Advertisement

ސްރީލަންކާގެ އާ ބޮޑު ވަޒީރު ރަނިލްއަކީ ކޮން ބޭފުޅެއް؟

ރަނިލް ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ބުރާސްފަތި ދުވަހ: މީގެ ކުރިން ފަސް ފަހަރަކު ހަމަ މި މަގާމުގައި ހުންނެވި -- ފޮޓޯ: އޭއެފްޕީ


ސްރީލަންކާގެ އާ ބޮޑު ވަޒީރު ރަނިލްއަކީ ކޮން ބޭފުޅެއް؟

ރަނިލް ވިކްރަމަސިންހަ ހަ ވަނަ ފަހަރަށް ސްރީލަންކާގެ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ލީޑަރު މީގެ ކުރިން އެންމެ ފަހަރަކު ވެސް ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެ އެވެ.

އުމުރުން 73 އަހަރުގެ ލީޑަރުގެ ސިޔާސީ ކެރިއަރު ނިމެން ގާތްވެފައިވާ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކާރިސާއެއްގައި އޮތް ސްރީލަންކާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް އިސްކޮށް ހިންގަވަން ރަނިލް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ފަރާތުން ޕާލިމެންޓުގައި އިންނަވާ ހަމައެކަނި މެމްބަރެވެ. ކުރިން ލަންކާގައި ނުފޫޒާއި ބާރު އޮތް އެ ޕާޓީއަށް، އެންމެ ފަހުން ނެގި ވޯޓުގައި ލިބުނީ ބޮޑު ނާކާމިޔާބެކެވެ. އެ ނާކާމިޔާބާ އެކު ޕާލިމެންޓުން ޔޫއެންޕީ ދޮވެވިގެން ދިޔަ ކަހަލަ އެވެ.

ކުރިން ގާނޫނީ ވަކީލުކަން ކުރެއްވި ރަނިލް ނިސްބަތްވެވަޑައިގަންނަވަނީ ސިޔާސީ އާއިލާ އަކަށެވެ. އެމަނިކުފާނުގެ ބޮޑުބޭބެ، ޖޫނިއަން ޖަޔެވަރްދެނެ ވަނީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ލަންލާގެ ރައީސްކަން ކުރައްވާފަ އެވެ.

ރަނިލް ޒުވާން ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް:


މީގެ ކުރިން ރަނިލް ވިދާޅުވެފައި ވަނީ އާއިލީ ނޫހުގެ ވިޔަފާރި 1973 ވަނަ އަހަރު ސަރުކާރުގެ ދަށަށް ނުގެންދިޔަ ނަމަ، އެމަނިކުފާނު މިއަދު ފެންނާނީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށެވެ.

ފުރަތަމަ ފަހަރަށް ރަނިލް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ 1993 ވަނަ އަހަރު، އޭރުގެ ރައީސް ރަނާސިންގެ ޕްރޭމަދާސަ، ތަމަޅަ ޓައިގަރުންގެ ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މިހާރު ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސައަކީ އޭރުގެ ރައީސްގެ ދަރިކަލުންނެވެ. ކުރިން ބެލެވިފައި އޮތީ އާ ބޮޑު ވަޒީރުގެ މަގާމަށް ސަތިޖު ވަޑައިގެންނެވުން އެކަށީގެންވާ ކަމަށެވެ.

ރަނިލްގެ ބޮޑު ވަޒީރު ކަމުގެ ފުރަތަމަ ދައުރުގައި، މަގާމުގައި ހުންނެވުނީ އަހަރެއްހާ ދުވަހަށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ 2001 ވަނަ އަހަރު އެވެ. އެ ހިސާބަށް ދިޔައިރު، ރަނިލް މަގްބޫލްވެފައި ވަނީ އިގްތިސާދީ އަނދަވަޅުން ގައުމުން ނެރުމުގައި، ލީޑަރެއްގެ ގޮތުގަ އެވެ.

އެ ފަހަރު ރައީސްއާ މެދު އުފެދުނު ދެބަސްވުމެއްގައި ސަބަބުން، ދައުރުގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކުރެއްވި އެވެ.

ރަނިލް ވަނީ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ޔޫއެންޕީއަށް ވެސް ތަކުރާރުކޮށް އިންތިހާބުތަކުން ލިބުނީ ނާކާމިޔާބެވެ.

