Advertisement

ސްރީލަންކާ ބޮޑު ކާރިސާއެއްގެ ތެރެއަށް ގެނބުނީ ކީއްވެ؟

ސްރީލަންކާގައި މުޒާހަރާ ކުރާ މީހުންނާއި ސަރުކާރުގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އީލަންކާ


ސްރީލަންކާ ބޮޑު ކާރިސާއެއްގެ ތެރެއަށް ގެނބުނީ ކީއްވެ؟

ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި އޮތް ސްރީލަންކާއަށް ކުރިމަތިވެގެން އުޅެނީ، އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން އެންމެ ބޮޑު އިގްތިސާދީ ކާރިސާ އެވެ. ކާބޯތަކެއްޗާއި، ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ލިބުން ވަރަށް ދައްޗެވެ.

މާޗް މަހުގެ ފަހުކޮޅުން ފެށިގެން 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެ މީހުންނަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރަށް ސަޕޯޓް ކުރާ މީހުން ވެސް ދަނީ ދޭތެރެ ދޭތެރެއިން އެއްވުންތައް ބާއްވަމުންނެވެ.

ފަސްމަންޒަރު

އިނގިރޭސިންގެ އަތުން 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ސްރީލަންކާގައި ސަރުކާރާއި ވަކިވެގަނެގެން އުޅުނު ތަމަޅައިންނާ ދެމެދު ކުރި ދިގު ދާހިލީ ހަނގުރާމަ ނިމުނީ 2009 ގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އީސްޓާ ސަންޑޭ ހަމަލާތަކުގައި މުޅި ގައުމާއި ސަރަހައްދު ސިއްސުވާލި އެވެ. އަމިއްލައަށް މަރުވެގެން ދިން ޓެރަރިސްޓް ހަމަލާގައި ޗާޗުތަކާއި ހޮޓާތަކުގައި ބޮން ގޮއްވައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އީސްޓާ ސަންޑޭ ހަމަލާތަކުގައި ފައްޅިއެއްގައި ބޮން ގޮއްވާފައި.


އޭގެ ފަހުން ކޮވިޑް-19 ބަލިމަޑުކަމުގައި، ލަންކާގެ އިގްތިސާދަށް މުހިއްމު، ފަތުރުވެރިކަމުގެ ސިނާއަތަށް ތޫފާނެއް އެރި ކަހަލަ އެވެ. ލަންކާއަށް ފަސް ވަނައަށް އެންމެ ގިނައިން ބޭރު ފައިސާ ލިބެނީ ފަތުރުވެރިކަމުންނެވެ.

އެހެންކަމުން ލަންކާގައި ހަމަނުޖެހުންތައް އުފެދުނު އިރު ވެސް، އިގްތިސާދީ ހާލަތު އޮތް ގޮތުގެ ސަބަބުން، ގައުމުގެ ޖުމްލަ ހާލަތު އޮތީ ނާޒުކު ފައްތަރެއްގަ އެވެ.

ބޮޑު ދަރަންޏެއް ލަންކާގެ ބޮލުގައި އެޅިފައި އޮތް އިރު، މި އަހަރު އެކަނިވެސް ހަތް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެ އެވެ. އެ ގައުމުގެ ޖުމްލަ ބޭރު ދަރަންޏަކީ 51.1 ބިލިއަން ޑޮލަރެވެ.

ތެލުގެ އަގުތައް އުފުލެމުންދާ އިރު، ނިމުނު އިންތިހާބުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން ޓެކްސް ކުޑަކޮށްފައި ވާތީ، އާމްދަނީ ދަށްވެ، ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވްގައި މިހާރު ހުރީ 50 މިލިއަން ޑޮލަރަށް ވުރެ މަދު އަދަދެކެވެ.

ކޮންމެ މަހަކު ވެސް ލަންކާއަށް މަދުވެގެން 40،000 ޓަނުގެ ގޭސް ބޭނުންވެ އެވެ. މިހާރު ދުނިޔޭގެ މާކެޓުގައި ގޭހުގެ އަގަށް ބަލާއިރު، އެ ވަރަށް އިމްޕޯޓް ކުރަން މަހަކު 40 މިލިއަން ޑޮލަރު ހޭދަވެ އެވެ.

އެންމެ ފަހުގެ ހަމަނުޖެހުން ފެށުނީ ކޮން އިރަކު؟

މާޗް 31 ވަނަ ދުވަހު މުޒާހަރާ ކުރާ އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ގެކޮޅަށް ގަދަކަމުން ވަނުމަށެވެ. އެ މީހުންގެ ޑިމާންޑަކީ ރައީސްގެ އިސްތިއުފާ އެވެ.

