރެއް ދީގެން ހިންގާ ޒާތީ ހަރަކާތެއް, އެކަން ހުއްޓުވަން ޖެހޭނެ އަދި ދެން އަންނަ ސަރުކާރަކަށް ވެސް އިންޑިއާއާއެކު އޮތް ގުޅުން ދަމަހައްޓަން ޖެހޭނެ," އަލީ ޒާހިރު ވިދާޅުވި އެވެ.

އދ. ގެ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ވިދާޅުވި ގޮތުގައި, އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް އެއްވެސް ހައްދެއް ނެތް މިންވަރަށް ދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ. އެފަދަ ހައްގުތަކަކީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ކުރަން ޖެހިއްޖެ ނަމަ، ކުރެވެން އޮތް މިންވަރަކަށް ހަނި ކުރަން ޖެހޭ ހައްގުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ކޯޓުތަކުން އެ މައްސަލަ ނިންމުމުގައި އެފަދަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ސަރުކާރަށް ލިބިފައިވާ ބާރުތަކާއި އަދި ގަރާރަކުން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ހުރީ ކޮން ކަންތައްތަކެއްގައިތޯ ކަނޑައެޅުމާ މެދު ސުވާލު އުފައްދަން ޖެހޭ. އެހެނިހެން ނުރައްކާތަކާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުގެ ތަފާތު ދެނެގަނެ ހަމަހަމަ އުސޫލަކުން ދަރަޖަ ކުރުމަކީ އަބަދުވެސް އުނދަގޫ ކަމެއް،" "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިއޮނިއޯލާ ވިދާޅުވި އެވެ.

ސިޔާސީ ކެމްޕޭނުތަކުގެ ސަބަބުން މުޖުތަމައުގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އަސަރުކުރާނެ ކަން ދަންނަން ޖެހޭކަން ފާހަގަކުރައްވަމުން ފިއޮނިއޯލާ ވިދާޅުވީ ރައީސް ނެރުއްވި ފަދަ ގަރާރުތަކާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ކޯޓުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އިންޑިއާއަށް ދިވެހީންގެ ގިނަ ބަޔަކު އެކި ހިދުމަތްތަކުގައި ގޮސް އުޅޭއިރު, އެމީހުންނަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަކަށް ހިންގާ ހަރަކާތް ކުރިއަށް ގެންދަން މި ސަރުކާރުން ފުރުސަތު ނުދޭނެކަން ފާހަގަ ކުރައްވައި, އަލީ ޒާހިރު ވިދާޅުވީ, ގަރާރާމެދު ސުވާލު އުފައްދައި އެއީ ހިޔާލުފާޅުކުރުމަށް ހުރަސްއެޅުން ކަމުގައި ބުނަނީ ބަހާނާއެއްގެ ގޮތުގަ އެވެ. އެ ގަރާރު ބާތިލްކުރަން ކޯޓުގައި ބަޔަކު ޗެލެންޖުކުރާނަމަ, އެކަމަށް ސަރުކާރުން އޮންނާނީ ތައްޔާރަށްކަން ވެސް އަލީ ޒާހިރު ފާހަގަ ކުރެއްވި އެވެ.

"ކޯޓަށް ދާން ބޭނުންނަމަ އެކަން ހަމަ ކުރަންވީ... ރައީސްގެ ގަރާރު ދެމިއޮންނާނެ, ގަރާރު އެގޮތަށް ނުނެރެވޭނެ އެއްވެސް ސަބަބެއް ގާނޫނުއަސާސީގައި ނެތް, އޭގެ ލީގާލިޓީއާމެދު ޝައްކު ކުރާ ކަމުގައިވާނަމަ އެއަށް ޗެލެންޖް ސަރުކާރުން ކުރާނެ," އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސް މި ބޮޑު ގަރާރު ބާތިލް ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ކުރީގެ ރައީސް ޔާމީން ތައްޔާރުވަމުން ގެންދަވާއިރު, ގަރާރާ ގުޅޭ މައްސަލައެއް މިހާރު ހައިކޯޓަށް ވެސް ޔާމީން ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ އެ ގަރާރުން ބާރުލިބިގެން, އެމަނިކުފާނުގެ ދޫވެހީގައި ނަގާފައި ހުރި ބޮޑު ބެނާ ނެގި މައްސަލަ އެވެ. މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ފަށާފައިވާއިރު ބެންޗުން ނެރުއްވި ހޫނު ސުވާލުތަކުގެ ތެރޭ މުހިންމު ސުވާލެއް އޮތެވެ;

ހިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ އެވެ. މާނައަކީ, އިންޑިއާ އައުޓް ކަމަށް ލިޔެފައިވާ ބެނާ ނުވަތަ ޝުއޫރުން އާންމު މަސްލަހަތަށް ގެއްލުންވެ, އެ ޝުއޫރު ފާޅު ނުކުރެވެން އޮތީ ގާނޫނީ ކޮން ހުއްޖަތެއްތޯ އެވެ. އެ ސުވާލު އެ ވަގުތު ދެއްވުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލުން ތިބީ ތައްޔާރަކަށް ނޫނެވެ. ބެނާ ނަގަން, ދޫވެއްސަށް އެރި ފުލުހުން ބުނީ ޖަވާބެއް ނެތް ކަމަށެވެ.

އެކަމަކު, ޖަވާބު ހޯދަން ޖެހިފައި މިއޮތީ ފަނޑިޔާރު އުފެއްދެވި އެ ސުވާލަށެވެ; ގާނޫނެއް ނެތީސް, ރައީސްގެ ގަރާރުން އިންޑިއާއާ ދެކޮޅު ހިޔާލުތައް ހުއްޓުން ގާނޫނުއަސާސީގެ ތަރަހަގެ ތެރެއަށް ފެއްތޭނެތޯ އެވެ. މި ސުވާލަށް ޝަރުއީ ކޯޓުތަކުން ޖަވާބުތަކެއް އަވަހަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.