Advertisement

ޗެއާޕާސަންގެ ބަހުސް؛ އެމްޑީޕީގެ ތެރޭގައި ފަލްސަފީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް

ބަހުސްގައި އިންތި ވާހަކަ ދައްކަވާއިރު ފައްޔާޒު ރައްދު ދެއްވަން މަސައްކަތް ކުރައްވަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޗެއާޕާސަންގެ ބަހުސް؛ އެމްޑީޕީގެ ތެރޭގައި ފަލްސަފީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް

ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ޕާޓީ ބައިބައިވެ، އިތުރު ޕާޓިއެއް ފެނިދާނެތޯ، ރޭ އޮތް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން މޮޑަރޭޓަރު ސުވާލުކުރެއްވުމުން، އިމްތިޔާޒް ފަހުމީ ވެސް އަދި ފައްޔާޒް އިސްމާއިލް ވެސް ދެއްވީ ވަރަށް ކުރު އަދި ކަށަވަރު "ނޫން" ޖަވާބެކެވެ;

ގާތްގަނޑަކަށް 54،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލަގަބު ހޯދާފައިވާ އެމްޑީޕީ މީގެ ކުރިން އަބަދުވެސް ފެނިގެންދަނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. އެ އެއްބައިވަންތަކަމުގައި މަޑުމަޑުން ރެނދު އަޅަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ޗެއާޕާސަންގެ އިންތިހާބާއެކު އަދި ވަކިން ހާއްސަކޮށް ރޭގެ ބަހުސްއާއެކު އެ ޕާޓީގެ އެތެރޭގައި މިހާރު އުފެދިފައިވާ ފަލްސަފީ އަދި ސިޔާސީ ވިސްނުމުގެ ތަފާތުތަކަަށް އިތުރަށް ދެބަސްވެވޭނެ ޖާގައެއް ނެތެވެ.

ދެ ކެންޑިޑޭޓުން ވެސް ޕާޓީ ބައިބައިނުވާނެކަމުގެ ޔަގީން, ކަށަވަރެއް ރޭ ދެއްވިނަމަވެސް، ދެ ކެންޑިޑޭޓުންގެ ވާހަކަތަކާއި، ސިޔާސީ ގޮތުން ޕާޓީއަށް ހުރި ވިސްނުން ހާސްބައި ތަފާތުކަން ރޭ ފެނިގެން ދިޔަ އެވެ. މިހެން ބުނާ ސަބަބަކީ، އެކި ސުވާލުތަކަށް އެ ދެ މެމްބަރުން ވެސް ދެއްވި ޖަވާބުތަކުންނެވެ.

ރޭގެ ބަހުސްގައި އެންމެ ސާފުކޮށް އެ ތަފާތު ފެނިގެންދިޔަ އެއް ކަމަކީ، ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ތާއިދުކުރައްވާނެތޯ މޮޑަރޭޓަރު ކުރެއްވި ސުވާލުންނެވެ. އިމްތިޔާޒް އެ ސުވާލަށް ދެއްވީ ޕްރައިމަރީއެއް ބާއްވާނެކަމުގެ ޖަވާބެވެ. އާނއެކޭ ނުވަތަ ނޫނެކޭ ޖަވާބުދޭން އޮތް އެ ސުވާލު ސެކްޝަނުގައި މޮޑަރޭޓަރު އެ ސުވާލު އިތުރު ދެ ފަހަރު ތަކުރާރުކުރެއްވުމުން ވެސް އިމްތިޔާޒް ދެއްވީ ހަމަ އެއް ޖަވާބެކެވެ.