އެ ހާދިސާއާ ހެދި ވެރިރަށް ކޮލޮމްބޯގައި ކާފިއު ހިންގަން ފަށައި، ޖެހިގެން އަދި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.

އެޕްރީލް ދެ ވަނަ ދުވަހު ސިފައިން ނެރެ، 36 ގަޑިއިރަށް ކާފިއު ހިންގަން ފެށި އެވެ. ޖެހިގެން އައި ދުވަހު، ސްރީލަންކާގެ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނެވެ.

ވަގުތީ ސަރުކާރެއް އައްޔަނު ކުރި އިރު، ސަރުކާރުގައި އެންމެ އިސްކޮށް ތިއްބަވާނީ ރައީސް އާއި އެމަނިކުފާނުގެ ބޭބޭފުޅު ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އެވެ. އެކަމަކު ހަމަނުޖެހުމަށްފަހު، ބޮޑުވަޒީރު ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަންކޮށްފަ އެވެ.

ސްރީލަންކާގައި މުޒާހަރާ ކުރާ މީހުން އެއްޗެއްގައި ރޯކޮށްލާފައި.


އޭގެ ފަހުން ސްރީލަންކާގެ ސްޓޮކް އެކްސްޗޭންޖުގައި ޓްރޭޑް ކުރުން މެދުކަނޑާލައި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އިސްތިއުފާ ދެއްވި އެވެ. އޭގެ ކުރިން އޭނާ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ނުވަތަ އެހީއަށް އެދުމަށް ގިނަ ބަޔަކު ގޮވާލުމުން ވެސް އެކަމާ ދެކޮޅު ހައްދަވާފަ އެވެ.

އެޕްރީލް ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމުން ރައީސްއަށް ޕާލިމެންޓްގައި އޮތް މެޖޯރިޓީ ގެއްލުނެވެ. ހަމަ އެ ދުވަހު ޕްރެޝަރު ބޮޑުވެ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލި އެވެ.

އަނެއްކާވެސް މުޅި ގައުމުގެ އެކި ހިސާބުތަކުގައި މީހުން އެއްވެ މުޒާހަރާ ކުރަން ފެށި އެވެ. މި ފަހަރު ރައްޔިތުން ރުޅިގަދަވީ ބޭސް ހުސްވެ، އޮޕަރޭޝަންތައް ކުރުން ހުއްޓާލަން ޖެހި ހޮސްޕިޓަލްތައް ބަންދު ކުރާ ހިސާބަށް ދިޔުމުންނެވެ.

ރައްޔިތުން ނުކުމެ ރައީސްގެ އިސްތިއުފާއަށް ގޮވާލައި، ކާރިސާ މެނޭޖް ނުކުރެވޭ ކަމަށް ތުހުމަތު ކުރި އެވެ. އަދި ލަންކާއަށް މާ ބޮޑެތި ފައިދާތަކެއް ނުވާ ފަދަ މަޝްރޫއުތައް ހިންގަން، ބޭރުން ދަރަންޏަށް ފައިސާ ނެގި ކަމަށް ތުހުމަތު ކުރި އެވެ.

ދެން ވީ ކިހިނެއް؟

ރައީސް ދެ ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މޭ ހަ ވަނަ ދުވަހު އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަން ސަލާމަތީ ފައުޖުތަކަށް ބޮޑެތި ބާރުތަކެއް ދިނެވެ. އެކަމާ ހެދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ސަރުކާރުން އެންމެ ފަހުން އައިއެމްއެފްގެ އެހީއަށް އެދި، ވާޗުއަލް މަޝްވަރާތައް ކުރިއަށްދާ އިރު، އެހީ ލިބުން ބިނާ ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގައި ލަންކާއިން ހޯދާ ކާމިޔާބެއްގެ މައްޗަށެވެ.

ގޮތަ ގޯ ގަމަ ސައިޓުގައި މުޒާހަރާގެ ބައިވެރިން ޓެންޓު ޖަހާފައި.


ރައީސް އޮފީސް ކުރިމަތީގައި ޓެންޓު ޖަހައި އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން "ގޮތަ ގޯ ގަމަ" ގެ ގޮތުގައި ގާއިމް ކުރި މުޒާހަރާ ކުރާ ސައިޓަށް، ހަމަލާ ދިނީ ސަރުކާރު ސަޕޯޓަރުންނެވެ. އެ ސައިޓު ހިންގާތާ އެއް މަސް ފުރުނު ދުވަހު، ޓެންޓުތައް ރޫޅާލައި، ސުލްހަވެރި މުޒާހަރާގައި ތިބި މީހުންނަށް އަނިޔާކުރި އެވެ.