އެހެން ނަމަވެސް، 2015 ވަނަ އަހަރު ރައީސް މަހިންދަ ރާޖަޕަކްސައަށް އިންތިހާބުން ކުރި ނުލިބުމުން، އަލުން ބޮޑު ވަޒީރު ކަމަށް ރަނިލް އައްޔަނު ކުރެއްވި އެވެ. އެ ފަހަރު އިދިކޮޅު ޕާޓީތަކުން ރަނިލްއަށް ތާއީދު ކުރީ އެއްބައިވަންތަ ކެންޑިޑޭޓެއްގެ ގޮތުގައި ރާޖަޕަކްސަގެ ހުދުމުހާތު ވެރިކަމާ ދެކޮޅަށެވެ.

އެ އަހަރުގެ ފަހުކޮޅު، މަރުކަޒީ ބޭންކުތަކުގެ ބޮންޑުތަކާ ގުޅޭ ކޮރަޕްޝަން ފެންމަތިވެ، ރަނިލްގެ މޫނުމަތި ކިލަނބުި އެވެ. އެކަމުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވުނު އެކަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަރްޖުނާ މެހެންދްރަން އެވެ. އޭނާ އަކީ ރަނިލް އައްޔަނު ކުރެއްވި، ގާތް ބޭފުޅެކެވެ.

ގިނަ ބަޔަކު ރަނިލްއަށް ތުހުމަތު ކުރީ ގާތް މީހުންނަށް މަގާމުތައް ދޭ ކަމަށާއި، ކުރިން އޮތް ރާޖަޕަކްސަ ސަރުކާރު ޖަވާބުދާރީ ނުކުރާ ކަމަށެވެ. ރާޖަޕަކްސަ އާއިލާއާ އެކު އުފެދުނު ސިޔާސީ ކޯޅުމަކުން، 2018 ގައި ސިޔާސީ ކާރިސާއެއް އުފެދި، މަހިންދަ ރާޖަޕަކްސަ ހަ ހަފްތާއަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެއީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައެޅި އެވެ. އެއާއެކު، އަނެއްކާވެސް މަހިންދަގެ ބަދަލުގައި ރަނިލް މަގާމަށް ވަޑައިގެންނެވި އެވެ.

ކުރިން ބޮޑު ވަޒީރުކަން ކުރެއްވި އިރު ރަނިލް ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަނީ.


އެންމެ ފަހުން ބޭއްވި އިންތިހާބުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ ކާމިޔާބު ހޯއްދަވައި، ބޭބޭފުޅު މަހިންދަ ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރެއްވި އެވެ. ހަމަނުޖެހުން އުފެދި ޕްރެޝަރު ބޮޑުވުމުން، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

އާ ބޮޑު ވަޒީރު ކަމަށް ރަނިލް ވަޑައިގެންނެވުމާ އެކު، ހިދުމަތް ކުރަން ޖެހޭނީ ރައީސް ގޮތަބަޔާގެ ދަށުންނެވެ.

ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ޑީފޯލްޓްވެފައިވާ އިރު، އިންޓަނޭޝަބަލް މަނިޓަރީ ފަންޑް (ޢައިއެމްއެފް) އާ އެކު ވަނީ އެހީ ހޯދަން މަޝްވަރާ ފަށާފަ އެވެ.

ހުޅަނގަށް ތާއީދު ކުރާ، ހުޅުވާލެވިފައިވާ ކާމެޓު ސިޔާސަތަށް ތާއީދު ކުރާ ރިފޯމިސްޓެއްގެ ގޮތުގައި ރަނިލް މަގްބޫލުވެފައި ވާތީ އައިއެމްއެފް މަޝްވަރާ ފަސޭހަވާނެ ކަމަށް ބެލެވެ އެވެ. އަދި ބޭރު ކްރެޑިޓަރުންގެ އިތުބާރު ބޮޑު ވާނެ އެވެ.

ނަމަވެސް ރަނިލް ވިދާޅުވެފައި ވަނީ އިގްތިސާދީ ކާރިސާއަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށެވެ.

"އެންމެ ގޯސް ހާލަތު އަދި އޮތީ. މިހާރު އިންފްލޭޝަން ހުރީ ވަރަށް މަތީގައި، ހައިޕާއިންފްލޭޝަނާ ވަރަށް އަވަހަށް ކުރިމަތިވާނެ،" މިދިޔަ ހަފްތާގައި ޕާލިމެންޓުގައި ރަނިލް ވިދާޅުވި އެވެ.

"މައްސަލަތައް ހައްލު ކުރަން ހަމަ މި ވަގުތު ފިޔަވަޅު އަޅަން ޖެހޭ. އެއްވެސް ކަމެއް ފަސް ކުރާކަށް ދެން ވަގުތެއް ނެތް."