"އެމްޑީޕީ އަސާސީ ގަވާއިދުގަ އޮންނަ ގޮތަށް ޕްރައިމަރީއެއް އޮންނާނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން، މޮޑަރޭޓަރު އެ ސުވާލު ފައްޔާޒަށް ކުރެއްވުމުން، އޭނާ ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް "ގަދަކޮށް ތާއިދުކުރައްވާ" ކަމަށެވެ. އެކަމަކު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ޕާޓީގެ ރައީސް އަދި އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ވާގިވެރިވުމަށްޓަކައި ޕްރައިމަރީއަކާ ނުލާ ދެވަނަ ދައުރަކަށް ހޮވުމަށް އެމްޑީޕީން އެއް އިރަކު ގަރާރެއް ވެސް ގެންގުޅުނެވެ.

އެ ގަރާރުގެ ވިސްނުން އަދި ފާސްވިޔަސް ނުވިޔަސް، މިއަދު އިމްތިޔާޒްގެ ވިސްނުމަކާ ނުގުޅެ އެވެ. އެއް ކެންޑިޑޭޓް މިހާރު އޮތް އެމްޑީޕީ ސަރުކާރުގެ ރައީސަށް ފުރިހަމައަށް ތާއިދުކުރައްވާއިރު، ދެވަނަ ދައުރަކަށް އެ ރައީސް ހޮވުމާމެދު އަނެއް ކެންޑިޑޭޓް ހިޔާލުތަފާތުވިތަން ރޭ ފެނިގެން ދެ އެވެ.

ރޭގެ ބަހުސްގެ ތެރެއިން ހަމަ އެ ސެކްޝަނުގެ އިތުރު ސުވާލަކަށް ބަލާލާއިރު ވެސް ދެ ކެންޑިޑޭޓުންގެ ހުރި ތަފާތުތައް އިތުރަށް ފެންނަން އެބަ ހުއްޓެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދޭތެރޭ ތާއިދުކުރައްވާތޯ މޮޑަރޭޓަރު ކުރެއްވި ސުވާލަށް އިމްތިޔާޒް ވިދާޅުވީ، އެކަން ވެސް ނިންމާނީ އާންމުންގެ ހިޔާލުހޯދުމުގެ ވޯޓަކުން ކަމަށެވެ. އެ ސުވާލަށް މިފަހަރު ތަފާތު ޖަވާބެއް ދެއްވީ ފައްޔާޒެވެ.

"ނިޒާމަށް ތާއިދުކުރަން. ރާއްޖެއަކަށް އެ ނިޒާމު ގެންނާކަށް ތާއިދެއް ނުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

ކުރު ނަމަވެސް އެ ޖަވާބަކީ އެމްޑީޕީން ނިންމާފައިވާ ނިންމުމަކާ ދިމާ އިދިކޮޅު ޖަވާބެކެވެ. އެމްޑީޕީ އަދި އެ ޕާޓީގެ ލީޑަރު ރައީސް ނަޝީދު، އަބަދު ވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް މަސައްކަތްކޮށް ވަކާލާތުކުރެ އެވެ. ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން 2007 ވަނަ އަހަރު ނެގި ހިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ އެމްޑީޕީން އަދިއަދަށް ވެސް ބަލައިނުގަނެ އެވެ. އޮޅުވާލާފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރާ އެ ވޯޓުގައި ބަރުލަމާނީ ނިޒާމަކަށް ތާއިދެއް ނުލިބެ އެވެ.