ގޮތަ ގޯ ގަމައަށް ހަމަލާ ދީ ފެށި ހަމަނުޖެހުމުގެ ތެރެއިން، ބޮޑު ވަޒީރު މަހިންދަ ރާހަޕަކްސަ އެންމެ ފަހުން އިސްތިއުފާ ދެއްވި އެވެ. އޭރު ޓްރޭޑް ޔޫނިއަންތަކުން ވަގުތުން ސަރުކާރު ބަދަލު ކުރަން ގޮވާލައި، ހަފްތާއެއްގެ އިހްތިޖާޖު ފަށައިފި އެވެ.

ހަމަނުޖެހުން ބޮޑުވެ ކޮންޓްރޯލް ނެއްޓީ އެ ހަމަލާގެ ސަބަބުންނެވެ. އެތައް ހާސް ބަޔަކު ކާފިއުއަށް ބެލުމެއް ނެތި އުޅެން ފެށުމުން، ކަރުނަ ގޭހާއި ބާރު ސްޕީޑުގައި ފެން ޖަހައި، ވައިގެ ތެރެއަށް ބަޑި ޖަހަން ފެށި އެވެ. ސިޔާސީ މީހުންގެ ގެތަކުގައި ރޯކޮށް، މަހިންދަ ރާޖަޕަކްސަ ހައްޔަރު ކުރަން ގޮވި އެވެ.

ސަރުކާރުގެ ސަޕޯޓަރުން އައިސް މުޒާހަރާ ކުރާ މީހުންގެ ޓެންޓުތައް ރޫޅާލަނީ.


ހަމަނުޖެހުމުގެ ތެރެއިން އަށް މީހުން މަރުވި އެވެ. އޭގެ ތެރޭގައި ފެ ފުލުހުންނާއި ސަރުކާރު ފަޅިއަށް ނިސްބަތްވާ ޕާލިމެންޓް މެމްބަރަކު ހިމެނެ އެވެ. އޭގެ އިތުރުން 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ލަންކާއިން ދައްކަން ޖެހޭ 25 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ދައްކައި ނިންމަން ޖެހެ އެވެ. ނަމަވެސް މިހާރު ވަނީ ޑީފޯލްޓްކޮށް، ދަރަނި ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އާދައިގެ ރައްޔިތުންނަށް ކުރަނީ ކޮން އަސަރެއް؟

އިގްތިސާދު ކާރިސާއެއްގައި އޮވެ، އަގުތައް ކޮންޓްރޯލް ނުވާ ވަރަށް މައްޗަށް ގޮސް، ކާބޯތަކެތި ހުސްވާން ފަށައިފި އެވެ.

ވިއްސާރަ މޫސުން ފެށުމުން އާއްމުކޮށް ދަނޑުތައް ހައްދަން ފަށާ ދަނޑުވެރިންނަށް ވެސް މަސައްކަތް ކުރެވޭނެ ގޮތެއް ނެތެވެ. ޓްރެކްޓަރުތަކާއި، ވެލިގަނޑު ސާފު ކުރަން ބޭނުންވާ ރޮޓަވޭޓަރުތައް ހިންގާނެ ތެލެއް ނުލިބެ އެވެ.

ދަނޑުވެރިކަން މަޑު ޖެހުމާ އެކު، ކާބޯތަކެތީގެ ކާރިސާ އަދިވެސް އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.

ލަންކާ ރައްޔިތަކު މުޒާހަރާގައި ހިޔާލު ފާޅު ކުރަން ޕާނެއް ހިފައިގެން.


ގޮވާންކޮށްގެން ނެރެވޭ ތަކެތި މަދުުވުމުން، ފިހާރަތަކާއި މާކެޓުތަކުގައި އަގުތައް ތިން ގުނަ މަތިވެއްޖެ އެވެ. އޭގެ އިތުރުން ލަންކާއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ބޭރު ފައިސާ ނެތުމުން އިމްޕޯޓް ވެސް ކުރެވޭކަށް ނެތެވެ.

މޭވާ އާއި ތަރުކާރީގެ އުފެއްދުންތެރިކަން ވެސް ވެއްޓި، އާއްމު ކާބޯތަކެތީގެ އިންފްލޭޝަން 50 ޕަސެންޓަށް އަރައިފި އެވެ.

މުޅި ގައުމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑާތާ މަސްތަކެއް ވެފައިވާ އިރު، އަނެއްކާވެސް ތެޔޮ އިމްޕޯޓް ކުރެވޭނެ ގޮތެއް ނެތި، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށް ކަރަންޓު ކަނޑަން ޖެހޭނެ ކަމަށް ވަނީ އަންގާފަ އެވެ. މީގެ ކުރިން 13 ގަޑިއިރަށް ވެސް ކަރަންޓު ކަނޑާފައިވެ އެވެ.