ރޭގެ ބަހުސްގައި މޮޑަރޭޓަރު ވަނީ އެމްޑީޕީއަށް އެކަނި ނުކުމެ އިންތިހާބެއް ކާމިޔާބުކުރެވިދާނެކަމާމެދު ސުވާލުކޮށްފަ އެވެ. އެ ސުވާލަށް އިމްތިޔާޒް ވިދާޅުވީ އަދި އެމްޑީޕީއަށް އެވަރުގެ ކަމެއް ކުރާ ވަރަށް ތައްޔާރުވެވިފައި ނެތް ކަމަށެވެ. ފައްޔާޒްގެ ހުއްޖަތަކީ، ޕާޓީ މެމްބަރުން މިހާރު ބާކީވެފައި ތިބި ތިބުމެވެ. އަދި ޕާޓީގެ ޖަގަހަތަކާއި، ގުނަވަންތައް ނިދާފައި އޮންނަ އޮތުމެވެ. އަދި ޕާޓީއަށް އާ މެމްބަރުން އިތުރުކުރަން މަސައްކަތް ނުކުރުމާއި، ޕާޓީއަށް ފަހުން ވަން މެމްބަރުންނަށް ކުރިން ތިބި މެމްބަރުން "ބޯވަ" އާއި "ކުނަމެހި" ފަދަ ލަފްޒުތައް ބޭނުންކޮށްގެން ކުރާ ޖެއްސުންތަކުގެ ސަބަބުންނެވެ. އަދި ވަކި ބައެއްގެ ދަށުވެގެން އެމްޑީޕީ އޮންނަކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެކަނި އިންތިހާބެއް ކާމިޔާބުކުރެވިދާނެކަމަށް އިމްތިޔާޒް ވިދާޅުވިއިރު، އިމްތިޔާޒް ވެސް ވަނީ ޕާޓީ މެމްބަރުންގެ އިތުބާރު ޕާޓީއަށް ގެއްލިފައިވާކަމަށް ރޭގެ ބަހުސްގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިމްތިޔާޒް އެހެން ވިދާޅުވި ސަބަބަކީ ޕާޓީއިންވެފައިވާ ވައުދުތައް ނުފުއްދުމާއި، ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ޕާޓީގެ ބައެއް މެމްބަރުންނަށް ކުރިމަތިވުމާއި، ބިރުދައްކައި ޑިމޮކްރެސީއާ ދުރު އަސާސުތަކެއް ގެންގުޅޭ ގެންގުޅުމެވެ.

ރޭގެ ބަހުސްގައި ފައްޔާޒް ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމްއަށް ވެސް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން ސަރުކާރާއި މަޖިލިސް ދެމެދަށް އާޒިމް ވެންނެވިކަމަށް ފައްޔާޒް ތުހުމަތުކުރެއްވި އެވެ. ފައްޔާޒް ވަނީ މަޖިލީހުން ތާއަބަދު ސަރުކާރު ބަދުނާމްކުރަން އުޅޭކަމަށް ވެސް ރޭ ވިދާޅުވެފަ އެވެ. އެކަމަކު ސަރުކާރުގައި ވެސް ބޮޑު ހިއްސާއެއް އޮތީ އެމްޑީޕީގެ އެވެ. އަދި މަޖިލީހުގައި ވެސް ސުޕަމެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

ފައްޔާޒް, މައިގަނޑު ސުވާލަކަށް އިންތިއަށް ކުރީ 16 އަހަރު ވަންދެން ކުރަން ލިބުނު ކަމެއް ނުކުރެވުނުއިރު، މިއަދު ޕާޓީ މެމްބަރުން އިތުރު ފުރުސަތެއް ދެއްވަންވީ ކީއްވެގެންތޯ އެވެ. އަދި ސަރުކާރާއެކު އެއްބައިވެގެން ނޫނީ، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އިމްތިޔާޒް ވެސް ވަނީ ފައްޔާޒްއަކީ އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަމާއި، ގަމު ދާއިރާގެ ޕާޓި ރައީސްކަން ފާހަގަކުރައްވައި، ފައްޔާޒްއަށް އެ ތަންތަން ނުހިންގޭކަން ފާހަގަކުރައްވައިފަ އެވެ.

އެ ހުރިހާ ކަމަކާއެކު ރޭގެ ބަހުސްއިން އެމްޑީޕީގެ އެތެރޭގައި ތަފާތުވުންތަކެއް އުފެދިފައިވާކަން ފެނެ އެވެ. އެ ބަހުސްގެ ދެކެވުނު ވާހަކަތަކުން އެއީ އެއް ޕާޓީއަކަށްވުރެ ދެ ޕާޓީއެއްގެ ދެ ކެންޑިޑޭޓެއްގެ ބަހުސްއަކޭ ބެލެވޭ މިންވަރަށް ދެބަސްވުންތައް އޮތެވެ.